ޓޫރިސްޓުންނަށް މޫދު ކުޅިވަރާއި އެކްސްކާޝަންގެ ހިދުމަތް ދިނުމުގައި ސަލާމަތީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އެ ހިދުމަތްދޭ ހުރިހާ ތަނެއް ރަޖިސްޓްރީ ކުރުމާއި އިންޝުއަރެންސް ނެގުން މަޖުބޫރުކުރާ އާ ގަވާއިދަކަށް ޓޫރިޒަމް މިނިސްޓްރީން މިއަދު އަމަލުކުރަން ފަށައިފި އެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި "ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" އަކީ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލި ގަވާއިދެކެވެ. މީގެ ކުރިން މި ދާއިރާއަށް ހާއްސަކޮށްގެން މިފަދަ ވަކި ގަވާއިދެއް ނޯވެ އެވެ.
މި ގަވާއިދު ހިނގާނީ ރިޒޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީ އުޅަނދުފަހަރު އަދި ވަކިން ހިންގާ ސެންޓަރުތަކުގެ މައްޗަށެވެ. އެފަދަ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. ބޮޑެތި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ފީއަކީ 15،000ރ. އެވެ. ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މި ފީ ދެއްކުމުން ވަނީ އިސްތިސްނާކޮށްފަ އެވެ. ރަޖިސްޓްރޭޝަންގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ޕަބްލިކް ލައިބިލިޓީ އަދި ތިން ވަނަ ފަރާތުގެ ގެއްލުންތައް ކަވަރުކުރާ އިންޝުއަރެންސް ޕޮލިސީއެއް ނަގަން ޖެހެ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ތަނަކުން އިންޝުއަރެންސް ފުރިހަމަކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ. މިފަދަ އިންޝުއަރެންސެއް ނެތި ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ. އިންޝުއަރެންސް ނުދައްކާ ފަރާތްތަކުގެ އޮޕަރޭޓިން ލައިސަންސް ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް އޮންނާނެ އެވެ.
މޫދު ކުޅިވަރުތައް ހިންގުމުގައި ބަލަންޖެހޭ މޫސުމީ ހަރުކަށި މިންގަނޑުތަކެއް ވެސް މި ގަވާއިދުން ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން ވައިގެ ބާރުމިން ގަޑިއަކު 11 މޭލަށް ވުރެ ގަދަވާނަމަ ނުވަތަ ރާޅުގެ އުސްމިން ހަތަރު ފޫޓަށް ވުރެ އުސްވާނަމަ ހަރަކާތްތައް ހިންގުން މަނާވާނެ އެވެ. މީގެ އިތުރުން މެޓް އޮފީހުން އޮރެންޖް ނުވަތަ ރެޑް އެލާޓް ނެރެފިނަމަ ހުރިހާ މޫދު ކުޅިވަރެއް ވަގުތުން ހުއްޓާލަން ޖެހެ އެވެ. އަދި ހިދުމަތް ދިނުމުގެ އެއް ގަޑިއިރު ކުރިން ރިސްކް އެސެސްމަންޓެއް ހެދުމަކީ ލާޒިމު ކަމެކެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 10،000ރ. އިން އަދި ދެވަނަ ފަހަރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. ތިން ވަނަ ފަހަރު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު، އެ ތަނެއް ހިންގުމުގެ ހުއްދަ ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވެ އެވެ.








