ފުށިދިއްގަރު ފަޅުގެ ނޫވިލު ތެރެއަށް އަޅާ ހުދެ ވެލިތަކުން، ބިޔަ ބޮޑު ރަސް ރަށެއް އުފެދެމުން އަރަމުން އެބަ ދެ އެވެ. ނިންމަން ބުނި އެއްވެސް ތާރީހަކަށް ނުނިމުނަސް، ރާއްޖޭގެ ފުރަތަމަ "އިކޯ ސިޓީ" ކަމަށް ބުނާ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އެބަ ހިނގަ އެވެ.
މިހާރުގެ ސަރުކާރުން ސިފަ ކުރާ ގޮތުގައި މިއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ ހާސްކަމަށް އޮތް އާހިރު އަދި ފުރިހަމަ ހައްލެވެ. ބޯހިޔާވަހިކަމުގެ މައްސަލައިގެ "ޓޯޓަލް ސޮލިއުޝަން" އެވެ. އަދި، މި ރާއްޖޭގެ ތާރީހުގައި ހިންގޭ ބިން ހިއްކުމުގެ އެންމެ ބޮޑު އަދި އެންމެ އަގު ބޮޑު ޕްރޮޖެކްޓެވެ.
އެެތަނާ ގުޅޭގޮތުން ދިވެހިންނަށް ދެއްކީ މަދެކަބައިވަރެއް ނޫން ހުވަފެން ތަކެކެވެ. އެ ބިޔަ ބޮޑު ބިން ފަތުރާލާކަށް ދިވެހިންގެ ޖީބުން ލޯ ލާރިއެއް ވެސް ހަރަދު ނުވާނެ ވާހަކަ އެވެ. އެތަނަށް ދަތުރުކޮށްފައި ދާނީ ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލަމުން، ބިއްލޫރި ޓަނަލަކުން ކަމަށެވެ. މިއީ މިއިން ޒަމާނެއްގައި ވެސް ދިވެހިން ތަސައްވުރުކުރި ކަހަލަ ކަންކަމެއް ނޫނެވެ.
ނަމަވެސް، ކަޅާއިހުދުގެ މި ހުވަފެންތަކުގައި ހަގީގީ ކުލައެއްޖެހޭ ތަނެއް ނުފެނެ އެވެ. ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ ކިލަނބުކަމުގެ ސަބަބުން މި ޕްރޮޖެކްޓާ މެދު އުފެދިފައި އޮތީ ނުތަނަވަސްކަމާއި ސުވާލުތަކެވެ. މި ޕްރޮޖެކްޓު ފެށިގެން ދެ އަހަރު ވެގެން ދިޔައިރު، މިއަދާ ހަމައަށް މި ޕްރޮޖެކްޓަށް ފައިސާ ހަރަދު ކުރަނީ ކިހިނެއް ކަމާއި، ހަރަދު ވަނީ ކިހާ ވަރެއް ކަމެއް ވެސް ނޭނގެ އެވެ.
ހަމަ އެހެންމެ ދުނިޔޭގެ މައިދާނުގައި އިކޯ ސިޓީއެއްގެ ގޮތުގައި ބްރޭންޑުކުރަން އުޅޭއިރު، މި ރާއްޖޭގެ ވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ދެމުންދާ ޕްރޮޖެކްޓުތަކުގެ ތެރޭގައި މި ޕްރޮޖެކްޓު ހިމެނެ އެވެ.
ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން ހުރި މާލީ އަދި ތިމާވެށީގެ ނުތަނަވަސްކަމުގެ ފުސްކަމުގެ ތެރެއިން، ބޮޑު މަންޒަރު ސާފުވާއިރު މިއަށް ވުރެ ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިން ހިއްކާފައިވާ އެތައް ބިންތަކެކޭ އެއްފަދައިން، ރަސްމާލެ ވެސް، މީހުން ނޫޅޭ ފަޅު، ހަނަފަސް، ހުސް ބިމެއްގެ ގޮތުގައި އޮވެދާނެ ކަމުގެ ބިރެވެ.
"ހިލޭ" ފެށި އަށް މަހުގެ ހުވަފެނަށް އަށް ދުވަހުން ހުއްޓުން
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށީ 18 ޑިސެންބަރު 2023 ގަ އެވެ. ސަރުކާރުން ބުނީ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. މިއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމަށް ވުރެ (418 ހެކްޓަރު) ގާތްގަނޑަކަށް ތިން ގުނަ ބޮޑު ސަރަހައްދެކެވެ. ރަސްމާލެ ހިއްކާ ނިމުމުން ވެގެން ދާނީ ރާއްޖޭގައި އޮތް އެންމެ ބިން ބޮޑު، ލާމު ގަމަށް ވުރެ ވެސް ބޮޑު ރަށަކަށެވެ.

ފުށިދިއްގަރު ފަޅު ބޭރުގައި "ދިވެހީންގެ ރާއްޖެ" ބޯޑުތަކުން ޖަރީކޮށްފަ އޮތް ބާޖެއްގައި ހުންނަވައިގެން މި މަޝްރޫއު އިފްތިތާހުކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ދިވެހިން ނުދެކޭ ވަރުގެ ޒަމާނީ ސިޓީއެކެވެ. ސަތޭކަ ޕަސެންޓު އިއާދަކުރަނިވި ހަކަތައިން ހިންގާ، ހަމައެކަނި ކަރަންޓު އުޅަނދުތައް ދުއްވާ، ފެހިކަން ގަދަ ވެއްޓަކުން ފަރުމާކޮށްފައިވާ، "އާބަން ޔުޓޯޕިއާ" އެކެވެ.
"މިތަން ޑިވެލޮޕްވެގެން ދާނީ، ގެދޮރުގެ މަންޒިލަކަށް. ވަޒީފާގެ މަންޒިލަކަށް ވެގެން، އާމްދަނީގެ ފުރުސަތުތައް ލިބޭ އަދި އެކި ކަހަލަ ވިޔަފާރީގެ ފުރުސަތުތައް ލިބޭ ތަނެއްގެ ގޮތުގައި. މިތަނަކީ އިންކްލޫސިވް ޑިވެލޮޕްމަންޓެއްގެ ގޮތުގައި، މުޖުތަމައުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ޕްލޭން ކުރެވިގެން ދާނީ،" މުއިއްޒު ވިދާޅުވި އެވެ.
އަށް މަސް ތެރޭގައި ހިއްކާ ނިންމާނެ ކަމުގެ ޔަގީންކަމާއެކު ރަސްމާލެ ހިއްކަން ފެށި ސަރުކާރުން އެންމެ "ލޯ ލާރިއެއް" ވެސް ހަރަދުނުކުރާ ގޮތަށެވެ. ސަރުކާރުން ބުނީ ބިން ހިއްކުމުގެ ހުރިހާ ހަރަދެއް ކުރާނީ ކޮންޓްރެކްޓަރު، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އިން ކަމަށެވެ. އެ ކުންފުންޏަށް ބަދަލުގައި ދޭ ގޮތަށް އޮތީ ރަސްމާލޭން ބޮޑު ސަރަހައްދެއްގެ ބިމެވެ.
ސަރުކާރުން މި ގޮތަށް މަޝްރޫއު ފަށަން ޖެހުނު އެއް ސަބަބަކީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފީސިބަލް ނޫންކަމަށް މަޖިލީހުން ނިންމައި، އެކަމަށް ބޭނުންވެގެން އުޅުން 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރުމެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގައި، އެމްޑީޕީން އެ ފައިސާ އުނިކުރުމުން ސަރުކާރަށް އެހެން ފޯމިއުލާއެއް ހޯދަން މަޖުބޫރުވީ އެވެ.
ރަސްމާލޭގެ ބިން ދިގު މުއްދަތަކަށް ދީގެން "ހިލޭ" ބިން ހިއްކާ ފޯމިއުލާ ހިޔާރުކުރި ސަބަބު ކިޔައިދެއްވަމުން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު އިހަށް ދުވަހު ވިދާޅުވެފައި ވަނީ، އެ އޮޕްޝަން ހިޔާރުކުރީ އޭރުގެ ހާލަތު ހުރި ގޮތުން، ފައިސާ ލިބެން ނެތް ނަމަވެސް، ސަރުކާރުން މަޝްރޫއު ފަށަން ބޭނުންވުމުން ކަމަށެވެ.
"އެއީ ހަގީގަތުގައި ސަރުކާރުގެ އޭރުގެ ފައިނޭންޝަލް ހާލަތު ހުރި ގޮތާއި، ބަނގުރޫޓުވާ ވާހަކަ ދެކެވެމުންދާތީ، މި ހުރިހާ ކަމެއް އޮތުމުން، އަދި ލޯނު ނެގުމަށް އުނދަގޫ ކަމެއް ހުރުމާ އެއްކޮށް، ސަރުކާރަށް ފެނުނީ އެއީ ވަރަށް ރަނގަޅު އޮޕްޝަނެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް އެއީ ރަނގަޅު އޮޕްޝަނެއްގެ ގޮތުގައި ފެނުނަސް، ރަސްމާލެ ވަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގޭ ވަރުގެ މާލީ ގާބިލުކަމެއް ސީއެމްސީގައި ހުރި ކަމާ މެދު އެންމެ ކުރީކޮޅު ވެސް ސުވާލު އުފެދުނެވެ. އެ ސުވާލުތަކުގެ ޖަވާބު ލިބުނީ ވެސް އެ ހީކުރި ގޮތަށެވެ.
ފުށިދިއްގަރުފަޅުގެ ޕްރޮޕޯސަލް އަކުރުން އަކުރަށް، ފިލިން ފިއްޔަށް!
ސީއެމްސީގެ ޕްރޮޕޯސަލްގައިވާ އަގަށް ބަލާނަމަ 1000 ހެކްޓަރުގެ ހިއްކުމުގެ އަގަކީ 20 ބިލިއަން ރުފިޔާ. ފުށިދިއްގަރު ފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކާއިރު ޖުމުލަ މަޝްރޫއުގެ އަގު ސީއެމްސީން ހިސާބުކުރާ ގޮތަށް ބަލާއިރު 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ.
ސީއެމްސީން ޕްރޮޖެކްޓު ފެށި ނަމަވެސް، މުޅި ޕްރޮޖެކްޓު ހިންގަން އެ ކުންފުންޏަކަށް ފައިސާ ކުންފުންޏަކަ ނުހޯދުނެވެ. އެހެންވެ މަސައްކަތް ފެށިތާ ހަފުތާއެއް ފަހުން ބިން ހިއްކުމުގެ ޕްރޮޖެކްޓު މަޑުޖެހުނެވެ. ބިން ހިއްކުން ހުއްޓުމާއެކީ، ސަރުކާރުން ވަނީ އެ ވާހަކަ ދެއްކުން ވެސް ހުއްޓާލާފަ އެވެ. ވަކި ހިސާބަކުން ސަރުކާރުން ވަނީ ޕްރޮޖެކްޓަށް ވީގޮތެއް އަހަން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ވެސް ހުއްޓާލާފަ އެވެ.
އެއްވެސް މަސައްކަތެއް ނުހިނގައި އެތައް ދުވަހެއް އޮތުމަށް ފަހު، ދެން އިވުނީ ސީއެމްސީން ފުރަތަމަ ހިއްކަން ފެށި ސައިޓު ޖޭ އަށް 21 މިލިއަން ޑޮލަރު ނަގައިގެން މަޝްރޫއުން އަތް ފޮޅާލި އަޑެވެ. ބާކީ ހުރި ސައިޓުތަކަށް ވެލި މުށެއް ވެސް އަޅާ ނުލަ އެވެ.
އެއާ އެކު، ސަރުކާރުން "ހިލޭ" މި މަޝްރޫއު ކުރިއަށް ގެންދަންވީ ވައުދާއި އެ ފަށާ ގޮތަށް ގޮސް އަށް މަސް ދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމަންވީ ވައުދު ބާތިލުވީ އެވެ.
ސިއްރު ޑީލުތަކެއް ހަދައިގެން އެކި ސައިޓު އެކި ކުންފުނިތަކަށް
ރަސްމާލޭގެ އަޑެއްބަޑެއް ނީވޭތާ ދުވަސްތަކެއް ފަހުން، އެ މަޝްރޫއު ވާހަކަ އަލުން ތިލަވީ 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި މުއިއްޒު ދެއްވި ތަގުރީރުގަ އެވެ. އެ ދުވަހު މުއިއްޒު ވަނީ އެޗްޑީސީ އާއި ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ މިޑް ފްރީ ޒޯންގެ ހަވާލުގައި ރަސްމާލޭ ހިއްކާ ޕްލޭން އިއުލާންކުރައްވާފަ އެވެ.
ރަސްމާލޭ ހިއްކުމުގެ އާ ޕްލޭން އިއުލާންކުރައްވަމުން މުއިއްޒު ވަނީ، އެ މަނިކުފާނުގެ ތަގުރީރުތަކުގައި އާންމުކޮށް ބޭނުންކުރައްވާ "ގައުމީ، ވަތަނީ" ނެރޭޓިވްގެ ތެރެއަށް ފައްތައިގެން ކުރީގެ ޕްލޭނަށް ވެސް ފާޑުވިދާޅުވެފަ އެވެ.
"އެ ތަނުން ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއް ނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒު މަސައްކަތް ކުރެއްވީ، އެމަނިކުފާނަކީ ބޭރު ބަޔެއްގެ އަތުން ބިންތަކެއް ސަލާމަތްކުރެއްވި ބަތަލެއް ކަމަށް ރައްޔިތުންނަށް ދައްކަވާށެވެ. މުއިއްޒުއަށް ވިދާޅުނުވެވުނީ ކަން ހިނގި ގޮތުގެ ހަގީގަތެވެ. އެއީ ފެއިލްވެގެން ދިޔަ ޕްރޮޖެކްޓުގެ އެއްބަސްވުން އުވާލަން ޖެހުނީ ސީއެމްސީއަށް އެކން ނުވެގެން ސަރުކާރަށް ވެސް އެކަން ކުރާނޭ ގޮތެއް ނުހޯދިގެން ކަމެވެ.
ފުރަތަމަ ޕްލޭން ބިލާހަކަށް: ރަސްމާލެއަށް ދެންވާނީ ކިހިނެއް؟
މިއީ ރައީސް މަޖިލީހާއި ބަޖެޓަށް ގޮންޖައްސަވާފައި ފެށްޓެވި މަޝްރޫއު އެވެ. އަށް މަހުން ނިންމަވާނެ ކަމަށް ވައުދުވެވަޑައިގެންނެވި މަޝްރޫއެވެ. ނަމަވެސް އެ ދުވަހަށް ފަސް މަސްވީއިރު، މަޝްރޫއު ހުއްޓިއްޖެ އެވެ. ބިލާހެއްގެ ގޮތުގައި އޮތް ރަސްމާލެ ފެންމައްޗަށް އަރާނެ ބާ؟
ދެން ސަރުކާރުން ހަމަޖެއްސެވީ ކުރިން ޕްލޭން ވެސް ކުރެވިފައި ނެތް، އައު އިންތިޒާމެކެވެ. އެޗްޑީސީ މިޑްފްރީ ޕާޓްނާޝިޕް ޕްލޭންގެ ދަށުން ޕްރޮޖެކްޓުގެ ސައިޓުތައް ތިން ކުންފުންޏެއްގެ މެދުގައި ބަހާލައިގެން މަސައްކަތް ފެށީ އެވެ.
އެ ގޮތުން އެ މަޝްރޫއު ހިންގަން ހަވާލުކުރީ ޗައިނާ ރެއިލްވޭ އިންޖިނިއަރިން ކޯޕަރޭޝަން (ސީއާރުސީސީ) އަށެވެ. ތިން ސައިޓު ހަވާލުކުރީ މޯހަން މުތާ އެކްސްޕޯޓު (އެމްއެމްއީ) އާ އެވެ. ބާކީ ހުރި ދެ ސައިޓާ ހަވާލުވީ ޗައިނާ ހާބާ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެޗްއީސީ) އެވެ. މި ކުންފުނިތަކާ ހަވާލުކޮށްގެން މަސައްކަތް ފެށިއިރު، ޕްރޮޖެކްޓު ހިންގަން ފައިސާ ހޯދާ ގޮތެއް ނޫނީ އެ ކުންފުނިތަކަށް ފައިސާ ދޫކުރާ ގޮތެއް ސަރުކާރާއި އެޗްޑީސީން ވެސް ނުބުންޏެވެ.
ދެން 'އަދަދު' އިން މަސައްކަތް ކުރީ މި ފައިސާތައް ހޯދާ ގޯތާއި ހަރަދު ކުރާ ގޮތް ހޯދާށެވެ. ފުރަތަމަ މައުލޫމާތު ލިބުނީ ސަރުކާރު ކުންފުނިތަކެއްގެ ނަމުގައި ބޮޑު ނަގައިގެން ރަސްމާލެ ހިއްކަން އުޅޭ ކަމަށެވެ. މި ލޯނުގެ މަޝްވަރާތައް ޗައިނާގެ ބޭންކުތަކަކާ ވެސް ކުރެވުނެވެ.
ތިން ކުންފުންޏެއްގެ ނަމުގައި ލޯނު ނެގުމުގެ ކަންކަން ކޮޅެއްގައި ނުޖެހެނީސް ދެން ލިބުނީ މާ ނުރައްކާތެރި މައުލޫމާތެކެވެ. އެއީ ރިޒާވުން ފައިސާ ނަގައިގެން ވިޔަސް ރަސްމާލެ ހިއްކޭނެ މަގު ފަހިކުރަން މުއިއްޒު އެންގެވުމެވެ.
ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ރަސްމާލެ ޕްރޮޖެކްޓަށް ފައިސާ ދައްކަން ރައީސް އަންގަވައިފި
"ޕޭމަންޓު ކޮންޓްރެކްޓަރަށް ދެއްކުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއަން ކަރަންސީ ސްވޮޕް ފެސިލިޓީގެ ތެރެއިން އެންމެ އަވަހަށް ފައިސާ ހަމަޖެއްސޭ ގޮތެއްގެ މަތިން ކުރިއަށް ގެންދެވުން އެންމެ ރަނގަޅުކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ދެންނެވި."
މި ސިޓީގައި ރައީސް އޮފީހުން އެންގި ގޮތަށް ރަސްމާލެ ހިއްކަން ކޮންޓްރެކްޓަރުންނަށް އެޑްވާންސް ދައްކަން ރިޒާވު ބޭނުންކުރި ކަމެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނޫނެވެ. ޔަގީންވާ ކަމަކީ، ސަރުކާރުގެ ދެ ވަނަ ޕްލޭން ކޮޅެއްގައި ނުޖެހި އުޅެނިކޮށް ރަސްމާލެ ނިންމަން ދިން ދެ ވަނަ ތާރީހާއި ތިން ވަނަ ތާރީހަށް ވެސް މަސައްކަތް ނުނިމުނު ކަމެވެ.
ރަސްމާލެ ޕްރޮޖެކްޓަށް ދެ އަހަރު ވާން ގާތްވީއިރު ދިޔައިރު، ފުށިދިއްގަރު ފަޅުގެ އެކި ދިމަދިމާލުގައި ބިންތައް އުފައްދާފައި ހުއްޓެވެ. އެކަމަކު، ރަސް ސަހަރު ފެންނާކަށް ނެތެވެ.
އެމްއޭސީއެލްގެ ފައިސާގައި ދިރުވި ޕްރޮޖެކްޓު އަލުން ކޯމާއަށް
ދެވަނަ ޕްލޭނުގެ ދަށުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން މަސައްކަތް ފެށުނީ ދެ ކުންފުންޏަކަށެވެ. މަސައްކަތް ނުފެށުނީ ސީއާރުސީސީ އަށެވެ. އެހާ ހިސާބުން ސީއާރުސީސީ ވަނީ ޕްރޮޖެކްޓުން ބޭރުވެފަ އެވެ.
އާންމުކޮށް، ކޮންޓްރެކްޓަރަކު ޕްރޮޖެކްޓަކުން ބޭރުވުމުން ޕްރޮޖެކްޓުތަކަށް ބުރޫއެރިޔަސް، ރަސްމާލެ ޕްރޮޖެކްޓުން ސީއާރުސީސީ ބޭރުވުންވީ ގޯހަކަށް ވުރެ ބޮޑު ރަނގަޅަކަށެވެ. ސަބަބަކީ ސީއާރުސީސީގެ ބަދަލުގައި ޕްރޮޖެކްޓާ ފަހު ވަގުތު "ސުޕާ ސަބް" އެއްގެ ގޮތުގައި ގުޅުނު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ.
އެމްއޭސީއެލްއަކީ ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ތަނަވަސް އެއް ކުންފުންޏެވެ. ރާއްޖޭގެ އެންމެ އަގު ބޮޑު އެސެޓު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ، ސީދާ ނަފާ ލިބެނީ އެ ކުންފުންޏަށެވެ. އާމްދަނީގެ ބޮޑު ބަޔެއް ވަންނަނީ ޔޫއެސް ޑޮލަރުންނެވެ.
އެމްއޭސީއެލްއިން ރަސްމާލެ ޕްރޮޖެކްޓުގެ ތެރެއަށް ވަނީ ބިން ހިއްކުމާއި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގަން އެ ކުންފުނިން އުފެއްދި ސަބްސިޑަރީ، ޕެނިންސޫލާ އިންފްރާސްޓްރަކްޗާ މެދުވެރިކޮށެވެ. ޕެނިންސޫލާއިން މި ޕްރޮޖެކްޓަށް ނިކުތީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރުތައް ކުއްޔަށް ނަގައިގެންނެވެ.
ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރު ރާއްޖޭގައި
ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރުތަކަކީ ބެލްޖިއަމްގެ ހަން ޑެ ނަލްގެ "ކްރިސްޓޮބަލް ކޯލޮން" އާއި "ލީވް އެރިކްސަން". މި ދެ ޑްރެޖަރަކީ ވެސް ވަތުގައި އެއް ފަހަރާ 78,000 ޓަނުގެ ވެލި އުފުލޭ ވަރުގެ މާސިންގާ ދެ ޑްރެޖަރު.
މާސިންގާ ޑްރެޖަރުތަކާއެކީ އެމްއޭސީއެލްއިން ވަނީ އެހާތަނަށް ފިނިހަކަ ދުވެލީގައި ހިނގަމުން އައި ރަސްމާލެ ޕްރޮޖެކްޓުގެ ދުވެލި، އަސްލަށް ވެސް ޓްރިޕްލް ސްޕީޑަށް ޖައްސާލާފަ އެވެ. އެމްއޭސީއެލްއިން މި ޕްރޮޖެކްޓަށް ވަދެ، ކުރިން ދުވާލަކު ހެކްޓަރެއް ނުހިއްކޭ، ރަސްމާލޭގޭ ބިން ހިއްކުމުގެ ދުވެލި ދުވާލަކަށް 1.8 ހެކްޓަރަށް މައްޗަށް ޖައްސާލި އެވެ.
އެމްއޭސީއެލްގެ ބައިވެރިވުމާއެކީ މި ޕްރޮޖެކްޓު ނިމޭނެ ކަމުގެ އުއްމީދު ވެސް ސަރުކާރަށް އާވެގެންދިޔަ އެވެ. މި އުއްމީދުގައި މުއިއްޒު ވަނީ ޕްރޮޖެކްޓު އިފްތިތާހުކުރި ފަހުން ފުރަތަމަ ފަހަރަށް ރަސްމާލެއަށް ވަޑައިގެން، ބިން ހިއްކާ ނިމޭނެ ކަމަށް ހަތަރު ވަނަ ތާރީހު ދެއްވާފަ އެވެ. އެއީ މި ހިނގާ އޭޕްރިލް މަހުގެ ނިޔަލަށެވެ. މިއީ އެ ދުވަހެވެ. ނިމިއްޖެބާ އެވެ؟
މުއިއްޒު ޔަގީންކަން ދެއްވި ގޮތަށް ރަސްމާލޭގެ ހުރިހާ ސަރަހައްދުތަކެއް ނިމިފައެއް ނެތެވެ. އެމްއޭސީއެލްގެ މަސައްކަތުގެ ދުވެލި ރަނގަޅެވެ. އެ ކުންފުނިން ހަވާލުވީ 323 ހެކްޓަރު އެއްކޮށް ހިއްކާ ނިންމުމުގައި، ފެބްރުއަރީ މަހުގެ ފަހު ދުވަހު ފެށި އިރާނު ހަނގުރާމަ ފަދަ ހުރަސްތައް ކުރިމަތިވި އެވެ.
އިރާނު ހަނގުރާމަ ފެށުމާ އެކީ ކަނޑުއަޑީގައި ދަތް ޖަހައިގެން ވެލި ނަގަމުން އައި ޑްރެޖަރުތަކުގެ ހޮޅިތައް ކަނޑުން ނަގައި، ނަގިލި އަޅަން މަޖުބޫރުވި އެވެ. ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގު އުފުލިފައިވާ ވަރުން، އެންމެ ތަނަވަސް އެމްއޭސީއެލްއަށް ވެސް ނުތަކާ ވަރަށް ޑްރެޖަރުތައް އޮޕަރޭޓުކުރުމުގެ އަގު އުފުލުނީ އެވެ.
އެމްއޭސީއެލްގެ މަސައްކަތް ހުއްޓުމާއެކީ މީގެ ދެ މަހެއްހައި ދުވަސް ކުރިން ބިޔަ މެޝިނުތަކުގެ ގަދަ އަޑުފަށްގަނޑު އިވެމުންދިޔަ ފުށިދިއްގަރު ފަޅަށް އޮތީ ހިމޭންކަން ވެރިވެފަ އެވެ.
ވެލީގެ ހުވަފެން ބިނާކުރަން ވެއްޓާއި ދިރުންތައް ނައްތާލަނީ
ސަރުކާރުން ބުނާ ގޮތުގައި ރަސްމާލެ ތަރައްގީކުރަނީ "ޒީރޯ ކާބަން - ސޭފް އައިލެންޑް" ކޮންސެޕްޓަށެވެ. އާބަން ޕްލޭނިންގެ ނަޒަރަކުން ބަލާއިރު، މި ކޮންސެޕްޓުގެ ފަހަތުގައިވާ ވިސްނުމަކީ، ޕްލޭންކޮށްގެން ތަރައްގީކޮށްފައިވާ އަނެއް ސިޓީ ކަމުގައިވާ ހުޅުމާލެއަށް ވުރެ ވެސް ފުރިހަމަ މޮޑެލްއެކެވެ.
ރަސްމާލޭގެ ކޮންސެޕްޓުގެ ފުރަތަމަ ބައިގައި އޮތް "ޒީރޯ ކާބަން" ނުވަތަ ކާބަން ބޭރުކުރާ މިންވަރު ސުމަކަށް ތިރިކުރުމަކީ، ހަކަތަ އުފައްދަން ތެލަށް ބަރޯސާވުމުން ނިމުމަކަށް ގެނައުމެވެ. މިކަން ކުރެވޭނީ އިރުގެ އައްޔާއި އޮޔެވަރާއި ވައި ބޭނުންކޮށްގެން ހަކަތަ އުފައްދައި، ތެޔޮ އަންދާ އުޅަނދުތައް ބޭނުންކުރުން ހުއްޓާލައިގެންނެވެ.
އެ ކޮންސެޕްޓުގެ "ސޭފް އައިލެންޑް" ބައިގައި މި އޮތީ "ކްލައިމެޓް ސޭފް" ނުވަތަ މޫސުމީ ބަދަލުތަކުން ރައްކާތެރިކުރުމަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގަދަ ވިއްސާރައިގައި އުދައަރައި ރާޅުތަކުން ލިބޭ ގެއްލުމުގެ ނުރައްކާތަކުން ރައްކާތެރިވުމެވެ. މިކަން ކުރުމުގެ ގޮތުން ރަސްމާލެ ހިއްކަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 2-3 މީޓަރު އުސްކޮށެވެ.
މުސްތަގުބަލުގެ ދުރުމީ އަޅައިގެން ބަލާއިރު، ރަސްމާލެއަކީ މޫސުމީ ބަދަލުތަކުން ރައްކާތެރި، ދެމެހެއްޓެނިވި މޮޑެލްއަކަށް ވެދާނެ އެވެ. އެކަމަކު، މި އަމާޒަށް ވާސިލުވާން ބޮޑު ވެއްޓެއް ނައްތާލައި، އެކަމަށް ބޭނުންވާ ވެލި ނަގައި އެޅުމުގެ ތެރެއިން މުޅި އަތޮޅު ފަނާކުރަމުންދާއިރު، މި ދައްކާ އަގު ދެކޮޅު ޖެހޭތޯ ސުވާލު އުފެދެ އެވެ.
ރަސްމާލެ ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެ ރަށަށް ބޭނުންވާ ބިން ހިއްކަން 42 މިލިއަން ކިޔުބިކް މީޓަރުގެ ވެލި ބޭނުން ވެ އެވެ. މިހާ ގިނަ ވެލި، ހިޔާ ޓަވަރެއް ހުންނަ ވަރުގެ ބިމަކަށް ޖަމާކޮށް، ޓަވަރެއް ހުންނަ އުސްމިނަށް ފުނި ޖަހައިފިނަމަ، ހިޔާ ސައިޒުގެ 458 ޓަވަރު އެޅޭނެ އެވެ.
ތިމާވެށީގެ މާހިރުން ބުނާ ގޮތުގައި، މާލެ އަތޮޅުން މިހާ ވަރަށް ވެލި ނަގައިގެން އެ ވަރުގެ ބޮޑު ފަޅެއް ހިއްކާ ނިމޭއިރު، ކަނޑުގެ ދިރުންތަކަށާއި އައްސޭރިފަށުގެ ހަމަޖެހުމަށް، ދާއިމީ ގެއްލުންތަކެއް ލިބޭނެ އެވެ. މިއީ ތިމާވެއްޓަށް ދެވޭ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކެވެ.
"މިއީ އިކޮސައިޑްއެއް. އެތައް ހާސް ދިރުމެއްގެ މައްޗަށް ވެލި އަޅާ ހާސްކޮށް މަރާލަނީ. އެ ސަރަހައްދުގައި މިހާރު ދިރުމެއް ނެތް. ޓު ކޯލް ދިސް އެން އިކޯ ސިޓީ. ލަދުގަންނަން ޖެހޭ،" ތިމާވެށީގެ ތަޖުރިބާކާރަކު ބުންޏެވެ.
މި ގޮތަށް ނެތެމުންދާ އެއް ތަނަކީ "ޓަކީ ޖޯސް" އެވެ. ރާޅާއެޅުންތެރިންގެ މެދުގައި މަގުބޫލު މި ރާޅު ޕޮއިންޓު ވަނީ ރަސްމާލެ ޕްރޮޖެކްޓާ އެކީ ނެތެން ކައިރިވެފަ އެވެ. އެއްކޮށް ފަނާވެގެން ނުދިޔަ ކަމުގައި ވިޔަސް އޭގެ އަސްލު ގެއްލިއްޖެ އެވެ.
ރަސްމާލެ ހިއްކަން "ޓަކީ ޖޯސް" ފަނާކޮށް ނެތިކޮށްލަނީ
ރަސްމާލެ އާއެކު ހަލާލުކޮށްލެވެނީ ގުދުރަތުގެ ނިޒާމު. "ޓަކީ ޖޯސް" ފަދަ ރާޅުތަކަކީ ގުދުރަތީ ތަރިކަ. އެފަދަ ތަންތަން ފަނާނުކޮށް ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ގޮތްގޮތް އެބަހުރި. އެ މަގުން ކަންކަން ނުކުރުމަކީ އަންނަން އޮތް ޖީލުތަކަށް ވެވޭ ހިޔާނާތެއް.
ރަސްމާލެ ޕްރޮޖެކްޓުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް އަޑުއުފުލަން އެ މަސައްކަތުގައި އުޅުނު އެންމެ ބޮޑު ޑްރެޖަރު ދޮށަށް ގޮސް ކަނޑުމަތީގައި މުޒާހަރާ ވެސް ކުރި އެވެ.
ނަމަވެސް ރައްޔިތުންގެ މި އަޑުއުފުލުމާއި، މާހިރުންގެ އިންޒާރުތައް ވަނީ، ރައްޔިތުންގެ އެހެން ބޭނުންތައް މާ މުހިންމު ކަމަށް ބުނެ، ފަސް އަޅާ ފޮރުވާލާފަ އެވެ. ފުށިދިއްގަރު ފަޅުގެ ތެރޭގައި ހުރި ދިރުންތަކާ މެދު ކަންކުރި ގޮތަށެވެ. އެ ދިރުންތައް ފަދައިން، އެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވެސް ވަނީ ނައްތާލާފަ އެވެ.
ތިން ބިލިއަން ޑޮލަރުގެ ރަސްމާލެއަށް ފައިސާ ކޮބާ؟
ރަސްމާލެ ޕްރޮޖެކްޓަކީ މި ސަރުކާރުގެ އެންމެ "އެމްބިޝަސް" މަޝްރޫ އެވެ. މުޅި ޕްރޮޖެކްޓުގެ ސްކޯޕާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ބަލާ ނަމާ، މި ސަރުކާރު އެކަންޏެއް ނޫނެވެ. އެއްވެސް ސަރުކާރަކުން މި ވަރުގެ ޕްރޮޖެކްޓެއް ނުހިންގަ އެވެ.
މި ހުރިހާ ކަމަކަށް ވުރެ ވެސް މި ޕްރޮޖެކްޓު އެންމެ ބޮޑު ޕްރޮޖެކްޓަށް ވަނީ، މި ޕްރޮޖެކްޓުގެ އަގާ ހެދި އެވެ. ރަސްމާލެ ޕްރޮޖެކްޓަކީ، ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މުޅި މަޝްރޫއަށް ހަރަދުވީ ވަރަށް ވުރެ ވެސް ބޮޑު އަގެއް ދައްކަން ޖެހޭ ޕްރޮޖެކްޓެކެވެ.
މިހެންވިޔަސް މި ޕްރޮޖެކްޓަށް ހަރަދުވާ ވަރެއް ބުނެދެވޭނެ މީހަކު މި ދިވެހި ބިމުގައި ނެތެވެ. ދިވެހި ސަރުކާރާއި މި ޕްރޮޖެކްޓު ހިންގަމުން އަންނަ އެޗްޑީސީ އާއި އެ މީހުން އެ މަސައްކަތް ކޮންޓްރެކްޓުކޮށްގެން އުޅޭ އެމްއޭސީއެލްއިން ވަނީ ސަރުކާރުގެ ބޮޑު ސިއްރުތަކުގެ ތެރޭގައި އެ އަގު ހިމަނައިގެން، ރަސްމާލޭގެ އަގު ވަންހަނާކޮށްފަ އެވެ.
މި ސަރުކާރަކީ ހުރިހާ ދިވެހި ރައްޔިތުންގެ ސަރުކާރެކެވެ. އަދި، މި ކުންފުނިތަކަކީ އެންމެހާ ދިވެހި ރައްޔިތުން ހިއްސާވާ، ދިވެހި ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ، ދިވެހިންގެ މުދަލެވެ. އެކަމަކު، ސަރުކާރާއި ކުންފުނިތަކުން މިކަން ހަނދާން ހުރިހެން ހިއެއް ނުވެ އެވެ.
ރަސްމާލެ ހިއްކަން ހަރަދުވާ ވަރެއް އޮޅުން ފިލުވަން އަދަދު ނޫހުން ސުވާލުކުރުމުން ސީދާ އަދަދެއް ވިދާޅުވާކަށް މިނިސްޓަރަކަށް އެނގިވަޑައިނުގެންނެވި އެވެ. ދިވެހި ދައުލަތުގެ އުމްރާނީ ތަރައްގީގެ ކަންކަން ވިލަރެސްކުރުމުގެ އެންމެ މަތީ ޒިންމާ ހަވާލުކޮށްފައިވާ މުވައްޒަފު ވިދާޅުވީ އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަކަށް ސީދާ މިހާތަނަކަށް ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަނަށް ދާނެ ހަރަދު، އެ ކުންފުނިތަކުން ހިނގާ ހަރަދުގެ ތަފުސީލެއް އަޅުގަނޑު އަތަކު ނެތް. އެއީ ކުންފުނިތަކުން، އެ ކުންފުނިތަކަށް އޭގެ ކޮމާޝަލް އެރޭންޖުމަންޓެއް އޮންނަ ގޮތަށް ކުރިއަށްދާ މަޝްރޫއުތަކަކަށް ވާތީ އެ މައުލޫމާތު އަޅުގަނޑު އަތަކު ނެތް،" މުއްތޮލިބު ވިދާޅުވި އެވެ.
އަސްލު އަގު އެނގިވަޑައި ނުގެންނެވި ކަމަށް މުއްތޮލިބު ވިދާޅުވި ނަމަވެސް، މީގެ ކުރިން މުއްތޮލިބު ވަނީ ރަސްމާލޭގެ ބިން ހިއްކަން އެކަނި 500-700 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ވިދާޅުވެފަ އެވެ. ސީއެމްސީން ބުނީ އެ ކުންފުންޏަށް މި މަސައްކަތް ކުރެވޭނީ 1.2 ބިލިއަން ޑޮލަރަށް ކަމަށެވެ. މި ރިޕޯޓުގެ ބޭނުމަށް ބިން ހިއްކަން ހަރަދު ވާނެ ކަމަށް ބަލާނީ މި ދެ އަގުގެ މެދުމިނެވެ. އެއީ 850 މިލިއަން ޑޮލަރެވެ.
"ރަސްމާލެއަކީ ރާއްޖެއަށް ދިމާވާނެ އިގްތިސާދީ ބޮޑު ނުރައްކަލެއް، ޕްރޮޖެކްޓު ހުއްޓުވަންޖެހޭ"
"ކ. ގުޅި ކައިރީ ރަށެއް ހިއްކުން އިގްތިސާދީ ގޮތުން ދެކޮޅުނުޖެހޭ. ރާއްޖޭގެ މާލީ ހާލަތު ވެސް ތަނެއް ނުދޭ. މާލީ ވަޒީރު މިކަމާ ދެކޮޅު ހައްދަވަންޖެހޭ. އިގްތިސާދީ ވަޒީރު މިކަމާ ދެކޮޅު ހައްދަވަންޖެހޭ. ހުރިހާ ވަޒީރުން މިކަމާ ދެކޮޅު ހައްދަވަންޖެހޭ."
ދެން އޮތީ ހިއްކާ ސަރަހައްދު ހިމާޔަތްކުރަން ބޮޑު ހިލަ ޖެހުމާއި ތޮށިލާން ހިނގާ ހަރަދެވެ. މި ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން މައުލޫމާތު ދިން ގޮތުގައި، ކިލޯމީޓަރެއްގައި ތޮށިލުން ނުވަތަ ހިލަޖެހުމުގެ އަގަކީ އެވަރެޖުކޮށް އަށް މިލިއަން ޑޮލަރެވެ. ރަސްމާލޭގެ ވަށައިގެން އޮންނަ އައްސޭރިފަށުގައި އެކަނި 20 އަކަށް ކިލޯ މީޓަރު ހުންނައިރު، އެ ތަން ހިމާޔަތްކުރަން 160 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
މި އަގުތަކަށް ބަލައިގެން ހިސާބުކުރާއިރު ރަސްމާލޭގެ ބިން ހިއްކާށާއި ހިމާޔަތްކުރަން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުވެ އެވެ. މިއީ ހަމައެކަނި ކަނޑުގެ ތެރެއިން ހުސް ވެލިގަނޑެއް އުފައްދައި، އެ ވެލިގަނޑު އެ ތަނުގައި އޮންނަކަން ކަށަވަރުކުރަން ހަަރަދުވާ ވަރެވެ.
މި ވެލިގަނޑުގައި ބަޔަކަށް ދިރިއުޅެވޭނީ، އެ ތަނުގެ މަގުތައް ހަދައި، ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކުރުމުންނެވެ. މުއްތޮލިބު ވިދާޅުވީ 200 ހެކްޓަރުގެ ގުޅީފަޅުގައި މިކަންކަން ކުރަން 400 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެއީ ގުޅީފަޅަށް ހަރަދުވާ ވަރު ކަމަށް ވާނަމަ، އޭގެ ފަސް ގުނަ ބޮޑު ރަސްމާލެއަށް ދެ ބިލިއަން ޑޮލަރު ހޭދަ ވާނެތާ އެވެ.
ބިން ހިއްކުމާއި، ހިމާޔަތްކުރުމާއި، އަސާސީ އުމްރާނީ ވަސީލަތްތަކުގެ އަގު އެއްކޮށްލާއިރު، ރަސްމާލެ ޕްރޮޖެކްޓުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރަ އެވެ. މިއީ ދިވެހި ދައުލަތަށް އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީއާ އެއްވަރުގެ އަދަދެކެވެ. މި ފައިސާ ލިބޭނެ ހަމައެކަނި ގޮތަކީ ލޯނެކެވެ.
މި ވަރުގެ ލޯނެއް ނެގޭނެ ވަރުގެ ގާބިލުކަމެއް މި ދިވެހި ދައުލަތާއި ދައުލަތުގެ ކުންފުނިތަކުގައި ހުރިތޯ ސުވާލު އުފެދެ އެވެ. އެއީ އެންމެ ގިނަ ބިން އޮތް އެޗްޑީސީ ވިޔަސް، ނޫނީ ހުރިހާ އެއާޕޯޓުތަކެއް ހުރި އެމްއޭސީއެލްއަށް ވިޔަސް، ބޮޑު އަގެއް ދައްކާފައި ނޫނީ ލިބޭނެ ވަރުގެ އަދަދެއް ނޫނެވެ.
އެ ވަރުގެ ބޮޑު އަގެއް ދައްކާފައި ރަސްމާލެ ތަރައްގީކޮށް ނިމޭއިރު، ރަސްމާލޭގެ ފައިދާތަކަށް ވުރެ ބޮޑީ އެ ޕްރޮޖެކްޓުގެ އިގުތިސޯދީ ނުރައްކާތަކެވެ.
ހިއްކާފައި ހުރި ބިންތައް ހަނަފަސް، އަނެއްކާ ހަނަފަސް ބިމެއް
ރަސްމާލޭގެ ބިން ހިއްކަން ފެށިތާ މިއަދާ ހަމައަށް 863 ދުވަސް ވޭތުވެގެން ދިޔައިރު މިހައިތަނަށް ނިމުނީ 50 ޕަސެންޓެވެ. މި ހުރިހައި ދުވަހެއް ވެއަތުވެގެން ދިޔައިރު މާސްޓާޕްލޭނެއް ވެސް ނުނިމުނެވެ. އަދި ވެސް އޮތީ ކޮންސެޕްޓެކެވެ.
މި މަޝްރޫއުގެ ދުވެލި ހުރި ގޮތުން ދައުރުގެ ބާކީ އޮތް 933 ދުވަހުގެ ތެރޭގައި ރަސްމާލެއަކީ މީހުންނަށް ދިރިއުޅެވޭނެ ތަނަކަށް ހެދުމަކީ ވަރަށް ނާދިރު ކަމެކެވެ. މުއްތޮލިބު ދައްކަވާފައިވާ ވާހަކަތަކުން ސަރުކާރުން ވެސް މިކަން ގަބޫލުކޮށް، މިހާރުގެ އަމާޒަކީ ރަސްމާލޭން ދޫކުރާ 15،000 ގޯއްޗަށް ބޭނުންވާ ބިން ހިއްކޭ ވަރު ކުރުން ކަން އެނގެ އެވެ.
"އަޅުގަނޑުމެން މިހާރު ހުޅުވާލާފައިވާ އެޕްލިކޭޝަން ޕްރޮސެސް ނިމި، އެ ފަރާތްތައް ހޮވެންވާއިރަށް އިރާދަކުރެއްވިއްޔާ ބިންތައް ހިއްކާ ނިންމާ އަޅުގަނޑުމެންނަށް އެ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކާ ބިން ހަވާލުކުރެވޭ މިންވަރަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
"މާނައަކީ މީހުންނަށް އަޅުގަނޑުމެން ކަނޑުން ނުހިއްކާ ތަނަކުންނެއް ބަޔަކަށް ގޯތިތަކެއް ކަނޑައަޅާފައެއް ނުދޭނަމޭ،"
މުއްތޮލިބު އެ ވިދާޅުވާ ގޮތަށް އެމްޑީޕީ ސަރުކާރުން ކަން ކުރި ގޮތަށް ކަނޑުން ގޯތިތަކެއް ނުދީފާނެ އެވެ. އެކަމަކަު ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދުކޮށްފަ، ރަސްމާލޭން ވެސް ރައްޔިތުންނަށް ދެނީ ހުސް ބިމެކެވެ. ކަރަންޓެއް، ފެނެއް، ނަރުދަމާއެއް، މަގެއް ނެތް ހަނަފަސް ބިމެކެވެ.
ހިއްކަން ފެށިތާ ދެ އަހަރު ފަހުން ރަސްމާލޭގެ 50 ޕަސެންޓު ހިއްކައިފި
މި ސަރުކާރުގެ އެންމެ ބިޔަ، ބޮޑު މަޝްރޫއުގެ ގޮތުގައި ހިންގާ ރަސްމާލެ ހިއްކަން ފެށެތީ 2 އަހަރާ ހަތަރު މަސް ވޭތުވެގެން ދިޔައިރު ހިއްކާ ނިމުނީ 516 ހެކްޓަރު. މި ޕްރޮޖެކްޓަށް ދުވާލަކަށް ބިން ހިއްކޭ ވަރު ހެކްޓަރަކަށް ވެސް ނާރާ.
ކަން މިހެން ހުރިއިރު، ކުރިން ހިއްކާފައި ހުރި އެތައް ސަތޭކަ ހެކްޓަރެއްގެ ބިންތަކުގައި މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސިނަމަ މާ ރަނގަޅު ވީސް ނޫންތޯ މިއީ އުފެދޭ އެންމެ ބޮޑު ސުވާލެވެ.
މި ސުވާލުގެ ރައްދުގައި ސަރުކާރުން ބުނަނީ ރަސްމާލެ ޕްރޮޖެކްޓަކީ ހިންގުން މަޖުބޫރު ޕްރޮޖެކްޓެއް ކަމަށެވެ. މާލެ ސަރަހައްދުގައި އަދި ހިއްކާ ވެސް ނުނިމޭ ސަރަހައްދުތައް ހިމެނޭހެން ހުރީ އެކި މީސްމީހުންނަށް ދީފަ އެވެ. އެހެންވެ ފްލެޓެއް އަޅާނެ ޖާގައެއް ވެސް ނެތީކަމަށް ސަރުކާރުން ބުނެ އެވެ.
މިއީ ތެދެކެވެ. ވޭތުވި ފަސް އަހަރުގެ ތެރޭގައި ބޮޑު ހަރަދުކޮށްގެން ގްރޭޓާ މާލޭން ބޮޑު ސަރަހައްދެއް ހިއްކި ނަމަވެސް، މި ސަރަހައްދުގައި ބިމެއް ނެތެވެ.
އެކަމަކު، ރަސްމާލޭގެ ހުވަފެނީ މަންޒަރުގައި ކުލަ ޖައްސަން އުޅެން ހަދައިގެން މިހާރު ހުރި ބިންތަކުގައި ވެސް ދިރިއުޅެވޭނެ ގޮތް ހަދައި ނުދެވުނެވެ. ބޯހިޔާވަހިކަމުގެ މައްސަލައިގެ ޓޯޓަލް ސޮލިއުޝަނުގެ ކޮޅުމަތި އުދަރެހުން ވެސް ފެންނަން ނެތެވެ. އެ ވިދާޅުވި ރީތި، ޒަމާނީ ޝަހަރާއި އެތަނަށް ދަތުރުކުރާ ބިއްލޫރި ޓަނަލުގެ އެއްވެސް ކުލަވަރެއް އަދި ދައްކައެއް ނުލަ އެވެ.
ސަރުކާރުން ވައުދުވި ޓޯޓަލް ސޮލިއުޝަން ނުލިބުނު ތަނުގައި އެއްވެސް ސޮލިއުޝަނެއް ނުލިބެ އެެވެ. ލިބެނީ ބިލިއަން ޑޮލަރުގެ އަގު ބޮޑު ސާފު، ރީތި، ހުދު، ވެލިގަނޑެކެވެ. އެއާއެކު ޒަމާންތަކަށް ދެމިގެންދާނޭ ބޮޑު ދަރަނިތަކެކެވެ.











