ސަރުކާރުން މި ވަނީ ރަސްމާލޭގައި މެގަ ޕްރޮޖެކްޓެއް އިއުލާންކޮށްފަ އެވެ. ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ނަން ދެވިފައިވާ މި މަޝްރޫއަކީ، ޔޫއޭއީގައި އަބޫދާބީގައި މަރުކަޒުވެފައިވާ އީގަލް ހިލްސް ޑިވެލޮޕާސް އާއި ދިވެހި ސަރުކާރުން ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
އެ ކުންފުނިން ބުނާ ގޮތުގައި މިއީ 12 ބިލިއަން ޑޮލަރު ބޮޑު އިންވެސްޓްމަންޓެކެވެ. މިއީ މުޅި އިގުތިސޯދުގެ އުފެެއްދުންތެރިކަން އަށް ބިލިއަން ޑޮލަރަށް ނާރާ ރާއްޖެ ނުދެކޭ ވަރުގެ އަދަދެކެވެ. މި އިންވެސްޓްމަންޓު ހަގީގަތަކަށް ހަދައިފި ނަމަ، މި ގައުމުގެ އިގުތިސޯދާ އެކުއެެކީ، ދިވެހި ދައުލަތުގެ ފުދުންތެރިކަން އެތައް ދަރަޖައެއް މަތިކޮށްލާނެ އެވެ.
މި ލިޔުމުގައި މި ވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ހާމަކުރި މައުލޫމާތުގެ އަލީގައި، ރަސްމާލެ ވޯޓާފްރަންޓް މަޝްރޫއުގެ ލިބެން ހުރި ތަފުސީލުތަކެވެ.
ރަސްމާލޭގެ އެއް ބައިގައި، ޒަމާނީ ސިޓީއެއް
މިދިޔަ ހޯމަ ދުވަހު ޔޫއޭއީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުން ވަނީ ރަސްމާލެ ވޯޓާފްރަންޓް މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ 500 ހެކްޓަރު، 99 އަހަރަށް ދޫކޮށްލަން ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު ދޫކޮށްލަނީ ކިހާ އަގެއް ނަގާފައި ނޫނީ އަގެއް ނަގާފައި ކަމެއް ވެސް ނޭނގެ އެވެ.
މިހާތަނަށް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރަސްމާލޭން ދޫކޮށްލާ 500 ހެކްޓަރުގެ މުގާބިލުގައި ދިވެހިންނަށް ލިބެނީ 5000 ހައުސިން ޔުނިޓާއި ރަސްމާލޭގެ އެއް ފަޅީގައި ޒަމާނީ ސިޓީއެކެވެ.
"އެ 500 ހެކްޓާސްގެ ތެރޭގައި ހުންނާނެ އެކި ލެވަލްގެ ޕްރޮޕަޓީސްތައް، އެކިއެކި ޓައުންތައް ވެސް ހުންނާނެ. އެހެންވީމާ އެ ބޭފުޅުން ފާހަގަކުރާ ގާތްގަނޑަކަށް ތިން ތަފާތު ރިޒޯޓް ޕްރޮޕަޓީ ވެސް މިތާ ހުންނާނެ. ދެން ހަމަ އެ ގޮތަށް އެކިއެކި ހޮސްޕިޓަލްތަކާ އެކިއެކި ސްކޫލް، އިންޓަނޭޝަނަލް ސްކޫލްތަކާ އަދި ރިއަލް އެސްޓޭޓްގެ ތަފާތު ލެވެލްގެ ޕްރޮޕަޓީސްތައް ހުންނާނެ. ތަފާތު ކުދިން ކުޅޭ ތަންތަނަށް، ތީމް ޕާކްތަކާ، އެ ގޮތަށް ވެސް ކިޔާނެ ކަމެއް ނެތް އިނގޭތޯ." ޒަރީރު ވިދާޅުވި އެވެ.
"ހަމަ އެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓެއްގެ ތެރޭގައި ކުރިއަރާފައިވާ ގައުމެއްގައި ހުންނަ އިންޓަގްރޭޓެޑް ސިޓީއެއްގެ ތެރޭގައި ހުންނާނެ ހުރިހާކަމެއް މި ޑިވެލޮޕްމެންޓްގެ ތެރޭގައި ހުންނާނެ."
މި ޒަމާނީ ސިޓީއަކީ ރަސްމާލޭގައި މީހުން ދިރިއުޅެން ހާއްސަކޮށްފައިވާ ސަރަހައްދާ ވަކިން އޮންނަ ތަނެކެވެ. މިކަން ސާފުކޮށްދެއްވަމުން ޒަރީރު ވިދާޅުވީ ރަސްމާލޭގެ ބާކީ އޮތް ސަރަހައްދުގައި ސަރުކާރުން "މިހާރު ވެސް" ޕްލޭންކުރެވިފައި އޮތް ގޮތަށް ގޯތިތައް ދޫކުރަން ހައުސިން ސަރަހައްދުތަކެއް، އަދި ފްލެޓުތައް ތަރައްގީކުރަން ރެޒިޑެންޝަލް ސަރަހައްދުުތަކެއް ހުންނާނެ ކަމަށެވެ. މި ބޭނުންތަކަށް 600 ހެކްޓަރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
99 އަހަރަށް ކުއްޔަށްް ދިނީ ރިސޯޓު މޮޑެލްގެ ދަށުން
މި ޕްރޮޖެކްޓުގެ ބޭނުމަށް ސަރުކާރުން 500 ހެކްޓަރުގެ ބިމެއް ވަނީ 99 އަހަރަށް "ލީސް ހޯލްޑް" އުސޫލުން ދީފަ އެވެ. ސަރުކާރުން ބުނަނީ މިއީ މިހާރު ވެސް ރިސޯޓުތައް ތަރައްގީކުރަން ރަށްތަކާއި ފަޅުތައް ދޭ އުސޫލު ކަމަށެވެ. މި އުސޫލުގައި އޮންނަ ގޮތުން ބިމުގެ މިލްކުވެރިކަން ދައުލަތުގައި ބާއްވާފައި، އެ ނޫން ހުރިހާ ހައްގެއް ކުއްޔަށް ނަގާ ބަޔަކަަށް ލިބެ އެވެ.
މި ގޮތަށް ދިގު މުއްދަތަކަށް ބިން ދިނުން ދިފާއުކުރައްވަމުން ޒަރިރު ވިދާޅުވީ، ރަސްމާލެ ވޯޓާފްރަންޓު ތަރައްގީކުރަން ދިނީ މިހާރު ރާއްޖޭގައި ހުރި ގިނަ ރިސޯޓުތައް ދީފައިވާ ގޮތަށް ތަރައްގީކޮށްގެން، 99 އަހަރަށް ބޭނުންކޮށްގެން، އާމްދަނީ ހޯދޭ ގޮތަށް ކަމަށެވެ. މިއީ، އެއްވެސް ބަޔަކަށް ބިން ވިއްކާލުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ވަރަށް ގިނަ އިންވެސްޓާސް، ވަރަށް ގިނަ ޕްރޮޖެކްޓްސްތައް މިހާރު ވެސް ހިންގާ ރިސޯޓްތައް ވެސް އެބަ ހިންގާ ބޮޑެތި 200، 300 މިލިއަން ޑޮލަރުގެ ރިޒޯޓް ޕްރޮޕަޓީސްތައް އެބަ ޑިވެލޮޕް ކުރޭ. އެ ޕްރޮޕަޓީސްތައް ވެސް މި ޑިވެލޮޕް ކުރެވެނީ ގާތްގަނޑަކަށް 99 އަހަރާ ހަމައަށް ރާއްޖޭގެ މިހާރުގެ ލީގަލް ފްރޭމްވޯކް ތެރެއިން 99 އަހަރާ ހަމައަށް ލީސްކޮށްގެން." ޒަރީރު ވިދާޅުވި އެވެ.
"އެހެންވީމާ މި ޑިވެލޮޕްމަންޓަކީ ވެސް ހަމަ އެއްވެސް ގޮތަކަށް މި ރާއްޖޭގެ އެއްވެސް ތަނެއް، އެއްވެސް ބިމެއް، އެންމެ ބިންކޮޅެއް ވެސް ވިއްކާލެވޭނެ ގޮތަށް ހިންގޭ ޕްރޮޖެކްޓެއް ނޫން."
އީގަލް ހިލްސްގެ ދަށުން ކުލި ހިނގާ 99 އަހަރުގެ ތެރޭގައި އެ ކުންފުނިން ރަސްމާލޭގައި ތަރަައްގީކުރާ ހުރިހާ ތަނެއް ވިއްކައިގެން ނޫނީ ކުއްޔަށް ދީގެން އާމްދަނީ ހޯދެ އެވެ. އެ ކުންފުނީގެ ޕްލޭނުގައި ތެރޭގައި ރިސޯޓުތަކާއި، ހޮޓާތަކާއި، ލަގްޒަރީ އެޕާޓުަންޓުތައް ހިމެނޭއިރު، ވަކިވަކި ސަރަހައްދުތައް ސަބްލީސް އުސޫލުން އެހެން ކުންފުނިތަކަށް ވެސް ދެވޭނެ އެވެ.
ޒަރީރު ވިދާޅުވި ގޮތުގައި 99 އަހަރާ އަހަރަށް ލިބިފައިވާ ލީސް ރައިޓްސް އެހެން ބަޔަކަށް ވިއްކާލާއިރު، އެ މީހުންގެ ކުލި މުއްދަތު ވެސް 99 އަހަރާ ހަމައަށް ވިއްކިދާނެ ކަމަށެވެ. ނަމަވެސް މިއީ މިހާރުގެ ގާނޫނުތައް ދަންނަ ގޮތެއް ނޫނެވެ. މިހާރު ގާނޫނުގައި އޮންނަނީ ލީސް ހޯލްޑް ރައިޓްސް ބަދަލުކުރެވޭނީ، އެ ބަޔަކަށް ލިބިފައި އޮތް މުއްދަތުގެ ބާކީ ކަމަށެވެ.
ހާއްސަ ޓެކްސް ޒޯނެއް ނޫން، ހުރިހާ ޓެކުހެއް ނަގާނެ
އިންވެސްޓުމަންޓުގެ އަގަކީ ސަރުކާރުން ބުނާ ގޮތަށް 20 ބިލިއަން ޑޮލަރު ވިޔަސް ނޫނީ އީގަލް ހިލްސްއިން ބުނާ ގޮތަށް 12 ބިލިއަން ޑޮލަރަށް ވިޔަސް، މިއީ މި ރާއްޖެއަށް އަދި ނާންނަ، އަދި އަންނާނެ ކަމަށް ބުނެފައިވާ އިންވެސްޓުމަންޓުތަކަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ސަރުކާރުން ވަނީ މި ވަރުގެ އިންވެސްޓުމަންޓުތަކަށް ވިޔަފާރިވެރިން ޝައުގުވެރިކުރަން ހާއްސަ ލުއިތަކާއި އިނާޔަތްތައް ދެވޭ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނަށް އަމަލުކުރަން ފަށާފަ އެވެ.
މިހެން ނަމަވެސް އީގަލް ހިލްސްގެ ބިޔަ ބޮޑު އިންވެސްޓްމަންޓަކީ، އެއްވެސް ޓެކްސް ލުޔެެއް ނުލިބޭ، އާންމު ހުރިހާ ޓެކްސްތަކެއް އެ ކަނޑައެޅިފައި ހުންނަ ރޭޓެއްގައި ދައްކަން ޖެހޭ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ޒަރީރު ވިދާޅުވީ، މި މަޝްރޫއުގެ މަޝްވަރާތަކުން ފެށިގެން ކޮމާޝަލް ޓާމްސްގައި ސޮއިކުރުމާ ހަމައަށް ވެސް ޓެކްސް އިނާޔަތްތަކެއް ދިނުމުގެ ވާހަކަ ވެސް ނުދެކެވޭ ކަަމަށެވެ.
"އެ ވިއްކާ ލީސް ރައިޓް ވިއްކާއިރު އެ ލީސް ރައިޓް ވިއްކައިގެން ލިބޭ އާމްދަނީއެއްގެ 10 ޕަސެންޓް ވެސް އަޅުގަނޑުމެންނަށް ދިވެހި ސަރުކާރަށް ލިބޭނެ. އޭގެ އިތުރަށް އިންކަމް ޓެކްސްއާ އަދި އެހެން ވެސް ޓެކްސްތައް ޓޫރިޒަމް ދާއިރާގައި ވެއްޖެއްޔާ އެ ތަން އޮޕަރޭޓް ކުރާއިރު އަންނަ ޓޫރިޒަމް ޖީއެސްޓީ. ޖެނެރަލް ސެކްޓާ ވެއްޖިއްޔާ ޖެނެރަލް ޖީއެސްޓީ. އަދި ހަމަ އެއާއެކު ޖީއާރްޓީއާ އަދި އެންމެ ފަހުން މި އަންނަ އިންކަމް ޓެކްސްއާ މި ހުރިހާ ޓެކްސްތަކެއް ވެސް އެ އެ ޑިވެލޮޕް ކުރެވޭ ޕްރޮޕާޓީސްތަކުގެ ތެރޭގައި ދޭ ހިދުމަތަށް އަންނާނެ،" ޒަރީރު ވިދާޅުވި އެވެ.
"އެހެންވީމާ ޓެކްސްގެ އެއްވެސް އެގްޒެޕްޝަނެއް، އެއްވެސް އިންސެންޓިވްސްތަކެއް މި ޑިވެލޮޕްމަންޓްސް މި ޕްރޮޖެކްޓް ތެރޭގައި ނުހިމެނޭ،"
މި މަޝްރޫއަށް ޓެކްސްގެ އެއްވެސް ލުޔެއް ނުލިބޭއިރު، ސަރުކާރުން ބުނަނީ މި ޕްރޮޖެކްޓު ނިމުމުން ޓެކްސްތަކާއި އެހެނިހެން އާމްދަނީތައް ހިމެނޭހެން އަހަރަކު ދެ ބިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ލިބޭނެ ކަމަށެވެ. މިއީ މިދިޔަ އަަހަރު ހުރިހާ ޓެކްސްތަކާއި ހުރިހާ އާމްދަނީތަކެއް ހިމަނައިގެން ލިބުނު 40 ބިލިއަން ރުފިޔާގެ 75 ޕަސެންޓު ނުވަަތަ ތިން ބައި ކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ.
އީގަލް ހިލްސްއަކީ "އާދައިގެ ބަޔެއް ނޫން"
ޔޫއޭއީގެ އީގަލް ހިލްސްއަކީ އެ ގައުމުގެ އެންމެ ބޮޑު ރިއަލް އެސްޓޭޓު ކުންފުނި، އެމާރުގެ ބާނީ، މުހައްމަދު އަލައްބާރުގެ ކުންފުންޏެކެވެ. އަލައްބާރަކީ ރިއަލް އެސްޓޭޓުގެ ދުނިޔޭގައި އެންމެ ދަންނަ، އެ ދާއިރާގެ "ޓައިޓަން" އެއްގެ ގޮތުގައި ސިފަކުރާ މީހެކެވެ.
އަލައްބާރުގެ މޭސްތިރިކަމުގެ ދަށުގައި ތަރައްގީކުރި ތަންތަނުގެ ތެރޭގައި ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖު ހަލީފާ އާއި ދުނިޔޭގެ އެންމެ ބޮޑު އެއް މޯލް، ޑުބާއީ މޯލްގެ އިތުރުން ޑުބާއީ ޑައުންޓައުން ހިމެނެ އެވެ. މީގެ އިތުރުން ދުނިޔޭގެ އެެހެން ގައުމުތަކުގައި ވެސް އެ ކުންފުނިން އަންނަނީ ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންނެވެ.
ޒަރީރު ވިދާޅުވި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ފެހި ސިގުނަލް ދިން އެންމެ ބޮޑު އެއް ސަބަބަކީ އަލައްބާރެވެ. މިހާރު ވެސް ދުނިޔޭގެ 18 ގައުމެއްގައި އޭނާގެ ކުންފުނިން ޕްރޮޖެކްޓުތައް ހިންގަމުން އަންނައިރު، މި ފަހަރު ސަރުކާރުން ސޮއިކުރީ އާދައިގެ ބަޔަކާ އެކީ ނޫން ކަމަށް ޒަރީރު ވިދާޅުވި އެވެ.
"އެ ބޭފުޅާއަކީ ވަރަށް ވިޝަނަރީ ވިސްނުންފުޅެއް ގެންގުޅުއްވާ، ޑިވެލޮޕްމެންޓަލް ވިސްނުމުގައި ސަކްސެސްފުލް ވަރަށް ގިނަ ޕްރޮޖެކްޓްސްތަކެއް ހިންގަވާފައި ހުރި ބޭފުޅެއް. އަދި ހިންގަވަމުންދާ ބޭފުޅެއް،" އަލައްބާރަށް ތައުރީފު އޮއްސަވަމުން އޭނާ ވިދާޅުވި އެވެ.
"އެ ގޮތުން ދުނިޔޭގެ 18 އަށްވުރެ ގިނަ ގައުމުގައި އެ ބޭފުޅުންގެ އެކިއެކި ތަފާތު ޕްރޮޖެކްޓްތައް، 45 ޕްރޮޖެކްޓަށް ވުރެ ގިނަ ޕްރޮޖެކްޓްތައް އެބަ ހިނގަމުންދޭ. ވަރަށް ހަމަ ސަކްސެސްފުލް ޕްރޮޖެކްޓްތައް އެބަ ހިނގަމުންދޭ"
އީގަލް ހިލްސްގެ ގާބިލުކަން ވަޒަންކުރުމުގެ ގޮތުން ސަރުކާރުގެ ވަފުދަކުން ވަނީ މިސްރަށް ދަތުރެއްކޮށްފަ އެވެ. މި ދަތުރުގައި އެ މީހުން ދިޔައީ މިސްރުގެ ރަތް ކަނޑުގައި އެ ކުންފުނިން ތަރައްގީކުރަމުން އަންނަ މަރައްސީ ޕްރޮޖެކްޓު ބަލައިލަންށެވެ. މިއީ ވެސް ރާއްޖޭގައި ހިންގަން ސޮއިކުރި ޕްރޮޖެކްޓާ އެއްގޮތް، މަރީނާ ބޭއެއް ހިމެނޭ އިންޓަގްރޭޓަޑް ތަރައްގީގެ މަޝްރޫއެކެވެ.
ދިވެހި ވިޔަފާރިތަކަށް އީދެއް، ޑޮލަރު ތާށިކަމަށް ފަރުވާއެއް
ސަރުކާރުން ބުނާ ގޮތުގައި، މި ޕްރޮޖެކްޓު ފަރުމާކޮށްފައި ވަނީ އިގުތިސޯދުގައި އޮތް ބޮޑު ދެ މައްސަލައަކަށް ހައްލު ލިބޭނެ ގޮތަށެވެ. އެއް ކަމަކީ ރާއްޖޭގައި ހިންގާ ބިޔަ ޕްރޮޖެކްޓުތަކުން ދިވެހި ވިޔަފާރިތަކަށް ފުރުސަތު ނުލިބޭ މައްސަލަ އެވެ. އަނެއް ކަމަކީ އެ ވާހަކައެއް ދެއްކިޔަސް ދިވެހީންގެ ބޮލުގައި ރިއްސާ ޑޮލަރު ނުލިބޭ މައްސަލަ އެވެ.
ޒަރީރު ވިދާޅުވީ މި ޕްރޮޖެކްޓުގެ ތެރެއިން ތަންތަން އިމާރާތްކުރުމުގައި ހަރަކާތްތެރި ވާނީ ދިވެހި ކުންފުނިތައް ކަމަށެވެ. ހަމަ އެ ގޮތަށް އެ ތަންތަން ތަރައްގީކޮށް ނިމުމުން، ދިވެހިންނަށް ވިޔަފާރީގެ ބައިވަރު ފުރުސަތުތައް ފަހި ވާނެ އޭނާ ވިދާޅުވި އެވެ. ޒަރީރު ވިދާޅުވީ، އިންވެސްޓުކުރާއިރު ލިބޭ ފައިދާގެ އިތުރުން މި ޕްރޮޖެކްޓުން ދިގުދެމިގެންދާނެ ގޮތަކަށް ރާއްޖޭގެ އިގުތިސޯދަށް ފައިދާ ކުރާނެ ކަމަށެވެ.
"މި ޕްރޮޖެކްޓުގެ އެކި ކަންކަން ޑިވެލްޕްކުރުމުގައި ކޮންޓްރެކްޓާއިންގޮތުގައި ވެސް ހަމަ މަސައްކަތްކުރާނީ ދިވެހިން، ދިވެހި ކުންފުނިތަކަށް ވަރަށް ބޮޑު ފުރުސަތުތައް ލިބިގެންދާނެމި ޕްރޮޖެކްޓުގެ ތެރެއިން. ހަމަ އެއާއެކު މި ޕްރޮޖެކްޓަކީ އިންޓަގްރޭޓެޑް ޕްރޮޖެކްޓެއް. އޭގެ ތެރޭގައި އެބަ ހިމެނޭ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އަދި ހޮޓާތަކާއި އަދި އެކިއެކި ލަގްޒަރީ އެކިއެކި ލެވެލްގެ ޕްރޮޕަޓީސްތައް އެކި ސައިޒްގެ ޕްރޮޕަޓީސްތައް އެބަ ހިމެނޭ. ހަމައެގޮތަށް ކޮމާޝަލް އައުޓުލެޓްސްތައް އެބަހިމެނޭ.
ރަސްމާލެ ވޯޓާފްރަންޓް ޕްރޮޖެކްޓުގެ ތެރެއިން ޑޮލަރު މައްސަލަ ހައްލުކުރަން ހޯދި ފަރުވާއަކީ، ހުރިހާ ބިލުތަކަށް ފައިސާ ދައްކާއިރު ރާއްޖޭގެ ބޭންކެއްގެ އެކައުންޓެއް ބޭނުންކުރުމާއި ތަންތަން ވިއްކައިގެން ލިބޭ ފައިސާ ރާއްޖޭގެ ބޭންކެއްގައި އެސްކްރޯ ކުރަން ޖެހުމެވެ. މިއާއެކީ، މި ޕްރޮޖެކްޓުގެ ތަރައްގީކުރުމުގެ މަރުހަލާއިން ފެށިގެން ވިއްކާ މަރުހަލާގައި ވެސް ޑޮލަރުތައް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނާނެ އެވެ.
ޒަރީރު ވިދާޅުވީ، އީގަލް ހިލްސްއާއެކީ މި ކަންކަން މި ގޮތަށް ކުރަން އެއްބަސްވީ ޑޮލަރު ވަންނާނެ މަގުފަހިކޮށް، އިންވެސްޓު ކުރާ އިރުން ފެށިގެން އިގުތިސޯދުގެ ހާލަތު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި، މި ޕްރޮޖެކްޓާ އެކީ ޑޮލަރު މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބި، މިހާރު ހުރި ދަތިތައް ފިލަގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ހަރަދުނުކޮށް، 5000 ހައުސިން ޔުނިޓު
ރަސްމާލެ ބަޔަކަށް ދީގެން ލިބޭ އިގުތިސޯދީ ފައިދާގެ ވާހަކައާ އެކީ، ސަރުކާރުން އެންމެ ބާރަށް ދަައްކަމުންދާ އަނެއް ވާހަކައަކީ އީގަލް ހިލްސްއިން ތަރައްގީކޮށްދޭ ހައުސިން ޔުނިޓުތަކެވެ. އެ ކުންފުނީގެ އަމިއްލަ ހަރަދުގައި 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ މި ޔުނިޓުތައް އެޅުމަކީ، ރަސްމާލޭގައި ކަމެއް ކުރުމުގެ ކުރިން އެ ކުންފުނިން ފަށަން ޖެހޭ މަސައްކަތެކެވެ.
ޒަރީރު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުން ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ބޯހިޔާވަހިކަން ތަަރައްގީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ. އަދި، މިއީ ދިވެހި ދައުލަތުން ހަރަދެއް ކުރަން ނުޖެހޭ ގޮތަށް، ގެރެންޓީއެއް ވެސް ދޭން ނުޖެހޭ ގޮތަށް ތަރައްގީކޮށް ނިންމަން ޖެހޭ ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރޮޖެކްޓުގެ އިނީޝަލް ކޮމިޓްމެންޓް، ޕްރޮޖެކްޓުގެ ގޮތުގައި ފަސްސަތޭކަ މިލިއަން ޑޮލަރު އެ ބޭފުޅުން އަޅުގަނޑުމެންގެ ރާއްޖޭގެ ހައުސިންގ ޑިވެލޮޕްމެންޓް، ހައުސިންގ އެގޮތުން 5000 ހައުސިން ޔުނިޓް ހުޅުމާލޭގައި ޑިވެލޮޕް ކުރުމަށް އަޅުގަނޑުމެންގެ އެއްވެސް ފައިނޭންސިން ކޮމިޓްމެންޓެއް ނެތި 5000 ޔުނިޓު އެކިއެކި ފެންވަރުގެ ފަސްހާސް ޔުނިޓް ޔުނިޓު ދިވެހި ރައްޔިތުންނަށްޓަކައި މި ޕްރޮޖެކްޓުގެ ތެރެއިން މި ޕްރޮޖެކްޓުގެ ފެށުމެއްގެ ގޮތުގައި ޑިވެލޮޕްކޮށްދޭނެ،"
ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން މި ހައުސިން ޕްރޮޖެކްޓު އިފްތިތާހުކުރުމެވެ. އަދި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭ ވަރު ވާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓުގެ ބައިވަރު ތަފުސީލުތައް ނުދިން ނަމަވެސް، ސަރުކާރުން ބުނަނީ އެ ކުންފުނިން ތަރައްގީކުރަނީ ތިން ކޮޓަރީގެ އެޕާޓުމަންޓުތައް ކަމަށެވެ. ނަމަވެސް އެއީ ކޮން ގިންތިއެއްގެ ބަޔަކަށް ހާއްސަކޮށްގެން ތަރައްގީކުރާ ތަންތަން ކަމެއް ސަރުކާރުން އަދި ނުބުނެ އެވެ.
-----
ޒަރީރު ވިދާޅުވަނީ ރަސްމާލެ ވޯޓާފްރަންޓް ޕްރޮޖެކްޓު ނިމުމުން، ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމަށެވެ. އަދި، ޓޫރިޒަމްގެ ތެރެއަށް ހެލްތު ޓޫރިޒަމާއި ލޯންގް ސްޓޭ ތައާރަފުވެ، މުޅި ޓޫރިޒަމް ޕްރޮޑަކްޓު ބަދަލުކޮށްލާނެ ކަމަށެވެ.
ޒަރީރުގެ ބަހުން، "ޓްރާންސްފޯމެޓިވް" އަދި "މައިލްސްޓޯން" ރަސްމާލެ ވޯޓާފްރަންޓު ޕްރޮޖެކްޓަކީ އިގުތިސޯދީ ފައިދާ ބޮޑު، ހުރި މައްސަލަތަަކަށް ހައްލު ލިބޭ، ރައްޔިތުންނަށް އިގުތިސޯދީ އަދި އިޖުތިމާއީ ސީދާ މަންފާތަކެއް ލިބޭ ބޭނުންތެރި، ދިވެހިން އުފާކުރަން ޖެހޭ ވަރުގެ އިންވެސްޓްމަންޓެކެވެ.












