ރާއްޖޭގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ޑޮލަރެއް ގަންނަން ލިބެން ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ސަލީމް ވިދާޅުވީ ޑޮލަރުގެ އަގު އެންމެ ބޮޑުވިއިރު ޑޮލަރެއް ގަންނަން ލިބެނީ 23.70 އަށް ކަމަށާއި މިހާރު ޑޮލަރުގެ އަގު ހުރީ 23.55ރ. އަށް ކަމަށެވެ.
"ތިޔަށްވެސް އެއްޗެއް ދަންނަވާލާނަން. ޑޮލަރުގެ މައްސަލައާ ބެހޭގޮތުން. 23.70ރ. އަށް އެންމެ މައްޗަށް މިހާތަނަށް ޑޮލަރު ދިޔައީ. އެނގޭތޯ. މިއަދުގެ ރޭޓަކީ 23.55ރ. މިއަދުގެ ރޭޓަކީ،" ސަލީމް ވިދާޅުވި އެވެ.
ޑޮލަރުގެ އަގު 23.55ރ. އަށް ހުރި ކަމަށް ސަލީމް ވިދާޅުވެފައިވާއިރު، އިއްޔެ ބަޖެޓަށް ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްުލްޣަފޫރު މޫސާ ވިދާޅުވީ ޑޮލަރުގެ އަގު އިއްޔެ ހުރީ 23ރ. އަށް ކަމަށެވެ. އެގޮތުން އެއް ދުވަހުގެ ތެރޭގައި އަގު 0.55ރ. މިވަނީ އިތުރުވެފަ އެވެ.
މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުވާނީ ރާއްޖޭގައި ދައުރުވާ ޑޮލަރު އިތުރުވެގެން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކަޅު ބާޒާރުގައި މީގެ ކުރިން އިންތިހާއަށް ޑޮލަރުގެ އަގު އުފުލެމުން ދިޔައީ ނޫސްތަކުގައި ހަބަރު ޖަހަމުން ދާތީކަމަށް ބުނެ މަޖިލީހުން ވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަ މިންވަރު ރިޕޯޓުކުރުން ގާނޫނީ ގޮތުން މަނާކޮށްފަ އެވެ.
ގާނޫނަށް އެ ބަދަލުގެނައި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި ޑޮލަރުގެ އަގަށް ބަދަލު ނާންނަކަމަށް ސޯޝަލްމީޑިއާ އާއި އެ ނޫން ވެސް އެހެން މަންސަތަކުގައި މީހުން ދަނީ ބުނަމުންނެވެ.








