ހަރަދުތައް އިންތިހާއަށް އުފުލި، ހިންގުމުގެ ބުރަ ނުއުފުލިގެން ގޮސް މުޅި ބަޖެޓު ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފަ އެވެ. އެއްފަހަރުން ލިބޭ އެހީއާ ނުލައި ދެކޮޅުނުޖެއްސޭއިރު، މީރާއަށް ދައްކަން ޖެހޭ ޓެކުހާއި ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ އާއި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުލިބި ފުނިޖެހެމުން ދިއުމަކީ، މުޅި މާލީ ނިޒާމު ހުއްޓުމަކަށް ގެނެސްދާނެ ބޮޑު ނުރައްކަލެކެވެ.
މިއީ އަންނަ އަހަރުގެ ބަޖެޓާއި ޖުމްލަކޮށް، ދައުލަތުގެ މާލީ ހާލަތު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސިފަކުރެއްވި ގޮތެވެ.
އޮޑިޓާ ޖެނެރަލްގެ ކަންބޮޑުވުންތަކުގެ ދިގު ލިސްޓުން، ސަރުކާރުން ފުންކޮށް ވިސްނާލަން ޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އޮތީ، އެސްޑީއެފް ފަންޑަށް ވަންނަ ވަރަށް ފައިސާ ބޭރުކޮށް ހުސްކުރަމުން ދިއުމެވެ. މިއީ ކުރިމަތީގައި އޮތް ބޭރުގެ ދަރަނީގެ ބޮޑު ރާޅުން ސަލާމަތްވާން އޮތް ހަމައެކަނި އައްޑަނަ ތިރިކޮށްލުމެވެ.
ޓޫރިޒަމަށް ބަރޯސާވުން، ނުލިބޭ ފައިސާ ގިނަވުން
އަންނަ އަހަރަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަކީ، ހަރަދުތައް އިންތިހާއަށް އުފުލި، އާމްދަނީގެ ދުވެލި މަޑުޖެހިފައިވާ ބަޖެޓެކެވެ. ހިލޭ އެހީއާ އެކު އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، ހަރަދުތައް މި އަހަރަށް ވުރެ ހަތް ޕަސެންޓު އިތުރުވެ، 52.6 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މި ބޮޑު ފަރަގު ފޫބެއްދުމަށް 18.9 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ޖެހެ އެވެ.
އަންނަ އަހަރު އާ ޓެކުހެއް ނުވަތަ ރޭޓެއް ބޮޑުކުރުމެއް ނެތެވެ. މިހެންވެ އާމްދަނީ އިތުރުވާނެ ކަމަށް ބަޖެޓުގައި ލަފާކުރަނީ 3.4 ޕަސެންޓުންނެވެ. އޮޑިޓާ ޖެނެރަލް ހިސާބުތައް ޖެއްސެވުމަށް ފަހު ވިދާޅުވީ މިއީ މުޅި އިގުތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރާ 5.7 ޕަސެންޓަށް ވުރެ ވެސް ދަށް ދުވެއްޔެއް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޖީޑީޕީގެ ނިސްބަތުން ދައުލަތަށް ވަންނަ އާމްދަނީ 34.1 ޕަސެންޓުން 33.3 ޕަސެންޓަށް ވެއްޓޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލަފާގައި ބުނި ފަދައިން އޮޑިޓާ ޖެނެރަލް ވެސް ވަނީ އާމްދަނީގެ ބޮޑު ބަޔެއް ޓޫރިޒަމަށް ދޫކޮށްލާފައި އޮތުމުން އެ ދާއިރާއަށް އަންނަ ކުއްލި ލޮޅުމަކުންމުޅި އާމްދަނީއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އިލްތިމާސްކުރައްވާފަ އެވެ.
ދެމެހެއްޓެނިވި އާމްދަނީއެއް ނެތްކަން އެންމެ ބޮޑަށް ހާމަވަނީ، އެއްފަހަރު ލިބޭ ފައިސާއަށް އަނެއްކާވެސް ބަރޯސާވެފައި އޮތުމުންނެވެ. މި އަހަރެކޭ އެއްފަދައިން އަންނަ އަހަރު ވެސް މިފަދަ އާމްދަނީގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދަން އަމާޒު ހިފާފައި ވިޔަސް، މި ގޮތަށް ލިބޭ އާމްދަނީއަށް ބަރޯސާވުމަކީ ނުރައްކަލެއް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
މީގައި ކަންބޮޑުވާންޖެހޭ ކަމަކީ، މިހެން ލިބޭ ފައިސާ ނުހިމަނައިފި ނަމަ، ދައުލަތަށް ލިބޭ އެއްޗަކުން ހިންގުމުގެ ހަރަދު ފޫނުބެއްދޭ ކަމެވެ. މިއީ ދައުލަތުގެ ބަޖެޓުގެ މުހިންމު އެންކަރެކެވެ. މިހެން ނަމަވެސް މި އަހަރު ހިންގުމުގެ ހަރަދު އާމްދަނީގެ 104 ޕަސެންޓަށް އެރިއިރު، އަންނަ އަހަރު ވެސް އެ ނިސްބަތް ހުރީ 101 ޕަސެންޓުގަ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވީ މި ހާލަތުގައި ކަންކަން ހުރިހުރި ހަރަދު ކުޑަކުރުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ.
އާމްދަނީއާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އަނެއް ކަންބޮޑުވުމަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ޖަމާވަމުން ދިއުމެވެ. މިއީ މުޅި މާލީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ސިފަކުރައްވާ، އޭގެ ހިސާބުތައް ހިއްސާކުރެއްވި އެވެ.
މި ގޮތުން މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ވަނީ 2021 ގައި 16 ބިލިއަން ރުފިޔާއިން މިދިޔަ އަހަރުގެ ނިޔަލަށް 22.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރެއިން ނުދައްކާ ހުރި ޓެކްސް އެކަނި ވެސް ދެ ބިލިއަނުން 7.8 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ. މިކަން ހައްލުކުރަން ޓެކްސް އިދާރީ ބިލުތައް އަވަހަށް ފާސްކޮށް، ގާނޫނު ތަންފީޒުކުރުން ވަރުގަދަކުރަން އޮޑިޓާ ޖެނެރަލް ގޮވާލެއްވި އެވެ.
ނުލިބި ހުރި ފައިސާތައް ގިނަވާ މައްސަލަައިގައި އޮޑިޓާ ޖެނެރަލް ވަނީ ސަރުކާރު ވެސް ޒިންމާވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ ވިޔަފާރިތަކުން ޓެކްސް ނުދެއްކާ ސަބަބެއް ކަމަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ހިފަހައްޓާތީ ކަމަށް ބުނުމެވެ. މިހެންކަމުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން އަވަހަށް ދައްކައި ހަލާސްކުރުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވި އެވެ. އަދި ގަސްދުގައި ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ބާރުއެޅުއްވި އެވެ.
ހަމައެއާ އެކު، ޓެކްސް ނޫން އާމްދަނީ ހޯދާ އިދާރާތަކުން ވެސް ގާނޫނީ ބާރުގެ ބޭނުންކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި މި ފައިސާތައް ދައްކާ ހަލާސްކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތެވެ. އަދި އާ ފިޔަވަޅުތަކުން ލިބޭނެ އާމްދަނީގެ އަންދާޒާތަކެއް ވެސް ބަޖެޓުގައި ހިމަނާފައި ނެތެވެ.
ޑަބަލް ޕެންޝަން، އެންމެނަށް ސަބްސިޑީ، ބުރަ ބޮޑު އެސްއޯއީތައް
އާމްދަނީ އިތުރުވާނެ ދޮރުތައް ބެދެމުންދާއިރު، ދައުލަތުގެ ހިންގުމުގެ މައިގަނޑު ހަރަދުތައް އިންތިހާއަށް އުފުލިފައިވާތީ އޮޑިޓާ ޖެނެރަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެ ގޮތުން ދައުލަތުގެ މުސާރައިގެ ބިލް 2027 ގައި 14.4 ބިލިއަން ރުފިޔާއަށް އަރާއިރު، މިއީ މުސާރަތައް އެއްހަމަކުރުމުގެ އިތުރުން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުވުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ. ބަޖެޓުގައި މުސާރައިގެ ބިލް އަންނަ އަހަރުގެ މިންވަރުގައި ހިފަހައްޓަން ބަޔާންކޮށްފައި ވިޔަސް، މުވައްޒަފުން އިތުރުކުރުން ހުއްޓުވާނެ އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނެތުމުން، މުވައްޒަފުންގެ އަދަދު ހަރުދަނާކޮށް ކޮންޓްރޯލްކުރަން އޮޑިޓާ ޖެނެރަލް ގޮވާލެއްވި އެވެ.
ހަރަދުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި ދުރު މުސްތަގުބަލުގެ އެންމެ ބޮޑު އެއް ނުރައްކަލަކީ ޕެންޝަންގެ ބުރަ އެވެ. އަންނަ އަހަރު ޕެންޝަނަށް 2.6 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވާއިރު، ސަރުކާރުގެ އަމިއްލަ އަންދާޒާތަކުން ދައްކާ ގޮތުގައި 2042 ގައި މި އަދަދު ހަތަރު ބިލިއަނަށް އަދި 2055 ގައި 7.9 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
މީގެ އިތުރުން ގައުމީ ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ބޭރުން ވަކިވަކި ދާއިރާތަކަށް ހާއްސަ ސްކީމުތައް ހިންގުމަކީ ބޭއިންސާފު ބޮޑުވެ ހަރަދެއް ކަަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. މިހެންކަމުން މުޅި ޕެންޝަން ނިޒާމު އިސްލާހުކުރަން އޭނާ ލަފާދެއްވި އެވެ. ބަޖެޓުގައި ޕެންޝަން ހަރަދު ބޮޑުވާ ވާހަކަ ބަޔާންކުރުން ފިޔަވައި، އެކަމަށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނެތެވެ.
އޮޑިޓާ ޖެނެރަލްގެ އަނެއް ކަންބޮޑުވުމަކީ ސަބްސިޑީ އާއި އިޖުތިމާއީ ރައްކާތެރިކަމުގެ ހަރަދުތަކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދޭ ސަބްސިޑީއަށް އަންނަ އަހަރު 4.8 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ތެލުގެ ސަބްސިޑީއަށް އެކަނި ވެސް 3.2 ބިލިއަން ރުފިޔާ ހިނގަ އެވެ.
ވޭތުވި ހުރިހާ އަހަރެއްގެ ބަޖެޓުގައި ވެސް ލަފާ ދިން ގޮތަށް މި އަހަރު ވެސް އޮޑިޓާ ޖެނެރަލް ވަނީ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކުރަން (ސަބްސިޑީ ޓާގެޓުކުރަން) ގޮވާލާފަ އެވެ. ނަމަވެސް މި އަހަަރުގެ ބަޖެޓުގައި މިކަން ކުރާނެ އެއްވެސް ގޮތެއް ހިމަނާފައި ނެތެވެ.
އަންނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކަނިވެރި މައިންގެ އިނާޔަތްތަކާއި ހައުސިން ސަބްސިޑީ ފަދަ އިޖުތިމާއީ ހަރަދުތައް ހަތަރު ބިލިއަން ރުފިޔާއަށް އިތުރުކުރެ އެވެ. ނަމަވެސް މި ހަރަދުތަކުގެ ދިގު މުއްދަތުގެ މާލީ އަސަރު ދިރާސާކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
ސަބްސިޑީ ހަރަދު ކުޑަކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި 2028 ގެ ނިޔަލަށް 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ހެދުމަށާއި، އަންނަ އަހަރު 150 މެގަވޮޓްގެ ސޯލާ މަޝްރޫއެއް ހިންގުން ހިމެނެ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވީ މިއީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ. އަދި އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓުކުރުން އިތުރުކުރަން ގޮވާލެއްވި އެވެ.
މި އިންވެސްޓްމަންޓަކީ ބޭރު ފައިސާގެ ރިޒާވު ހިމާޔަތްކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ލަފާގައި އޮތީ ތެޔޮ އެތެރެކުރަން ކުރާ ބޮޑު ހަރަދެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ 27 ޕަސެންޓަކީ ތެޔޮ ކަމަށެވެ. އަދި، މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ތެލަށް އެކަނި ވެސް 908 މިލިއަން ޑޮލަރު ހޭދަވެފައިވެ އެވެ.
އިޖުތިމާއީ ހަރަދުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާ ކަމަކީ އާސަންދައިގެ ހަރަދެވެ. ސަރުކާރުން ލަފާކޮށްފައި ވަނީ އަންނަ އަހަރު މި ހަރަދު 3.1 ބިލިއަން ރުފިޔާއަށް ދަށްވާނެ ކަަމަށެވެ. ސަރުކާރުގެ ލަފާކުރުންތައް ބިނާކުރީ ބޭސް ގަނޑުކޮށް ގަތުމާއި މަރުކަޒީކޮށް ތަކެތި ގަތުމުގެ އިސްލާހީ ފިޔަވަޅުތައް އަޅައިގެންނެވެ.
ނަމަވެސް، އެކަން ތަންފީޒުކުރާނެ އެއްވެސް ތާވަލެއް ބަޖެޓުގައި ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. އެހެންކަމުން މީގެ ކުރިން ނެރުނު އޮޑިޓް ރިޕޯޓުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ތާވަލަކާ އެކު އެކްޝަން ޕްލޭނެއް ހަދަން އޭނާ ލަފާދެއްވި އެވެ.
މީގެ އިތުރުން ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓާ ލޯނާއި ކޮވިޑް ރިކަވަރީ ލޯނުތައް އަނބުރާ ނުލިބި، ދައުލަތުން އެ ބުރަ އުފުލަން ޖެހިފައިވާތީ، ލޯނު އަނބުރާ ހޯދުން ހަރުދަނާކުރަން ވެސް އޮޑިޓާ ޖެނެރަލް ގޮވާލެއްވި އެވެ.
ހަރަދުތަކުގެ ތެރެއިން އޮޑިޓާ ޖެނެރަލް ދެއްކެވި އަނެއް ބޮޑު މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބުރަ އެވެ. ކުންފުނިތަކަށް ކެޕިޓަލް ދިނުމަށް މިދިޔަ އަހަރު ބަޖެޓު ކުރި ވަރަށް ވުރެ 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޑިވިޑެންޑްގެ 4.3 ބިލިއަން ރުފިޔާ އާއި މުއްދަތު ހަމަވެފައިވާ ލޯނުގެ ފަސް ބިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށެވެ. މިހެންވެ އޮޑިޓާ ޖެނެރަލް ވަނީ ކުންފުނިތަކުގެ ހަރަދުކުޑަކުރަން ކުރިން ދީފައިވާ ލަފާ ތަންފީޒުކުރުމަށާއި މިކަން ކުރަން ހަރުދަނާ އެކްޝަން ޕްލޭނެއް އެކުލަވާލަން ލަފާދެއްވާފަ އެވެ.
ހަމަ މި ގޮތަށް ޕީއެސްއައިޕީ މަޝްރޫއުތައް ވެސް އިގުތިސޯދީ ފައިދާއަށް ބަލައިގެން ތަރުތީބު ކުރަން އޮޑިޓާ ޖެނެރަލް ލަފާދެއްވި އެވެ. މި އަހަރު ވެސް މި ދާއިރާއިން 8.2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ މާލީ ދިރާސާތައް ހަދާފަ މަޝްރޫއުތައް ކުރިއަށް ގެންދަން އޭނާ އިލްތިމާސްކުރެއްވި އެވެ.
އެތެރޭގެ ދަރަނި، ފުނިޖެހެމުންދާ ބިލުތައް، ނުލިބޭ ސުކޫކު
ބަޖެޓުގެ ފަރަގު ފޫބެއްދުމަށް ބޭނުންވާ 18.9 ބިލިއަން ރުފިޔާގެ ފައިނޭންސިންގެ ތެރެއިން 15.6 ބިލިއަން ރުފިޔާއަކީ މުޅިން އާ ދަރަނީގެ ގޮތުގައި ނަގާ ފައިސާ އެވެ. ބާކީ ނަގަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އިންނާއި ކުރިން ދޫކޮށްފައި ހުރި ލޯނުތައް އަނބުރާ ލިބޭނެ ކަަމަށް ބަލައިގެންނެވެ. ނަމަވެސް، މި ލޯނުތައް އަނބުރާ ހޯދާނެ އެއްވެސް އިތުބާރު ހުރި އުސޫލެއް ނުވަތަ ޕްލޭނެއް ބަޖެޓުގައި ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
މި ފައިނޭންސިންގެ ބޮޑު ބަޔަކީ މި އަހަރު ވެސް އެތެރޭގެ ދަރަންޏެވެ. އެކަމަކު މި ގޮތަށް އެތެރޭގެ ބާޒާރުން ދަރަނި ނެގުމަކީ މާލީ ނިޒާމުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ. އޭނާ މިކަން ފާހަގަކުރެއްވީ 2020 އިން ފެށިގެން ރާއްޖޭގެ ބޭންކިން ނިޒާމުން ސަރުކާރަށް ދަރަނި ދޫކޮށްފައިވާ މިންވަރު އައިއެމްއެފްގެ އިންޒާރުގެ ރަތް ރޮނގު ފަހަނައަޅައި ގޮސްފައިވާ ކަމުގެ އިންޒާރާއެކީގަ އެވެ.
އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހުނު މިންވަރު އިތުރުވީ، އޮޑިޓާ ޖެނެރަލް ވިދާޅުވި ގޮތުގައި، ދަރަނި މެނޭޖުކުރުމުގައި ކުރިން އެކުލަވާލާފައިވާ ސްޓްރެޓެޖީތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންވެ ދަރަނި ނެގުމުގައި ހަރުދަނާ ޕްލޭނަކަށް ރުޖޫއަވާން ގޮވާލެއްވި އެވެ. ސަރުކާރުގެ ބަޖެޓުގެ ރިސްކު ސްޓޭޓްމަންޓުގައި މި ނުރައްކަލަށް އިއުތިރާފުވެފައިވެ އެވެ. އެތެރޭގެ ފައިނޭންސިން 19.3 ބިލިއަނުން 12 ބިލިއަން ރުފިޔާއަށް ދަށްކުރަން ވަނީ އަމާޒު ހިފާފަ އެވެ.
މި ދަރަނި ކުޑަކުރަން ބޭރުން ފައިސާ ހޯދަން ރާވާފައިވާ ޕްލޭނަކީ ވެސް ބޮޑު ރިސްކެއް ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ. މި ރައުޔު ބިނާކުރި މައިގަނޑު ސަބަބަކީ މި އަހަރާއި ކުރީ ދެ އަހަރު ވެސް ބޭރުން ފައިސާ ހޯދަން ރޭވި ޕްލޭންތައް ނާކާމިޔާބުވުމެވެ. އަންނަ އަހަރު ވެސް ބޭރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި 123 މިލިއަން ޑޮލަރު އަދި ބޮންޑު ނުވަތަ ސުކޫކެއް ވިއްކައިގެން، 175 މިލިއަން ޑޮލަރު ހޯދަން ރާވާފަ އެވެ.
ނަމަވެސް މި ޕްލޭނުގައި މައްސަލައަކީ، ރާއްޖޭގެ ކްރިޑިޓު ރޭޓިން ރަނގަޅު ވާނެ ކަމުގެ އުއްމީދެއްގެ މައްޗަށް މިކަން ބިނާވެފައި އޮތުމެވެ. މިހެންވެ އޮޑިޓާ ޖެނެރަލް ވަނީ މި ފައިސާ ނުލިބިއްޖެ ހާލަތެއްގައި ހަރަދު ކުޑަކުރާނެ ގޮތްތައް ކުރިން ކަނޑައަޅައި ރިޒާވް ހިމާޔަތްކުރަން ލަފާދެއްވާފަ އެވެ. ނަމަވެސް ބަޖެޓުގައި އެފަދަ އެއްވެސް ޕްލޭނެއް ނުވަތަ ޖާގައެއް ނެތެވެ.
ދަަރަނި ނެގުން އިތުރުވާއިރު، ކުރިއަށް އޮތް ތިން އަހަރަށް ސަރުކާރުގެ ޕްލޭނަކީ ދަރަނި ދައްކަން އޮތް އެންމެ ބޮޑު އައްޑަނަ ކަމަށްވާ އެސްޑީއެފް ފަންޑަށް ވަންނަ ހުރިހާ ފައިސާއެއް ނެގުމެވެ. އޮޑިޓާ ޖެނެރަލް ވަނީ ކުރިމަތީގައި އޮތް ބޭރުގެ ދަރަނީގެ ބޮޑު ރާޅުން ގައުމު ސަލާމަތްކުރެވޭނީ މި ފަންޑު ހުސްނުކޮށް، ރައްކާތެރިކަމާ އެކު ފައިސާ ޖަމާކޮށް ބަހައްޓައިގެން ކަމަށް ތަކުރާރުކޮށް ހަނދާންކޮށްދެއްވާފަ އެވެ.
ނުދައްކާ ހުރި ބިލުތަކުގެ މައްސަލައިގައި ވެސް އޮޑިޓާ ޖެނެރަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އިސް އޮޑިޓަރުގެ ލަފާގައިވާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކަނި ވެސް 7.5 ބިލިއަން ރުފިޔާގެ ބިލު ނުދައްކައި އެބައޮތެވެ. މި އަހަރު ނިމޭއިރު މި އަދަދު އިތުރަށް އުފުލިގެންދާނެ ކަމަށް އޮޑިޓާ ޖެނެރަލް ލަފާކުރައްވަ އެވެ.
މިއީ ވިޔަފާރިތަކުގެ ހިންގުމަށާއި، މުޅި އިގުތިސޯދުގެ ދުވެއްޔަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވިދާޅުވެ އޮޑިޓާ ޖެނެރަލް ވަނީ މި މައްސަލަ ހައްލުކުރަން ސަރުކާރަށް ގޮވާލާފައްވާފަ އެވެ. ކުރިން ވެސް ފާހަގަކުރި ގޮތަށް، މި ބިލުތައް ހަލާސްކުރާނެ ވަކި ތާވަލެއް ނުވަތަ އެކަމަށް ހާއްސަ ފައިސާއެއް ވެސް ބަޖެޓުގައި ކަނޑައަޅާފައި ނެތެވެ.
އޮޑިޓާ ޖެނެރަލްގެ ލަފަޔާއި ބަޖެޓުގެ ހަގީގަތް
އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި މި ކަންބޮޑުވުންތަކަކީ މުޅިން އާ ވާހަކަތަކެއް ނޫނެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގެ ބަޖެޓުތަކުގައި ވެސް ތަކުރާރުކޮށް ދެއްކެވި، ނަމަވެސް އެދެވޭ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ކަންކަމެވެ.
އެއް ފަހަރުން ލިބޭ އާމްދަނީއަށް ބަރޯސާވުމާއި، ދައުލަތަށް ނުލިބި ފުނިޖެހެމުންދާ ޓެކުހާއި ބިލުތަކުގެ ބުރަ އާއި، ސަރުކާރު ކުންފުނިތަކުގެ މާލީ އަނދަވަޅުގެ އިތުރުން ރާއްޖޭގެ ބޭންކިން ނިޒާމަށް އޮތް ހިރާސްތައް ބަޖެޓު ފޮތުން ވެސް ފެންނަން އެބަ އޮތެވެ. ނަމަވެސް މައްސަލައަކީ، މި ނުރައްކާތައް ކުރިމަތިވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ޕްލޭނެއް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައި ނެތުމެވެ.
އޮޑިޓާ ޖެނެރަލްގެ ލަފާގައި ތަކުރާރުކޮށް ސާފުކޮށްދެއްވި ކަމަކީ މިއީ އެވެ. ކުރިމަތީގައި ބޮޑެތި މާލީ ގޮންޖެހުންތަކާއި ނުރައްކާތައް ހުރިކަން ރަނގަޅަށް އެނގި ތިބެ ވެސް، އެކަންކަމުން އަރައިގަންނާނެ އެއްވެސް މާލީ ތައްޔާރުވުމެއް ނެތި، ނުރައްކަލުގެ ތެރެއަށް މާލިއްޔަތު ދޫކޮށްލުމެވެ.








