ސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުމުގެ ކުރިން

ސިންގަޕޫރު

ސިންގަޕޫރު

ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް ބޭރުގެ އިންވެސްޓްމަންޓް މުހިންމެވެ. އޭގެ ޒަރީޢާއިން ރައުސްމާލާއި، ޓެކްނޮލޮޖީއާއި، ފަންނީ ހުނަރު ލިބި، ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓުތަކަށް ވަނުމުގެ ފުރުޞަތު ފަހިވެއެވެ. އެހެންނަމަވެސް، ރަސްމާލޭގެ މުޢާމަލާތާ ގުޅިގެން ކުރެވޭ ބަހުސްގައި އުފައްދަންޖެހޭ މައިގަނޑު ސުވާލަކީ، ދޫކުރާ ބިމުގެ އަގާއި ދައުލަތުން އުފުލަންޖެހޭ ނުރައްކަލާ އަޅާބަލާއިރު، ދިވެހިންނަށް ދިގު މުއްދަތުގައި ލިބޭ ދާއިމީ ފައިދާއަކީ ކޮބައިތޯއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ ތަޖުރިބާ

ސިންގަޕޫރުން ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް 1961 ގައި އިޤްތިޞާދީ ތަރައްޤީގެ ބޯޑު (އީ.ޑީ.ބީ) އުފައްދައި، ޖުރޮންގްގައި ސިނާޢީ ސަރަޙައްދެއް ތަރައްޤީކުރިއެވެ. އަދި ފަހުން ސިނާޢީ ބިންތައް ރާވައި ތަރައްޤީކުރުމަށް ޖޭ.ޓީ.ސީ (ޖުރޮންގް ޓައުން ކޯޕަރޭޝަން) އުފެއްދިއެވެ. ސިނާޢީ ބޭނުންތަކަށް ދައުލަތުގެ ބިން ދޫކުރުމުގައި ޢާންމު ބީލަން ހުޅުވާލާ ހާމަކަން ބޮޑު ނިޒާމެއް ޤާއިމުކުރިއެވެ. ބޭރުގެ ކުންފުނިތަކަށްވެސް ޢާންމު ބީލަމުގެ މަތިން ދައުލަތުގެ ބިން ދޫކުރަނީ ވަކި މުއްދަތަކަށް ކުއްޔަށެވެ. ބީލަން ކާމިޔާބުކުރާ ފަރާތާއި، ބިމުގެ އަގާއި، ކުލީގެ މުއްދަތު ޢާންމުކޮށް އިޢުލާނުކުރެއެވެ. ބިމުގެ މިލްކިއްޔާތު ދައުލަތުގެ ބާރުގެ ދަށުގައި ބަހައްޓާއިރު، ކުލީގެ މުއްދަތު ހަމަވުމުން ބިން އެނބުރި ދައުލަތަށް ލިބެއެވެ. އަދި ބިން ދޫކުރުމުން ލިބޭ ފައިސާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ހިމަނައެވެ.

އެ ޤައުމުގައި އިންވެސްޓަރުންނަށް ދާއިމީ ދިރިއުޅުމުގެ ހުއްދަ (ޕަރމަނަންޓް ރެސިޑެންސީ) ދިނުން ހިންގަނީ ވަކި އޮނިގަނޑެއްގެ ތެރެއިން، ވަކި އިދާރީ ނިޒާމެއްގެ ދަށުންނެވެ. ހަމައެކަނި ގެއެއް ނުވަތަ އެޕާޓްމަންޓެއް ގަތުމަކުން ދާއިމީ ދިރިއުޅުމުގެ ހުއްދަ އޮޓޮމެޓިކުން ނުލިބެއެވެ. އިންވެސްޓްމަންޓާ ގުޅޭ ބައެއް ސިނާޢީ ބިންތައް ކުއްޔަށް ދޫކުރަނީ 20 ނުވަތަ 30 އަހަރަށެވެ. އަދި ކުލީގެ މުއްދަތު އިތުރުކޮށްދެނީ ވިޔަފާރީގެ ނަތީޖާއާއި އައު އިންވެސްޓްމަންޓްގެ ޝަރުޠުތައް ފުރިހަމަވާ މިންވަރަކަށް ބަލައިގެންނެވެ.ހަމައެހެންމެ، ސިންގަޕޫރުގެ ކަނޑުގެ ބަނދަރާއި ޗާންގީ އެއަރޕޯޓުގެ ހިންގުމުގެ ވިޔަފާރި ދައުލަތުގެ ބާރުގެ ދަށުގައި އޮތްއިރު، އެ ތަންތަން ހިންގުމާއި ރެގިއުލޭޓްކުރުން ޙަވާލުކޮށްފައިވަނީ ދައުލަތުގެ ވަކި އިދާރާތަކަށެވެ.

ސިންގަޕޫރުގައި ތަރައްޤީކުރާ ސަރަޙައްދުތަކުން ތަނެއް ވިއްކުމުގެ މުޢާމަލާތެއް ހިންގިޔަސް، ޑިވެލޮޕަރުގެ ކުލީގެ އަޞްލު މުއްދަތު ހަމަވާ ތާރީޚަކަށް ޢާންމު މުޢާމަލާތްތަކުގައި ބަދަލެއް ނާދެއެވެ. މުއްދަތު އިތުރުކުރަން ބޭނުންނަމަ، "ސްޓޭޓް ލޭންޑްސް އެކްޓް 1920" ގެ 20 އަދި 21 ވަނަ މާއްދާއިން ދައުލަތުގެ ބިމެއް އަލުން ކުއްޔަށް ދޫކުރާ "ސަރަންޑަރ އެންޑް ރީގްރާންޓް" އުޞޫލަށް މަގު ހުޅުވެނީ، ސަރުކާރުން އެ ހުށަހެޅުން ވަކިން ބެލުމަށްފަހު، އެ ވަގުތުގެ މާކެޓު އަގަށް ބަލައި ކަނޑައަޅާ ޕްރީމިއަމް ކުރިން ދެއްކުމުންނެވެ.

ދެކުނު ކޮރެއާއިން 1962 ގައި ކޮޓްރާ (ކޮރެއާ ޓްރޭޑް-އިންވެސްޓްމަންޓް ޕްރޮމޯޝަން އެޖެންސީ) އުފެއްދީ އެ ޤައުމުގެ ވިޔަފާރިތައް ބޭރުގެ މާކެޓުތަކާ ގުޅުވައި، އެކްސްޕޯޓު ކުރިއެރުވުމަށެވެ. ބޭރުގެ ރައުސްމާލު ގެނައުމަށް ވަކި ޚިދުމަތެއް ފެށީ އޭގެ ފަހުންނެވެ. އެ ޤައުމުގައިވެސް ބައެއް ސިނާޢީ ސަރަޙައްދުތަކުން ކުއްޔަށް ބިން ދޫކުރިއެވެ. އަދި ކޮރެއާގެ ޢާންމު ޤާނޫނުގެ ދަށުން ބައެއް ބިންތަކަށް ކުރިން ހުއްދަ ހޯދަންޖެހި، ބޭރު މީހުންނަށް ބިން މިލްކުކުރުމުގެ ފުރުޞަތު އޮތްއިރު، ރެސިޑެންސީ ޕްރޮގްރާމްތަކުގެ ވިސާ އެކި މުއްދަތުތަކުގައި މުރާޖަޢާކޮށް ރިވިއުކުރެވެއެވެ.

ރާއްޖޭގެ ޙާލަތާއި އަޅާކިޔުން

ދިވެހިރާއްޖޭގެ ބިމުގެ ސަރަޙައްދަކީ މުޅި ސަރަޙައްދުގެ އެންމެ 0.33 އިންސައްތަ (298 އަކަކިލޯމީޓަރު) ކަމަށްވާއިރު، ސިންގަޕޫރުގެ ބިމުގެ ސަރަޙައްދަކީ އެ ޤައުމުގެ ޖުމްލަ ސަރަޙައްދުގެ 98.53 އިންސައްތަ (725 އަކަކިލޯމީޓަރު) އެވެ. އަދި ދެކުނު ކޮރެއާގެ ބިމުގެ ސަރަޙައްދަކީ އެ ޤައުމުގެ ޖުމްލަ ސަރަޙައްދުގެ 97.15 އިންސައްތަ (97,600 އަކަކިލޯމީޓަރު) އެވެ. ދީނީ ގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ 100 އިންސައްތައަކީ މުސްލިމުން ކަމަށްވާއިރު، ސިންގަޕޫރާއި ދެކުނު ކޮރެއާގެ ސަރުކާރުން އެ ޤައުމުތަކުގެ ރައްޔިތުންނަކީ ވަކި ދީނެއްގެ ބައެއްގެ ގޮތުގައި ޤާނޫނީ ގޮތުން ކަނޑައަޅާފައެއް ނުވެއެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސިންގަޕޫރުގެ 20 އިންސައްތަ ރައްޔިތުންނާއި، ދެކުނު ކޮރެއާގެ 56 އިންސައްތަ ރައްޔިތުންނަކީ އެއްވެސް ދީނެއް ޤަބޫލުކުރާ ބައެއް ނޫނެވެ.

ކުރިއަރާފައިވާ ގިނަ ޤައުމުތައް ފަދައިން ސިންގަޕޫރާއި ދެކުނު ކޮރެއާގައި އިންވެސްޓަރުންނަށް ދިރިއުޅުމުގެ ހުއްދަ ދޭ ޕްރޮގްރާމްތައް (އިންވެސްޓަރ-ރެސިޑެންސީ ޕްރޮގްރާމްތައް) ތަޢާރަފުކުރީ، އެ ދެ ޤައުމުގެ އެކްސްޕޯޓަށް އަމާޒުކުރި ސިނާޢީ ތަރައްޤީ ފެށުނުތާ އެތައް ދަހަރެއް ފަހުންނެވެ. ސިންގަޕޫރުން 2004 ވަނަ އަހަރު އެ ޤައުމުގެ "ގްލޯބަލް އިންވެސްޓަރ ޕްރޮގްރާމް" ފެށިއިރު، ސަރުކާރުގެ ޖުމްލަ ދަރަނި ހުރީ ޖީ.ޑީ.ޕީ ގެ ގާތްގަނޑަކަށް 96 އިންސައްތައިގައެވެ. ނަމަވެސް، ހަމަ އެ އަހަރުގެ މާރިޗު މަހު އައި.އެމް.އެފް އިން ލަފާކޮށްފައިވާ ގޮތުގައި، ސިންގަޕޫރު ސަރުކާރުގެ ސާފު މިލްކިއްޔާތު (ނެޓް އެސެޓްސް) ހުރީ ޖީ.ޑީ.ޕީ ގެ 120 އިންސައްތައަށްވުރެ މަތީގައެވެ.

ހަމައެހެންމެ، ދެކުނު ކޮރެއާއިން 2010 ވަނަ އަހަރު ޖެޖޫގެ ޕްރޮޕަޓީ-އިންވެސްޓަރ މަގު ހުޅުވާލިއިރު، އެ ޤައުމުގެ މަރުކަޒީ އަދި އިދާރީ ސަރުކާރުތަކުގެ ދަރަނި ހުރީ ޖީ.ޑީ.ޕީ ގެ 28 އިންސައްތައިގައެވެ. އަދި 2013 ވަނަ އަހަރު ޢާންމު ވިޔަފާރީގެ އިންވެސްޓްމަންޓް މަގު އިތުރުކުރިއިރު، އެ ދަރަނި ހުރީ ޖީ.ޑީ.ޕީ ގެ 31 އިންސައްތައިގައެވެ. 2025 ވަނަ އަހަރު، ޢާންމުންނާއި ބިދޭސީންނަށް ހުޅުވިފައިވާ މުޅި ރިއަލް އެސްޓޭޓް ދާއިރާ ޙިއްޞާކޮށްފައިވަނީ ސިންގަޕޫރުގެ ޖީ.ޑީ.ޕީ ގެ ގާތްގަނޑަކަށް 6.6 އިންސައްތައާއި، ދެކުނު ކޮރެއާގެ ޖީ.ޑީ.ޕީ ގެ 6.5 އިންސައްތައެވެ.

އެހެންކަމުން، ރާއްޖޭގައި ރިއަލް އެސްޓޭޓް ރެސިޑެންސީ ޕްރޮގްރާމެއް ފަށާއިރު އިޤްތިޞާދީ އަދި މާލީ ޙާލަތާއި ބިމުގެ ވަސީލަތް އޮތް މިންވަރު ސިންގަޕޫރާއި ދެކުނު ކޮރެއާއާ ވަރަށް ތަފާތެވެ. ރާއްޖޭގެ މަދު ބިންކޮޅު ބޭނުންކުރަންޖެހެނީ ރައްޔިތުންގެ ގެދޮރާއި، ވިޔަފާރިއާއި، ޢާންމު ޚިދުމަތްތަކަށެވެ. ވޯލްޑް ބޭންކުގެ 2026 ޖޫން ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ޢާންމު ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ޖީ.ޑީ.ޕީ ގެ 130 އިންސައްތައަށް އަރާކަމަށް އަންދާޒާކުރެއެވެ. އަދި މި ހިނގާ 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 158 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށާއި، އަންނަ 2027 ވަނަ އަހަރު ނިމޭއިރު 162ބިލިއަން ރުފިޔާއަށް އުފުލޭނެ ކަމަށް ދައުލަތުގެ އަންދާޒާ ބަޖެޓުތަކުން ދައްކައެވެ.

މި ޙާލަތުގައި، ރަސްމާލޭގެ މަޝްރޫޢަށް އީގަލް ހިލްސްއާއެކު ވެވޭ ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން އެތައް ބިލިއަން ރުފިޔާއެއްގެ އާމްދަނީ ލިބޭނެކަމަށް ޢާންމުކޮށް ދެކެވޭ ވާހަކަތައް ކަށަވަރުކުރުމަށްޓަކައި ފުން ދިރާސާތަކެއް ކުރަންޖެހެއެވެ. އެގޮތުން، އެހެން ޤައުމުތަކުގައި މިފަދަ މަޝްރޫޢުތައް ފެށިއިރު ދައުލަތްތަކުގެ މާލީ ޙާލަތު އޮތް ގޮތާއި، އާބާދުކުރުވުމާ ގުޅިފައިވާ ހިޖުރަކުރުމުގެ ވިޔަފާރި މަޝްރޫޢަކުން ރާއްޖޭގެ ދިގު މުއްދަތުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަމާއި، ބޭރު ފައިސާ ހިފެހެއްޓޭނެ މިންވަރާއި، ދައުލަތަށް ލިބޭނެ ސާފު އާމްދަނީ ހިސާބުކުރަންޖެހެއެވެ. ހަމައެއާއެކު، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގައި ދިމާވެދާނެ ދީނީ ބައިބައިވުމާއި، އިޖުތިމާޢީ މައްސަލަތަކާއި، އެތެރޭގެ އިޤްތިޞާދަށް އަންނާނެ ބަދަލުތައް ފަންނީ ނަޒަރަކުން ދިރާސާކޮށް ހެކީގެ މައްޗަށް ރައުޔު ނެރެންޖެހެއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގައި، ނުވަތަ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ނެތް މެދުއިރުމަތީގެ ޤައުމުތަކުގައި، ވިޔަފާރީގެ އުޞޫލުން ހިޖުރަކުރުވައިގެން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ފެށިއިރު އެ ޤައުމުތަކުގެ މާލީ ޙާލަތު އޮތް ގޮތަށް ރިޢާޔަތްކުރަންޖެހެއެވެ.ދަރަނީގެ މައްޗަށް ބަރުވެފައިވާ އަޅުގަނޑުމެންގެ މާލިއްޔަތަށާއި، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށާއި، ކުރިއަށް އޮތް ޖީލުތަކަށް ކުރާނެ އަސަރު ވަޒަންނުކޮށް، ހަމައެކަނި ހިސާބު އަދަދުތަކެއް ޖެއްސެވުމަކުން އެއީ ފަންނީ ގޮތުން އެންމެ އެކަށޭނަ ޒަމާނީ ނިންމުމެއްކަމަށް ބެލެވޭކަށް ނެތެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

ރައްޔިތުންގެ 'އިހުތިރާމު އަތުލުމުގެ' މަޝްރޫއު

ރާއްޖޭގައި އަހުލާގާއި އިހުތިރާމު ކުރުމުގެ ސިފަ އާލާކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ. މި ކެމްޕޭނަކީ ދުނިޔޭގެ ބައެއް ޑިކްޓޭޓަރުން ރައްޔިތުންގެ އަހުލާގު ބައްޓަންކުރަން ހިންގި ފަދަ ހަރަކާތްތަކާ އެއްގޮތް ކަމެއް.

ފުށިދިއްގަރު ފަޅާއި ދިވެހިންގެ ހައްގު

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢު ފަށާފައިވާއިރު، މިއީ ދިވެހިންގެ މިލްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، ދިވެހިން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ބިދޭސީން ރަށްވެހިކުރުމަށް މި މަޝްރޫޢު ބަޔަކާ ހަވާލުކުރުމަކީ ދިވެހިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ، ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިޔާސީ ނިންމުމެއް 99 އަހަރުގެ ގާނޫނީ އިލްތިޒާމަކަށް

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު ހުސްނުވާ 99 އަހަރަށް ސޮއިކުރާއިރު މިއީ އާދައިގެ ސިޔާސީ ނިންމުމަކަށްވުރެ މާ ބޮޑު ގާނޫނީ އިލްތިޒާމެކެވެ. މި އެއްބަސްވުމުގެ ދަށުން އުފެދޭނޭ ގާނޫނީ އިލްތިޒާމުތައް ނިމުމަކަށް ގެނައުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކަށް މި ލިޔުމުގައި ވާހަކަ ދައްކަ އެވެ.

ޝަރުތުތަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަކުރުން

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox