ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ ކޮންމެ ދެ މީހަކަށް ގައިޑެއް ބެހެއްޓުމާއި، އެފަދަ ހަރަކާތްތަކުގައި ލައިފް ޖެކެޓް އެޅުން ޓޫރިޒަމް މިނިސްޓްރީން މިއަދު މަޖުބޫރުކޮށްފި އެވެ.
އެ މިނިސްޓްރީން ގެޒެޓުކުރި "ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން މޫދު ކުޅިވަރު ހިންގުމުގައި ގައިޑުން ތިބެން ޖެހޭ ނިސްބަތްތައް ވަނީ ކަނޑައަޅާފަ އެވެ. މި ގަވާއިދުގެ މަގުސަދަކީ ޓޫރިސްޓުން މޫދަށް އެރި އުޅުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމެވެ.
އާ ގަވާއިދު ބުނާ ގޮތުން ފަތަން ރަނގަޅަށް ދަންނަ ޓޫރިސްޓުންނާއެކު ހިންގާ ހަރަކާތްތަކުގައި ވެސް ކޮންމެ ދިހަ މީހަކަށް އެއް ގައިޑު ހުންނަންވާނެ އެވެ. ނަމަވެސް ފަތަން ނޭނގޭ މީހުން ނަމަ ކޮންމެ ދެ މީހަކަށް އެއް ގައިޑު ބެހެއްޓުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.
މީގެ އިތުރުން ޖެޓްސްކީ ފަދަ މޮޓޮރައިޒްޑް ކުޅިވަރުތަކުގައި ކޮންމެ ހަތަރު މީހަކަށް އެއް އިންސްޓްރަކްޓަރު އަދި ވޭކްބޯޑިން ފަދަ ކުޅިވަރުތަކުގައި ކޮންމެ ހަ މީހަކަށް އެއް އިންސްޓްރަކްޓަރު ބަހައްޓަން ޖެހެ އެވެ.
މޫދު ކުޅިވަރުގެ ހަރަކާތްތައް ފެށުމުގެ ކުރިން ޓޫރިސްޓުން ފަތަން އެނގޭ މިންވަރު ތިލަ ސަރަހައްދެއްގައި ބަލައި ދެނެގަންނަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުން އުޅަނދުގައި ތިބޭއިރު އަދި މޫދަށް އެރި އުޅޭއިރު ލައިފް ޖެކެޓް އެޅުން މަޖުބޫރުވާނެ އެވެ. އަދި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ އެންމެން ވެސް ލައިފް ޖެކެޓް އަޅަން ޖެހެ އެވެ. މީގެ އިތުރުން ސިއްހީ ހާލަތާ ބެހޭ އިގުރާރު ފޯމެއްގައި ފަތުރުވެރިން ލައްވައި ސޮއިކުރުވަން ޖެހޭނެ އެވެ.
މި ދާއިރާގައި މަސައްކަތްކުރާ ގައިޑުންނާއި އިންސްޓްރަކްޓަރުންގެ ފެންވަރު މަތިކުރުމަށް ވެސް ހާއްސަ ޝަރުތުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެ ފަރާތްތަކަކީ ރެސްކިއު ޑައިވާ، ބޭސިކް ލައިފްގާޑް ނުވަތަ ފަސްޓްއެއިޑް ސަނަދު އޮތް ބަޔަކަށް ވާން ޖެހެ އެވެ. މިފަދަ ސަނަދެއް ނެތް މީހުންނަށް ކަނޑައެޅިފައިވާ ތަމްރީނު ފުރިހަމަކުރުމަށް އެއް އަހަރު ދުވަހުގެ މުހުލަތެއް ލިބޭނެ އެވެ. ސަނަދު ހުރި ފަރާތްތަކުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގައި ރަޖިސްޓްރީ ވާން ޖެހޭނެ އެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 10،000ރ. އިން އަދި ދެވަނަ ފަހަރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. ތިން ވަނަ ފަހަރު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު، އެ ތަނެއް ހިންގުމުގެ ހުއްދަ ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވެ އެވެ.








