ދައުލަތުގެ މުހިންމު މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކުޑަކޮށް، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ބޮޑު ބަޖެޓެއް ދީފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މެންބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގައިފި އެވެ.
މި ބަހުސް ފެށުނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅިގެން މިނިވަން މުއައްސަސާތަކުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރަން އަންގާރަ ދުވަހު ބޭއްވި ކޮމިޓީގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވި ގޮތުގައި، ދައުލަތުގެ ޒަރޫރީ ހިދުމަތްތަކާއި ގާނޫނީ ޒިންމާތައް އަދާކުރަންޖެހޭ މުހިންމު މުއައްސަސާތަކުގެ ބަޖެޓު ވަނީ ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. އެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)، ޓެކްސް އެޕީލް ޓްރައިބިއުނަލް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ފަދަ ތަންތަނަށް ބޭނުންވާ އަސާސީ ހަރަދުތައް ވެސް ހަމަޖައްސައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީއެސްއެމާއި، ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި، އޭސީސީ އާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، މި ހުރިހާ ތަނެއް އެއްކޮށްލީމަ ވެސް ޕީއެސްއެމަށް ދޭ ބަޖެޓު ބޮޑު، 145 މިލިއަން ޕީއެސްއެމަށް. އެއީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑު ގޯތި އޮތް ތަން، އެސެޓް އެބަހުރި،" ޝަމްހީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފައިސާ ހަރަދުކުރަންވާނީ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އަދި ރައްޔިތުންނަށް ހިދުމަތް ލިބޭ ދާއިރާތަކަށް ކަމަށާއި، އެފްޕީއޭ ފަދަ ތަންތަނަށް ބަޖެޓު ނުދީ ޕީއެސްއެމަށް އެހާ ބޮޑު އަދަދެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ޕީއެސްއެމް ބަލާ އާންމުން ވެސް ވަރަށް މަދު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން ކޮމިޓީގައި އިންނެވި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވީ، ޕީއެސްއެމްގެ ބަޖެޓު ބޮޑުވާން ޖެހުނު މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުތަކުން އެ ކުންފުނިން އެކި ސަޕްލަޔަރުންނާ އެކު ކޮށްފައިވާ މުޢާމަލާތްތަކަށް ފައިސާ ނުދައްކާ ހުރުމުން ކަމަށެވެ.
"ޕީއެސްއެމަށް މިހާ ބޮޑު ބަޖެޓެއް އެލޮކޭޓްކުރަން މި ޖެހުނީ ހަމަ ފާއިތުވިދިޔަ ސަރުކާރުތަކުން ޕީއެސްއެމުން އެކިއެކި ސަޕްލަޔަރުން އަތުން ކޮށްފައި ހުރި އެކިއެކި މުއާމަލާތްތަކަށް ފައިސާ ދައްކަންވެގެން. ނުދައްކާ ހުރި ބިލުތަކަށް ފައިސާ ދެއްކުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ އެ ފައިސާގެ ތެރޭގައި ހިމެނޭ ގިނަ ބިލްތަކަކީ މިހާރު ކޯޓު މަރުހަލާ ނިމި، ދައްކަން ހުކުމްކޮށްފައިވާ ބިލްތަކެއް ކަމަށެވެ. އެހެންކަމުން މިއީ ގާނޫނީ ގޮތުން ދައުލަތުން ހަލާސްކުރަން މަޖުބޫރުވެފައިވާ ދަރަނިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި ޝަމްހީދު ކުރި ސުވާލަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވަނީ، ދައުލަތުގެ ބަޖެޓުގައި ކުންފުނިތަކުގެ ހަރަދުތައް ސީދާ ނުހިމެނޭނެ ކަމަށާއި، ބަޖެޓުން ދޭނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ކެޕިޓަލް އިންޖެކްޝަންތައް އެކަނި ކަމަށެވެ.
ޒަރީރު ވިދާޅުވީ ކުންފުނިތަކުގެ މުސާރަ އާއި އޮޕަރޭޝަނަލް ހަރަދުތައް ހަމަޖައްސަންޖެހޭނީ އެ ކުންފުންޏަކަށް އަމިއްލައަށް ލިބޭ އާމްދަނީގެ ތެރެއިން ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ޕީއެސްއެމް ހިންގަން އެތައް މިލިއަން ރުފިޔާއެއް ދޭއިރު، ވެރިކަން ކުރާ ކޮންމެ ސަރުކާރަކުން ވެސް އެ މީޑިއާ ބޭނުންކުރަނީ ސަރުކާރުގެ ޕްރޮޕެގެންޑާ ފެތުރުމަށާއި ސަރުކާރު ޕްރޮމޯޓުކުރުމަށް ކަމަށް ބުނެ އަބަދުވެސް ފާޑުކިޔުންތައް އަމާޒުވެ އެވެ. ދައުލަތުގެ ޓެކްސް ފައިސާއިން ހިންގާ މިނިވަން ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި ޕީއެސްއެމް ހިންގަން ގާނޫނުގައި އޮތް ނަމަވެސް، އިދިކޮޅު ފަރާތްތަކަށާއި އާންމު ރައްޔިތުންގެ އަޑުތަކަށް ޖާގަ ނުދީ، ސަރުކާރުގެ ސިޔާސީ އެޖެންޑާ ކުރިއަރުވާ ކަމުގެ ތުހުމަތު ކޮންމެ ދައުރެއްގައި ވެސް ކުރެ އެވެ.
މީގެ އިތުރުން ޕީއެސްއެމް އަކީ އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދޭނެ ވަސީލަތްތަކާއި އަގުބޮޑެތި ބިންތައް ހުރި ތަނަކަށް ވާއިރު ވެސް، ދައުލަތުގެ ބަޖެޓަށް ބަރޯސާވެ ދަރަނިވެރިވަމުން ދިއުމަކީ އަބަދުވެސް ބަހުސް ހިނގާ މައްސަލައެކެވެ.








