ހުލާސާކޮށް އިއްޔެ: ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން

May 18, 2026, 6:19 AM
އެމްއެންޑީއެފްއިން ހިންގި ރެސްކިޔު އޮޕަރޭޝަނުގެ ތެރެއިން

އެމްއެންޑީއެފްއިން ހިންގި ރެސްކިޔު އޮޕަރޭޝަނުގެ ތެރެއިން

ވާވު އަތޮޅު ދެވަނަ ކަނޑުގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ހަށިގަނޑު އަޑިން ނެގީ ފުލުހުންގެ ރެސްކިއު ޑައިވް ޓީމަކުންނެވެ. މަހުދީއަކީ ކޯސްޓުގާޑުގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މި ހަބަރުގެ އިތުރުން އިއްޔެގެ ހަބަރުތަކުން ފާހަގަކޮށްލެވޭ ސުރުހީތައް ތިރީގައި އެވަނީ އެވެ. 

މަހުދީ އަޑިން ނެގީ ފުލުހުންގެ ރެސްކިއު ޑައިވް ޓީމަކުން

މަހުދީ އަޑިން ނެގީ، އޭރު އެ އޮޕަރޭޝަނުގައި ބައިވެރިވާން ގޮސް ތިބި ހަތަރު ފުލުހުންގެ ޓީމަކުން އަޑިއަށް ފީނާފައި ގޮސް.

މި ހާދިސާގައި ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ފިންލެންޑުގެ ކޭވް ޑައިވް ސްޕެޝަލިސްޓުންގެ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސް ސިފައިންނާ ގުޅިފައެވެ. މި ޓީމުން މަސައްކަތް ކުރާނީ ފުން ހޮހޮޅަތަކުގެ ތެރޭގައި ތިިބި ކަމަށް ބެލެވޭ މީހުން ހޯދުމަށެވެ.

ހޮހޮޅައަށް ގޮސް ގެއްލުނު ފީނުންތެރިން ނަގަން އެހީތެރިވާ ފިންލެންޑުގެ ޓީމު ރާއްޖެ އަތުވެއްޖެ

ވާވު އަތޮޅު ހޮހޮޅައަކަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ހަތަރު ފީނުންތެރިން ހޯދުމުގެ މަސައްކަތަށް އެހީތެރިވުމަށް ފިންލެންޑުގެ ކޭވް ޑައިވް ސްޕެޝަލިސްޓުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ. މި އޮޕަރޭޝަނުގައި ބައިވެރިވި ދިވެހި ޑައިވަރަކު ނިޔާވުމާ ގުޅިގެން މެދުކަނޑާލާފައިވާ މި މަސައްކަތް، ބޭރުގެ މާހިރުންނާއެކު އަލުން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން.

ސިޔާސީ އަދި އިދާރީ ބަދަލުތައް

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން، މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ "މަގުޗާޓެއް" އެކުލަވާލުމުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ބައްދަލުވުމުގައި ތިން ރައީސުންގެ ފަރާތުން ކަނޑައަޅުއްވާފައިވާ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ތިން ރައީސުންގެ އިއްތިހާދުން "މަގުޗާޓް" އެކުލަވާލަން މާދަމާ ފުރަތަމަ ފަހަރަށް ބައްދަލުވަނީ

ނަޝީދުގެ ފަރާތުން ބައިވެރިވަނީ ފައްޔާޒު އަދީ އީވާ. ސޯލިހުގެ ފަރާތުން ބައިވެރިވަނީ ސަލީމް އަދި ބިގޭ. ޔާމީންގެ ފަރާތުން ބައިވެރިވަނީ ޒަރިޔަންދު އަދި މަލީހު. ގައުމު އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ހުރިހާ ސިޔާސީ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ތިން ރައީސުން ވަނީ އެއްބަސްވެވަޑައިގެންފައި.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން އަތޮޅުތަކުގައި ގާއިމުކުރާ އިދާރާތަކަށް "އަތޮޅު އޮފީސް" ކިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. މިއީ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު އިދާރީ ހިންގުން ހަރުދަނާކުރުމަށް ނިންމެވި ނިންމެވުމެކެވެ.

އެލްޖީއޭގެ ދަށުން އަތޮޅު އޮފީސްތައް އިޔާދަކޮށްފި

އެލްޖީއޭގެ ސީއީއޯ އަހުމަދު ނިމާލަށް އެޑްރެސްކޮށް ރައީސް އޮފީހުން ފޮނުވާފައި ސިޓީއެއްގައި ބުނެފައިވަނީ، އެލްޖީއޭގެ ހިދުމަތްތައް އަތޮޅުތަކުގައި ދިނުމަށް ޓަކައި ގާއިމުކުރާ އޮފީސްތަކަށް "ލޯކަލް ގަވަމަންޓް އޮތޯރިޓީ -(އަތޮޅު) އޮފީސް" ބޭނުންކުރަން ފެންނަ ކަމުގައި މުއިއްޒު ވިދާޅުވެފައިވާ ކަމަށް.

މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާޕާސަންގެ މަގާމުން ޝަމްހޫޒާ އަހުމަދު ވަނީ ވަކިކޮށްފައެވެ. ޝަމްހޫޒާ އެ މަގާމުން ވަކިކުރި ސަބަބު ސަރުކާރުން ހާމަކޮށްފައި ނުވާއިރު، އޭނާ ވަނީ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުން ވެސް ވަކިކޮށްފައެވެ.

ފެން ކުންފުނީގެ ޗެއާޕާސަންކަމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޝަމްހޫޒާ އަހުމަދު އެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ވަކިކޮށްފައެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ޝަރުއީ ދާއިރާއާއި މީޑިއާ

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ ޖަލަށްލާފައިވާ އަދަދު ނޫހުގެ ލީވާން އަލީ ނާސިރު، ޖަލުގެ ވަކި ގޮޅިއަކަށްލައި އެކަހެރިކޮށްފިއެވެ. މި މައްސަލައިގައި އިތުރު ނޫސްވެރިއަކު ވެސް ހުރީ ބަންދުގައެވެ.

ލީވާން ވަކި ގޮޅިއަކަށް ލައި އެކަހެރިކޮށްފި

ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި 10 ދުވަހަށް ޖަލަށްލާފައިވާ ނޫސްވެރިޔާ ލީވާން އަލީ ނާސިރު، ސާފުތާހިރުކަން ކުޑަ ވަކި ގޮޅިއަކަށް ބަދަލުކޮށް އެކަހެރިކޮށްފި. މި ބަދަލާއެކު ލީވާންގެ ހަމުގެ ބަލި އިތުރަށް ގޯސްވަމުންދާއިރު، އޭނާއަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި އާއިލާއިން ފޮނުވި ތަކެތި ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހުރަސްއަޅާފައި.

ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރު" ނުވަތަ ވާހަކަދެއްކުން މަނާކުރާ އަމުރު، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. މި އަމުރަކީ ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަމުރެއް ކަމަށް އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރު ފިޔާޒުގެ ފަރާތުން އިސްތިއުނާފުކޮށްފި

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، "އަދަދު" ނޫހުގެ ސީއީއޯ ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މި އަމުރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަމުރެއް ކަމަށް ބުނެ މީގެ ކުރިން އެމްޖޭއޭއިން ހުށަހެޅި މައްސަލަ ބަލައިނުގަތީ، އެއީ މައްސަލައިގެ ހަސްމަކަށް ނުވާތީއެވެ. ކޯޓު އަމުރުގައިވަނީ މައްސަލައިގެ ހަސްމުންނާއި ޝިކާރައަށްވީ ފަރާތާ ގުޅުވައި އެއްވެސް ވާހަކައެއް ދެއްކުމާއި މައުލޫމާތު ފެތުރުން މަނާކޮށްފައެވެ.

ބައިނަލްއަގުވާމީ ސިއްހަތާއި ރަސްމީ ދަތުރުފުޅުތައް

ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން، ރާއްޖޭގެ ހެލްތު މިނިސްޓްރީން އެ ހާލަތު މޮނީޓާ ކުރަން ފަށައިފިއެވެ. މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ބަލަމުންނެވެ.

އެބޯލާއާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު: ހެލްތު މިނިސްޓްރީން ހާލަތު މޮނީޓާކުރަނީ

ކޮންގޯ އާއި ޔޫގެންޑާގައި އެބޯލާ ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެއީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީން ހާލަތު މޮނީޓާކުރަން ފަށައިފިއެވެ.

އެބޯލާގެ ނުރައްކާ ބޮޑުވެ ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމާ ގުޅިގެން، ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. މި ބަލީގައި މިހާތަނަށް 80 މީހުން މަރުވެފައިވާއިރު، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ވެކްސިނެއް ނެތުމުން ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެ ޖަމްއިއްޔާއިން އިންޒާރުދެއެވެ.

ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން އިންތިޒާމުކުރި ދަތުރެއް ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، މިސްރުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފައި ނެތުމުން އެކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ރާއްޖޭގެ އެމްބަސީއެއް ނުހުންނަ މިސްރަށް ޕޮލިސް ކޮމިޝަނަރު ދަނީ އެމްބަސީން އިންތިޒާމުކުރާ ދަތުރެއްގައި ކަމަށް ފުލުހުން ބުނެފި

ރާއްޖޭގެ އެމްބަސީއެއް ނެތް މިސްރަށް، އެ ގައުމުގެ އެމްބަސީން އިންތިޒާމުކުރާ ދަތުރެއްގައި ޕޮލިސް ކޮމިޝަނަރު އަލީ އިހުސާން ވަޑައިގަންނަވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ދަތުރުގައި މިސްރުގެ ސަލާމަތީ އިސްވެރިންނާ ބައްދަލުކޮށް، ކަރެކްޝަނަލް ފެސިލިޓީތަކާއި ތަމްރީނު މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ މަގުސަދަކީ ދެ ގައުމުގެ ފުލުހުންގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox