ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު (ނުވަތަ "ރަސްމާލެ" މަޝްރޫޢު) އަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި 18 ޑިސެމްބަރު 2023 ގައި މިސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. ޖުމްލަ 1,009 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، ރަސްމާލެއިން 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމަވައި، އޭގެ ތަފްޞީލުތައް އިޢުލާނުކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރަސްމާލޭގައި 30,000 ހައުސިންގ ޔުނިޓް ބިނާކުރުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
މާލެއާއި ރަސްމާލެ ގުޅުވައިދޭ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓެންސީ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ސަރުކާރުގެ އެންމެ އިސްވެރިޔާއިން ފެށިގެން ބުނަމުންގޮސްފައިވަނީ މިއީ ދިވެހިންގެ މިލްކެއްކަމުގައި، މިބިމުން އެންމެ ވެލިފުކެއްވެސް ދޫނުކުރާނެކަމަށެވެ.
ފުށިދިއްގަރު ފަޅަކީ ދިވެހިންގެ ޙައްޤެކެވެ. ދިވެހިންގެ މިލްކެވެ. ފަޅުހިއްކައި އެތަނުގައި ދިވެހިން އާބާދު ކުރައްވާނެ ވާހަކައަކީ ވެވިވަޑައިގެންފައިވާ ވަޢުދެކެވެ. އެހެންނަމަވެސް ދިވެހި ދައުލަތް ހިންގަވަން ތިބި ފަރާތުން ދިވެހިންނަށްވެރެ ބިދޭސީން ޙައްޤުތައް އިސްވެއްޖެއެވެ. އެމީހުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުންމަޖްބޫރު ވެއްޖެއެވެ. ފުށިދިއްގަރުފަޅަކީ މިހާރު ބިދޭސީން ރަށްވެހި ކުރުމަށް ހަމަޖެހި އިޢްލާން ކުރެވިފައިވާ މަޝްރޫޢު އެކެވެ.
ބިދޭސީން ރަށްވެހި ކުރުމަށް މަޝްރޫޢު ބަޔަކާ ހަވާލު ކުރާނަމަ މިއީ ދިވެހިންނަށް ވެވޭ ޚިޔާނާތެކެވެ. ދިވެހިންގެ އެތައް ބަޔެއްގެ ޙައްޤު ނިގުޅާގަނެވުނީއެވެ. ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ ބިމަކީ ދިވެހިންގެ އަމިއްލަ ވަޠަނެވެ. ޚާއްޞަކޮށް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުވެ، އެތައް ހާސް ދިވެހި ޢާއިލާތައް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ، ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ނުވަތަ ދިގު މުއްދަތަކަށް ރަށްވެހިވެވޭ ގޮތަށް ބޮޑެތި މަޝްރޫޢުތައް ބަޔަކާ ޙަވާލުކުރުމަކީ ދިވެހިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ ކަމެކެވެ. މިއީ ޤައުމީ ސަލާމަތާއި ދިވެހިންގެ މުސްތަޤްބަލާ މެދު އުފެދޭ ވަރަށް ބޮޑު ބިރެކެވެ. އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އަސާސްތައް ބުނާގޮތުން، ދައުލަތުގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންގެ ޙައްޤުތައް އިސްކުރުމާއި، ޤައުމުގެ ބިމާއި ވަޞީލަތްތައް ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ބޭނުންކުރުމެވެ. އިންވެސްޓްމަންޓްތަކުގެ ނަމުގައި ވިޔަސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ފިޔަވަޅެއް އެޅުމަކީ މުޖުތަމަޢުގެ ބޮޑު ކަންބޮޑުވުމެކެވެ.
ދައުލަތުގެ އެންމެ އިސް މަޤާމުތަކާ ޙަވާލުވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް މަޤާމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަންނަވަނީ މާތް ﷲ ގަންދީ ކަނޑައެޅިގެންވާ ޚާއްޞަ ހުވައެއް ކުރެއްވުމަށްފަހުގައެވެ. އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމާ، ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމާ، ދިވެހި ޤައުމާއި ރައްޔިތުންނަށް ވަފާތެރިވުންފަދަ ކަންކަމެވެ. އިސްލާމްދީނުގައި "ހުވާ" އަކީ އޭގެ މަތިވެރިކަމާއި ނުރައްކާތެރިކަން ވަރަށް ބޮޑު އެއްޗެކެވެ. މާތް ﷲ ގެ އިސްމުފުޅު ގަންދީ ހުވާކުރުމަށްފަހު، އެ ހުވައާ ޚިލާފުވުމަކީ ނުވަތަ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން އަންނާނެ ފަދަ ޚިޔާނާތެއްވުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އޭގެ ޢުޤޫބާތް ވަރަށް ބޮޑުވާނެ ކަމެކެވެ. ދައުލަތުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވާ ހުވައަކީ ހަމައެކަނި ރަސްމީ ސިފައެއްގައި ކުރާ ހުވައެއް ނޫނެވެ. އެއީ ﷲ ގެ ކުރިފުޅުމަތީގައްޔާއި ރައްޔިތުންގެ ކުރިމަތީގައި ވެވޭ އެންމެ ބޮޑު އަހުދެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ އުމާމާގެ އަރިހުން ރިވާވެގެންވޭ މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މުސްލިމެއްގެ ޙައްގެއް ހުވާކޮށްގެން ގެންދިޔަމީހާއަށް ނަރަކަ ވާޖިބު ވެއްޖެއެވެ. އަދި އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމް ވެއްޖެއެވެ.އެހިނދު މީހަކު ދެންނެވިއެވެ. އަތުލި އެއްޗަކީ ކިތަންމެ ކުޑައެއްޗެއްނަމަވެސް އެގޮތަށް ވާނެ ތޯއެވެ. ޙަދީޘް ކުރެއްވިއެވެ.އަރާކު ދަނޑި ކޮޅެއްވިޔަސް މެއެވެ.
ކިންދާގެ މީހަކާއި ޙަޟްރަމަވްތުގެ މީހަކު ޔަމަނުގައި އޮތްބިމަކާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم އަރިހަށް ދިޔައެވެ. ޙަޟްރަމީ ( ޙަޟްރަމަވްތު މީހާ ) ރަސޫލާއަށް ދެންނެވިއެވެ. އަޅުގަނޑުގެ ބިން މިހިރަމީހާގެ ބައްޕަ ވަނީ ފޭރިގަންފައެވެ. އެ ބިން މިހާރު އޮތީ މީނާގެ އަތްދަށުގައެވެ. އެހިނދު ރަސޫލުﷲ صلى الله عليه وسلم ދަޢްވާކުރިމީހާއަށް ޙަދީސްކުރެއްވިއެވެ. ތިބާ އަށް ބައްޔިނާ އެއް ލިބިގެންވޭ ހެއްޔެވެ؟އޭނާ ދެންނެވިއެވެ. ނޫނެކެވެ. އެކަމަކު އޭނާ ލައްވާ ހުވާކުރުވަން އަޅުގަނޑު އެނދެމެވެ. މާތްﷲ ގަންދީ ދަންނަވަމެވެ. އެއީ އޭނާގެ ބައްޕަ ފޭރިގެންފައިވާ އަޅުގަނޑުގެ ބިމެއްކަން އޭނާ އަށް ހަމަކަށަވަރުން އެނގޭނެއެވެ. އެހިނދު ދަޢުވާލިބޭ ކިންދާމީހާ ހުވާކުރުމަށް ތައްޔާރުވިއެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވެއެވެ. ދޮގުހުވާކޮށްގެން މީހަކު އެހެންމީހެއްގެ މުދަލެއް އަތުލައިފި ނަމަ އެމީހަކު މާތްﷲ އާ ބައްދަލުކުރާނީ ޖުޛާމުބަލި ޖެހިފައިވާ ޙާލުގައެވެ.އެހިނދު ކިންދާމީހާ ދެންނެވިއެވެ . އެއީ އޭނާގެ ބިމެކެވެ. މިހެން ބުނެ އެ ބިން އޭނާ އަށް ރައްދުކުރިއެވެ.
އިސްވެދިޔަ ދެޙަދީސަށް ވިސްނާލާއިރު ހާމަވެގެންދަނީ އެހެން މީހުންގެ ޙައްޤުތަކާއި މުދަލަށް އަރައިގަތުމުގެ ނުރައްކާތެރިކަމެވެ. އަދި އިސްލާމީ މުޖުތަމަޢުގެ އަދުލުވެރިކަން ދެމެހެއްޓުމަށްޓަކައި އައިސްފައިވާ ވަރަށް ބާރުގަދަ އިންޒާރެކެވެ.މިއީ ބިމާއި ބޯހިޔާވަހިކަމުގެ ޙައްޤުތަކާ ހުރި ގުޅުމެވެ. ރައްޔިތުންގެ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ނުޙައްޤުން އަތުލުމަކީ، މި ޙަދީޘްގައިވާ އަރާކު ދަނޑިކޮޅަށްވުރެ އެތައް ގުނައެއް ބޮޑުވެގެންވާ ފޭރުމެކެވެ. އެހެންކަމުން އެފަދަ ކަންކަން ކުރާ މީހުންނަށް އޮތް ވަޢީދުގެ ބަސްފުޅު މިއަށްވުރެ މާ ގަދަފަދަވެގެންވެއެވެ.
މީހެއްގެ މުދަލެއް ނުވަތަ ބިމެއް ނާޖާއިޒު ގޮތުގައި އަތުލުމަށްޓަކައި ކުރާ ދޮގުހުވާ އަކީ ބޮޑުވެގެންވާ ފާފައެކެވެ. އެފަދަ މީހަކަށް އާޚިރަތް ދުވަހުން ލިބޭނެ ޢުޤޫބާތް ބޮޑެވެ. ޙަދީޘްގައިވާ ގޮތުން އެމީހަކު ﷲ އާ ބައްދަލުކުރާނީ ޖުޛާމު (ލެޕްރަސީ) ބަލި ޖެހި، ނިކަމެތި، ކޯފާލިބިގެންވާ ޙާލެއްގައެވެ.
އެހެން މީހެއްގެ ނުވަތަ ރައްޔިތެއްގެ ބިމެއް ނުޙައްޤުން އަތުލައިގަތުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ދައުލަތުން ނުވަތަ ޝަރުޢީ ނިޒާމުގެ ތެރެއިން ކޮންމެ ރައްޔިތެއްގެވެސް އަމިއްލަ ބިމުގެ ޙައްޤު ހިމާޔަތްކޮށްދޭންޖެހެއެވެ. ނުޙައްޤުން މީހެއްގެ ބިމުން ކައިވަތެއްގެ މިންވަރަށް އަތުލައިގަތުމަކީ ޢުޤޫބާތް ބޮޑުވެގެންވާކަމެކެވެ.
އެހެނީ ފުށިދިއްގަރު ފަޅު ހިންކަން ފެށުނީ ދިވެހި ރައްޔިތުންނަށް ޓަކައެވެ. ހިކާ ނިންމާ އެތަނުގައި އާބުދު ކުރަން ވެސް ޖެހޭނީ ދިވެހި ރައްޔިތުންނެވެ. އެއީ ވީ ވައުދު ފުޅެކެވެ. ދިވެހި ރައްޔިތުންނަށް ދެއްވަން ވިދާޅުވި އަމާނާތެކެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަސްމާލެ ހިއްކަން ފެށީ މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ރިޔާސީ ވަޢުދުގެ ދަށުންނެވެ. ދިވެހިން އާބާދުކުރުމަށް ހިއްކާ ބިމަކުން ބޮޑު ބައެއް ބިދޭސީ އާބާދު ކުރުމަށް ޓަކައި ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދާ ޚިލާފުވުމެވެ. އަދި ދީނަށާއި ޤައުމަށް ވެވޭ ޚިޔާނާތެކެވެ.
ފުށިދިއްގަރު ފަޅަކީ ހަމައެކަނި ވެލި އަޅައިގެން އުފައްދާ ބިމެއް ނޫނެވެ. އެއީ ދިވެހިންގެ މުސްތަޤުބަލާއި، އަންނަން އޮތް ޖީލުތަކުގެ ތަނަވަސްކަމުގެ ބިންގަލެވެ. ޤައުމުގެ ބިންތައް ބިދޭސީ ފަރާތްތަކަށް މިލްކުވެ، ދިވެހިން އަމިއްލަ ވަޒަނުގައި ބީރައްޓެހިވުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ. ދިވެހިންގެ ބިމުގެ ފުރިހަމަ ބާރާއި މަންފާ ދިވެހިންނަށް ކަށަވަރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތިވެރި ޤައުމީ ވާޖިބެވެ.ތަރައްޤީއަކީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ ކަމަކަށް ވާންޖެހެއެވެ. ފުށިދިއްގަރު ފަޅުގެ ހަޤީޤީ ތަރައްޤީއަކީ ބޮޑެތި އިމާރާތްތަކާއި ހިއްކާ ބިންތަކެއް ނޫނެވެ. އެއީ އެ ބިންތަކުން ކޮންމެ ދިވެއްސަކަށް ލިބޭ އުފާވެރިކަމާއި ރައްކާތެރިކަމެވެ. ބިމަކީ ދިވެހިންގެ އެންމެ އަގުބޮޑު ޤައުމީ ރައުސްމާލެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީކުރެވޭ ކޮންމެ އަކަފޫޓަކީ، ބޯހިޔާވަހިކަމަށް އެދި އާދޭސްކުރަމުންދާ ނިކަމެތި ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ އަމާނާތެކެވެ. އެހެންކަމުން، މި ބިޔަ މަޝްރޫޢުގެ ހަޤީޤީ ފޮނިމީރުކަން ލިބެންވާނީ ބިދޭސީންނަކަށް ނޫނެވެ. އެއީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ލިބިދޭންޖެހޭ އަސާސީ ޙައްޤެކެވެ.








