ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ތަރައްގީ އަށް ގިނަ މަޝްރޫއުތަކެއް ފައްޓަވައި ދެއްވައި އަދި ބައެއް މަޝްރޫއުތަކުގެ ނިމުމުން ފާހަގަކުރެއްވީ ނިމިދިޔަ ހަފްތާގަ އެވެ.
އެގޮތުން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އެޅި ޕޮލިސް އެކަޑަމީ (ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް) ރަސްމީކޮށް ހުޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ދިވެހި ފުލުހުންނަށް ތަމްރީންތައް ދިނުމަށް ހާއްސަކޮށްގެން ހުޅުވި މި އެކަޑަމީ އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުވި އެކަޑަމީއެކެވެ.
އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސޮއިކުރީ ވެސް ރައީސްގެ ދަތުރުފުޅުގެ ތެރެއިން ނިމިދިޔަ ހަފްތާގަ އެވެ. އެ މަޝްރޫއުގައި ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން, ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ/މަރަދޫފޭދޫ އަށް 76 ހެކްޓަރުގެ ބިން އިތުރުކުރާނެ އެވެ. އޭގެއިތުރުން, ފަތުރުވެރިކަމަށް ހާއްސަ ކުރެވިގެން އައްޑޫ ސިޓީ ފަޅު ތެރޭން 8.3 ހެކްޓަރުގެ ތިން ރަށަކާއި ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ ބްރިޖުގެ އެމްބޭންކުމަންޓަށް 3.3 ހެކްޓަރު ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ.
އައްޑޫ ސިޓީގެ 107 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއު އާއި ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ވެސް ރައީސް ސޯލިހު ފައްޓަވައިދެއްވީ މިދިޔަ ހަފްތާގަ އެވެ. އޭގެ އިތުރުން މަރަދޫ، މީދޫ އަދި މަރަދޫފޭދޫގެ ބަނދަރުތައް ތަރައްގީ ކުރުމަށްފަހު ވެސް ވަނީ ހުޅުވާފަ އެވެ.
އައްޑޫގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި، ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގުމަށްފަހު ނުވަ މީހަކު ހައްޔަރުކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. އައްޑޫއިން ހައްޔަރު ކުރީ ޓެރަރިސްޓު ޖަމާއަތް އައިސިސްއަށް ތާއީދު ކުރާ ކަމަށް ބެލެވޭ ބަޔެކެވެ. އެމީހުންގެ ހައްޔަރު ކުރުމުގެ އިތުރުން ދިރިއުޅޭ ގިނަ ތަންތަން ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ވަސީލަތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާ ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަަމަށް ބެލެވޭތީ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕް ނެރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.
އިންތިޒާމްވެގެން ކުށް ކުރުމާއި ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރާ މަސްތުވާތަކެތީގެ ނެޓްވޯކުތަކަކީ ދިވެހިރާއްޖޭގެ ސަލާމަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިޒާމްވެގެން ހިންގާ ކުށްތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތައް "ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ހަމައަށް އުފުލާ މަންޒަރު އެބަފެނޭ" ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވީ ދައުލަތުން ހުށަހެޅި ހެކިބަހުން ވެސް އޭނާގެ ދިފާއުއަށް ބާރު ލިބުމުންނެވެ.
މިދިޔަ އަހަރުގެ މޭ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކާއި، ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމުގެ މައްޗަށް ކުރާ ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރި ކަމުގެ ދައުވާގައި ހެކި ހާމަކުރުމުގެ މަރުހަލާގެ އަޑުއެހުންތައް ފެށީ މިދިޔަ ހަފްތާގަ އެވެ. އަދި، އަންނަ ސެޕްޓެމްބަރަށް މައްސަލަ ނިންމުމަށް ގާޒީ ވަނީ ތާވަލުކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު ސަސްޕެންޑު ކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓަކަށްފަހު އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ, އެކަން މި ނޫހަށް ޔަގީންކޮށް ދެއްވަމުން ވިދާޅުވީ, އޮޑިޓުން ފާހަގަވި ކަންކަން ތަހުގީގު ކުރުމަށްޓަކައި ޑރ. ފާއިޒް މަގާމުން އެކަހެރިކޮށްފައިވާ ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- ޅ. ކުރެންދޫ ކައުންސިލްގެ ރައީސްކަން ޕީޕީއެމްގެ ކެނޑިޑޭޓު ކާމިޔާބުކުރުން
- ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނުބަލައި އިންޑިއާއިން އެހީ ދެނީ ދިވެހި ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވުން.
- މާލޭގައި 2017 ވަނަ އަހަރު ބޮމެއް ހެދި މައްސަލައިގައި ހިމެނޭ ހެކިތައް ސިއްރުކުރުން
- ތަސްމީނުގެ ހިއްސާ އޮތް ފުނައްޑޫ ސަރުކާރުން ގަތުން
- ޔާމީންގެ ދިފާއުގައި 18 ހެއްކެއް ހުށަހެޅުން
- ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށުން
- "ކަނޑޫދޫ މިރުސް" ބްރޭންޑެއްގެ ގޮތުގައި އުރީދޫން ތައާރަފުކުރުން
- ގޯލްޑަންގެ ތަށި އުފުލާލައި ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ދިފާއުކުރުން
ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން
- މިއީ 1962 ވަނަ އަހަރު ތިނަދޫ އިން މީހުން ބޭލި މައްސަލައާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުން ކުރިއަށްގެންދާ އަޑުއެހުންތަކަށް އަލިއަޅުވާލައި އިންތިގާލީ އިންސާފު ގައުމިއްޔަތަށްޓަކައި މުހިންމުވާ ސަބަބުތަކާ ގުޅޭގޮތުން ނަސްމާ އަބްދުލް މުހްސިން ލިޔެފައިވާ ކޮލަމެކެވެ.
- މިއީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އއ. ތޮއްޑޫގައި ދަނޑުވެރިން ކަރާ ހެއްދުމަށް ކުރަމުންދާ މަސައްކަތްތަކާއި ކަރަލުގެ ތަފާތު އެކި މައުލޫމާތުތައް ހިމަނައިގެން އަހްމަދު ސައީދު އެ ރަށުގެ ދަނޑުވެރިންނާ ބައްދަލުކުރުމަށް ފަހު ލިޔެފައިވާ ރިޕޯޓެކެވެ.
- ރާއްޖޭގެ ހުރިހާ ސިނާއަތްތަކެއް ކަހަލަ ގޮތަކަށް އިމްޕޯޓަށް ބަރޯސާވާތީ މުދާ އިމްޕޯޓު ކުރާ މިންވަރާއި އިގުތިސޯދީ އުފެއްދުންތެރިކަމާ ސީދާ ގޮތުން އޮތް ގުޅުމުގެ ތެރެއިން ކަމަށްވާތީ ރާއްޖެއަށް މުދާ އެތެރެކުރަމުންދާ ނިސްބަތަށް ބަލައި އިގްތިސާދީ ހާލަތު ރަނގަޅު ކަމަށް ފެންނަ ކަމަށް ބަޔާންކޮށް އަމަން ހަލީމް ލިޔެފައިވާ ރިޕޯޓެކެވެ.
ދިރާސާތަކުން ކިޔާލުމަށް
"ރިވިއު އޮފް ދަ ޑީސެންޓްރަލައިޒޭޝަން ފްރޭމްވޯކް އިން ދަ މޯލްޑިވްސް"
މިއީ ރާއްޖޭގައި އިދާރީ ހިންގުން ލާމަރުކަޒު ކުރުމަށް ގާއިމުކޮށްފައިވާ ނިޒާމާ ގުޅޭގޮތުން 2019 ވަނަ އަހަރު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ހުށަހެޅުންތަކެއް އެ ޖަމްއިއްޔާ އިން ވަނީ ހުށަހަޅާފަ އެވެ.













