"ޓޫރިޒަމާއި އެއްފަހަރު ލިބޭ އާމްދަނީ އަދި އެތެރޭގެ ދަރަންޏަށް އިންތިހާއަށް ބަރޯސާވެފައި އޮތުން"، މިއީ އަންނަ އަހަރުގެ ބަޖެޓާ މެދު އެމްއެމްއޭއިން ދިން ރައުޔުގެ އެންމެ ކުރު ހުލާސާ އެވެ.
އެމްއެމްއޭގެ ބަސް ވަރަށް ސާފެވެ. މި ބަޖެޓަކީ ގޯހެއް ހަދަން އެއްވެސް ޖާގައެއް ނެތް ބަޖެޓެކެވެ. ކުޑަ ލޮޅުމެއް އެރިޔަސް ފޫބެއްދޭނެ ގޮތެއް ނެތް ބަޖެޓެކެވެ. އަދި 2028 ގެ ޑެފިސިޓު ލަނޑުދަނޑިއަށް ވާސިލުވާން ހަރަދު ކުޑަކުރުން ފަދަ ހަގީގީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.
އާމްދަނީގެ ބަރޯސާވުމާއި ހުރި ފަރަގުތައް
މާޒީގައި ހުށަހެޅި ބަޖެޓުތަކެކޭ އެއްފަދައިން، އަންނަ އަހަރުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރާނެ އާ ފިޔަވަޅުތަކެއް ހިމަނާފައި ނެތެވެ. އަދި، މި އަހަރާއި އަންނަ އަހަރުގެ ގިނަ އާމްދަނީތައް ސީދާ ގޮތުންނާއި ސީދާ ގޮތުން ގުޅިފައި ވަނީ ޓޫރިޒަމާ އެވެ. އެމްއެމްއޭގެ މައިގަނޑު ކަންބޮޑުވުމަކީ ޓޫރިޒަމާއި އާމްދަނީގެ މި ބޮޑު ގުޅުމެވެ.
މެދުއިރުމަތީގެ ހަނގުރާމަ ހަނދާނުގައި ބަހައްޓައިގެން، އެ އޮތޯރިޓީން ވަނީ އިތުރު ލޮޅުމެއް އައިސް އާމްދަނީ ދަށްވެދާނެ ކަމަށް އިލްތިމާސްކޮށްފަ އެވެ. މި ހާލަތުގައި އަމަލުކުރާނެ ވަރުގަދަ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުންޏެވެ. އަދި، މައިގަނޑު މާކެޓުތަކާއި އައު މާކެޓުތަކަށް މާކެޓިން ވަރުގަދަކޮށް، ވައިގެ މަގުން ރާއްޖެ އަދެވޭ ރޫޓުތައް އިތުރުކޮށް، ޓޫރިޒަމްގެ ވިލުންވެރިކަން ވަރުދަގަކުރަން އެ އޮތޯރިޓީން ވަނީ ބާރުއަޅާފަ އެވެ.
އެކަމަކު، މި ހުރިހާ ފިޔަވަޅަކާ އެކީ ވެސް އެމްއެމްއޭގެ މައިގަނޑު ނަސޭހަތަކީ މުޅި އިގުތިސޯދު ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމެވެ.
އާމްދަނީ ހޯދަން ޓޫރިޒަމަށް ބަރޯސާވެފައި އޮތް މިންވަރު ފެންނަ އެއް މިސާލަކީ އެއްފަހަރު ލިބޭ އާމްދަނީ އެވެ. އަންނަ އަހަރު ވެސް އެއްފަހަރު ލިބޭ އާމްދަނީ އެއްކޮށް ކަހަލަ ގޮތަކަށް ބިނާވެފައި އޮތީ ޓޫރިޒަމަށެވެ. އެގޮތުން ކަނޑައަޅާފައިވާ 50 މިލިއަން ޑޮލަރުގެ އަމާޒުގެ ތެރެއިން 459.6 މިލިއަން ރުފިޔާ ހޯދަން ރާވާފައި ވަނީ ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީންނެވެ.
ނަމަވެސް މި އަހަރުވެސް އެ ފީން 771 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ކުރިއިރު، މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ އެންމެ 201.7 މިލިއަން ރުފިޔާ އެވެ. ބަޖެޓުގައި މިއީ ނުރައްކަލެއް ކަމަށް އަމިއްލައަށް އެއްބަސްވާއިރު، މި ފައިސާ ނުލިބިއްޖެ ނަމަ ހަދާނެ އެއްވެސް ގޮތެއް ނެތް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ޓޫރިޒަމުން އެއް ފަހަރު ލިބޭ އާމްދަނީއަށް ބަރޯސާވުން އޮތީ ހަމައެކަނި އަންނަ އަހަރަކު ނޫނެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 32 ޕަސެންޓުގައި ހިފަހައްޓަން ރާވާފައި ވަނީ ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީން ލިބޭނެ ކަމަށް ލަފާކުރާ ބިލިއަންތަކަށެވެ. މިހެންކަމުން މެދުރާސްތާގައި ވެސް އާމްދަނީ ހަމަޖައްސަން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ މިފަދަ ޔަގީންކަމެއް ނެތް ފައިސާއަށެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދުތައް އިތުރުވާ މިންވަރާ ވެސް އެމްއެމްއޭގެ ކަންބޮޑުވުން ބޮޑެވެ. މީރާ މެދުވެރިކޮށް ނުލިބި ހުރި ޓެކުހާއި ފީތައް މި އަހަރުގެ ޖޫން މަހާ ހަމައަށް 14.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމްސްއަށް ލިބެން ޖެހޭ ފައިސާ ވެސް ދަނީ އިތުރުވަމުންނެވެ.
މިކަން ހައްލުކުރަން ސަރުކާރުން ވަނީ މި ފަހުން ޓެކްސް ނެގުމުގެ އިދާރީ ގާނޫނު ބަދަލުކޮށް، އީ-އިންވޮއިސިން އާއި ޑިޖިޓަލް ފައިލިން ތައާރަފުކުރަން ނިންމާފަ އެވެ. ނަމަވެސް މި ފިޔަވަޅުތަކުން އިތުރުވާނެ އާމްދަނީގެ އަންދާޒާއެއް ހިމަނާފައި ނެތް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ހަމަ މި ގޮތަށް، އާމްދަނީގެ ސިޔާސަތުތަކުގެ އަސަރު ދެނެގަތުމުގައި ވެސް ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެ ގޮތުން ޖީއެސްޓީ ރަޖިސްޓްރީކުރާ ލިމިޓު 1.5 މިލިއަން ރުފިޔާ މަތިކުރުމުން ވާނެ ގޮތާއި އާ މިނިވަން ވިޔަފަރީގެ އެއްބަސްވުންތަކުގެ ސަބަބުން އިމްޕޯޓު ޑިއުޓީން ގެއްލޭ އާމްދަނީ ދިރާސާކޮށް، ބަޖެޓުގައި ބަޔާންކޮށްފައި ނެތެވެ.
ހިންގުމުގެ ހަރަދާއި އިސްލާހީ ފިޔަވަޅުތައް
އާމްދަނީގެ ޔަގީންކަން މިހާ ކުޑައިރު، ހިލޭ އެހީ ނުހިމަނައި ދައުލަތަށް ލިބޭ އާމްދަނީގެ 99.7 ޕަސެންޓު ހޭދަވަނީ ހިންގުމުގެ ހަރަދަށެވެ. އަދި، އެއް ފަހަރު ލިބޭ އާމްދަނީ އާއި ހިލޭ އެހީ ހިމަނައިގެން މެނުވީ ބަޖަޓުގައި ލަފާކުރާ 43.2 ބިލިއަން ރުފިޔާގެ އާމްދަނީން ހިންގުމުގެ ހަރަދުގެ 42.7 ބިލިއަން ރުފިޔާ ފޫނުބެއްދެ އެވެ.
ނަމަވެސް ދައުލަތުގެ މާލީ ޒިންމާގެ ގާނޫނު ބުނާ ގޮތުން، ހިންގުމުގެ ހަރަދުތައް ހަމަޖައްސަން ޖެހެނީ ހިލޭ އެހީ ނުހިމަނައި ލިބޭ އާމްދަނީންނެވެ. މިހެންކަމުން އެއްފަހަރު ލިބޭ އާމްދަނީ ދަށްވެއްޖެ ހާލަތެއްގައި،ހިންގުމުގެ ހަރަދުތައް ހިފަހައްޓަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ހިންގުމުގެ ހަރަދު ކުޑަކުރަން ބަލާއިރު، މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ސަބަބުން ވޭޖް ބިލު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެހެންވެ، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކޮށް އަލަށް މުވައްޒަފުން ނެގުން މަދުކުރުމަށް އެމްއެމްއޭއިން ވަނީ ގޮވާލާފަ އެވެ. އަދި، ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، މުސާރައިގެ ބިލް އަންނަ އަހަރުގެ މިންވަރުގައި ހިފެހެއްޓުމަށް އޮތަސް، އަލަށް މުވައްޒަފުން ނެގުމުގައި އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން ދަތުރުތަކާއި ތަމްރީނާއި ސްކޮލަޝިޕް އަދި ކޮންސަލްޓަންޓުންނަށް ބޭރު ފައިސާއިން ކުރާ ހަރަދުތައް އިތުރުވުމާއި، އެތެރޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން އިންޓްރެސްޓް ހަރަދު މައްޗަށް ދިއުމުގެ ބުރަ ބޮޑު ވަމުން އަންނަ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ބަޖެޓުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ތެލާއި ކަރަންޓުގެ ސަބްސިޑީ އަންނަ އަހަރު ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ. އެކަަމަކު އެމްއެމްއޭއިން ބުނަނީ އަގު އުފުލިއްޖެ ނަމަ އެ ހަރަދުތައް މައްޗަށް ދާނެ ކަމަށެވެ. މި ހަރަދުތައް ކުޑަކުރަން ސަރުކާރުތަކުން ދޫކޮށްލާފައިވާ ސަބްސިޑީ ޓާގެޓު ކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ގޮވާލާފަ އެވެ.
ހަމަ މި ފަދައިން އާސަންދައިގެ ހަރަދު އަންނަ އަހަރު 16 ޕަސެންޓު ދަށްވާނެ ކަމަށް ބަލައި، ބަޖެޓު ވަނީ 2.8 ބިލިއަން ރުފިޔާއިން 2.3 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ. ސަރުކާރުން މި ބަދަލު ގެންނަން ރާވާފައި ވަނީ ބޭސް ގަނޑުކޮށް ގަތުމާއި މަރުކަޒީކޮށް ޕްރޮކިއުމަންޓް ހިންގައިގެންނެވެ. ނަމަވެސް އެކަންކަން ކުރާނެ ތާވަލެއް ނުވަތަ ސަލާމަތްވާނެ އަދަދެއް ބަޖެޓުގައި ނެތުމުން، ހަރަދު ބަޖެޓަށް ވުރެ އިތުރުވެދާނެ ކަމުގެ އިންޒާރު އެމްއެމްއޭއިން އިންޒާރު ދިނެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހަރަދުތަކަށް ބަލާއިރު، ކެޕިޓަލް އަދި ލޯނުގެ ގޮތުގައި އަންނަ އަހަރު ދިނުމަށް ހަމަޖައްސާފައި ވަނީ ދެ ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރާ އަޅާބަލާއިރު 241.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ނަމަވެސް މާޒީގައި ކުންފުނިތަކަށް ކަނޑައަޅާ ވަރަށް ވުރެ އިތުރަށް ހަރަދުވެފައިވާކަން އެމްއެމްއޭއިން ބުންޏެވެ. އަދި ކުންފުނިތައް އެއްކޮށްލުމާއި ސައިޒު ކުޑަކުރުމުގެ މަސައްކަތް ފެށިޔަސް، ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޑިވިޑެންޑާއި ލޯނުތައް ހޯދާނެ ޕްލޭނެއް ބަޖެޓުގައި ނެތް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ދައުލަތުން ބޭރު ފައިސާއިން ކުރާ ހަރަދުތައް އިންތިހާއަށް އިތުރުވަމުން ދިއުމަކީ ރަސްމީ ރިޒާވަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި، ތަމްރީނުތަކާއި ސްކޮލަޝިޕްތަކުގެ އިތުރުން ކޮންސަލްޓަންޓުންނަށް ކުރާ ބޭރު ފައިސާގެ ހޭދަ ކޮންޓްރޯލްކުރަން ޖެހޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ދައުލަތުގެ ހިންގުމުގެ ހަރަދުގެ އިތުރުން، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މަޝްރޫއުތަކުގެ ސަބަބުން ވެސް ބޭރު ފައިސާއަށް ކުރާ ބާރު ދަނީ ބޮޑުވަމުންނެވެ. ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް އުފުލޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މީގެ އިތުރުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ބަޖެޓުން ބޭރުން ބޮޑެތި މާލީ ޒިންމާތަކެއް އުފެދޭތީ، އާ މަޝްރޫއުތައް ފެށުމުގެ ބަދަލުގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބޭރު ފައިސާ ހިފެހެއްޓުމުގެ މުހިންމުކަން ބޮޑު ވަނީ، ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ދަނޑިވަޅަކަށް ވާތީ އެވެ. އެހެންކަމުން ބޭރު ފައިސާއިން ކުރާ ހަރަދުތައް ހަރުދަނާ އުސޫލަކުން ނުބަލަހައްޓައިފި ނަމަ، ރަސްމީ ރިޒާވް ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ފައިނޭންސިން، އެސްޑީއެފް އަދި ޑެފިސިޓްގެ އަމާޒު
އަންނަ އަހަރު ބަޖެޓު ފައިނޭންސް ކުރުމުގެ 63 ޕަސެންޓު ހޯދަން ރާވާފައި ވަނީ އެތެރޭގެ މަސްދަރުތަކުންނެވެ. މި އަދަދު މި އަހަރު 78 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގެ ބޭންކުތަކުގެ އެސެޓްތަކުގެ 35 ޕަސެންޓަކީ ސަރުކާރުގެ ސެކިއުރިޓީޒް އެވެ. އެމްއެމްއޭއިން ވަނީ އެތެރޭގެ ދަރަންޏަށް މިހާ ބޮޑަށް ބަރޯސާވާން ޖެހިފައިވާތީ، ބޭރުން ލިބޭނެ ކަމަށް ރާވާފައިވާ ފައިނޭންސިން ލިބޭނެކަން ކަށަވަރުކުރުމަށް ގޮވާލާފަ އެވެ.
އެމްއެމްއޭއިން ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާ ނަގާ މައްސަލަ ވެސް ފާހަގަކޮށްފަ އެވެ. މި ގޮތުން އަންނަ އަހަރު އެސްޑީއެފްއަށް 2.4 ބިލިއަން ރުފިޔާ ޖަމާކުރުމަށް ފަހު، ހަމަ އެ އަދަދަށް ފައިސާ ނަގަ އެވެ. އަދި 2029 ގެ ނިޔަލަށް ކޮންމެ އަހަރަކު ވެސް ވަންނަ ވަރަށް ފައިސާ ނަގާތީ ފަންޑު އިތުރެއް ނުވެ އެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައި ފަންޑުގައި ފައިސާ ރައްކާކުރުމަށް އެމްއެމްއޭއިން ދިން ލަފައާ ސީދާ އިދިކޮޅު ނިންމުމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އަންނަ އަހަރު ބޭރުން ފައިނޭންސިން ހޯދަނީ ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން 175 މިލިއަން ޑޮލަރު އަދި ބަޖެޓު ސަޕޯޓުގެ ގޮތުގައި 123 މިލިއަން ޑޮލަރެވެ. އެކަމަކު މި ފައިސާ ލިބުން ބިނާވެފައި އޮތީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވުމުގެ މައްޗަށް ކަމަށް ވާއިރު، މި ފައިސާ ނުލިބިއްޖެ ހާލަތެއްގައި އަމަލުކުރާނެ އެއްވެސް ބެކަޕް ޕްލޭނެއް ބަޖެޓުގައި ނެތް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އަނެއްކޮޅުން، މި އަހަރުގެ ތެރޭގައި ވެސް ދަރަނި އަދާކުރަން 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްފައިވާއިރު، ތެލާއި މުދާ އުފުލުމުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ހަރަދު ދަނީ ބޮޑުވަމުންނެވެ. އެހެންކަމުން ބޭރު ފައިސާގެ ރަސްމީ ރިޒާވް ހިމާޔަތްކުރުމަށް ވަރުގަދަ ޕްލޭނެއް އޮންނަން ޖެހޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ދައުލަތުގެ މާލީ ޒިންމާގެ ގާނޫނުގައި އޮންނަ ގޮތުން 2028 ވަނަ އަހަރު އަންނައިރު ދައުލަތުގެ ޑެފިސިޓް ޖީޑީޕީގެ 5 ޕަސެންޓަށް ތިރިކުރަން ޖެހެ އެވެ. ނަމަވެސް، ހަރަދު ހިނގާނެ މިންވަރު އަގުކޮށްފައިވާ އެއްވެސް ފިޔަވަޅެއް ބަޖެޓުގައި ނެތް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި "ރޭވިފައިވާ ބަދަލުތަކުން" 2028 ގައި ޑެފިސިޓު ތިރިކުރެވޭނެ ބުނުމުގެ ބަދަލުގައި، ޑެފިސިޓް ތިރިކުރުމަށްޓަކައި ހަރަދު ކުޑަކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރުމުގެ އިތުރުން މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭގެ ލަފާގެ ހުލާސާ
އަންނަ އަހަރުގެ ބަޖެޓަކީ ކުޑަ ލޮޅުމެއް އެރިޔަސް ފޫބެއްދޭނެ ގޮތެއް ނެތް، ނާޒުކު ބަޖެޓެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އާމްދަނީ އިތުރުކުރަން އާ ފިޔަވަޅެއް ނެތި، ޓޫރިޒަމާއި އެއްފަހަރު ލިބޭ އާމްދަނީއަށް ބޮޑަށް ބަރޯސާވެފައި ވާއިރު، އާމްދަނީގެ ބޮޑުބައި ހޭދަވަނީ ހިންގުމުގެ ހަރަދަށެވެ.
މީގެ އިތުރުން ބޭރު ފައިސާއިން ކުރާ ހަރަދުތަކާއި އެތެރޭގެ ދަރަނި އިތުރުވެ، އެސްޑީއެފް ފަންޑުން ފައިސާ ނަގަމުންދާތީ ރަސްމީ ރިޒާވް ހިމާޔަތްކުރަން ދަތިވާނެ ކަމުގެ އިންޒާރު އެ އޮތޯރިޓީން ދެ އެވެ. އަދި ބަޖެޓުގައި މި ނުރައްކާތަކަށް އިއުތިރާފުވެފައި ވިޔަސް، އެކަންކަމުން އަރައިގަންނާނެ އެއްވެސް މާލީ ތައްޔާރުވުމެއް ނެތް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.








