އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، އޮތް ގޮތަށް ފާސްކުރުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ބަޖެޓު ދިރާސާކުރި ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ، ދައުލަތުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ގެންނަން ނުފެންނަ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.
މި ނިންމުމާ އެކު، އޮފީސްތަކުން އެދުނު އިތުރުވުންތަކަށް ޖާގަ ނުދީ، ފިނޭންސް މިނިސްޓްރީން ހުށަހެޅި އަދަދުތައް ވަނީ ދަމަހައްޓައިފަ އެވެ. ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ ބަޖެޓު ރިޕޯޓު އެކުލަވާލައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ފޮނުވުމަށެވެ.
ކޮމިޓީން ފާސްކުރި ނިންމުމުގައިވާ ގޮތުން، ދައުލަތުގެ އޮފީސްތަކުގެ ރިކަރަންޓް ހަރަދުތަކާއި ކެޕިޓަލް ހަރަދުތައް ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީން އެކުލަވާލި އޮނިގަނޑާ އެއްގޮތަށެވެ. މީގެ އިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގުމަށް ހުށަހެޅި މަޝްރޫއުތަކުގެ ބަޖެޓަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އަދި އާ މަޝްރޫއުތައް އިތުރުކުރުމުގެ ބަދަލުގައި، ސަރުކާރުން ފޮނުވި ލިސްޓު އެއްކޮށް ވަނީ ފާސްކޮށްފަ އެވެ.
އަންނަ އަހަރަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރުގެ 64.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ނަމަވެސް ސަރުކާރު ހިންގުމާއި ތަރައްގީގެ ކަންކަމަށް ކުރާ ހަރަދު ވަނީ 3.3 ބިލިއަން ރުފިޔާ އިތުރުވެ، 52.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ބަޖެޓުގައި ޖުމުލަ އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާއަށް ބޮޑުވެފަ އެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީން ނިންމިއިރު، މަރުކަޒީ ބޭންކް (އެމްއެމްއޭ) އަދި އޮޑިޓާ ޖެނެރަލް ވަނީ މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް ހިލޭ އެހީ ނުލައި ލިބޭ އާމްދަނީގެ 101 ޕަސެންޓު ހިންގުމުގެ ހަރަދަށް ދިއުމާއި، ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދާނެ ސާފު ޕްލޭނެއް ނެތުން އެ ފަރާތްތަކުން ފާހަގަކުރެއްވި އެވެ.
އެހެން ނަމަވެސް، މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް ކޮމިޓީ މަރުހަލާގައި އެއްވެސް އިސްލާހެއް ގެނެސްފައި ނެތެވެ.








