އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކު

ތިލަމާލެ ބްރިޖުގެ މަސައްކަތް ވިލިނގިލީގައި ކުރިއަށްދަނީ. މިއީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމުރާނީ ތަރައްގީގެ ޕްރޮޖެކްޓު --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ތިލަމާލެ ބްރިޖުގެ މަސައްކަތް ވިލިނގިލީގައި ކުރިއަށްދަނީ. މިއީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމުރާނީ ތަރައްގީގެ ޕްރޮޖެކްޓު --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

"ދިވެހިރާއްޖެއަކީ ވިއްކާލެވޭނެ ތަނެއް ނޫނެވެ."  1977 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނިޝާންޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ބައިނަލްއަގުވާމީ ހަބަރު ފަތުރާ އެޖެންސީއެއް ކަމަށްވާ ރޮއިޓާސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގއި ވިދާޅުވި އެވެ. އަހަރަކު އެއްމިލިޔަން ޑޮލަރަށް ގަން ކުއްޔަށް ދިނުމަށް އޭރުގެ ދުނިޔޭގެ ބޮޑު ބާރު ސޮވިއެޓް ޔޫނިއަން ( ރަޝިޔާ) ހުށަ އެޅުމުން ދެއްވި ޖަވާބެކެވެ. ނޫސްވެރިޔާ (އެލިޒަބަތު ކޯލްޓަން) ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނާސިރު ވިދާޅުވިއެވެ:

"އަހަރެމެން އެ ހުށަހެޅުން ގަބޫލެއް ނުކުރިން. ކެބިނެޓުގެ ހުރިހާ ވަޒީރުންގެ އިއްތިފާގުން ނިންމީ އެ ހުށަހެޅުން ރައްދުކުރަން. އަހަރެމެން ބުނީ 'ނޫނެކޭ، ޝުކުރިއްޔާ، އަހަރެމެންނަކީ ވަކިފަރާތަކަށް ނުޖެހޭ ބައެކެވެ. "ދިވެހިރާއްޖެއަކީ ވިއްކާލެވޭނެ ތަނެއް ނޫނެވެ" އެއް މިލިއަން ޑޮލަރަކީ ވަރަށް ގިނަ ފައިސާ ކަމަށް ވެދާނެ، އެކަމަކު އަހަރެމެންނަކީ އެއްވެސް ބަޔަކަށް، ސޮވިއެޓް ޔޫނިއަނަށް ވިޔަސް ނުވަތަ ދުނިޔޭގެ ބޮޑު ބާރަކަށް ވިޔަސް ވިއްކާލެވޭނެ ބައެއް ނޫން."

1970 ގެ އަހަރުތަކުގެ ފަހުކޮޅަކީ ދިވެހިރާއްޖޭގެ ތާރހުގައި އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެންމެ ނާޒުކު އެއް ދުވަސްވަރެވެ. ސޮވިއެޓް ޔޫނިއަނުން އައްޑޫ ގަން ކުއްޔަށް ހިފަން ހުށަހެޅި ހުށަހެޅުމާއި، އޭގެ މައްޗަށް ދިވެހި ސަރުކާރުން ނިންމި ނިންމުން ދެނެގަނެވޭނީ އޭރުގެ މަސްރަޙު އޮތްގޮތް ބަލައިލުމުންނެވެ.

އިގުތިސާދީ ހާލަތު:

ދިވެހިންގެ އަތުން އިގުތިސާދުގެ ބާރުވެެރިކަން ގެއްލި، ދިވެހިރާއްޖޭގައި ވޯރާ ވިޔަފާރިވެރިންގެ ބާރާއި ނުފޫޒު އެންމެ ގަދައަށް އޮތީ 1857 އިން ފެށިގެން 1962 ވަނަ އަހަރާ ހަމައަށެވެ ގާތްގަނޑަކަށް 105 އަހަރުގެ މުއްދަތަށެވެ.

1 އޮގަސްޓް 1962 އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ އިސްނެންގެވުމުގެ މަތިން ގެނައި ހަރުދަނާ ގާނޫނީ ބަދަލުތަކާއެކު، ވޯރާ މީހުންގެ ވިޔަފާރި ހުއްދަ ބާތިލްކޮށް، އެމީހުން ރާއްޖެއިން ފޮނުވާލެވުނެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމަށް އެޅުނު އެންމެ ބޮޑު ފިޔަވަޅެވެ. ޖުމްލަކޮށް ބަލާއިރު، ވޯރާ ވިޔަފާރިވެރިންނަށްފަހު ފުރަތަމަ ދިހަވަރަކަށް އަހަރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ދަތި ހާލަތެއްގައެވެ. ނަމަވެސް، އެ ދަތިތަކުގެ ސަބަބުން ދިވެހިން އަމިއްލައަށް ކަންކަން ކުރަން ދަސްވެ، މިއަދުގެ ޒަމާނީ ފަންނުވެރި އިގްތިސާދުގެ ބިންގާ އެޅުނެވެ. ހިކިމަހުގެ ބާޒާރު ބަންދުވުން އެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައި އޮތީ ސްރީލަންކާއަށް ހިކިމަސް (ވަޅޯމަސް) އެކްސްޕޯޓް ކުރުމަށެވެ. ނަމަވެސް 70 ގެ ކުރީކޮޅު ލަންކާގެ އިގްތިސާދީ ސިޔާސަތަށް އައި ބަދަލުތަކާއެކު ރާއްޖެއިން މަސް ގަތުން ހުއްޓާލުމުން، ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް ރައްޔިތުންގެ ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވިއެވެ. މި ހީނަރުކަމުން އަރައިގަތުމަށްޓަކައި 1974 ގައި ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫއު ފެށުނެވެ. އަދި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ކަނޑުމަސް ގަންނަން ފަށައި، 1978 ގައި ފެލިވަރު މަސްދަޅު ބަންދުކުރާ ކާރުހާނާ ހުޅުވުނެވެ. ފަތުރުވެރިކަން ރާއްޖެއަށް ފުރަތަމަ ތައާރަފުވީ 1972 ވަނަ އަހަރު ކުރުބާ ވިލެޖް ހުޅުވުމުންނެވެ. މިއީ ރާއްޖޭގެ އިގްތިސާދުގެ މުޅި މިސްރާބު ބަދަލުކޮށްލި ތާރީހީ ފެށުމެކެވެ. އޭގެ ކުރިން ރާއްޖެއަށް ބޭރު ފައިސާ ލިބެނީ ހަމައެކަނި މަސްވެރިކަމުންނެވެ. ބޯރާ ވިޔަފާރިވެރިން ދިއުމާއި ލަންކާ ބާޒާރު ބަންދުވުމުން ދިމާވި ބޭރު ފައިސާގެ ތަދުމަޑުކަމުން ރާއްޖެ ސަލާމަތްވީ ޓޫރިޒަމްގެ ސަބަބުންނެވެ. ބޭރުގެ އެހީއަށް ބަރޯސާނުވެ، ދިވެހިން އަމިއްލައަށް އިސްނަގައިގެން ކުރި މަސައްކަތުން ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަގްބޫލު މަންޒިލަކަށް ވެގެންދިޔައެވެ. ބޭރުގެބަޔަކަށް ބަރޯސާނުވެ އަމިއްލަމަސައްކަތުން ދިވެހިންގެ ވައިގެ ބަދަރު ހުޅުވިގެންދިޔައެވެ.

ސިޔާސީ ހާލަތު

ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވީ ދެ ފަހަރެއްގެ މަތިންނެވެ. ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީ 1953 ގައެވެ. ނަމަވެސް އެއަށްފަހު އަލުން ރަސްކަމަށް ބަދަލުވުމަށްފަހު، ދާއިމީގޮތެއްގައި ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ 1968 ގައެވެ. ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި (އަޅުވެތިކަމުގައި) އޮތީ ޖުމްލަ 77 އަހަރެވެ. 26 ޖުލައި 1965 ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ސިފައިން ގަމުން ފޭބުން 1976 ވަނަ އަހަރު އައްޑޫ ގަމުގައި ތިބި އިނގިރޭސި ސިފައިންގެ އެއަރފީލްޑް ބަންދުކޮށް، އެމީހުން ރާއްޖެއިން މުޅިން ފައިބައިގެން ދިޔައެވެ.

1978 ނާސިރުގެ ދެވަނަ ދައުރު ނިމުމުން، އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމަވައި ސިންގަޕޫރަށް ވަޑައިގަތެވެ. އޭގެފަހުން 11 ނޮވެމްބަރު 1978 ގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތެވެ. 30 އަހަރުގެ ދިގު ވެރިކަމަކަށް ފަހު، ދިވެހިރާއްޖެއަށް ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ނިޒާމު ތައާރަފުވެގެންދިޔައީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގެ ފަހުކޮޅުގައެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހަށް އައި އެންމެ ބޮޑު އެއް ބަދަލެވެ. މިއަދުދިވެހިންގެ ވެރިއެއްގެ ގޮތުގައި އެހުންނެވީ ދެވަނަ ޖުމްހޫރިއްޔާގެ 7ވަނަ ދައުލަތުގެ ވެރިމީހާއެވެ.

އިޖުތިމާއީ ހާލަތާއި އާންމު ދިރިއުޅުން

މީހުންގެ މެދުގައި އޮތް އެކުވެރިކަމާއި އެހީތެރިކަން ވަރަށް ބޮޑެވެ. ހަވީރު ފިނިބުރު ޖެހުމާއި، ޖޯލިފަތިތަކުގައި ވާހަކަދައްކަން ތިބުމަކީ އާންމު ކަމެކެވެ.

1970ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ އާއްމު ދިރިއުޅުމުގެ ހާލަތު އޮތީ ވަރަށް އާދައިގެ، ސާދާ އަދި ގޮންޖެހުންތަކުން ކުރިމަތިލަމުންނެވެ. ވެރިރަށް މާލޭގައިވެސް ގިނައީ އާދައިގެ ފަނުން ނުވަތަ ވަރަށް އާދައިގެ ގޮތަކަށް ރާނައިގެން ނުވަތަ ގޯނިން ހަދާފައި ހުންނަ ގެތަކެވެ. ގޭގޭގެ ގޯތިތެރޭގައި ވެލިފަތުރާފައި އޮންނައިރު، މަގުތަކަކީ ވެލި މަގުތަކެވެ. ތާރު ނުވަތަ ގައު އަތުރާފައެއް ނުހުރެއެވެ. މާލޭގެ މަގުތަކުގައި ސައިކަލާއި ކާރު ފެންނަނީ މަދު ފަހަރަކުއެވެ. އާންމު ދަތުރުފަތުރަށް ބޭނުންކުރީ ބައިސްކަލެވެ. ނުވަތަ ފައިމަގުގައެވެ. ތަކެތި އުފުލަން ބޭނުންކުރަމުން ގެންދިޔައީ އަތް ގާޑިޔަލެވެ. 1970 ގެ ތެރޭގައި އޮފީސްތަކާއި މިސްކިތްތަކުން ފެންނަނީ ދިވެހިވަންތަ، ސާދާ އަދި އާސާރީ ސިފަތަކެވެ. ޒަމާނީ ކޮންކްރީޓް އިމާރާތްތަކަށް ބަދަލުވާން ފެށީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. ފާހާނާކުރުމުގެ ހާލަތު އޮތީ ވަރަށް ދަށު ހާލަތެއްގައެވެ. މިއަދު ފެންނަ ފުލަޝް ކުރާ ފާހާނާއާއި ޒަމާނީ ނަރުދަމާގެ ނިޒާމެއް ރާއްޖެއަކު ނެތެވެ. ރަށްރަށުގައާއި މާލޭގެ ބައެއް ހިސާބުތަކުގައިވެސް އާންމު ރައްޔިތުން ފާހާނާކުރުމަށް ބޭނުންކުރީ އަތިރިމައްޗެވެ. އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ވަކި ސަރަހައްދުތަކެއް (މިސާލަކަށް: އަންހެނުންގެ އަތިރި، ފިރިހެނުންގެ އަތިރި) ރަށުގެ ދެކޮޅުގައި ކަނޑައެޅިފައި އޮވެއެވެ. ގިނަ މީހުން މިކަމަށް ދަނީ ފަތިހު ނުވަތަ އިރުއޮއްސޭ ވަގުތުއެވެ. ފާހާނާގެ ނަޖިސް ސީދާ ބިމަށް ދިއުމާއި، ހަމަ އެ ގިފިލީގައި ހުންނަ ވަޅުން ބޯފެނާއި ވުޟޫކުރާ ފެން ނެގުމުގެ ސަބަބުން ބިމުގެ ފެން ނަޖިސްވެ ރާއްޖޭގައި ބޭރަށް ހިންގުމާ ބަނޑުދިޔާވުމުގެ ބަލިމަޑުކަން އޭރު ވަރަށް ގިނައިން ފެތުރުނެވެ.

1970ގެ އަހަރުތަކުގެ ފަހުކޮޅަކީ ރާއްޖޭގެ ސިއްހީ ވަސީލަތްތައް އިންތިހާއަށް މަދު ދުވަސްވަރެކެވެ. މުޅި ރާއްޖޭގައިވެސް ހުރީ ސަރުކާރުން ހިންގާ އެންމެ ހޮސްޕިޓަލެކެވެ. އޭރު ރާއްޖޭގައި ތިއްބެވީ އިނގިލިން ގުނާލެވޭހާ މަދު ދިވެހި ޑޮކްޓަރުންކޮޅެކެވެ. 70 ގެ އަހަރުތަކުގެ ފަހުކޮޅު ފެށުނު އިސްލާހުތަކާއެކު، ކޮންމެ އަތޮޅެއްގައި "ހެލްތު ސެންޓަރެއް" (ސިއްހީ މަރުކަޒެއް) ގާއިމުކޮށް، އެތަންތަނަށް މަދުވެގެން އެއް ޑޮކްޓަރަކު ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފެށިއެވެ. ނަމަވެސް އާންމު ރަށްރަށުގައި ސިއްހީ ހިދުމަތް ދެމުންގެންދިޔައީ "ކޮމިއުނިޓީ ހެލްތު ވާރކަރުންނާއި ދިވެހި ބޭސްވެރިންނެވެ.

މުވާސަލާތާއި ތައުލީމަށް ބަލާއިރު، އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުފަތުރު ކުރީ ރިޔާ ނުވަތަ އިންޖީނުލީ ދޯނިފަހަރުގައެވެ. މާލެއަށް ދަތުރެއް ކުރުމަކީ ދުވަސްތަކެއް ނަގާ ބޮޑު ވޭނެކެވެ. މުވާސަލާތު ކުރުމަށް ބޭނުންކުރީ ސަރުކާރުގެ ވަޔަރލެސް ނިޒާމެވެ. ރާއްޖެއަށް ޓީވީ ހިދުމަތް ތައާރަފުވީ 1978 ގައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ތައުލީމީ ހާލަތު އޮތީ ވަރަށް އާދައިގެ ގޮތަކަށެވެ. ހުރިހާ ރަށެއްގައި ސްކޫލުތަކެއް ނުހުރެއެވެ. ސަރުކާރުން އިނގިރޭސި މީޑިއަމްއަށް ކިޔަވައިދޭން ފެށީ މާލޭގެ މަދު ސުކޫލުތަކެއްގައެވެ. 1977-1978ވަނަ އަހަރު ބޭއްވުނު ބޯހިމެނުމުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ލިޔަން ކިޔަން ނުދަންނަ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް 17.7% އެވެ. އޭގެ ފަހުން 1980 ގެ އަހަރުތަކުގައި ފެށުނު "އަސާސީ ތައުލީމުގެ މަޝްރޫއު" ގެ ކުރީގެ ހާލަތެވެ. އެ މަޝްރޫއަށްފަހު ރާއްޖޭގައި ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް ވަނީ 98% އަށްވުރެ މައްޗަށް ޖައްސާފައެވެ.

މިއީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އަދި ތާރީހީ ގޮތުން ގައުމު ބިނާކުރުމުގެ ސިޔާސަތުތަކާ ގުޅުވައިގެން ގިނަ ބަޔަކު ގަބޫލުކުރާ އަދި ދައްކާ ވަރަށް މުހިންމު ވާހަކައެކެވެ. ރާއްޖޭގެ ތާރީހަށް ބަލާއިރު، އިހުގެ ވެރިން ރާއްޖެއަށް ޒަމާނީ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވީ ގައުމުގެ ބިމުން ނުވަތަ ސަރަހައްދުން ބައެއް އެހެން ބަޔަކަށް ވިއްކާލުމެއް ނެތި، އަމިއްލަ ވަސީލަތްތަކާއި ހާރިޖީ ގުޅުންތަކުގެ ބޭނުން ހިފައިގެންނެވެ.

މިއީ ހަމަ ހަގީގަތުގައިވެސް މިއަދުގެ ޒަމާނީ ދިވެހިރާއްޖެއާ އަޅާބަލާއިރު އަންތަރީސްވާހާ ބޮޑު ތަފާތެއް ހުރި، މީގެ 50 އަހަރު ކުރީގެ ރާއްޖޭގެ ތާރީހީ ސާދާ ހަގީގަތްތަކެވެ. މި ބަދަލަކީ އިހުގެ ވެރިންނާއި ދިވެހި ރައްޔިތުން ގައުމުގެ ސިޔާދަތާއި ބިމުން ބައެއް ވިއްކާނުލައި، ބުރަ މަސައްކަތުންނާއި ހިކުމަތްތެރިކަމާއެކު ގެނައި ތާރީހީ ބޮޑު އިންގިލާބެކެވެ. މީގެ 50 އަހަރު ކުރީގެ އާދައިގެ ސާދާ ދިރިއުޅުމާ އަޅާބަލާއިރު، މިއަދު ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ވަނީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ، ފުޅާ އަދި ހުރިހާ ދިވެހި ދަރިންނަށް ފުރުސަތުތައް ހުޅުވިފައިވާ ވަރުގަދަ ނިޒާމަކަށް ބަދަލުވެފައެވެ. މިއަދު ދިވެހިން ދިރިއުޅެމުންދަނީ 25 ބުރީގެ އިމާރާތް ތަކުގައެވެ. އަތޮޅުތެރެއަށް ދަތުރު ކުރަނީވެސް މަތިންދާ ބޯޓްފަހަރާއި ހައިސްޕީޓް ލޯންޗުތަކުގައެވެ. މިއަދު ދިވެހިރާއްޖޭގައި ޒަމާނީ ސިއްހީ ހިދުމަތް ދޭ އެތަކެއް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރަމުންދަނީ ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިދުމަތް ދެމުންދާ ފަދައިން، ތައުލީމީ ނިޒާމު ބިނާކޮށް، ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވައިދޭން ތިބީވެސް ދުނިޔޭގެ ފެންވަރަށް ތަމްރީނުވެފައިވާ ގާބިލް ދިވެހި މުދައްރިސުންނާއި ޕީ.އެޗްޑީ ނަންގަވާފަތިބި އިލްމީބޭކަލުންނެވެ. މިއީ ގައުމުގެ ބިމުން އިންޗިއެއްގެ މިންވަރުވެސް ވިއްކާނުލައި، ދިވެހިންގެ އަމިއްލަ ވިސްނުމާއި ހިންގުންތެރިކަމުން ހޯދި ބޮޑު ތަރައްގީއެވެ.

އެހެންކަމުން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ދިވެހިރާއްޖެ ފަދަ ޖާގައިގެ ގޮތުންނާއި އާބާދީގެ ގޮތުން ކުޑަ ޤައުމެއްގައި މިފަދަ ކަމެއް ކުރާއިރު، ޤައުމުގެ ދިގު މުއްދަތުގެ މަޞްލަޙަތާއި، އަމިއްލަވަންތަކަމާއި، ރައްޔިތުންގެ ޙައްޤުތަކަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭކަން އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުން

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، ބިން ދޫކުރުމުގައި ދައުލަތަށް ލިބޭ ދާއިމީ ފައިދާއާއި ނުރައްކަލަށް ވިސްނަންޖެހެއެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހާމަކަންބޮޑު ބީލަމުގެ ނިޒާމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކުއްޔަށް ކަމަށްވާއިރު، ބިމުގެ މިލްކިއްޔާތާއި ބަނދަރު ފަދަ މުހިންމު ވަސީލަތްތައް ބާއްވަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން ރާއްޖޭގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިފަދަ ކާމިޔާބު ނަމޫނާތަކަށް ބަލައި، ދައުލަތުގެ މަންފާ އިސްކުރުން މުހިންމެވެ.

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

ރައްޔިތުންގެ 'އިހުތިރާމު އަތުލުމުގެ' މަޝްރޫއު

ރާއްޖޭގައި އަހުލާގާއި އިހުތިރާމު ކުރުމުގެ ސިފަ އާލާކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ. މި ކެމްޕޭނަކީ ދުނިޔޭގެ ބައެއް ޑިކްޓޭޓަރުން ރައްޔިތުންގެ އަހުލާގު ބައްޓަންކުރަން ހިންގި ފަދަ ހަރަކާތްތަކާ އެއްގޮތް ކަމެއް.

ފުށިދިއްގަރު ފަޅާއި ދިވެހިންގެ ހައްގު

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢު ފަށާފައިވާއިރު، މިއީ ދިވެހިންގެ މިލްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، ދިވެހިން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ބިދޭސީން ރަށްވެހިކުރުމަށް މި މަޝްރޫޢު ބަޔަކާ ހަވާލުކުރުމަކީ ދިވެހިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ، ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިޔާސީ ނިންމުމެއް 99 އަހަރުގެ ގާނޫނީ އިލްތިޒާމަކަށް

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު ހުސްނުވާ 99 އަހަރަށް ސޮއިކުރާއިރު މިއީ އާދައިގެ ސިޔާސީ ނިންމުމަކަށްވުރެ މާ ބޮޑު ގާނޫނީ އިލްތިޒާމެކެވެ. މި އެއްބަސްވުމުގެ ދަށުން އުފެދޭނޭ ގާނޫނީ އިލްތިޒާމުތައް ނިމުމަކަށް ގެނައުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކަށް މި ލިޔުމުގައި ވާހަކަ ދައްކަ އެވެ.

ޝަރުތުތަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަކުރުން

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox