ވިދިވިދިގެން ހަތަރު މަސް ދުވަހު ދަށަށް ދިއުމަށް ފަހު، މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވު (ޔޫސަބަލް ރިޒާވް) 183.6 މިލިއަން ޑޮލަރަށް އުފުލިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ރިޒާވް ރިޕޯޓުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު 169.8 މިލިއަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވަށް މިދިޔަ މަހު ވަނީ 13.8 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. މިއީ މަހުން މަހަށް ބަލާއިރު ގާތްގަނޑަކަށް އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. މިއީ ޖޫން މަހަށް ފަހު ބޭނުންކުރެވޭ ރިޒާވް މައްޗަށް ޖެހިލި ފުރަތަމަ ފަހަރެވެ.
މިދިޔަ މަހު ރާއްޖޭގެ ރަސްމީ ޖުމްލަ ރިޒާވް (އޮފިޝަލް ރިޒާވް) ވެސް ވަނީ 599.2 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރި 547.8 މިލިއަން ޑޮލަރާ އަޅާބަލާއިރު 51.4 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މީގެ އިތުރުން، ބޭރު ފައިސާގެ އެހެނިހެން އެސެޓުތަކުގެ ގޮތުގައި ހުރި 144.4 މިލިއަން ޑޮލަރާ އެކު، މުޅި ޖުމްލަ ރިޒާވް ހުރީ 743.6 މިލިއަން ޑޮލަރުގަ އެވެ.
ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ ކުރު މުއްދަތުގެ އިލްތިޒާމުތައް (ޝޯޓް ޓާމް އޮބްލިގޭޝަންސް) ގާތްގަނޑަކަށް 560 މިލިއަން ޑޮލަރަށް އަރަ އެވެ. ބޭނުންކުރެވޭ ރިޒާވްގެ އަދަދަކީ މި އިލްތިޒާމުތައް އުނިކުރުމުން އެމްއެމްއޭގައި އޮންނަ އަދަދެވެ.
އޮކްޓޫބަރު މަހު ރިޒާވް ކޮންމެވެސް ވަރަކަށް މައްޗަށް ޖެހުނު ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު ރިޒާވް އަދިވެސް ހުރީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށުގަ އެވެ. މި އަހަރުގެ މާޗު މަހު ރެކޯޑުކުރި އެންމެ މަތީ އަދަދު ކަމަށްވާ 409 މިލިއަން ޑޮލަރާ އަޅާބަލާއިރު، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަނީ 55 ޕަސެންޓު ދަށުގަ އެވެ. އެ މަހު ރަސްމީ ޖުމްލަ ރިޒާވް ހުރީ 1.33 ބިލިއަން ޑޮލަރުގަ އެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ވެސް ރިޒާވް ވަނީ ހީނަރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވުގައި 193 މިލިއަން ޑޮލަރު ހުރިއިރު، އެއީ ފަސް ޕަސެންޓުގެ ދަށްވުމެކެވެ. އަދި އޭރު 866.3 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް ވަނީ 31 ޕަސެންޓު ވެއްޓިފަ އެވެ.
ފާއިތުވި މަސްތަކަށް ބަލާއިރު، ޖޫން މަހު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 248.9 މިލިއަން ޑޮލަރެވެ. ޖުލައި މަހު އެ އަދަދު 221.9 މިލިއަން ޑޮލަރަށް ދަށްވި އެވެ. އަދި އޮގަސްޓު މަހު 200.6 މިލިއަން ޑޮލަރަށް އަދި ސެޕްޓެމްބަރު މަހު 169.8 މިލިއަން ޑޮލަރަށް ރިޒާވް ވެއްޓުނެވެ.
މާޗު މަހަށް ފަހު ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ވެއްޓުނީ ދައުލަތުން ދައްކަން ޖެހުނު ބޮޑު ސުކޫކު ދެއްކުމާ ގުޅިގެންނެވެ. އެއަށް ފަހު ފާއިތުވި މަސްތަކުގައި ރިޒާވް ހުރީ ވަކި ހަމައެއްގައި ނުހިފެހެއްޓި ދަށްކޮށެވެ. އޮކްޓޫބަރު މަހު ރިޒާވަށް ކުޑަ ކުރިއެރުމެއް ލިބުނު ނަމަވެސް، އަހަރުގެ ކުރީކޮޅު ހުރި މިންވަރާ އަޅާބަލާއިރު ރިޒާވް އަދިވެސް ހުރީ ވަރަށް ބޮޑަށް ދަށުގަ އެވެ.








