ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރު 75 އަށް އިތުރުކުރިތާ ހަތް މަސް ވެފައި ވަނިކޮށް، އެ ބަދަލު ގެންނަން އެދިވަޑައިގެންފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ބަދަލު ގެނެސްފައިވާކަން މުއިއްޒަށް އެނގިވަޑައިގެންފައި ނުވާކަން ހާމަވީ، މި ހަފުތާގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އުމުރުން ދުވަސްވީ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ލޯނު ދޫކުރާ އުމުރު 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ޖެއްސުމަށް އެދިވަޑައިގެންފައިވާނެ ކަމަށް މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
މުއިއްޒު މިހެން ވިދާޅުވީ، އަމިއްލަ ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ލޯނެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އުމުރުން ދުވަސްވީ ފިރިހެނަކު "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ޝަކުވާ ކުރުމާ ގުޅިގެންނެވެ. އެ މީހާ ބުނި ގޮތުގައި އުމުރުން 60 އަހަރުން މަތިވެފައިވާތީ ބޭންކުތަކުން އޭނާއަށް ލޯނު ދިނުމަށް ދެކޮޅު ހަދަ އެވެ. އަދި ދަރިންގެ ކިޔެވުމަށާއި އެހެނިހެން ބޭނުންތަކަށް އެ ކުދިން މިހާރު ވެސް ލޯނު ނަގާފައިވާތީ، ދަރިންގެ ނަމުގައި ވެސް ލޯނެއް ނެގެން ނެތް ކަމަށް އޭނާ ބުންޏެވެ.
އެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އެވްރެޖް އުމުރު 80 އަހަރަށް އަރާފައިވާއިރު، ލޯނު ދޫކުރާ އުމުރު 60 އަހަރުގައި ބޭއްވުމަކީ އެންމެ އެކަށީގެންވާ ސިޔާސަތު ނޫން ކަމަށެވެ. އަދި މި ބަދަލު ގެނައުމަށް ބޭންކް އޮފް މޯލްޑިވްސްއަށާއި ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ބީއެމްއެލްއިން ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަށް ބަދަލުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިން ދޫކުރާ އެންމެ މަތީ އުމުރު 60 އަހަރުން 75 އަހަރަށް މަތިކުރުމަށް ނިންމައިފިއެވެ. މި ބަދަލުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށާއި މެދު އުމުރުގެ މީހުންނަށް ލޯނު ދެއްކުމަށް ދިގު މުއްދަތެއް ލިބި، ގެދޮރު ގަތުމާއި އެހެނިހެން ބޭނުންތަކަށް ފައިސާ ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
ބޭންކުގެ ބޯޑުން ލޯނު އަނބުރާ ދެއްކުމުގެ އުމުރު 60 އަހަރުން 75 އަހަރަށް އިތުރުކޮށްފައިވާކަން އިއުލާން ކުރެއްވުމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިއަހަރުގެ އޭޕްރީލް މަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފަ އެވެ. މީގެ އިތުރުން، އާމްދަނީ ލިބޭކަން ސާބިތުކޮށްދެވޭ ނަމަ އުމުރުން 75 އަހަރުން މަތީގެ މީހުންނަށް ކްރެޑިޓް ކާޑު ދޫކުރުމަށް ވެސް އެ ބޭންކުން ވަނީ ނިންމާފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، ބޭންކުން މިހާރު ވެސް އަމަލުކުރަމުންދާ ސިޔާސަތަކަށް ބަދަލު ގެނައުމަށް މުއިއްޒަށް އެދިވަޑައިގަތުމަކީ، ދައުލަތުގެ މުހިންމު މުއައްސަސާތަކުން ނިންމާ ނިންމުންތައް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމުގެ ހެއްކެއް ކަމަށެވެ.







