މާލެ އަދި އައްޑޫ ސިޓީގެ އިންޖީނުގެތައް އެޅުމަށާއި އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ޓްރެޒަރީ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ފޮތުން ދައްކާ ގޮތުގައި މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުން ފެށިގެން 2029 އަށެވެ. އެގޮތުން އަންނަ އަހަރު 300 މިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 771 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހިމަނައިފަ އެވެ. އަދި 2029 ވަނަ އަހަރު 1.4 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.
ހަކަތައިގެ ދާއިރާއަށް ސަރުކާރުން ކުރާ މައިގަނޑު އިންވެސްޓްމަންޓަކީ ސްޓެލްކޯއަށް ދޭ މި އެހީ ކަމަށް ބަޖެޓުގައި ވަނީ ބަޔާންކޮށްފަ އެވެ. ބަޖެޓުގެ ތަފުސީލުގައިވާ ގޮތުގައި މިއީ މާލެ އާއި އަތޮޅުތަކުގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ދޭ ފައިސާ އެވެ. ނަމަވެސް ބަޖެޓުގެ ލޯނު ލައިންގައި ވަކިން ބަޔާންކޮށްފައި ވަނީ ހަމައެކަނި މާލެ އަދި އައްޑޫ އެވެ.
މި ފަހަކަށް އައިސް މާލޭގައި ކަރަންޓު ކެނޑުމުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު އައްޑޫގެ ހާލަތު މާ ގޯހެވެ. އަދި، އެކި ފަހަރު އެކި ޕްލޭން ދައްކާ އެކި ކުންފުނިތަކާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ އެއްކޮށް ހައްލެއް ނުވެ އެވެ.
އެ ގޮތުން 2024 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ޑޮންގްފެންގް ކުންފުންޏާ ހަވާލުކުރި ނަމަވެސް، މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުން އެ އެއްބަސްވުން ބާތިލުކުރި އެވެ. އޭގެ ފަހުން ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްއާ މަސައްކަތް ހަވާލުކުރުމަށް ފަހު، އެންމެ ފަހުން އައްޑޫގެ މުޅި ކަރަންޓު ވިއުގަ މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯއާ ހަވާލުކޮށްފަ އެވެ.
ދައުލަތުގެ ބަޖެޓުން ސްޓެލްކޯއަށް ދޭ ކަރަންޓު ސަބްސިޑީގެ އަދަދު ވެސް ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެ އެވެ. އެގޮތުން މިދިޔަ އަހަރު 198.2 މިލިއަން ރުފިޔާ އަދި މި އަހަރު 368.7 މިލިއަން ރުފިޔާ ހަރަދުވާއިރު، އަންނަ އަހަރު 743.2 މިލިއަން ހަރަދުވެ އެވެ.
ސްޓެލްކޯގެ ސަބްސިޑީ މިހާ ބޮޑަށް އިތުރުވީ ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ އެވެ. މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓުގައި ފެނަކައަށް ސަބްސިޑީގެ ގޮތުގައި 600 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދިން ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނެތެވެ.
އަންނަ އަހަރުގެ ބަޖެޓުން ސްޓެލްކޯއަށް 1.4 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ ލޯނާއި ސަބްސިޑީގެ އިތުރުން ކެޕިޓަލްގެ ގޮތުގައި ދޫކުރާ 400 މިލިއަން ރުފިޔާ ވެސް ހިމަނައިގެންނެވެ.
ސަރުކާރުން މި ހުރިހާ ހަރަދެއް ކުރާއިރު، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މި އަމާޒަށް ވާސިލުވުމަށް އަންނަ އަހަރު ބޮޑު ސޯލާ މަޝްރޫއެއް ފެށުމަށް ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މުސްތަގުބަލުގައި ސަބްސިޑީއަށް ކުރާ ހަރަދު ކުޑަކުރެވޭނީ މި ހަރަދު ކުޑަކޮށްގެންނެވެ. ނަމަވެސް ބޭރުގެ މާލީ އިދާރާތަކާއި މަރުކަޒީ ބޭންކާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ސަބްސިޑީ ޓާގެޓުކުރަން ލަފާދީފަ އެވެ.
މި ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީތަކަށް) ގިނަ ފައިސާތަކެއް ދިނުމަކީ ވެރިކަމަށް އައުމުގެ ކުރިންނާއި، ދައުރުގެ ކުރީކޮޅު ސަރުކާރުން ގެންގުޅުން ލިބޭ އެއްޗަކުން ކުންފުނިތައް ހިންގުމުގެ ސިޔާސަތާ ވެސް ނުގުޅޭ ކަމެކެވެ. މިހެން ބުނި ނަމަވެސް ވޭތުވި މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ކުންފުނިތައް ކޮޅަށް ޖަހަން ކަމަށް ބުނެ ރެކޯޑު އަދަދަކަށް ފައިސާ ހަރަދުކޮށްފި އެވެ.
ބަޖެޓު ފޮތްތަކުން ދައްކާ ގޮތުގައި މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެސްއޯއީތަކަށް ކެޕިޓަލްގެ ގޮތުގައްޔާއި ލޯނުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުވާ ފައިސާގެ އަަދަދު 12.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި މުއްދަތުގެ ތެރޭގައި ކުންފުނިތަކަށް ދޭން ބަޖެޓުކުރީ 5.4 ބިލިއަން ރުފިޔާ އެވެ. މިހެންކަމުން ސަރުކާރުން ވަނީ ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް 7.1 ބިލިއަން ރުފިޔާ އެސްއޯއީތަކަށް ދޫކޮށްފަ އެވެ.








