ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި، އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު ހައްޔަރުކޮށް އޭނާގެ ބަންދު ދަމަހައްޓާފައި ވަނީ ވިކްޓިމްކަމަށް ބުނާ ކުއްޖާގެ ޝަކުވާއެއް ތަހުގީގަށް އެހައިތަނަށް ވެސް ހޯދުމެއް ނެތި ކަމަށް ޝާހިދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ޝާހިދުގެ ވަކީލުންގެ ޓީމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝާހިދުގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ފުލުހުން ތަހުގީގު ހިންގަމުން ދަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެ ބާވަތުގެ މައްސަލަތަކުގައި ހިމާޔަތް ލިބިގެންވާ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި، އެފަދަ މައްސަލަތައް ބެލުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ފަދަ ކަންކަން ހިނގަމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. ޝާހިދުގެ ވަކީލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަބްދުﷲ ޝާހިދު ހައްޔަރުކޮށް އޭނާގެ ބަންދު ދަމަހައްޓާފައި ވަނީ ކުއްޖެއްގެ ޝަކުވާއެއް ތަހުގީގަށް އެހައިތަނަށް ވެސް ހޯދުމެއް ނެތި އެވެ، މިފަދަ ކަމެއް ހިނގިކަމަށް ތުހުމަތުކުރާ ވިކްޓިމްގެ ބަހެއް ނެތި، އެއްވެސް މީހަކު ހައްޔަރުކުރުމަކީ މީގެ ކުރިން އެއްވެސް އިރެއްގައި މި ބާވަތުގެ މައްސަލައެއްގައި ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ،" އެ ބަޔާނުގައި ބުންޏެވެ.
ޝާހިދު ބަންދުކުރަން ނިންމި ނިންމުން ހައިކޯޓުން މިއަދު ދެމެހެއްޓީ ވެސް އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގެ ވިކްޓިމްކަމަށް ބުނާ ކުއްޖާގެ ބަހެއް ތަހުގީގަށް ހޯދުނުކަމެއް ނުވަތަ ނޫންކަމެއް ކަށަވަރުނުކޮށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޝާހިދުގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ހުރި ބައެއް ކަންކަން ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން، ޝާހިދު ހައްޔަރު ކުރުމުގެ ކުރިން ރާއްޖޭގައި ހިންގަމުންދާ ގިނަ ނޫސްތަކެއްގެ ނޫސްވެރިންނަށް އެ މައުލޫމާތު ދީގެން ޝާހިދު ދިރިއުޅުއްވާ ގޭދޮށަށް ގެންދަން މަސައްކަތް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
އަދި، ޝާހިދު ހައްޔަރުކުރުމުގެ ވަގުތުތަކެއް ކުރިން، އޭނާ ހައްޔަރުކޮށްފި ކަމަށް ބުނެ ރާއްޖޭގައި ރެޖިސްޓާ ކުރެވިގެން ހިންގާ ނޫހެއްގައި ރިޕޯޓުކުރިކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، ޝާހިދުގެ މައްޗަށް ކުރާ ތުހުމަތަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބޭނުމަށް މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުމެއް ސިއްރުކުރުން ގާނޫނުން ލާޒިމުކޮށްފައިވާ ބާވަތުގެ މައްސަލައެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، އެ މައްސަލައާ ބެހޭ އެތައް މައުލޫމާތެއް ސޯޝަލްމީޑިއާގައި އާންމުވެފައިވުމަކީ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިތުބާރު ގެއްލުމުގެ އިތުރުން، އެކަމަކީ ސިޔާސީ ކުލަ ޖެހިފައިވާ ކަމެއްކަން ހާމަކޮށްދޭ ކަމެއްކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ މި މަހު 2، ގަ އެވެ. ޝާހިދު ހައްޔަރުކުރީ އޭނާ ދިރިއުޅޭ، ހުޅުމާލެ އޯޝަން ފްރަންޓް ރެޒިޑެންސްގެ އެޕާޓުމެންޓު ބަލައި ފާސްކުރުމަށްފަހު އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ޝާހިދުގެ ވަކީލުންގެ ޓީމުން މިރޭ ނެރުނު ބަޔާނުގައި ވެސް ވަނީ އެ ވާހަކަ ތަކުރާރުކޮށްފަ އެވެ.
"އެ މަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ އަސާސެެއް ނެތް ތުހުމަތެއްކަމުން، މި ކަމުގެ ހަގީގަތް ހާމަވެގެންދާނެކަމުގެ ޔަގީންކަން އަބްދުﷲ ޝާހިދުގެ ފަރާތުން އަރުވަ އެވެ، އަދި، އެ ތުހުމަތުތައް އުފަންވެގެން އައި ދިމާލަކާ އިންސާފު އަރައި ހަމަކުރާނެކަމުގެ ޔަގީންކަން އެ މަނިކުފާނަށް އޮތްކަން ވެސް ފާހަގަކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޝާހިދުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އެކި ފަހަރުމަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅުން ފެށިގެން އޭނާ އެ އަމަލު ހިންގަމުން ގޮސްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.
އެ މައްސަލައިގައި އޭނާ މި ވަގުތު ހުރީ 30 ދުވަހުގެ ބަންދެއްގަ އެވެ. އެ މުއްދަތު ހަމަވާނީ ޑިސެމްބަރު 3، ގަ އެވެ.
ޝާހިދު ހައްޔަރުކުރި އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު ވަނީ ދަށު ކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށް ހުކުމްކޮށްފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ޝާހިދު ދެ ފަހަރަކު އަދާކުރެއްވި އެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ. ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު ޝާހިދު މަސައްކަތް ކުރެއްވި އެވެ. އަދި އެ މަޖިލީހުގެ ރައީސްގެ މަގާމް ވެސް އޭނާ އަދާކުރެއްވި އެވެ.
މިފަހަކާ ޖެހެންދެން ޝާހިދު ހުންނެވީ އިދިކޮޅު އެމްޑީޕީގެ ރައީސްގެ މަގާމުގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެވެ.
ޝާހިދު އެމްޑީޕީއަށް ސޮއި ކުރެއްވީ އޭޕްރީލް، 2013، ގަ އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ، ރައީސް މައުމޫން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީގަ އެވެ.







