ރައްޔިތުންގެ 'އިހުތިރާމު އަތުލި' ޑިކްޓޭޓަރުން އަދި ރައީސް މުއިއްޒުގެ ފަސް އަހަރުގެ ކެމްޕޭން

ކަވާ އިމޭޖު: އަދަދު

ކަވާ އިމޭޖު: އަދަދު

ހިސާބު އިލްމާއި، ސައިންސާއި، ޓެކްނޮލޮޖީ އާއި ޒަމާނީ އިގުތިސާދެއްގައި ކުރިއަށްދާން ބޭނުންވާ ހުރިހައި ހުނަރުތަކެއްގެ ކުރިބޯއްޓާ ހަމައަށް ދިވެހިރާއްޖެއިން ދަތުރުކޮށްފި އެވެ. ރައީސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން، ދުނިޔެއިން ލިބޭން އޮތްހައި އިލްމެއްގެ އެންމެ އުހަށް ރާއްޖެ ގެންދެވުމަށް ފަހު، ހުއްޓި ތިބެ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ދިވެހީންގެ އިންސީންގެ ކިބައިގައި އަހުލާގާއި، އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ ކަންފުޅެއް ވެސް ނެތެވެ. މިހާރު އޮތް ހިސާބުން ކުރިއަށް ނުދެވިގެން މިއުޅޭ ސަބަބަކީ ކޮބައިކަން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެނެވަޑައިގެން، އެކަމަށް މޮޅު ހައްލެއް ހޯއްދަވައިފި އެވެ.

އިއްޔެ ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ، އޮނަރަބްލް ޑރ. މުހައްމަދު މުއިއްޒު އެވަނީ އިހުތިރާމު ކުރުމާއި، ރީތި އަދަބުތަކާއި، އިސްލާމީ އުސޫލުތަކާއި އިޖުތިމާއީ ބަދަހިކަން އާލާކުރުމުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކެމްޕޭނު ނިމޭއިރު، ދިވެހީންގެ ކިބައިން ފެންނާނޭ އަހުލާގީ މާތް ސިފަތަކަކީ ކޮބައިތޯ ދެކޭން ދުނިޔެ އޮތީ ކެތްމަދުވެފައިކަން ގައިމެވެ.

އެކަކު އަނެކަކަށް އިހުތިރާމު ކުރަން ބާރުއެޅުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫނެވެ. އިހުތިރާމަކީ ތަހުޒީބު ކޮންމެ މުޖުތަމައެއްގެ އަސާސީ ސިފައެކެވެ. ދިވެހިންނަކީ އިހުތިރާމު ކުޑަ ބަޔަކަށް ވާން އެދޭނެ އެކަކުވެސް ނުހުންނާނެ އެވެ. ނަމަވެސް، ރައްޔިތުންގެ އަހުލާގު ބައްޓަންކުރުމުގެ ޒިންމާ ސަރުކާރަކުން އަމިއްލައަށް އުފުލުމާއި، ވަކި ހާއްސަ އިރުޝާދުތަކެއްގެ ތެރެއިން އިހުތިރާމު އާލާކުރެވިދާނެ ކަމަށް ސަރުކާރަށް ގަބޫލުކުރެވުމަކީ ޝައުގުވެރި ކަމެކެވެ.

Advertisement

މިއީ އެއްގޮތަކުން ވެސް އައު ކަމެއް ވެސް ނޫނެވެ. ދުނިޔެއިން މިފަދަ ކެމްޕޭނުތަކުގެ މިސާލުތައް ފެންނާން އެބަހުއްޓެވެ. ސޯވިއެޓް ޔޫނިއަނުން ފެށިގެން ތުރުކުމެނިސްތާނާއި، ޗައިނާ އަދި އުތުރު ކޮރެއާއާ ހަމައަށް ތާރީހުން ފެންނަން އޮތީ، ރައްޔިތުންނަށް އަހުލާގާއި، އަދަބު އަދި އިހުތިރާމު ދަސްކޮށްދޭން ޖެހޭ ކަމަށް ސަރުކާރުތަކުން ނިންމި ހައިރާންކުރުވަނިވި މިސާލުތަކެވެ.

ދިވެހި ސަރުކާރުގެ އިހުތިރާމު ކެމްޕޭނު ފެށުމުގެ ރަސްމިއްޔާތަށް ސިވިލް ސާވަންޓުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ގެންދިޔައީ ވަޒީފާގެ ބިރު ދައްކައިގެން، މަޖުބޫރުކޮށްގެންނެވެ. ފެންނަ ފެނުމުގައި މި ކެމްޕޭނުގެ ފުރަތަމަ ފިލާވަޅަކީ، އިހުތިރާމާ ބެހޭ ގޮތުން ސަރުކާރުން ހަރަކާތެއް ބާއްވާއިރު، އެންމެންވެސް "އިހުތިރާމާއެކު" އެތަނަށް ހާޒިރުވާން ޖެހޭނެ ކަމެވެ. މިއީ އިހުތިރާމު އަތުލާނޭ ގޮތް ދަސްކޮށްދޭ ކެމްޕޭނެކެވެ. ރައީސް މިސާލު ނެންގެވީ ކުރިން މި ދެންނެވި ގައުމުތަކުންކަން އަޅުގަނޑަށް ކަށަވަރެވެ.

މުޅި ގައުމެއްގެ އަހުލާގީ ސިފަތައް ރަނގަޅުކުރުމުގެ މުހިންމުކަން ދެނެގަތް ފުރަތަމަ ވެރިއަކީ ރައީސް މުއިއްޒެއް ނޫނެވެ. ތާރީހުގައި ފެނުނު އެންމެ ވަރުގަދަ ޑިކްޓޭޓަރުން ވަނީ މި މަސައްކަތަށް ބޮޑެތި ހޭދަތަކެއް ކޮށްފަ އެވެ. އެ ބޭފުޅުން ގައުމީ ކެމްޕޭންތައް ހިންގައި، އަހުލާގީ މިންގަނޑުތައް އެކުލަވާލައި، ދަސްކުރުން މަޖުބޫރު ފިލާވަޅުތައް ތައާރަފުކޮށް، ރައްޔިތުން އުޅެންވީ ގޮތް ދަސްކޮށްދޭން ދައުލަތުގެ މުއައްސަސާތައް ވެސް ބޭނުންކުރި އެވެ. އިހުތިރާމު ދަސްކޮށްދޭން ސަރުކާރުތަކުން ދިން ހާއްސަ ސަމާލުކަމެއްގެ ސަބަބުން ކަންކަން ވެގެންދާ ގޮތް މިދަންނަވާ ތާރީހީ މިސާލުތަކުން އެނގޭނެ އެވެ.

ތުރުކުމެނިސްތާންގެ ރައީސް ސަޕަރްމުރާތު ނިޔާޒޯވްގެ 'ރޫހުނާމާ' ކެމްޕޭން

ސަޕަރްމުރާތު ނިޔާޒޯވް ތުރުކުމެނިސްތާނުގައި ވެރިކަން ކުރެއްވީ 1991 ގައި އެ ގައުމަށް މިނިވަންކަން ލިބުނީއްސުރެ 21 ޑިސެމްބަރު 2006 ގައި އޭނާ އަވަހާރަވުމާ ހަމައަށެވެ. މިނިވަންކަމުގެ ކުރިން ސޯވިއެޓް ޔޫނިއަންގެ ދަށުގައި އޮތް ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަން ކުރެއްވި ނިޔާޒޯވް، ރައީސްކަމަށް ވަޑައިގަތުމަށްފަހު ވަނީ އޭނާގެ ޝަހުސިއްޔަތު މަތިވެރިކުރުމުގެ ވަރުގަދަ ސަގާފަތެއް ބިނާކުރައްވާފަ އެވެ. އޭނާ ވަނީ ތުރުކުމަނުންގެ ލީޑަރުގެ ލަގަބު އަމިއްލައަށް ނަންގަވައި، އޭނާގެ ޝަރަފުގައި ބިނާތައް ބަހައްޓަވައި، ކޮންމެ ތަނަކުންވެސް އޭނާގެ ފޮޓޯ ފެންނާނެ ގޮތް ހައްދަވާފަ އެވެ. ނަމަވެސް ނިޔާޒޯވް ބޭނުންފުޅުވީ ހަމައެކަނި ސިޔާސީ ލީޑަރަކަށް ވާކަށް ނޫނެވެ. އޭނާ ބޭނުންވީ ރައްޔިތުންގެ އަހުލާގީ އަދި ރޫހާނީ މަގުދައްކާ މީހަކަށް ވާށެވެ.

ނިޔާޒޯވް ވަނީ "ރޫހުނާމާ" ނުވަތަ "ފުރާނައިގެ ފޮތް" މި ނަމުގައި ފޮތެއް ނެރުއްވާފަ އެވެ. މިއީ ގައުމީ ތާރީހާއި، ރޫހާނީ އުނގަންނައިދިނުންތަކާއި، އަހުލާގީ އިރުޝާދުތަކާއި، ތުރުކުމަނުންގެ މުސްތަގުބަލާ މެދު ރައީސްގެ އަމިއްލަ ހިޔާލުތައް ހިމެނޭ ފޮތެކެވެ. މި ފޮތުގެ ބޭނުމަކީ ގައުމީ ވަންތަކަން ވަރުގަދަކޮށް، އާދަކާދަތައް ހިމާޔަތްކޮށް، ރައްޔިތުންނަށް އަހުލާގީ ގޮތުން ރަނގަޅު ދިރިއުޅުމެއް އުޅެން ދަސްކޮށްދިނުމެވެ. ކަމުގެ ޒާތުން ބަލާއިރު މިއީ ވަރަށް ރަނގަޅު މަގުސަދުތަކެކެވެ.

ކަމުގެ މުހިންމުކަން ބޮޑުކަމުން، އެ ފޮތް ކިޔާނީތޯ ނުވަތަ ނޫންތޯ ނިންމުމުގެ އިހުތިޔާރު ރައްޔިތުންނަށް ދީފިނަމަ، އޭގެ ނުފޫޒު ކުޑަވާނެކަން ނިޔާޒޯވް ދެނެވަޑައިގަތެވެ. އެހެންކަމުން، ތައުލީމީ މުއައްސަސާތަކުގައި "ރޫހުނާމާ" ކިޔެވުން ސަރުކާރުން މަޖުބޫރު ކުރި އެވެ. ސުކޫލުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުން އެ ފޮތް ކިޔަވަން ޖެހުނެވެ. އަދި އިމްތިހާނުތަކާއި ވަޒީފާގެ ފުރުސަތުތައް ހޯދުމަށް ވެސް އެ ފޮތުގެ މައުލޫމާތު އެނގުން ލާޒިމު ކުރި އެވެ. މީގެ އިތުރުން މިސްކިތްތަކުގައިވެސް އެ ފޮތް ބަހައްޓައި، ދީނީ އިލްމުވެރިން ވެސް އެ ފޮތުގެ އުނގަންނައިދިނުންތަކަށް އަމަލުކުރަން ޖެހުނެވެ. ސެޕްޓެމްބަރު 2004 ގައި ނިޔާޒޯވް ވަނީ މި ފޮތުގެ ދެވަނަ ބައި ނެރުއްވައި، ރައްޔިތުންގެ އަހުލާގު ބައްޓަންކުރުމަށް ރައީސް ކުރައްވާ މަސައްކަތް އިތުރަށް ފުޅާކުރައްވާފަ އެވެ.

މިއީ ވަރަށް ފަސޭހަ އިންތިޒާމެކެވެ. އަހުލާގާ މެދު ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުމެއް އުފެދިއްޖެނަމަ، ރައީސްގެ ފޮތަށް ބަލާލުމުން ނިމުނީ އެވެ. ޓީޗަރުން ކުދިންނަށް އަދަބު ދަސްކޮށްދޭން ބޭނުންނަމަ، ރައީސް އެ ވަނީ އެކަމަށް ބޭނުންވާނޭ ފިލާވަޅުތައް ތައްޔާރުކޮށްދެއްވާފަ އެވެ. ސިވިލް ސާވަންޓުން ގައުމަށް ވަފާތެރިކަން ދައްކަން ބޭނުންނަމަ، ރައީސްގެ ހިކުމަތްތެރި ބަސްފުޅުތައް ކިޔަވަންވީ އެވެ. އުނދަގޫ އަހުލާގީ ސުވާލުތަކާ މެދު ރައްޔިތުން ވިސްނާކަށް ނުޖެހެ އެވެ. އަހުލާގާ ގުޅޭ ހުރިހާ ސުވާލެއްގެ ޖަވާބަކީ ރައީސް އެވެ.

ރައީސް މުއިއްޒުގެ މި ކެމްޕޭނުގައި އަދި މިހާތަނަށް "ރޫހުނާމާ" އެއް ލިޔުއްވާފައެއް ނުވެ އެވެ. ނަމަވެސް މި ކެމްޕޭނުގެ ތެރޭގައި ރައީސް ދެއްވާ ތަގުރީރުތައް އެއްކޮށްލައްވައި ފޮތެއްގެ ގޮތުގައި ޝާއިއުކުރެވިގެން ދިއުމަކީ ދިވެހިރާއްޖޭގެ ހަމަ ކޮންމެ ރައްޔިތެއްގެ ވެސް އެންމެ ބޮޑު އުއްމީދަށް ވާނޭކަން ކަށަވަރެވެ.

ނިކިތާ ޚުރުޝްޗޭވް: ސޯވިއެޓް ޔޫނިއަންގެ ރަސްމީ އަހުލާގީ މިންގަނޑު 

ތުރުކުމެނިސްތާނަށް މިނިވަންކަން ލިބުމުގެ މާ ކުރިން، ސޯވިއެޓް ޔޫނިއަނުން ވަނީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ އަމިއްލަ ހިޔާލުތަކެއް ތަރައްގީކޮށްފަ އެވެ. މާޗު، 1953 ގައި އަވަހާރަވުމާ ހަމައަށް ވެރިކަން ކުރެއްވި ޖޯސެފް ސްޓާލިން ރައްޔިތުންގެ ސިޔާސީ ވަފާތެރިކަން ކަށަވަރުކުރީ ފިކުރީ ތައުލީމާއި، ސެންސަރުކުރުމާއި އަދި އަނިޔާވެރިކަމުގެ ތެރެއިންނެވެ. ސްކޫލްތަކާއި، މަސައްކަތުގެ މާހައުލާއި އާންމު ޖަމިއްޔާތަކުން ކޮމިއުނިސްޓް ދައުލަތަށް ވަފާތެރިވުމަށް ބާރުއެޅިއިރު، ސިޔާސީ ގޮތުން ހިޔާލުތަފާތުވާ މީހުންނަށް ހަރުކަށި އަދަބު ދިނެވެ. ނަމަވެސް، ގައުމީ އަހުލާގީ މިންގަނޑެއް އެންމެ ސާފުކޮށް އެކުލަވާލީ ސްޓާލިންގެ ފަހުން ވަޑައިގަތް ނިކިތާ ޚުރުޝްޗޭވްގެ ދައުރުގަ އެވެ.

އޮކްޓޯބަރު 1961 ގައި ބޭއްވި ސޯވިއެޓް ޔޫނިއަންގެ ކޮމިއުނިސްޓް ޕާޓީގެ 22 ވަނަ ކޮންގްރެސްގައި، "ކޮމިއުނިޒަމް ބިނާކުރާ މީހާގެ އަހުލާގީ މިންގަނޑު" ގެ ނަމުގައި އާ ޕްރޮގްރާމެއް ފާސްކުރި އެވެ. މި މިންގަނޑުގައި ސޯވިއެޓް ރައްޔިތުންނަށް އަމުރުކުރީ ތެދުވެރި، މަޑުމައިތިރި، މަސައްކަތްތެރި، އިހުތިރާމުކުރާ އަދި އާންމު މަސްލަހަތަށް ވަފާތެރި ބަޔަކަށް ވުމަށެވެ. މި ކެމްޕޭނުގައި، އެކަކު އަނެކަކަށް އެހީތެރިވުމާއި، ގައުމުތަކުގެ މެދުގައި އެކުވެރިކަން ބޭއްވުމާއި، އާއިލާގެ ތެރޭގައި އިހުތިރާމު ކުރުމާއި، އާންމު ތަންތަނުގައި އަދަބުވެރިކޮށް އުޅުމަށް ބާރުއެޅި އެވެ. މިއީ ވަކިން ކިޔާލާއިރު، އަދަބުވެރިކަން އާލާކުރަން މިހާރުގެ ސަރުކާރުތަކުން ހިންގާ ކެމްޕޭންތަކުގައި ވެސް ހިމެނޭ ފަދަ އާންމު އަހުލާގީ ސިފަތަކެކެވެ.

މައްސަލައަކީ، ސޯވިއެޓް އަހުލާގީ މިންގަނޑުގައި އިތުރު ޝަރުތެއް އޮތުމެވެ. އެއީ ކޮމިއުނިޒަމަށް ވަފާތެރިވުމެވެ. ރަނގަޅު އަހުލާގަކީ ސިޔާސީ ނިޒާމަށް ވަފާތެރިވުމާ ގުޅިފައިވާ ކަމެއް ކަމަށް ކަނޑައެޅި އެވެ. ފުރިހަމަ ރައްޔިތަކީ ހަމައެކަނި އެހެން މީހުންނަށް އިހުތިރާމުކުރާ ތެދުވެރިޔާއެއް ނޫނެވެ. އެއީ އޭނާގެ އަހުލާގީ ވިސްނުން ކޮމިއުނިސްޓް ޕާޓީގެ މަގުސަދުތަކާ ވެސް އެއްގޮތްވާ މީހާ އެވެ. ސޯވިއެޓް ވެރިން ގަބޫލުކުރި ގޮތުގައި އާ ސޯޝަލިސްޓް މުޖުތަމައެއް ބިނާކުރެވޭނީ އެ ކަހަލަ އިންސާނުންތަކެއް ބިނާކޮށްގެންނެވެ. އެހެންކަމުން ރައްޔިތުންގެ ގަބޫލުކުރުންތަކާއި، އާދަކާދަތަކާއި، އަމަލުތައް ބައްޓަންކުރުމުގައި ދައުލަތުން އިސް ދައުރެއް އަދާކުރަން ޖެހެ އެވެ.

ޖިއަންގް ޒެމިން އަދި ޝީ ޖިންޕިންގް: ރަނގަޅު ރައްޔިތުން އުފެއްދުމަށް ޗައިނާގައި ހިންގާ ކެމްޕޭން

ޗައިނާއަކީ މިކަމުގައި ވަރަށް ޝައުގުވެރި މިސާލެކެވެ. އެ ގައުމުގެ ސަރުކާރުން ދަނީ ގައުމީ އިހުތިރާމާއި، އަހުލާގާއި އިޖުތިމާއީ ބަދަހިކަން އާލާކުރުމުގެ ނަމުގައި، ރާއްޖޭގެ މިހާރުގެ ކެމްޕޭނާ ވަރަށް އެއްގޮތް ހަރަކާތްތަކެއް އެތައް ދަހަރެއް ވަންދެން ހިންގަމުންނެވެ. ޖެނުއަރީ 2001 ގައި ޗައިނާގެ ރައީސް އަދި ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ޖިއަންގް ޒެމިން ވިދާޅުވީ، ގައުމެއް ހިންގުމަށް ހަމައެކަނި ގާނޫނުތައް ފުދޭނެ ކަމަށާއި، އެ ގާނޫނުތަކުގެ ޒަރީއާއިން ރައްޔިތުންގެ ކިބައިގައި އަހުލާގީ ސިފަތައް ވެސް އަށަގަންނުވަން ޖެހޭނެ ކަމަށެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހު ކޮމިއުނިސްޓް ޕާޓީން ވަނީ "މަދަނީ އަހުލާގު ބިނާކުރުމުގެ ޕްރޮގްރާމް" އިފްތިތާހުކޮށްފަ އެވެ. އޭގެ ބޭނުމަކީ ގައުމުދެކެ ލޯބިވުމާއި، ތެދުވެރިކަމާއި، އަދަބުވެރިކަމާއި، އެކުވެރިކަމާއި، މަސައްކަތަށް ފަރުވާތެރިވުން ފަދަ ސިފަތައް އާލާކޮށްގެން މުޖުތަމައުގެ އަހުލާގީ ފެންވަރު މަތިކުރުމެވެ.

މި ޕްރޮގްރާމަކީ ހަމައެކަނި ރައީސްގެ ތަގުރީރުތަކަކަށް ނުވަތަ ސަރުކާރުގެ އިއުލާންތަކަކަށް ހަނިވެފައި އޮތް ކަމެއް ނޫނެވެ. މިއީ ތައުލީމީ ނިޒާމާއި، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ހިންގާ ވަރަށް ބޮޑު މަސައްކަތެކެވެ. 2003 ވަނަ އަހަރު ޗައިނާއިން ވަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަކީ "މަދަނީ އަހުލާގު ކުރިއެރުވުމުގެ ގައުމީ ދުވަސް" ކަމަށް ކަނޑައަޅާފަ އެވެ. އަދި ސްކޫލްތަކާއި، ވަޒީފާ އަދާކުރާ ތަންތަނާއި، ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް މި އުސޫލުތައް ފެތުރި އެވެ. ޗައިނާ ސަރުކާރުން ހަމައެކަނި ރައްޔިތުން ރަނގަޅަށް އުޅުމަށް އެދުނީއެއް ނޫނެވެ. ރަނގަޅު އުޅުމަކީ ކޮބައިކަން ދަސްކޮށްދޭނެ ބޮޑު އިދާރީ އޮނިގަނޑެއް ވެސް އެކުލަވާލީ އެވެ.

ނޮވެމްބަރު 2012 ގައި ޝީ ޖިންޕިންގް ވެރިކަމަށް ވަޑައިގަތުމަށްފަހު، މި ފިކުރީ އަދި އަހުލާގީ ތައުލީމަށް ދޭ ސަމާލުކަން އިތުރުވި އެވެ. އޭނާގެ ސަރުކާރުން ވަނީ "ސޯޝަލިސްޓް ކޯ ވެލިއުސް" ގެ އަސާސީ 12 އުސޫލެއް އިސްކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމުދެކެ ލޯބިވުމާއި، އެކުވެރިކަމާއި، ތަހުޒީބުވުމާއި، ތެދުވެރިކަމާއި، އިންސާފުވެރިވުން ހިމެނެ އެވެ. މި އުސޫލުތައް މުޅި ގައުމުގެ އެތަންމިތަނުގައި ހަރުކޮށްފައި ހުންނަ ބިލްބޯޑުތަކާއި، ޕޯސްޓަރުތަކުން ފެންނަން ހުރެ އެވެ. ކޮމިއުނިސްޓް ޕާޓީން ވަނީ އަހުލާގީ ތައުލީމަކީ ގައުމު ހިންގުމުގެ މުހިންމު ބައެއްގެ ގޮތުގައި ހަދާފަ އެވެ.

ރައްޔިތުންނަކީ އެކުވެރި، ތެދުވެރި އަދި އިހުތިރާމްކުރާ ބަޔަކަށް ހަދަން ބާރުގަދަ ސަރުކާރަކުން އުޅުމަކީ ބޭރުފުށަށް ބަލާއިރު، މާތް މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ފެނިދާނެ އެވެ. ނަމަވެސް، މައްސަލައަކީ މި ކެމްޕޭންތައް ހިންގާ ސިޔާސީ މާހައުލެވެ. ޗައިނާއިން އެކުވެރިކަމާއި އަދަބުވެރިކަމަށް ބާރުއަޅާއިރު، ސިޔާސީ އިދިކޮޅު ހަރަކާތްތަކާއި، މިނިވަން ސިޔާސީ ހަރަކާތްތަކާއި، ކޮމިއުނިސްޓް ޕާޓީއަށް ފާޑުކިޔުން އޮންނަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.

ޗައިނާގެ އަހުލާގީ ކެމްޕޭންތަކަކީ ރާއްޖޭގައި އަލަށް ފެށި ކެމްޕޭނަށްވުރެ މާ ފުޅާ އަދި ނިޒާމީ ގޮތެއްގައި ހިންގާ ކަންކަމެވެ. އެހެންނަމަވެސް، މި ދެ ކެމްޕޭނުގައި ބޭނުންކުރާ ބަސްމަގުގެ އެއްގޮތްކަމާ މެދު ވިސްނާލުން މުހިންމެވެ. ދެ ގައުމުންވެސް ބާރުއަޅަނީ ގައުމީ ސިފަތަކާއި، އިޖުތިމާއީ ބަދަހިކަމާއި، މަދަނީ ޒިންމާ އަދި އިހުތިރާމުކުރުމުގެ ސިފައަށެވެ. މިއީ އާންމު ރަނގަޅު ސިފަތައް، ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ބަޔަކަށް ވެގެންދާ ގޮތުގެ ހެއްކެކެވެ.

ކިމް ޖޮންގް އުން: ނުރަނގަޅު އުޅުންތަކުން ޒުވާނުން ރައްކާތެރިކުރުމުގެ ކެމްޕޭން

އަހުލާގާއި، ގައުމީ ވަންތަކަމާއި، ސިޔާސީ ގޮތުން ކިޔަމަންތެރިވުމާ ދެމެދު އޮތް ގުޅުން ސާބިތުކޮށްދިނުމުގައި އުތުރު ކޮރެއާއަކީ ދެވަނައެއް ނެތް މިސާލެކެވެ. ސެޕްޓެމްބަރު 1948 ގައި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ އުފެދުނީއްސުރެ، ވެރިކަންކުރާ ކިމް އާއިލާއިން ވަނީ ފިކުރީ ތައުލީމާއި ދައުލަތަށް ވަފާތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅާފަ އެވެ.

އުތުރު ކޮރެޔާގައި، އެންމެ މަތީ ވެރިޔާގެ ވަށައިގެން އެނބުރޭ ސިޔާސީ ނިޒާމެއްގެ ބިންގާ އެޅުއްވީ 1994 އާ ހަމައަށް ވެރިކަން ކުރެއްވި ކިމް އިލް ސުން އެވެ. އޭނާގެ ދަރިކަލުން ކިމް ޖޮންގް އިލް ޑިސެމްބަރު 2011 ގައި އަވަހާރަވުމާ ހަމައަށް އެ ނިޒާމު ދެމެހެއްޓެވި އެވެ. އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގަތް ކިމް ޖޮންގް އުން ވަނީ ދައުލަތުގެ ފިކުރީ ކޮންޓްރޯލް އިތުރަށް ވަރުގަދަކުރައްވާފަ އެވެ.

ކިމް ޖޮންގް އުންގެ ވެރިކަމުގައި، ބޭރުގެ ނުރައްކާތެރި ސަގާފީ ނުފޫޒުތަކުން ޒުވާނުން ރައްކާތެރިކުރުމުގެ ނަމުގައި ބައެއް ފިޔަވަޅުތައް އެޅި އެވެ. "ރިއެކްޝަނަރީ އައިޑިއޮލޮޖީ އެންޑް ކަލްޗާ ރިޖެކްޝަން" ގެ ނަމުގައި ޑިސެމްބަރު 2020 ގައި އުތުރު ކޮރެއާއިން ފާސްކުރި ގާނޫނަކީ މީގެ އެންމެ ވަރުގަދަ މިސާލެވެ. މި ގާނޫނުގެ މަގުސަދަކީ ބޭރުގެ ސަގާފީ ތަކެތި، ގެންގުޅުމާއި، ފެތުރުމާއި، ބޭނުންކުރުން ހުއްޓުވުމެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2021 ގައި "ޔޫތު އެޑިއުކޭޝަން ގެރެންޓީ ލޯ" އެކުލަވާލީ ޒުވާނުން ބޭރުގެ ދިރިއުޅުމުގެ އުޅުންތައް ކޮޕީކުރުން ހުއްޓުވައި، ސޯޝަލިސްޓް ސަގާފީ މިންގަނޑުތަކަށް ހިތްވަރު ދިނުމަށެވެ.

ޖެނުއަރީ 2023 ގައި ކަމާބެހޭ ފަރާތްތަކުން ވަނީ "ޕިއޮންގްޔަންގް ކަލްޗަރަލް ލެންގުއޭޖް ޕްރޮޓެކްޝަން ލޯ" ފާސްކޮށް، ދެކުނު ކޮރެއާގެ ބަސްމަގާއި، މުއާމަލާތްކުރާ ގޮތްތައް ބޭނުންކުރުން މަނާކޮށްފަ އެވެ. އުތުރު ކޮރެއާ ސަރުކާރުން ނިންމީ ގައުމީ ވަންތަކަން ހިމާޔަތްކުރުމަށްޓަކައި ސިޔާސީ ވިސްނުމާއި ސަގާފީ ކަންކަން ކޮންޓްރޯލް ކުރުމުގެ އިތުރުން، ރައްޔިތުން ދޭދޭ މުއާމަލާތުގައި ބޭނުންކުރާ ބަސްމަގުވެސް ބަލަހައްޓަން ޖެހޭނެ ކަމަށެވެ.

އުތުރު ކޮރެއާގެ ތަޖުރިބާއިން އެނގެނީ ރައްޔިތުންގެ އަމިއްލަ އުޅުމާއި ސުލޫކު ކަނޑައަޅާ އެންމެ ފަހުގެ ބާރަކީ ދައުލަތް ކަމަށް ބަލައިފިނަމަ ނުކުމެދާނެ ނުރައްކާތެރި ނަތީޖާ އެވެ. ބަލައިގަނެވޭނެ ސަގާފީ އާދަކާދަތަކާއި، ބަސްމަގާއި، ވިސްނުމަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބިއްޖެނަމަ، ރަނގަޅު އުޅުމަށް ބާރުއެޅުމާއި ސިޔާސީ ގޮތުން ވަކި ގޮތަކަށް އުޅެން މަޖުބޫރުކުރުމާ ދެމެދު އޮންނަ ފަރަގު އިސާހިތަކު ނެތިގެން ހިނގައިދާނެ އެވެ.

ރާއްޖޭގައި ހިންގާ އިހުތިރާމު އަތުލުމުގެ ގައުމީ ކެމްޕޭން

މި ތާރީހީ މިސާލުތަކުގެ މާނައަކީ އަހުލާގީ ކަންކަމަށް ބާރުއަޅާ ކޮންމެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެކޭ ދެންނެވުމެއް ނޫނެވެ. ޑިމޮކްރެޓިކް ސަރުކާރުތަކުން ވެސް މަގުމަތީގެ ސަލާމަތާއި، ކެތްތެރިކަމާއި، މަދަނީ ޒިންމާތަކާއި އަދި އިހުތިރާމުކުރުމުގެ ސިފަތައް ރައްޔިތުންގެ ކިބައިގައި އަށަގަންނުވަން މަސައްކަތް ކުރެ އެވެ. މިއީ އާންމު މަސްލަހަތަށްޓަކައި ކުރެވިދާނެ ކަންކަމެވެ. މީގައި ތަފާތަކީ ސަރުކާރުން ރައްޔިތުންގެ ކިބައިން އުންމީދުކުރާ ކަންކަމާއި، ކެމްޕޭން ހިންގާ ގޮތާއި، ސަރުކާރުގެ މެސެޖާ މެދު މީހަކު ދެބަސްވުމުން ކަންތައް ކުރާ ގޮތެވެ.

ތުރުކުމެނިސްތާނުގައި ނިޔާޒޯވް ވަނީ އޭނާގެ އަމިއްލަ އަހުލާގީ ފަލްސަފާ ގައުމީ ތައުލީމީ ނިޒާމުގެ ބަޔަކަށް ހަދާފަ އެވެ. ސޯވިއެޓް ޔޫނިއަންގައި ޚުރުޝްޗޭވްގެ ކޮމިއުނިސްޓް ޕާޓީން ވަނީ އަހުލާގަކީ ފިކުރީ ވަފާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށް ކަނޑައަޅާފަ އެވެ. ޗައިނާގައި މަދަނީ އަހުލާގަކީ ސިޔާސީ އަދި އިޖުތިމާއީ ތައުލީމުގެ ބަޔެކެވެ. އުތުރު ކޮރެއާގައި ސަރުކާރުން ބަލައިގަންނަ އުޅުންތައް އަށަގަންނުވަނީ ހަރުކަށި ފިޔަވަޅުތަކާއި އަދަބުތަކުންނެވެ. ރާއްޖޭގައި، މިފަދަ ކެމްޕޭނެއް އިފްތިތާހު ކުރުމުގެ ޖަލްސާއަށް، ސަރުކާރުގެ މުވައްޒަފުން މަޖުބޫރުން ހާޒިރުކުރުވީމާ، މި ކެމްޕޭނު ކުރިއަށް ދާނޭ ގޮތުގެ މިސާލު ފެނި، މިކަމާ ގުޅޭގޮތުން އެތައް ސުވާލެއް އުފެދިގެން ދެ އެވެ.

މި ކެމްޕޭނުގެ ދަށުން "އިހުތިރާމް"ގެ މާނަ ކަނޑައަޅާނީ ކާކު ހެއްޔެވެ؟ ރައްޔިތަކު ފާޅުގައި ވަޒީރަކަށް ތުހުމަތުކޮށްފިނަމަ، އެއީ އިހުތިރާމް ކުޑަކުރުން ކަމަށް ބަލާނެ ހެއްޔެވެ؟ ނޫސްވެރިއަކު ރައީސުލްޖުމްހޫރިއްޔާއާ އުނދަގޫ ސުވާލެއް ކޮށްފިނަމަ، އެއީ އިޖުތިމާއީ ބަދަހިކަމާ ހިލާފު ކަމެއް ކަމަށް ބަލާނެ ހެއްޔެވެ؟ އިދިކޮޅު ސިޔާސީ ބޭފުޅަކު ސަރުކާރުގެ ސިޔާސަތަކަށް މަލާމާތްކޮށްފިނަމަ، އެއީ ގާނޫނީ އަސާސީން ލިބިދޭ ހައްގެއްގެ ބޭނުންކުރުން ހެއްޔެވެ؟ ނުވަތަ އެއީ ސަރުކާރުން އަށަގަންނުވަން އުޅޭ ސިފަތައް ނެތްކަމުގެ ހެއްކެއް ހެއްޔެވެ؟

ފަހަރުގައި ސަރުކާރުން މިކަންކަން ތަފުސީލުކޮށްދޭ ރަސްމީ އަތްމަތީ ފޮތެއް ނެރެފާނެ އެވެ. ރައީސާ މުހާތަބުކުރާނެ ގޮތާއި، ވަޒީރުންނަށް ފާޑުކިޔޭނެ މިންވަރާއި، ގައުމީ އެއްބައިވަންތަކަމާ ފުށުނާރާ ގޮތަށް ސިޔާސީ ގޮތުން ދެބަސްވެވޭނެ މިންވަރު ފަދަ މުހިންމު ކަންކަން އެ ފޮތުގައި ބަޔާންކޮށްފައި އޮވެދާނެ އެވެ. ފަސް އަހަރުގެ ޕްރޮގްރާމް ނިމުމުން، ދިވެހިންނަކީ އެކަށީގެންވާ މިންވަރަށް އިހުތިރާމުކުރާ ބަޔަކަށް ވެއްޖެތޯ ބަލަން އިމްތިހާނެއްވެސް ބާއްވަފާނެ އެވެ. ތުރުކުމެނިސްތާނުން ވަނީ ގައުމީ އަހުލާގުގެ އިމްތިހާނު ބޭއްވިދާނެކަން ދައްކާފަ އެވެ. އެހެންކަމުން މިއީ މުޅިން އަލަށް އުފައްދަންޖެހޭ ފިކުރެއް ވެސް ނޫނެވެ.

އިހުތިރާމް އަށަގަންނުވަން އިހުލާސްތެރިކަމާއެކު ބޭނުންވާ ސަރުކާރަކުން ފުރަތަމަ ކަމަކަށް ސަރުކާރުގެ އަމަލުތައް އިސްލާހުކުރެވިދާނެ އެވެ. މަޖިލީހުގެ ޒިންމާތައް އަދާކުރުމަށް ފުރުސަތު ދީގެން އެ މަޖިލީހަށް އިހުތިރާމު އަދާކުރެވިދާނެ އެވެ. އުނދަގޫ ސުވާލުތަކަށް ޖަވާބުދީގެން ނޫސްވެރިންނަށް އިހުތިރާމު އަދާކުރެވިދާނެ އެވެ. އަދި ފާޑުކިޔުންތަކަށް ހެކިތަކާއެކު ޖަވާބުދީގެން ފާޑުކިޔާ މީހުންނަށް އިހުތިރާމު ކުރެވިދާނެ އެވެ. ރައްޔިތުންގެ ހަރަދުގައި ހިއްކި ބިމެއް ބަޔަކަށް ދޫކޮށްލާއިރު، އެކަމުގައި ރައްޔިތުންގެ ބަހެއް ހޯދައިގެން ރައްޔިތުންނަށް އިހުތިރާމު ކުރެވިދާނެ އެވެ. ގާނޫނުއަސާސީން ސަރުކާރަށް ދީފައިވާ ބާރުތަކުގެ އިންތައް ގަބޫލުކޮށް، ވެރިންނަކީ ޖަވާބުދާރީވާން ޖެހޭ ބައެއްކަން ގަބޫލުކުރުމުން ގާނޫނުއަސާސީއަށް އިހުތިރާމު ކުރެވުނީ އެވެ. މިކަންކަން އިސްލާހުކުރުމަށް ފަސް އަހަރުގެ ރަސްމިއްޔާތުތަކާއި، ބެނާތަކާއި، ހާޒިރުވުން މަޖުބޫރު ޖަލްސާތަކާއި ހަވާ ފަޓާހެއް އަމުދަކުން ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފުށިދިއްގަރު ފަޅާއި ދިވެހިންގެ ހައްގު

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢު ފަށާފައިވާއިރު، މިއީ ދިވެހިންގެ މިލްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، ދިވެހިން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ބިދޭސީން ރަށްވެހިކުރުމަށް މި މަޝްރޫޢު ބަޔަކާ ހަވާލުކުރުމަކީ ދިވެހިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ، ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިޔާސީ ނިންމުމެއް 99 އަހަރުގެ ގާނޫނީ އިލްތިޒާމަކަށް

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު ހުސްނުވާ 99 އަހަރަށް ސޮއިކުރާއިރު މިއީ އާދައިގެ ސިޔާސީ ނިންމުމަކަށްވުރެ މާ ބޮޑު ގާނޫނީ އިލްތިޒާމެކެވެ. މި އެއްބަސްވުމުގެ ދަށުން އުފެދޭނޭ ގާނޫނީ އިލްތިޒާމުތައް ނިމުމަކަށް ގެނައުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކަށް މި ލިޔުމުގައި ވާހަކަ ދައްކަ އެވެ.

ޝަރުތުތަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަކުރުން

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

Newsletter

Get the latest news delivered straight to your inbox