އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގައި ހިމެނޭ ކޮންޓިންޖެންސީ ފައިސާގެ ތެރެއިން ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އިތުރުގަޑިއަށާއި ކައުންސިލްތަކުގެ މުސާރައަށް ބަޖެޓު ކަނޑައެޅުމަށާއި، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ހާމަކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ ތިން މެންބަރަކު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް މި އިސްލާހުތައް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު އަމީން ފައިސަލް އަދި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު އެވެ. ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ހުށަހެޅި މި ކަރުދާސްތަކަށް އެ ޕާޓީއަށް ނިސްބަތްވާ އެހެން މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.
އިދިކޮޅު މެންބަރުންގެ ހުށަހެޅުންތައް މައިގަނޑު ގޮތެއްގައި ގޮސް ގުޅެނީ ބަޖެޓުގައިވާ އުނިކަންކަން ހައްލުކޮށް، ދައުލަތުގެ ފައިސާ ބޭނުންކުރުމުގައި ޒިންމާދާރުކަން އިތުރުކުރުމެވެ.
މެންބަރު މުހައްމަދު އަމީން ފައިސަލް ހުށަހެޅުއްވީ ކޮންޓިންޖެންސީ ބަޖެޓުން 250 މިލިއަން ރުފިޔާ ސިއްހީ އަދި ތައުލީމީ ދާއިރާއަށް ހާއްސަކުރުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ އެ ދެ ދާއިރާގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ހަމަޖެއްސުމާއި، ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އިތުރުކުރުމެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އިތުރުގަޑީގެ ފައިސާއަށް އަޅާފައިވާ 10 ޕަސެންޓުގެ ސީލިން އުވާލައި، އިންސާނީ ވަސީލަތްތަކުގެ އޮޑިޓެއް ހެދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާގެ ތަފްސީލު ހާމަކުރުމަށް ގޮވާލައްވައިފަ އެވެ. އެގޮތުން ބަޖެޓު ފާސްކުރުމުގެ ކުރިން ކޮންމެ މަޝްރޫއެއް ހިންގާ ރަށާއި މުއްދަތު މަޖިލީހަށް ހުށަހެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ޕޭ ހާމަނައިޒޭޝަނާ އެކު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައަށް ކޮންޓިންޖެންސީން 100 މިލިއަން ރުފިޔާ ދިނުމަށާއި، އައްޑޫ އެއާޕޯޓު މަޝްރޫއު ނިންމަން ފައިސާ ހަމަޖެއްސުމަށް ވެސް ހުށަހެޅުއްވި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ އެހީތައް ބަޖެޓުގައި ރަސްމީކޮށް ހިމެނުމަށެވެ. އެގޮތުން އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތަށް އައިލެންޑް އޭވިއޭޝަނަށް ސަބްސިޑީގެ ގޮތުގައި 399 މިލިއަން ރުފިޔާ ކަނޑައެޅުމަށް އޭނާ އެދިވަޑައިގަތެވެ. ހަމައެއާ އެކު ރޯޑް ކޯޕަރޭޝަނަށް ސަރުކާރުން ދީފައިވާ 60 މިލިއަން ރުފިޔާގެ ލޯނު ކުރީ އަހަރުތަކުގެ ބަޖެޓުގައި ހިމަނާފައި ނުވާތީ، އެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ރަސްމީކޮށް ހިމެނުމަށް ވެސް ހުށަހެޅުއްވި އެވެ.
މި އިސްލާހުތައް މެންބަރުން ހުށަހެޅުއްވިއިރު، ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، އޮތް ގޮތަށް ފާސްކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ. އޮފީސްތަކުން އެދުނު އިތުރުވުންތަކަށް ޖާގަ ނުދީ، ކޮމިޓީން ނިންމީ ފިނޭންސް މިނިސްޓްރީގެ އަދަދުތައް ދަމަހައްޓައި ތަޅުމަށް ފޮނުވުމަށެވެ. ކޮމިޓީން މިގޮތަށް ނިންމީ މަރުކަޒީ ބޭންކާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން މާލީ ބޮޑެތި ރިސްކުތަކެއް ހުރި ކަމަށް ބުނެ ހަރަދު ކުޑަކުރަން ލަފާދީފައި ވަނިކޮށެވެ.








