އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 100 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި، 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިއުމަށްޓަކައި 109 މީހަކު ވަނީ ފައިސާ ދައްކާފަ އެވެ. އަދި އެ މީހުން ދެއްކި ފައިސާއަށް އެ ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ސާބިތުވެފައިވާއިރު، އެ ފައިސާގެ ޖުމްލަ އަދަދު 2,660,300ރ. އަށް އަރަ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައިއަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ޢަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވި މައްސަލަ އެ ޚިދުމަތަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނޮވެމްބަރު 18، ގަ އެވެ.
މިދިޔަ އަހަރު އުމްރާއަށް މީހުން ނުގެންދިޔުމަށް އުޒުރެއްގެ ގޮތުގައި އެ ކުންފުނިން ދެއްކީ މެދުއިރުމަތީގައި ނުރައްކާ ބޮޑުވުމުގެ އުޒުރެވެ. ނަމަވެސް، އޭރު އެފަދަ ހާލަތެއްގައި މެދުއިރުމައްޗަކު ނެތެވެ.
މީގެ އިތުރުން، ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައާ ގުޅިގެން، އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ޓްރެވަލްސްއަށް އުމްރާއަށް މީހުން ގެންދިއުމަށް ދޫކޮށްފައިވާ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފަ އެވެ.
2024 ވަނަ އަހަރުގެ ރޯދަ މަހު ވެސް އަސްކޮއިން މީހުން އުމްރާއަށް ގެންދިޔުމަށް އިސްތިހާރުކޮށް ފައިސާ ނެގުމަށް ފަހު އުމްރާ އަށް ނުގެންދިޔަ މައްސަލައިގައި އެ ކުންފުނި 130،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.








