ސިޓީބިޓީ: ރައީސް މުއިއްޒަށް ސުވާލެއް؛ އިހުތިރާމަކީ މަނިކުފާނު އަރިހުގައި އުޅުއްވާ ބޭފުޅުން ނޫން އެންމެން އަދާކުރަން އޮތް އެއްޗެއް ހެއްޔެވެ؟

އިހުތިރާމް ކެމްޕޭނު ފެށުމަށް މިރޭ އެކުވެނި ދުވާ ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް

އިހުތިރާމް ކެމްޕޭނު ފެށުމަށް މިރޭ އެކުވެނި ދުވާ ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް

އިހަަކަށް ރޭ ރާއްޖޭގެ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންނާއި ސްކޫލު މަދުރަސާތަކުގެ މުދައްރިސުން ގަދަބަދަވިކަމުން މާލޭ ސްޓޭޑިއަމަށް އެއްކުރައްވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ނަމުގައި އައު ކަމެއް ފައްޓަވައިފި އެވެ. އިހުތިރާމުކުރުން ނެތިގެންދާތީ ކުރެއްވި ޝަކުވާ އާއި، ރައްޔިތުންނަށް ދެއްވި ދިގު ލެކްޗާއެއް ފިޔަވައި މިދެންނެވުނު ބޮޑު ރަސްމިއްޔާތުގައި، އެ މަޝްރޫއުގެ ދަށުން ހިންގަވަން ގަސްތުކުރައްވާ ހަރަކާތްތަކާއި، ހާސިލުކުރައްވަން އުޅުއްވާ ނަތީޖާއަކާއި، އެ މަޝްރޫއުގެ ކާމިޔާބީ މިނެކިރާނެ މިންގަނޑަކާ ގުޅޭ އެއްވެސް ތަފުސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

މުއިއްޒުގެ މުޅި ތަގުރީރަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު ހަގީގަތަކީ އިހުތިރާމުގެ ޑެފިިނިޝަން ނުވަތަ ތައުރީފުވެސް ސާފު ސަރީހަ އިބާރާތުން އެމަނިކުފާނަށް ބަޔާންކޮށްނުދެއްވުނު ކަމެވެ. އިހުތިރާމަކީ ވަރަށް ނިސްބީކޮށް މާނަކުރެވިދާނެ ކަމެކެވެ. މާނައަކީ އެކި މީހުންނަށް އިހުތިރާމު މާނަކުރެވޭ ގޮތް ތަފާތުވުމެވެ. އެކަކަށް އިހުތިރާމުކުރުމަކީ އޭނާ ކުރާ ރަނގަޅު ނޫން ކަންކަމާމެދު ބަހެއް ނުބުނެވެ. އަނެކަކަށް އިހުތިރާމު މާނަކުރެވެނީ އޭނާއަށް ކިޔަމަންތެރިވުމުގެ ގޮތުގަ އެވެ. މުއިއްޒާއި އެމަނިކުފާނުގެ ޓީމުން އިހުތިރާމުކުރުން މާނަކުރާ ގޮތެއް ދެނެވޮޑިގެންވަނީ ކަށަކުޅަދުވުންތަ މާތްﷲ އެވެ.

މި ލިޔުމުގެ މަގުސަދަކީ ރައީސް މުއިއްޒު އިހުތިރާމާމެދު ދައްކަވާ ވާހަކަފުޅުތަކަށް ނަގުދުކޮށް ފާޑުކިޔުމެއް ނޫނެވެ. ނަމަވެސް އެމަނިކުފާނުގެ އަމަލުފުޅުތަކާއި ބަސްފުޅުތައް މިކަމުގައި ދިމާވާ މިންވަރެއް ކުރުކޮށް ނަމަވެސް ވަޒަންކުރެވޭތޯ ބަލައިލުމެވެ. އަހުލާގީ ސިފައެއް ބަޔަކަށް ދަސްކޮށްދެނީނަމަ ފަށާންޖެހެނީ ކައިރިން ދުރަށެވެ. ފުރަތަމަ އެކަމެއް ދަސްކޮށްދެންވީ އެންމެ ކައިރީ ތިބި ބަޔަކަށެވެ. އާއިލާއާއި އެކުވެރިންނާއި، އެކުގައި މަސައްކަތްކުރާ މީހުންނަށެވެ. މުއިއްޒު އިހުތިރާމާމެދު މުޅި ގައުމަށް ނަސޭހަތްދެއްވައި، ދިގު ދެމިގެންދާ ބޮޑެތި ލެކްޗާތައް ދެއްވައި، ދިވެހިންގެ ކިބައިގައި އަދަބު އިހުތިރާމު ނެތިގެން ޝަކުވާގެ ގިލަންފަތި އަމުނުއްވާއިރު އެމަނިކުފާނު އަރިހުގައި އުޅުއްވާ ބޭފުޅުންނަށް އިހުތިރާމުކުރަން ދަސްކޮށްދެއްވާފައިވޭ ހެއްޔެވެ؟

Advertisement

މުއިއްޒަށް ހުޝާމަދުކުރުމުގައި ހައްދުން ނެއްޓިފައި ތިއްބެވި ބޭފުޅުންނަކީ މުއިއްޒާއެކު ސިޔާސީ މަސައްކަތް ފެއްޓެވި ބޭފުޅުންނެއް ނޫނެވެ. ނުވަތަ މުއިއްޒުގެ ބާރުވެރިކަމުގައި ސިޔާސީ އުދަރެހުގެ މައްޗަށް އެރި ބައެއްވެސް ނޫނެވެ. އަދި ތައުލީމާއި ގާބިލުކަމުގެ މިންގަނޑުތަކުން ބަލާއިރު މިއަދު އެމީހުން އަތްމައްޗަށް ނަގައިގެން އުޅޭ ބާރުތަކާއި ތަނަވަސްކަމަކީ އަމިއްލަ ގާބިލުކަމުގައި ހޯދިދާނެ ކަންކަމެއްވެސް ނޫނެވެ.

މިސާލަކަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހަށް ބައްލަވާށެވެ. މަޖިލީހުގެ ތަޅުމުގައި ނުވަތަ ސިޔާސީ ޕޯޑިއަމެއްގައި ބަސްފުޅެއް ވިދާޅުވެއްޖެނަމަ، ވާދަވެރިން ކުރެ ކޮންމެވެސް ބޭފުޅެއްގެ އިސްތަށިފުޅުގައި ހަޑިހުތުރު ތުހުމަތެއް އަޅުއްވާނެ އެވެ. ހާއްސަކޮށް އޭނާގެ ސިޔާސީ ހަޔާތުގެ ބޮޑު ބައެއް އެ ބޭފުޅެއްގެ ހިޔާވަހިކަމުގައި ހޭދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ދައްކަވާ ވާހަކަފުޅަކީ ޔާމީނުގެ ވެރިކަމާއި ވެރިކަމަށްފަހުވެސް އެމަނިކުފާނުގެ ސިޔާސީ އެންމެ ބޮޑު ހަތުރުންކަމަށް ބެލެވުނު އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ލީޑަރުންވެސް ނުދައްކަވާހާ ހުތުރު ވާހަކަތަކެވެ. އެވަރުން ނުފުދިގެން އެބޭކަނބަލަކާ މަހާރެހެންދީގެ ނަމުން ފަސް އަހަރު ފަލާހުއާއި އޭނާ އަރިހުގައި އުޅުއްވާ ބައެއް މެންބަރުން މުހާތަބުކުރެއްވި ކުރީގެ ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހީމާމެދު އެހެރަ ދައްކަވަ ވާހަކަފުޅަކީ ސިޔާސީ ބޭފުޅަކު ކުރީގެ ފަސްޓް ލޭޑީއަކާމެދު މިހާތަނަށް ދައްކަވާފައިވާ އެންމެ ހަޑިހުތުރު ވާހަކަތަކެވެ. ފަލާހު މިފަދަ އެތައް ވާހަކައެއް ދެއްކެވި ޖަލްސާތަކުގައި އެންމެ ކުރީ ސަފުގައި އަތްތިލަބަޑީގެ ހޫނު ތަރުހީބު ދެއްވަން އިންނެވީ އިހުތިރާމު ދުވެހިންނަށް ދަސްކޮށްދެއްވާން ނުކުމެވަޑައިގެން ހުންނެވި އަލްމުހްތަރަމް މުއިއްޒެވެ.

ދެން ހުންނެވީ މުއިއްޒު ފިޔަވައި ޕީއެންސީގެ އެންމެ އިސްވެރިއަކަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ޕާޓީގެ ޗެއާޕާސަނެވެ. މީގެ ކުރީގައި އެކި މަގާމުތަކުގައި އަބްދުއްރަހީމް މީހުންނާ މުހާތަބުކުރައްވައި ބޭނުންކުރައްވާފައިވާ "އިހުތިރާމުން ފުރިގެންވާ" އިބާރާތްތަކުގެ ގަދަރުގެ ބޮޑުކަމުން މިފަދަ ލިޔުމެއްގައި އެ އިބާރާތްތައް ހިމާނަކަށް ލާހިކު ކުޅަދާނައެއް ނޫނެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިޔާސީ ޕޯޑިއަމްތަކުގައި އަބްދުއްރަހީމް ދައްކަވާ ވާހަކަފުޅުތަކުގައި ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި އެކި ރައީސުންނާއި އެ ރައީސުންގެ އާއިލާތަކާމެދު އެ ދައްކަވާ ވާހަކަފުޅުތަކަކީ ހަމައެކަނި ސިޔާސީ ވާހަކަފުޅުތަކެއް ނޫނެވެ. އެއީ މީހުންގެ ޝަރަފާއި ގަދަރަށް އުނިކަން ލިބޭ ގޮތަށް ދައްކަވާ ވާހަކަފުޅެވެ. ހެއްކެއް ނުދައްކަވައި ކުރައްވާ ތުހުމަތުތަކެވެ. މުއިއްޒުގެ ބަހުރުވައިންނަމަ އާއްމުނުވާ އައިބުތައް ހޯއްދަވައި ބައްލަވައިގެން އާއްމުކުރެއްވުމަށް ދައްކަވާ ވާހަކަފުޅެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ނުދެއްކޭނެ ކަމަށް އޮތް އޮތުން، އަބްދުއްރަހީމް މެންބަރަކަށް ހުންނެވިއިރު މާނަކުރެއްވީ ވަރަށް ވެސް 'ފުޅާ' ގޮތަކަށެވެ؛ އެއީ އަނެކާގެ މައިންބަފައިންނާ އަޅުވައި އަވަގުރާނަ ގޮވުމަކީ ލިބިގެންވާ ހާއްސަ އިމްތިޔާޒެއް ކަމަށެވެ. މިއަދު 'އިހުތިރާމްގެ ކެމްޕޭން' ފެށުމާއެކު، އެ ދުވަހުގެ އެ 'އިހުތިރާމް' ކްލިޕްތަކާއި، ފުލުހުންނާ މުހާތަބުކޮށް 'ރޯކޮށް' ދެއްވި ވީޑިއޯތައް އަލުން ދައުރުވަމުންދާއިރު، މި ކެމްޕޭންގެ ފުރަތަމަ ފިލާވަޅު ދުރަށް ގެންދިއުމުގެ ކުރިން، އެންމެ ގާތުން ފެށުން މާ ބުއްދިވެރި ނޫންތޯ އެވެ؟

މީސްމީޑިޔާ މަންސަތަކުގައި ރައީސް މުއިއްޒު ތަމްސީލުކުރައްވާ ބޭފުޅުންނަށް ބައްލަވާށެވެ. ނަން ލިޔުމަށް ވުރެ ވެސް މާ މަޝްހޫރު މީހުންނެވެ. ތައުލީމާއި ތަޖުރިބާގެ ގޮތުން އަދި އުމުރުގެ ގޮތުން އެބޭފުޅުންނަށްވުރެ އެތައް ތަނެއް ދޮށީ، ހަރު ބޭފުޅަކުވެސް ސަރުކާރުގެ ސިޔާސަތަކާމެދު ނުރުހިގެން ބަސްފުޅެއް ވިދާޅުވެއްޖެނަމަ އެ ބޭފުޅަކާ ދިމާކޮށްލައްވައި، އެބޭފުޅެއްގެ ޝަހުސިއްޔަތު ކަތިލައްވަނީ އާދަޔާ ހިލާފު ހުތުރު ގޮތުގައެވެ. ނޫސްވެރިޔަކު ސަރުކާރުގެ ކަމެއްގައި ކުޑަނަމަވެސް ނުރުހުމެއް ފާޅުކޮށްފިނަމަ، އެމީހަކީ ދީނާއި ގައުމުގެ ދުޝްމަނަކަށް ހަދައިލައެވެ. 

ފަލާހާއި އަބްދުއްރަހީމާއި މީސްމީޑިޔާގައި އަޑުހަރުކޮށް އެހެން މީހުންނާ ދިމާކޮށްލައިގެން މިއުޅޭ އެންމެންނަކީ ރައީސް މުއިއްޒު ވިދާޅުވި ކޮންމެ ބަސްފުޅަކަށް ތަބާވެ، އެމަނިކުފާނު އެ އެދިވަޑައިގަންނަވާ ގޮތަށް އެމަނިކުފާނަށް އިހުތިރާމުކުރާ މީހުންނެވެ. ރަސްރަސްކަލުންނަށް އިހުގައި ރައްޔިތުން އަދަބުވެރިކަން އަދާކޮށް ކިޔަމަންތެރިވީ ގޮތަށް ކުރުނީސްކޮށް އަޅުދާސްވާ މީހުންނެވެ. ރައްޔިތުންގެ ކިބައިން ލިބިވަޑައިނުގެން އުޅުއްވާ އިހުތިރާމަކީ އެއެވެ.

މުއިއްޒު ގާއިމުކުރައްވަން އުޅުއްވާ އިހުތިރާމަކީ އެމަނިކުފާނަށް އެކަނި އޮންނަ އިހުތިރާމެކެެވެ. އަދި އިހުތިރާމު އަދާކުރުން ލާޒިމުވަނީ މުއިއްޒު ވަށައިގެން ތަވާފުކުރާ ބައިގަނޑުން ބޭރު އެންމެންނެވެ. މުއިއްޒު ވަށައިގެން އެނބުރެންޏާ ދެން ތިބި އެންމެންނާމެދު ކޮންމެ ފަދަ ބަހުރުވައަކުން، ކޮންމެފަދަ ގޮތަކަށް، ކޮންމެ ފަދަ ވާހަކައެއް ދެއްކުންވެސް އޮތީ ހުއްދަވެފައެވެ. 

މި ހިޔާލު ފޮނުވީ ފަރާތުން އެދިފައި ވަނީ  "ދެކުނުތަރި" ނަމުގައި ފޮނުވި ލިޔުމެއްގެ ގޮތުގައި ޝާއިޢުކޮށް ދިނުމަށެވެ. 

ސިޓީބިޓީ: 

މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި، އިސްލާހުކުރަން ބޭނުންވާ ކަންކަމާއި، ނުވަތަ އާންމުންގެ ސަމާލުކަމަށް ގެންނަން އެދޭ މުހިންމު ވާހަކަތަކެއް އެބަހުރި ހެއްޔެވެ؟ އަދަދު ނޫހުގެ "ސިޓީބިޓީ" ކޮލަމަކީ ހަމައެކަނި ތިޔަބޭފުޅުންގެ އަޑު އިއްވުމަށް ހާއްސަކުރެވިފައިވާ ސެގްމެންޓެކެވެ. ކުދި ބޮޑު ކޮންމެ ކަމަކަށް ވިޔަސް، މުޖުތަމައުގެ ވިންދާ ގުޅިފައިވާ ކަންކަމުގައި ކިޔުންތެރިންގެ ހިޔާލާއި ޝުއޫރުތައް ފާޅުކުރައްވާށެވެ.

ހިޔާލު ފޮނުއްވުމުގައި ސަމާލުކަންދޭންވީ ކަންކަން:

  • ލިޔުންތައް ވީހާވެސް ކުރު، އަދި ސީދާ މައުޟޫއަށް ބިނާވެފައިވުން.
  • ހަގީގަތާ ހިލާފު ވާހަކަތައް ނުހިމެނުން.
  • ބޭނުންނަމަ ސިއްރު ނަމެއްގައިވެސް ލިޔުން ޝާއިއުކުރެވޭނެ
  • އީމެއިލް ކުރައްވާނީ: info@adhadhu.com އަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކު

1977 ވަނަ އަހަރު ސޮވިއެޓް ޔޫނިއަނުން އައްޑޫ ގަން ކުއްޔަށް ހިފަން ހުށަހެޅި ބޮޑު އަގު، ރާއްޖޭގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ރައީސް ނާސިރު ދޫކޮށްލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލައި، ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނު އެޅުއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުން

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، ބިން ދޫކުރުމުގައި ދައުލަތަށް ލިބޭ ދާއިމީ ފައިދާއާއި ނުރައްކަލަށް ވިސްނަންޖެހެއެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހާމަކަންބޮޑު ބީލަމުގެ ނިޒާމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކުއްޔަށް ކަމަށްވާއިރު، ބިމުގެ މިލްކިއްޔާތާއި ބަނދަރު ފަދަ މުހިންމު ވަސީލަތްތައް ބާއްވަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން ރާއްޖޭގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިފަދަ ކާމިޔާބު ނަމޫނާތަކަށް ބަލައި، ދައުލަތުގެ މަންފާ އިސްކުރުން މުހިންމެވެ.

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

ރައްޔިތުންގެ 'އިހުތިރާމު އަތުލުމުގެ' މަޝްރޫއު

ރާއްޖޭގައި އަހުލާގާއި އިހުތިރާމު ކުރުމުގެ ސިފަ އާލާކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ. މި ކެމްޕޭނަކީ ދުނިޔޭގެ ބައެއް ޑިކްޓޭޓަރުން ރައްޔިތުންގެ އަހުލާގު ބައްޓަންކުރަން ހިންގި ފަދަ ހަރަކާތްތަކާ އެއްގޮތް ކަމެއް.

ފުށިދިއްގަރު ފަޅާއި ދިވެހިންގެ ހައްގު

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢު ފަށާފައިވާއިރު، މިއީ ދިވެހިންގެ މިލްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، ދިވެހިން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ބިދޭސީން ރަށްވެހިކުރުމަށް މި މަޝްރޫޢު ބަޔަކާ ހަވާލުކުރުމަކީ ދިވެހިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ، ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިޔާސީ ނިންމުމެއް 99 އަހަރުގެ ގާނޫނީ އިލްތިޒާމަކަށް

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު ހުސްނުވާ 99 އަހަރަށް ސޮއިކުރާއިރު މިއީ އާދައިގެ ސިޔާސީ ނިންމުމަކަށްވުރެ މާ ބޮޑު ގާނޫނީ އިލްތިޒާމެކެވެ. މި އެއްބަސްވުމުގެ ދަށުން އުފެދޭނޭ ގާނޫނީ އިލްތިޒާމުތައް ނިމުމަކަށް ގެނައުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކަށް މި ލިޔުމުގައި ވާހަކަ ދައްކަ އެވެ.

ޝަރުތުތަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަކުރުން

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

Newsletter

Get the latest news delivered straight to your inbox