ކުރީގެ ފޮރިން މިނިސްޓަރު އަދި، އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުނުކޮށް އެ އަމުރު ހައިކޯޓުން ދަމަހައްޓައިފި އެވެ.
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ މި މަހު 2، ގަ އެވެ. ޝާހިދު ހައްޔަރުކުރީ އޭނާ ދިރިއުޅޭ، ހުޅުމާލެ އޯޝަން ފްރަންޓް ރެޒިޑެންސްގެ އެޕާޓުމެންޓު ބަލައި ފާސްކުރުމަށްފަހު އެވެ.
ޝާހިދު ހައްޔަރުކުރި އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ އޭގެ ދެ ދުވަސްފަހުން، މި މަހު 5، ގަ އެވެ.
އެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށްފަހު، މިއަދު އެ ކޯޓުން ހުކުމް ކޮށްފައި ވަނީ ދަށު ކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޝާހިދުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އެކި ފަހަރުމަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅުން ފެށިގެން އޭނާ އެ އަމަލު ހިންގަމުން ގޮސްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެން،" އޭނާގެ އެކައުންޓުން ކުރި ޓްވީޓެއްގައި ލިޔެފައިވެ އެވެ.
ނަމަވެސް، އޭނާ މި ވަގުތު ހުރީ 30 ދުވަހުގެ ބަންދެއްގަ އެވެ. އެ މުއްދަތު ހަމަވާނީ ޑިސެމްބަރު 3، ގަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ޝާހިދު ދެ ފަހަރަކު އަދާކުރެއްވި އެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ. ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު ޝާހިދު މަސައްކަތް ކުރެއްވި އެވެ. އަދި އެ މަޖިލީހުގެ ރައީސްގެ މަގާމް ވެސް އޭނާ އަދާކުރެއްވި އެވެ.
މިފަހަކާ ޖެހެންދެން ޝާހިދު ހުންނެވީ އިދިކޮޅު އެމްޑީޕީގެ ރައީސްގެ މަގާމުގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެވެ.
ޝާހިދު އެމްޑީޕީއަށް ސޮއި ކުރެއްވީ އޭޕްރީލް، 2013، ގަ އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ، ރައީސް މައުމޫން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީގަ އެވެ.







