ސިއްރުސިއްރުން ދީ ނިންމާލަން އުޅުނު ރަސްމާލޭގެ ދާއިމީ އެއްބަސްވުމުގައި ސޮއިކުރުން ދިގުލައި ދިޔައީ އަދި ރައީސް މުހައްމަދު މުއިއްޒު ޖަވާބުދާރީވާން ޖެހިވަޑައިގަތީ އަޑި ނޭނގޭ މި މުއާމަލާތުގެ ސަބަބުން ދިވެހިރާއްޖެ އޭގެ އަސްލު ގޮތުގައި ދަރީންގެ ދަރީންނަށް ދެމިއޮތުން ނެތިގޮސްދާނެ ކަމުގެ ބިރަށްޓަކައި ދިވެހި ދަރީންތަކެއް އަޑުއުފުލައި ކުރެވުނު މިންނެތް މަސައްކަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރަމުން ގެންދާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" — ނުވަތަ ރަސްމާލެ ދިނުމަށް މަގުފަހިކުރާ ބިލަށް — އާންމުންގެ ހިޔާލު ހޯދަން ދެ ހަފުތާއަށް ހުޅުވާލާފައި ވުމަކީ، ރައްޔިތުންގެ އަޑުއުފުލުމުގެ ނަތީޖާ އެވެ.
އުއްމީދު ގެއްލުވާނުލައި އަދިވެސް މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ އެވެ. މުއިއްޒުގެ އަތުގައި ހުރިހާ ބާރެއް އެބަ އޮތޭ، ރައްޔިތުން ނުކުތަސް އެމަނިކުފާނު މިކަން ކުރާނެއޭ ބުނެ، ފިނޑިވެ ގޮތް ދޫކޮށްލާ ރައްޔިތަކަށް ނުވާށެވެ. އޭރުން ތާރީހުން ވެސް ލިބޭނެ އިއްޒަތެއް ނޯންނާނެ އެވެ. މަގުމައްޗަށް ނުނިކުމެވޭ މީހާއަށް ވެސް ގޭގައި ހުރެގެން ކޮމިޓީއަށް ހިޔާލެއް ފޮނުވާލެވޭނެ އެވެ. ކޮންމެ ފަރުދެއްގެ އެންމެ ހިޔާލަކީ މި ބޮޑު މައްސަލައާ ދެކޮޅަށް ރަސްމީކޮށް ރިކޯޑުކުރެވޭނެ ވަރުގަދަ ހަތިޔާރެކެވެ.
ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކުންނާއި އިދިކޮޅު ފަރާތްތަކުގެ މެންބަރުން ވެސް މި މަރުހަލާގައި އަމަލީ ގޮތުން ބައިވެރިވެ، އެ ފަރާތްތަކުގެ ވިސްނުމާއި ހުށަހެޅުންތައް ކޮމިޓީއާ ހިއްސާކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު، އިސްލާމީ އުސޫލުތަކާއި ދީނީ ވަހުދަތު ރައްކާތެރިކުރުމަށްޓަކައި ދީނީ އިލްމުވެރިންގެ ލަފަޔާއި އިރުޝާދު ނުހަނު ބޭނުންވެ އެވެ. އަދި ގާނޫނުއަސާސީއާ ފުށުއަރާ ކަންކަން ފާހަގަކޮށް ގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ހުއްޓުވުމަށް ގާނޫނީ ވަކީލުންނާއި ދާއިރާގެ ތަޖުރިބާކާރުންގެ ފަންނީ ހިޔާލުތަކާއި، މުޖުތަމައުގެ ކަމުވޮށިގެންވާ މީހުންގެ ތަޖުރިބާގެ އަލީގައި ދޭ ލަފާތަކަކީ ކޮމިޓީގެ ދިރާސާއަށް ލިބޭނެ އަގުހުރި އެހީތެރިކަމެކެވެ. މީގެ އިތުރުން، ޒުވާނުންނާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިވެރިންގެ އިތުރުން ގައުމު ދެކެ ލޯބިވާ ކޮންމެ ފަރުދަކަށް ވެސް މިކަމުގައި ބަސް ބުނުމުގެ ހައްގާއި ޒިންމާ އެބައޮތެވެ. މިއީ ގައުމީ ވާޖިބެކެވެ.
މިކަމުގެ މުހިއްމުކަން ބޮޑުވާ އަނެއް ސަބަބަކީ މި ބިލާ ދެކޮޅަށް ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އަދި ސަރުކާރުގައި ތިއްބެވި ގައުމީ ވިންދު ހުރި މީހުންނަށް ވެސް ބިލާ ދެކޮޅަށް ފާޅުގައި ނުކުމެވެން ނެތުމާއި ބަސް ބުނެވެން ނެތުމެވެ.
އަހަރެމެން އެންމެންނަށް ވެސް އަހަރެމެން "ބަނޑުއަޅައި ވިހޭ" މި ފަސްގަނޑުގެ ރުއިމާއި އާދޭހުގެ އަޑު އިވެ އެވެ. ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އެ މައިމީހާގެ ހިތާއި ފިތަކަށް ކެތެެއް ނުވެ އެވެ. އޭނާގެ ދަރީންގެ ތެރެއިން ހިޔާނާތްތެރިން މައިމީހާ ޣައިރު މުސްލިމުންނަށް ތާއަބަދަށް ވިއްކާލަން އުޅޭއިރު، ދެންތިބި ދަރީންގެ ގާތު އަހާލަން ވެސް ބޭނުމެއް ނުވެ އެވެ. އެހެންވެ، މިކަމުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަންޖެހެ އެވެ. މި ފަސްގަނޑަށް ހިޔާނާތްތެރިވާން ތިބި މުއިއްޒު އާއި ޕީއެންސީގެ މެންބަރުންނަށް ރައްޔިތުން އެކަތިގަނޑަކަށް ވެއްޖެ ނަމަ، ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ އެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި ބިލަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑި ޑިސެންބަރު 2، 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގައި ހަމަވުމުގެ ކުރިން ހިޔާލު ހުށަހަޅާށެވެ. އީމެއިލް މެދުވެރިކޮށް ނަމަ، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ އީމެއިލް އެޑްރެސް ކަމަށްވާ ` national.development_committee@majlis.gov.mv އަށް ހިޔާލު ފޮނުވޭނެ އެވެ. ލިޔުމުން ނަމަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާށެވެ.
ތިބާގެ މި ގައުމީ ޒިންމާ އަދާކުރަން ފަސްޖެހިފައި ތިއްބައި، ކަންކަން ނިމި، ގާނޫނަކަށް ވެގެންދާ ފަހުން ފާޑުކިޔުމުގެ ބަދަލުގައި، ބިލު ދިރާސާކުރުމުގެ މަރުހަލާގައި ބައިވެރިވެ، ޒިންމާދާރު ރައްޔިތެއްގެ ހައިސިއްޔަތުން އަމިއްލަ ހިޔާލު ހުށަހަޅަމާ ހިނގާށެވެ. ތަފާތު ފިކުރުތަކާއި އިލްމީ ލަފާތައް ރަސްމީކޮށް ކޮމިޓީއަށް ހުށަހެޅިގެން ނޫނީ ރައްޔިތުންގެ ކަންބޮޑުވުންތައް ރިކޯޑުކުރެވި، މި ބިލަށް ހެޔޮ ބަދަލެއް ނުގެނެވޭނެ އެވެ.
ވީމާ، ސުންގަޑި ހަމަވުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި، އިދިކޮޅު ފަރާތްތަކާއި، ދީނީ އިލްމުވެރިންނާއި، ގާނޫނީ ވަކީލުންނާއި، ކަމުވޮށިގެންވާ ފަރާތްތަކުގެ އިތުރުން ވީހާ ވެސް ގިނަ އާންމު ރައްޔިތުން މި ފުރުސަތުގެ ބޭނުން ހިފައި، މަޖިލީހަށް ހިޔާލު ހުށަހެޅުން މުހިއްމެވެ. އަދި ހުށަހެޅުމަށް ފަހު އެކަން މީޑިއާތަކަށް ނުވަތަ ސޯޝަލް މީޑިއާ އަށް ވެސް ހާމަކުރާށެވެ.









