މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު ކުޑަކޮށް މައްޗަށް ޖެހިލި ނަމަވެސް، މި ހިނގާ ނޮވެމްބަރު މަހު އެ އަދަދު އަނެއްކާ ވެސް މިދިޔަ އަހަރަށް ވުރެ ދަށަށް ވެއްޓި، މި އަހަރުގެ މިހާތަނަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވެސް ކުރީ އަހަރަށް ވުރެ 74،335 މީހުން މަދުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 އިން 25 އަށް ރާއްޖެ އައިސްފައި ވަނީ 151،814 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 161،966 ޓޫރިސްޓުން އައިއިރު، މިއީ މިދިޔަ އަހަރަށް ވުރެ 10،152 މީހުން ނުވަތަ 6.3 ޕަސެންޓުގެ ދަށްވުމެކެވެ. މިއާއެކު، އޮކްޓޫބަރު މަހު ފެނުނު ކުޑަ ކުރިއެރުމަށްފަހު، ނޮވެމްބަރު މަހު މާކެޓް އަނެއްކާވެސް ވަނީ ފަހަތަށް ޖެހިފަ އެވެ.
މި އަހަރުގެ ޓޫރިޒަމް ހިސާބުތަކަށް ބަލާއިރު، ކުރީ އަހަރާ އަޅާބަލާއިރު ކުރިއެރުން ލިބިފައިވަނީ މަދު މަސްތަކެއްގަ އެވެ. އެގޮތުން ޖެނުއަރީ، ފެބްރުއަރީ އަދި އޮގަސްޓް މަހުގެ އިތުރުން މެއި އަދި އޮކްޓޫބަރު މަހު އަދަދުތައް ކުޑަކޮށް މައްޗަށް ދިޔަ އެވެ. ނަމަވެސް މާޗް، އޭޕްރީލް އަދި ޖޫން މަހު ރާއްޖެއަށް އައި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ދަށަށް ދިޔައީ އޭޕްރީލް މަހު 24.4 ޕަސެންޓުން އަދި މާޗް މަހު 19.8 ޕަސެންޓުންނެވެ. އަދި ސެޕްޓެމްބަރު އަދި ޖުލައި މަހު ވެސް ހިސާބުތައް ހުރީ ކުރީ އަހަރަށް ވުރެ ދަށުގަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދަކީ 1،914،565 އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 1،988،900 މީހުން ރާއްޖެ އައިއިރު، މިއީ 3.7 ޕަސެންޓުގެ ދަށްވުމެކެވެ. ރާއްޖެއަށް އެތެރެވި ވިޔަފާރި ވެރިންނާއި ކްރޫޒް ދަތުރުވެރިން ހިމަނައިގެން ބެލި ނަމަވެސް، މި އަހަރު އައި ޖުމްލަ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 3.2 ޕަސެންޓު ދަށްވެފަ އެވެ.
ސަރުކާރުން މި އަހަރަށް އެންމެ ފުރަތަމަ އަމާޒު ހިފީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެއަށް ފަހު އެ އަމާޒު ވަނީ 2.15 މިލިއަނަށް ދަށްކޮށްފަ އެވެ.








