މި ވަގުތު ރާއްޖޭގެ މަސްރަހުގައި ރަސްމާލެއަށް ވުރެ ގަދައަށް ދެކެވޭ ވާހަކައެއް ނެތެވެ. މި ހަފުތާ ބަންދުގައި ވެސް، އަބޫދާބީގެ އީގަލް ހިލްސްއާ އެކު ސަރުކާރުން ހަދަން އުޅޭ ސިއްރު އެއްބަސްވުމާ ދެކޮޅަށް އަޑުއުފުލަން މާލޭގެ އާޓިފިޝަލް ބީޗަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވި އެވެ.
އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ އެއްބަސްވުން ފުރިހަމައަށް ރައްޔިތުންނަށް ދައްކައި، ފެންނަ ނުފެންނަ ވޯޓަކުން ގޮތެއް ނިންމުމަށެވެ. އެކަމަކު ސަރުކާރުގެ ޖަވާބު ވަރަށް ސާފެވެ. އެއްބަސްވުން ހާމައެއް ނުކުރާނެ އެވެ. ރެފަރެންޑަމެއް ވެސް ނުބާއްވާނެ އެވެ. ފާޑުކިޔާ އެންމެން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ، މި މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުން އެ އޮތީ ތައްޔާރުވެފަ އެވެ.
މި ބަހުސްގެ ބޮޑު ބައި އެނބުރެނީ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލްއައްބާރުގެ ޒަޔަނިސްޓު ގުޅުންތަކަށާއި، ބިދޭސީން ދާއިމަށް ވަޒަންވެރިކުރުވަން އުޅޭ ކަމުގެ ބިރަށާއި، އޭނާ ދައްކާފައިވާ ބޮޑެތި ހުވަފެންތައް ބިލާހަކަށްވި ގޮތުގެ ވާހަކަތަކުގެ މައްޗަށެވެ. އެކަމަކު، މިއީ އެންމެ އިންވެސްޓަރެއްގެ ފަސްފަހަތާ މެދު އޮތް ކަންބޮޑުވުމަކަށް ވުރެ ވެސް މާ ފުން މައްސަލައެކެވެ. މައްސަލައަކީ، ދިވެހިންގެ އެންމެ އަގުހުރި ހަރުމުދާ، މިފަދަ ގޮތަކަށް އެއްވެސް ބަޔަކަށް ދޫކޮށްލަން ޖެހޭ ސަބަބެއް ނެތުމެވެ.
ގައުމާ މެދު ވިސްނާ ކޮންމެ ދިވެއްސަކު ވެސް، ސިޔާސީ ވިސްނުން އެއްފަރާތްކޮށް، އަމިއްލަ ނަފުސާ ކޮށްލަން ޖެހޭ ސީދާ އިގުތިސޯދީ ސުވާލެއް އެބައޮތެވެ؛ މާލެ ކައިރީގައި ދިވެހި ދައުލަތަށް އޮތް އެންމެ ފަހު، އެންމެ އަގުބޮޑު އިގުތިސޯދީ ބިމުގެ ދެބައިކުޅަ އެއްބައި ބޭރުގެ ޑިވެލޮޕަރަކަށް ދިނުމަކީ މި ބިމުގެ އެންމެ ފައިދާހުރި ބޭނުން ހިފުން ހެއްޔެވެ؟ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާ ނަމަ، ދިވެހިން އިހްތިޔާރު ކުރަންވީ ކޮން މަގެއް ހެއްޔެވެ؟
އަޅުގަނޑުމެން މި ދޫކޮށްލަނީ ކޮން އެއްޗެއް؟
ރަސްމާލެއަކީ ހަމައެކަނި ކަނޑުން ހިއްކި ފަސްގަނޑެއް ނޫނެވެ. އެއީ ގައުމުގެ މައި އެއާޕޯޓާއި ވިޔަފާރި ބަނދަރާއި، ރާއްޖޭގެ މަސައްކަތްތެރިންގެ މައި އާބާދީ އޮތް މާލެއާ އެންމެ ގާތުގައި އޮތް، އިގުތިސޯދީ ގޮތުން ފުޅާވެވެން އޮތް އެންމެ ފަހު، އެންމެ އަގުބޮޑު ބިމެވެ.
ގުޅީފަޅާއި ގިރާވަރުގައި އިގުތިސޯދީ ބިޔަ ހަރަކާތްތަކަށް އިތުރު ޖާގައެއް ނެތެވެ. އުތުރު ތިލަފަޅަކީ އަދިވެސް ކަރުދާހުގައި އޮތް ތަސައްވުރެކެވެ. ތިލަފުއްޓަކީ އާންމުން ދިރިއުޅެން ކަމުނުދާ، ހަމައެކަނި ސިނާއީ ބޭނުމަށް އޮތް ތަނެކެވެ. މިއީ ދައުލަތުގެ ބަޖެޓުންނާއި ދަރަނިވެރިވެފައިވާ ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ރަސްމާލެ ހިއްކަން ފެށުމުން އަމާޒުވި ފާޑުކިޔުންތަކަށް ސަރުކާރުން އަމިއްލައަށް ދިން ރައްދެވެ.
މި ބިން ހިއްކަން ފުރަތަމަ 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ހޭދައެއް ލަފާކުރުމަށް ފަހު، މިހާރު ސަރުކާރުން ބުނަނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު (ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ހަރަދުވާނެ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މި ބޮޑު ހޭދައިން ހިއްކާ ބިމުގެ ދެބައިކުޅަ އެއްބައި، ގާތްގަނޑަކަށް 500 ހެކްޓަރު، މިއަދު އީގަލް ހިލްސްއަށް ދޫކޮށްލަން މިއުޅެނީ ހޮޓާތަކާއި، ބްރޭންޑެޑް ގެތަކާއި، މެރީނާއެއް އަޅާށެވެ. އެއީ ހަގީގީ ޝަރުތުތައް ސިއްރުކޮށްފައި އޮތް އެއްބަސްވުމެއްގެ ދަށުންނެވެ.
'އަހާ' ފޯރަމްގައި މިނިސްޓަރު ޑރ. މުއްތަލިބު އަތުރާލެއްވީ އިންތިހާއަށް އުއްމީދީ ހިސާބުތަކެކެވެ. އެއީ 500 ހެކްޓަރުގައި 8،800 ޕްރޮޕަޓީ އާއި 30،000 އެނދު، ބިމުގެ ޕްރީމިއަމްގެ ގޮތުގައި 3.1 ބިލިއަން ޑޮލަރު، ކޮންމެ ރަޖިސްޓްރޭޝަނަކުން ހަތަރު ޕަސެންޓު އަދި އަހަރަކު 340 މިލިއަން ޑޮލަރުގެ ޓީޖީއެސްޓީ ލިބޭނެ ވާހަކަ އެވެ. އެކަމަކު ހަގީގަތަކީ، އެ 3.1 ބިލިއަން ޑޮލަރަކީ ޑިވެލޮޕަރު ކޮންމެހެން ދައްކަން ލާޒިމުކުރާ ކަށަވަރު ފައިސާއެއް ނޫން ކަމެވެ.
ނޮވެމްބަރު 9 ގައި މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރި ބިލުގައި ބިމުގެ ޕްރީމިއަމް ނަގަން ކަނޑައަޅާފައި ވަނީ، ވިއްކާ ގެތަކުގެ އަގާއި އާމްދަނީން 10 ޕަސެންޓަށް އަށް ވުރެ ދަށް މިންވަރެއްގެ ގޮތުގައި، ނުވަތަ ގަވާއިދުން ކަނޑައަޅާ އެއްފަހަރާ ދައްކާ އަދަދެއްގެ ގޮތުގަ އެވެ. މާނައަކީ، ގެތައް ވިކިއްޖެ ނަމަ ފައިސާ ލިބޭނެ އެވެ. ނުވިކިއްޖެ ނަމަ، އެ ބުނާ ފައިސާ ވެސް ނުލިބި، ރައްޔިތުންގެ ބިމުން އަތްދޮވެލަން ޖެހުން ފިޔަވައި އިތުރު ކަމެއް ނުވާނެ އެވެ.
ރަސްމާލޭގެ ބިމުން އަތް ދޮވެލަން ޖެހެއޭ މި ބުނަނީ ތަރައްގީކުރާ ޑިވެލޮޕަރަށް އެ ބިމުގެ މިލްކުވެރިކަން ބަދަލުވާތީއެއް ނޫނެވެ. އެ ބިލުގެ "ސަރެންޑާ އެންޑް ރީގްރާންޓް" އުސޫލުން، ޕްރޮޕަޓީއެއް ވިއްކާ ކޮންމެ ފަހަރަކު ގަންނަ ފަރާތަށް އާ 99 އަހަރުގެ ލީހެއް ލިބޭތީ އެވެ. އަސްލު ޑިވެލޮޕަރުގެ މުއްދަތު ހަމަވިޔަސް، މި ގޮތަށް ވިއްކާފައިވާ ލީސްތައް ދެމިއޮންނާނެ އެވެ. މާނައަކީ، ގާނޫނީ ގޮތުން މި ބިން ދުވަހަކު ވެސް ދައުލަތަށް އަނބުރާ ނުލިބުމެވެ. ޖީލުތަކަކަށް އެ ބިމުގެ މިލްކުވެރިކަން އަބަދަށްޓަކައި ބީވެގެން ދިއުމެވެ.
އަނެއްކޮޅުން، ނ. އަތޮޅުގައި 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ "ޕްރޮޖެކްޓް އައިލާ" ފަދަ މަޝްރޫއުތައް 2028 ގައި ނިމި، މާ މަތީ ފަންތީގެ އެތައް ސަތޭކަ ވިލާތަކެއް މާ ކުރިން ބާޒާރަށް ނެރޭނެ އެވެ. އެހެންކަމުން، ދުނިޔޭގެ ލަގްޒަރީ މާކެޓް މިހާރު ވެސް ތޮއްޖެހިފައި އޮއްވައި، ރަސްމާލޭގައި އަޅާ 8،800 ޗުއްޓީ ގެ ގަންނާނެ ބަޔަކު ވާނީ ހަމައެކަނި ހިޔާލީ ބަޔަކަށެވެ. މިނިސްޓަރުގެ އަމިއްލަ ހިސާބުން ވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި އާމްދަނީގެ ގާތްގަނޑަކަށް %40 އެއްތަނަކުން ބިނާވާނީ ރަސްމާލެއަށެވެ.
މިއަކަށް އިގުތިސޯދު ސިންދަފާތު ކުރުމެކޭ ނުކިޔޭނެ އެވެ. މިއީ މުޅި ގައުމުގެ މުސްތަގުބަލު ނަގައި، އެންމެ ވަލެއްގެ ކޮޅުގައި އެއްސުމެވެ. "އެއްފަހަރާ ލިބޭ ފައިސާއަކީ ބަނޑުހައިވެފައި ހުންނައިރު ވަގުތީ ގޮތުން ކާއެއްޗެއް ދިނުން ކަހަލަ ކަމެއް" ކަމަށް ވިދާޅުވީ ހުދު މިނިސްޓަރު ޑރ. މުއްތަލިބު އަމިއްލަފުޅަށެވެ. އެހެންވިއްޔާ، މާލެ ކައިރީގައި އޮތް އެންމެ ފަހު ބޮޑު ބިން މިގޮތަށް ދޫކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
ހަމައެކަނި ނިދަން އަރާ ހާއްޔެއް!
ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރަސްމާލެއިން ބިން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު، އެކަމަށް އެދި 22،500 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ފޯމު ހުށަހަޅާފަ އެވެ. އެމަނިކުފާނު ވަނީ މި ގޯތިތަކުގެ އިތުރުން 25،000 ހައުސިން ޔުނިޓު ވެސް ތަރައްގީކުރާނެ ޖާގަ އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. ވަރަށް އަޑަށް ބާރުލައްވާފައި ވިދާޅުވީ މިއީ ހިސާބު ޖައްސަވާފައި ރައްޔިތުންނަށް އަރުވާ ޔަގީންކަމެއް ކަމަށެވެ.
ނަމަވެސް، މި އަދަދުތައް ރަސްމާލޭގެ ފަޅިއަކަށް ފައްތަން ބަލާއިރު އެ ދެއްވި ޔަގީންކަމާއި ހިސާބުތަކާ މެދު ސުވާލު އުފެދެ އެވެ. ފުރަތަމަ މި ދޭން ޖެހެނީ 22،500 މީހުންނަށް، ކޮންމެ މީހަކަށް 1،250 އަކަފޫޓުގެ ބިމެވެ. މި ސައިޒުގެ ޕްލޮޓުތައް ދޭން 261 ހެކްޓަރުގެ ބިން ބޭނުންވެ އެވެ. ދެން މި އިމާރާތްކުރަން ޖެހެނީ 25،000 ހައުސިން ޔުނިޓެވެ. މި އިމާރާތްތައް ހިޔާ ޓަވަރުގެ އުސްމިނަށް ނަގާ ނަމަ ބޭނުންވާނީ 14 ހެކްޓަރުގެ ބިމެވެ.
މަގުތަކުގެ ވިއުގަ ގިރާވަރުގެ މިންގަނޑަށް ބެހެއްޓިޔަސް، ހަމައެކަނި ގޯއްޗާއި ފްލެޓާއި މަގުތަކަށް 411 ހެކްޓަރު ހުސްވެ އެވެ. ހުޅުމާލޭގެ ސްޓޭންޑަޑަށް މަގުތައް ހަދައިފި ނަމަ އެ އަދަދު 434 ހެކްޓަރަށް އުފުލެ އެވެ. މީގެ މާނައަކީ، ދިރިއުޅުމަށް ބޭނުންވާ އެންމެ ސްކޫލެއް، މިސްކިތެއް، ކްލިނިކެއް ނުވަތަ ހިތްފަސޭހަ މައިޒާނެއް ނާޅައި، ދިވެހިންނަށް އޮތް ފަޅީގެ 80 ޕަސެންޓު ހަމައެކަނި ނިދާ ކޮޓަރިތަކާއި މަގުތަކަށް ދޫކޮށްލަން ޖެހުމެވެ.
މިއަކަށް ސިޓީއެކޭ ނުކިޔޭނެ އެވެ. މިއީ މުޅި ދުވަހު އުޅެފައި ހަމައެކަނި ނިދަން އަރާ ހާއްޔެކެވެ. މީހުން ނިދަން ވަންނާނީ ރަސްމާލެއަށެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށާއި، ބޭސްފަރުވާއަށާއި، ވަޒީފާއަށް ކޮންމެ ދުވަހަކު ތޮއްޖެހިގެން ދުވަން ޖެހޭނީ ހަމަ މާލެއަށް ނޫނީ އަނެއް ބިތުގައި ތަރައްގީކުރަން އުޅޭ ޓޫރިސްޓު ސަހަރަށެވެ.
އަނެއްކޮޅުން، އެ ޓޫރިސްޓު ސަހަރުގައި އީގަލް ހިލްސްގެ ފަޅީގައި އުފެދޭނެ ކަމަށް އެ ބުނާ ވަޒީފާތަކަކީ ވެސް ހޮޓާތަކުގެ ވަޒީފާތަކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 40،000 އެއްހާ މީހުންގެ ތެރެއިން ދިވެހިންނަކީ އެންމެ 15،000 މީހުންނެވެ. ރިސޯޓުތަކުގައި ބޭރު މީހުން ގެންގުޅެވޭ ނިސްބަތް 70 ޕަސެންޓަށް މަތިކުރަން މިހާރު ވެސް އެ ސިނާއަތުން ފައިވިއްދާފައި އޮތްއިރު، ރަސްމާލޭގައި އެތައް ހާސް ހޮޓާ ކޮޓަރިއެއް އެޅުމަކީ ބޭރުން އިތުރު އެތައް ހާސް މަސައްކަތްތެރިން ގައުމަށް އެތެރެވުމެވެ. އަދި މުސާރައިގެ ގޮތުގައި ޑޮލަރުން ރާއްޖެއިން ބޭރުވާ ފައިސާ އިތުރުވެ، ގައުމުގެ ފައިސާގެ ވަޅުގަނޑު އިތުރަށް ފުންވެގެން ދިއުމެވެ.
މިއަށް ވުރެ ފައިދާހުރި މަގެއް: "ރަސްމާލެ ހިއްސާ"
ރަސްމާލެ ތަރައްގީކުރަން އަޅުގަނޑުމެން އަލުން އޮޑި ބަންނަން ފަށާކަށް ނުޖެހެ އެވެ. ދިވެހި ރައްޔިތުންނަށް ރިސޯޓުތަކުން ހިއްސާ ދިނުމަށްޓަކައި ސަރުކާރުން މިހާރު ވެސް ވަނީ "ދިވެހިންގެ ރިސޯޓު ހިއްސާ" ގެ ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ. އެހެންވިއްޔާ، އެއަށް ވުރެ މާ އަގުހުރި، ޖީލުތަކަކަށް ދެމިގެންދާނެ ކަމަކަށް މި ފަލްސަފާ ބޭނުންކުރުން މާ އައުލާކަން ބޮޑެވެ.
މުޅި ރަސްމާލެ ސިޓީގެ ހަގީގީ މިލްކުވެރިކަން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ "ރަސްމާލެ ހިއްސާ" ކުންފުންޏެއް އުފައްދަމާ ހިނގާށެވެ. އެ ކުންފުނީގެ މައިގަނޑު އަސާސަކަށް ވާންވާނީ، ބިމުގެ އެންމެ އަކަމީޓަރެއް ވެސް ބޭރުގެ ފަރާތަކަށް އަބަދަށްޓަކައި ވިއްކައިނުލައި، ދައުލަތުގެ ދާއިމީ ހަރުމުދަލެއްގެ ގޮތުގައި ހިފެހެއްޓުމެވެ.
އެ ކުންފުނީގެ ފުރަތަމަ އަމާޒަކަށް ވާންވާނީ ނިދަން ވަންނާނެ ތަންތަން ހެދުމެއް ނޫނެވެ؛ ދައުލަތަށާއި ރައްޔިތުންނަށް ދާއިމީ އާމްދަނީ ވަންނާނެ ވަސީލަތްތައް ބިނާކުރުމެވެ. އެއީ މާލީ އަދި ވިޔަފާރި މަރުކަޒަކާއި، ފްރީ ޓްރޭޑް ޒޯނަކާއި، ޒަމާނީ ބަނދަރަކާއި، މަސްވެރިކަމުގެ ސިނާއީ ކޮމްޕްލެކްސެކެވެ. އަދި މިއަދު ރާއްޖޭގައި އެކަށީގެންވާ އަމިއްލަ ބަނދަރެއް ނެތިގެން މަގުމަތިވެފައިވާ ސަފާރީ އުޅަނދުފަހަރަށް ހާއްސަ ފުރިހަމަ މެރީނާއެކެވެ.
ފަތުރުވެރިކަމަށް ދޫކުރަން ވާނީ މުޅި ބިމުގެ 10 ޕަސެންޓަށް ވުރެ ވެސް ކުޑަ މިންވަރެކެވެ. އެ ތަންތަން ވާންވާނީ ސީދާ ދިވެހިންގެ އަމިއްލަ އިންވެސްޓްމަންޓްތަކަށެވެ. އޮފީސް އިމާރާތްތައް އަޅަންވާނީ ވެސް ދުރާލާ ކުއްޔަށް ހިފާނެ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުން އެކަންޏެވެ. މި ހުރިހާ ވަސީލަތްތަކެއްގެ ވަށައިގެން، އާއިލާތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ ޒޯންތައް ގާއިމުކޮށް، ހިނގާލާފައި ދެވޭހާ ކައިރީގައި ސްކޫލްތަކާއި، ކްލިނިކްތަކާއި، މިސްކިތްތަކާއި، ހިތްފަސޭހަ ޕާކުތައް ފަރުމާކުރެވިދާނެ އެވެ.
މި އިގުތިސޯދީ ޕްލޭނުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 20،500 އާއިލީ ބިމެވެ. ސަރުކާރުން ވައުދުވި 22،500 އަށް ވުރެ މި އަދަދު ކުޑަ ނަމަވެސް، މިއީ ގަސްދުގައި ނިންމި ޕްލޭނިންގްގެ ނިންމުމެކެވެ. ސަބަބަކީ، ހަގީގީ، ދިރުންހުރި ސިޓީއެއްގައި ހަމައެކަނި ބޭނުންވަނީ ނިދާނެ އެނދެއް ނޫނެވެ. ރައްޔިތުން މަސައްކަތްކުރާނެ ޖާގަ އާއި، ދަރިން ކިޔަވާނެ ސްކޫލާއި، އިގުތިސޯދު ދައުރުވާނެ ވަސީލަތްތައް ވެސް ހުންނަން ޖެހޭނެ އެވެ. ބާކީ ތިބި އާއިލާތަކަށް އެ ސަރަހައްދުގައި އަޅާ ޒަމާނީ، ފެންވަރު ރަނގަޅު އެޕާޓްމަންޓްތަކުން ދާއިމީ ބޯހިޔާވަހިކަން ފަސޭހަކަމާއެކު ކަށަވަރުކޮށްދެވޭނެ އެވެ.
ހަރަދު ހަމަޖައްސާނެ ގޮތް: ދަރަންޏެއް ނޫން، ދިވެހިންގެ ހިއްސާ
މިއީ ބޭރުގެ ދަރަންޏަށް ސަލާންޖަހައިގެން ހިންގާނެ މަޝްރޫއެއް ނޫނެވެ. ބިންގާ އަޅާނީ ދިވެހިންގެ އަމިއްލަ ފައިސާއިންނެވެ. ބޭރުގެ ފަރާތްތަކަށް ކުއްޔާއި ލީސް ހުޅުވާލިޔަސް، ބިމުގެ އެންމެ ތަންފުކެއް ވެސް ވިއްކައެއް ނުލާނެ އެވެ. ބޭނުންވާ 500 މިލިއަން ޑޮލަރުގެ ރައުސްމާލު އެއްކުރާނީ ޕެންޝަން ފަންޑާއި، ސޮވަރިން ފަންޑާއި، ދިވެހި އާއިލާތަކާއި ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ފަސް އަހަރު ދުވަހުގެ ތެރޭގަ އެވެ.
މި 500 މިލިއަން ޑޮލަރުން އެންމެ ފުރަތަމަ ހަރަދުކުރާނީ ރަސްމާލޭގެ މަގުތަކަށާއި، ކަރަންޓާއި، ފެނާއި ނަރުދަމާގެ އަސާސީ ވިއުގައަށެވެ. އަދި ވަގުތުން ދައުލަތަށް ކުލި ވަންނަން ފަށާނެ އިގުތިސޯދީ ވަސީލަތްތަކަށެވެ. އެއީ ބަނދަރާއި، ފްރީ ޓްރޭޑް ޒޯނުގެ ގުދަންތަކާއި، ސަފާރީ އުޅަނދުފަހަރަށް ހާއްސަ މެރީނާއަކާއި، ފިހާރަތަކާއި މުވައްޒަފުންގެ ބޯހިޔާވަހިކަމަށެވެ.
ދެން ސިޓީގެ ބާކީ ބައިތައް ފިޔަވަހިން ފިޔަވައްސަށް ބިނާކުރަމުން ގެންދާނީ، މި ތަންތަނުން ލިބޭ ކުލީގެ އާމްދަނީންނެވެ. ކޮންމެ ސަރަހައްދެއްގެ ވެސް މަސައްކަތް ފަށާނީ އެކަމަށް ބޭނުންވާ ފައިސާ ފުރިހަމައަށް އަތަށް އެރުމުން ކަމަށް ވާތީ، އެއްވެސް މަރުހަލާއެއްގައި އެންމެ ލޯނެއް ވެސް ނަގާކަށް ނުޖެހޭނެ އެވެ.
މި ނިޒާމު ހިންގާނީ އިސްލާމީ ޝަރީއާގެ "މުޝާރަކާ" އުސޫލުންނެވެ. އިންވެސްޓަރުންނަށް ލިބޭނީ މަޝްރޫއުގެ ފައިދާއިން %35 ގެ ހިއްސާއެކެވެ. ގެއްލުމެއް ވެއްޖެ ނަމަ، ދައުލަތުން އަދާކުރަން ޖެހޭ އެއްވެސް ދަރަންޏެއް ނޯންނާނެ އެވެ. އަދި ފައިދާ ވަންނަމުންދާ ވަރަކަށް، "ރަސްމާލެ ހިއްސާ" އިން މަޑުމަޑުން އިންވެސްޓަރުންގެ ހިއްސާ އަނބުރާ ގަންނަމުންދާނެ އެވެ.
އެންމެ ދަތި، ހީނަރު ހާލަތެއްގައި ވެސް 2037 އާ ހަމައަށް ދާއިރު އެ ހިއްސާތައް އެއްކޮށް އަނބުރާ ގަނެވޭނެ އެވެ. އަޅައި ނިމޭ އިމާރާތްތައް ދިގު މުއްދަތުގެ ކުއްޔަށް ދޫކުރާނީ ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ ޕްރޮޕަޓީ ފަންޑަކަށެވެ. ބިމުގެ އަސްލު މިލްކުވެރިކަން ދާއިމަށް އޮންނާނީ "ރަސްމާލެ ހިއްސާ" ގަ އެވެ.
ގޯތި ލިބޭ އާއިލާތަކުން ދައްކާނީ ކުޑަ ޕްލޮޓް ފީއެކެވެ. ހޮޓާތަކާއި ވިޔަފާރިތަކުން ދައްކާނީ ކުއްޔެވެ. އިންވެސްޓް މޯލްޑިވްސް މެދުވެރިކޮށް، މުޅި ބިން އެކީ ދޫކޮށްލުމުގެ ބަދަލުގައި، ލޮޓު އުސޫލުން ސަރަހައްދުތަކެއް ކަނޑައަޅައިގެން އިންވެސްޓަރުން ލައްވާ ތަރައްގީކުރެވޭނެ އެވެ. އަދި ހާއްސަ ސެކިއުރިޓީޒް އިޝޫކޮށްގެން މާލީ މަރުކަޒު ފަންޑުކުރަން އަޅުގަނޑުމެންގެ ބޭންކުތަކަށް ދޫކޮށްލެވޭނެ އެވެ.
މި ނިޒާމުގެ ހަމަޖެހުން ހިފަހައްޓާނީ ހާއްސަ ގާނޫނަކާއި، މިނިވަން ބޯޑަކާއި، ކޮންމެ ރައްޔިތަކަށް ފެންނަން އޮންނަ ހާމަކަން ބޮޑު ހިސާބުތަކުންނެވެ. އަދި އެންމެ އާދައިގެ، އެކަމަކު އެންމެ ބާރުގަދަ ހަމައަކުންނެވެ. އެއީ ފައިސާ އަތަށް ނާރަނީސް އެންމެ ގާބުރިއެއް ވެސް ނުބޭއްވުމެވެ. ސަރުކާރުން މިކަމަށް އެންމެ ލޯނެއް ވެސް ނުނަގާނެ އެވެ. ނަގާނެ ހަމައެކަނި ލޯނަކީ، ފްލެޓްތަކުން ލިބޭ ކުލިން އަނބުރާ ދައްކާ ހައުސިން ލޯނުތައް އެކަންޏެވެ.
އެންމެ މަތީ ފެންވަރުގެ އަގުތަކުން ހިސާބު ހަދާއިރު ވެސް، މުޅި ސަހަރު ބިނާކުރަން ހިނގާނީ ގާތްގަނޑަކަށް 11.5 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އީގަލް ހިލްސް އިން ދައްކާ 12 ބިލިއަން ޑޮލަރާ ދާދި އެއްވަރުގެ އަދަދެކެވެ. ތަފާތަކީ ހަރަދުކުރަނީ ކާކުކަމާއި، ވެރިޔަކީ ކާކުކަމާއި، ތަނަވަސްކަން ވަންނަނީ ކާކުގެ ޖީބަށް ކަމެވެ.
މިއީ ވަޔަށް ދޫކޮށްލާ ހިޔާލީ ކުރެހުމެއް ނޫނެވެ. އިގުތިސޯދީ އެންމެ ދަތި، އެންމެ ގޯސް ހާލަތްތައް ކުރިމަތިވިޔަސް މި މޮޑެލް ކެތްކުރާނެ މިންވަރު އަޅުގަނޑު ވާނީ ހިސާބުތަކުން ޓެސްޓުކޮށްފަ އެވެ. ކުލިތައް ދަށަށް ގޮސް، އިމާރާތްކުރުމުގެ ހަރަދު އިންތިހާއަށް އުފުލި، ފައިސާ ހޯދަން ބޮޑެތި އުނދަގޫތަކާ ކުރިމަތިވެ، އަދި ޕެންޝަން ފަންޑުން ނެގެން އޮތް މިންވަރުގެ ދެބައިކުޅަ އެއްބައި ހަމަޖެހުނު ނަމަވެސް، މި ބޯޓު އަޑިއަކަށް ނުދާނެ އެވެ. އެފަދަ ހާލަތެއްގައި ވެސް 2036 އާ ހަމައަށް ދާއިރު ސިޓީގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގޮސް، އިންވެސްޓްކުރި ދިވެހިންނަށް އަހަރަކު ގާތްގަނޑަކަށް އަށް ޕަސެންޓަށް ވުރެ ބޮޑު ސާފު ފައިދާއެއް ނެރެދެވޭނެ އެވެ.
ހުރިހާ ކަމެއް އަނެއްފުށަށް ޖެހި، ކުލި 20 ޕަސެންޓު ވެއްޓިފައި ހަރަދު 20 ޕަސެންޓު އުފުލުނަސް ވާނެ ހަމައެކަނި ގޮތަކީ މަޝްރޫއު ނިމެން މަދު އަހަރުތަކެއް އިތުރުވުމެވެ. އަދި އިންވެސްޓަރުންގެ ހިއްސާ އަނބުރާ ގަތުން 2046 ގެ ފަހަށް ލަސްވުމެވެ. އެކަމަކު އެންމެ މުހިންމު ކަމަކީ، ދައުލަތް ދަރަނިވެރިވެގެން ރައްޔިތުންގެ ބަޖެޓުން ބަދަލުދޭކަށް، ނުވަތަ އެއްވެސް ކުންފުންޏެއް ސަލާމަތްކުރަން ސަރުކާރުން ފައިސާ އަޅާކަށް ނުޖެހޭނެ ކަމެވެ.
ދުނިޔެ ތަޖުރިބާކޮށްފައިވާ ކަމެއް: މިއީ އަނެއް ހުޅުމާލެއެއް ނޫން!
މި ހުށަހެޅުމުގައިވާ އެއްވެސް ވިސްނުމަކީ ބިންގާ ނޭޅި، ދުނިޔޭގައި އަޖުމަނުބެލި އޮތް ހިޔާލެއް ނޫނެވެ. މީގެ ކޮންމެ ބަޔަކީ ވެސް ދުނިޔޭގެ ކޮންމެ ވެސް ގައުމެއްގައި ނަތީޖާ ދައްކާފައިވާ ކަންކަމެވެ. އާ ކަމަކީ، މި ހުރިހާ ތަޖުރިބާތަކެއް އެއްތަންކޮށް، އެންމެ ލޯނެއް ވެސް ނުނަގައި މިކަން ހަގީގަތަކަށް ހަދަން އުޅުމެވެ.
ދިވެހިން މިސާލު ނަގާ ސިންގަޕޫރަށް ބައްލަވާށެވެ. އެ ގައުމުގެ ބިމުގެ 90 ޕަސެންޓަކީ ދައުލަތުގެ މިލްކެކެވެ. މުޅި ގައުމުގެ ފަސްބައިކުޅަ އެއްބަޔަކީ ކަނޑު ހިއްކައިގެން ހޯދި ފަސްގަނޑެވެ. އެ ބިންތަކުގައި ސިއްރު ޑީލުތަކެއް ނޯވެ އެވެ. އަދި ބިން ވިއްކުމުގެ ބަދަލުގައި، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހާމަކަން ބޮޑު ބީލަމެއްގެ ތެރެއިން، އެއްފަހަރާ އެއް ބިން އުސޫލުން ދޫކުރަނީ ގިނަވެގެން ވެސް 99 އަހަރުގެ ކުއްޔަށެވެ.
ބޯހިޔާވަހިކަން ދައުލަތުން ބިނާކޮށްދޭއިރު، 1968 އިން ފެށިގެން އެ ގައުމުގެ އާއިލާތަކުން ގެދޮރު ގަންނަނީ މަޖުބޫރު ރިޓަޔަމަންޓް ސޭވިންގްސް (ޕެންޝަން ފަންޑު) މެދުވެރިކޮށެވެ. މިއަދު އަލަށް ގެދޮރު ހޯދާ ކޮންމެ ދިހަ އާއިލާއަކުން އަށެއްކަ އާއިލާއިން މަހު މޯގޭޖް އެއްކޮށް ދައްކަނީ އެ ސޭވިންގްސްއިންނެވެ. އެކަމަކު މި ނިޒާމަށް ސިންގަޕޫރުން ބޮޑު އަގެއް ދައްކަން ޖެހެ އެވެ. އެ ގައުމުގެ ހައުސިން ބޯޑު ކޮންމެ އަހަރަކު ވެސް ހިންގަނީ ބޮޑު ޑެފިސިޓެއްގަ އެވެ. އެގޮތުން 2024 ގައި އެކަނި ވެސް ހަ ބިލިއަން ސިންގަޕޫރު ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ވި އިރު، އެ ފޫބައްދަނީ ސީދާ ދައުލަތުގެ ބަޖެޓުންނެވެ.
"ރަސްމާލެ ހިއްސާ" ބިނާވަނީ ހަމަ މި އަސާސަށެވެ. ގައުމުގެ ބިން ގައުމަށް ބާއްވައި، ދިވެހިންގެ އަމިއްލަ ސޭވިންގްސްއިން ގެދޮރު އަޅައިދިނުމެވެ. ނަމަވެސް ތަފާތަކީ، ދައުލަތުގެ ބަޖެޓަށް ބުރަވުމުގެ ބަދަލުގައި، ހިނގަމުންދާ އިގުތިސޯދީ ޝަހަރަކުން ވަންނަ ކުލީގެ އާމްދަނީން އަމިއްލައަށް ހަރަދުތައް ބަލަހައްޓާ ގޮތަށް މި ނިޒާމު ފަރުމާކުރެވިފައި ވުމެވެ.
ރައްޔިތުންގެ ސޭވިންގްސްގެ ބާރު މެލޭޝިއާއިން ސާބިތުކޮށްދެ އެވެ. އެ ގައުމުގެ ޕީއެންބީން 11.4 މިލިއަން ރައްޔިތުންގެ ފައިސާ އެއްތަންކޮށް، ގައުމުގެ އެންމެ ބޮޑެތި ކުންފުނިތަކާއި އުސް ޓަވަރު ހިމެނޭހެން 364 ބިލިއަން ރިންގިޓުގެ އެސެޓް ކޮންޓްރޯލް ކުރެ އެވެ. އަދި އެ ރައްޔިތުންނަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް ރެކޯޑު އަދަދަކަށް، 10.4 ބިލިއަން ރިންގިޓު ވަނީ ބަހާފަ އެވެ. ގައުމުގެ މުއްސަނދިކަމުން އާންމު އާއިލާތަކަށް މި ލިބޭ ހިއްސާއަކީ، ސިޓީއެއްގެ ސިފައިގައި "ރަސްމާލެ ހިއްސާ" އިން ދިވެހިންނަށް ހޯދައިދޭން އުޅޭ ހަގީގީ މިލްކުވެރިކަމެވެ.
ހޮންކޮންގުން އެ މީހުންގެ މުޅި މެޓްރޯ ނިޒާމުގެ ހަރަދު ހަމަޖައްސަނީ ސްޓޭޝަންތަކުގެ މަތީގައި ގެތަކާއި އޮފީސްތައް އަޅައި، އެތަންތަނުން ލިބޭ ފައިދާއިންނެވެ. ޖަރުމަނުގެ ހެމްބާގްގެ އައު "ހަފެންސިޓީ" ގެ މިލްކުވެރިކަން އޮވެ، އެތަން ތަރައްގީކުރަނީ ސިޓީގެ އަމިއްލަ ކުންފުންޏަކުންނެވެ. އިނގިރޭސިވިލާތުގެ މިލްޓަން ކީންސް ފަދަ އާ ޓައުންތައް ބިނާކުރަން ނެގި ލޯނުތައް އަނބުރާ ދެއްކީ، ތަރައްގީއާއެކު ބިމުގެ އަގު އުފުލިގެން ދިޔުމުން ލިބުނު ފައިދާއިންނެވެ. ކޯޕަންހޭގަންގެ މެޓްރޯއަށް ހަރަދުކުރީ އެ ވިއުގަ ވަށައިގެން އޮތް ބިންތައް ވިއްކައިގެންނެވެ. އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާ އުފެދުނީއްސުރެ މިއަދާ ހަމައަށް ވެސް ބިން ދޫކުރަނީ ހަމައެކަނި ލީހަށެވެ. އެންމެ އަކަމީޓަރެއް ވެސް އެއްކޮށް ވިއްކައެއް ނުލަ އެވެ.
ހަމައެއާއެކު، ކަންކަން ގޯހުން ގޯހަށް ދިޔަ ގޮތް ވެސް ދުނިޔެއިން ފެންނަން އެބައޮތެވެ. ޗައިނާގެ ލޯކަލް ސަރުކާރުތަކުން ސިޓީތައް ބިނާކުރީ މުސްތަގުބަލުގައި ބިން ވިއްކައިގެން ލިބޭނެ ކަމަށް ބެލި ފައިސާއަށް ލޯނު ނަގައިގެންނެވެ. ބިމުގެ އަގުތައް ވެއްޓިގެން ދިޔުމުން، ފޮރުވިފައި އޮތް ލޯކަލް ދަރަނީގެ ގާތްގަނޑަކަށް 1.4 ޓްރިލިއަން ޑޮލަރު (10 ޓްރިލިއަން ޔުއާން) އަލުން ރީސްޓްރަކްޗާ ކުރަން ޗައިނާ ސަރުކާރަށް މަޖުބޫރުވި އެވެ. ދުބާއީގެ އާޓިފިޝަލް ރަށްތައް ހެދި ސަރުކާރު ކުންފުނި "ދުބާއީ ވޯލްޑް" 2009 ގައި ބަނގުރޫޓުވެ، 26 ބިލިއަން ޑޮލަރުގެ ދަރަނި އަދާނުކުރެވިގެން ދުބާއީ ސަލާމަތްކުރަން ޖެހުނީ އަބޫދާބީން ފައިސާ ދީގެންނެވެ. ސައޫދީ އަރަބިއްޔާގެ ނިއޯމް މަޝްރޫއަކީ އެ ގައުމުގެ އިންވެސްޓްމަންޓް ފަންޑުން ހަރަދުކޮށްގެން 9 މިލިއަން މީހުންނަށް އަމާޒުކުރި ތަނެކެވެ. އޭގެ އެންމެ ބޮޑު މަޝްރޫއު "ދަ ލައިން" އަށް ޓްރިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވުނުއިރު، މިއަދު އެ މަސައްކަތް ވަނީ 2030 ގެ ފަހަށް މުޅިން ހުއްޓާލަން ޖެހިފަ އެވެ.
ކޮންމެ ފަހަރަކު ވެސް ލިބޭ އިބުރަތަކީ އެކައްޗެކެވެ. ދަރަންޏަށް ބަރޯސާވެގެން، ނުވަތަ އަތުގައި ނެތް ފައިސާއަކަށް އުއްމީދުކޮށްގެން ބިނާކުރާ ސިޓީތައް ނިމިގެންދަނީ ބޮޑެތި ދަރަނިތަކުގެ ތެރެއަށް، ނުވަތަ މަސައްކަތް ހުއްޓިފައިވާ ބޮޑެތި ބިލާހަކަށެވެ. ދެމިއޮންނަނީ ބިމުގެ މިލްކުވެރިކަން ދަމަހައްޓައި، އަމިއްލަ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ބިނާކުރާ ސިޓީތަކެވެ. "ރަސްމާލެ ހިއްސާ" ބިނާވެފައިވާ އަސާސަކީ މިއެވެ. އެއީ ފައިސާ އަތަށް ނާރަނީސް އެންމެ ގާބުރިއެއް ވެސް ނުބޭއްވުމެވެ.
ދައުލަތް އިސްވެ ސިޓީއެއް ބިނާކުރުމުގެ ތަޖުރިބާ އަޅުގަނޑުމެން ހުޅުމާލެއިން ދެކެފީމު ނޫންހެއްޔޭ ބުނެ ބައެއް ފަރާތްތަކުން ވަކާލާތުކޮށްފާނެ އެވެ. އާދެ، ހުޅުމާލެއަކީ އަޅުގަނޑުމެންގެ ތަޖުރިބާއެކެވެ. ނަމަވެސް އެ މަޝްރޫއު އެދެވޭ މަންޒިލަށް ވާސިލުނުވީ ޕްލޭނިންގެ މައިގަނޑު ތިން ބޮޑު ގޯހެއްގެ ސަބަބުންނެވެ.
އެންމެ ފުރަތަމަ ކަމަކީ، އަމިއްލައަށް އާމްދަނީ ނުލިބެނީސް ބޮޑެތި ދަރަނިތަކެއް ބޮލުގައި އަޅައިގެން މަސައްކަތް ފެށުމެވެ. އެޗްޑީސީގެ 2024 ވަނަ އަހަރުގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެ އަހަރު ނިމުނުއިރު އެ ކުންފުނީގެ ޖުމުލަ ލަޔަބިލިޓީ ވަނީ 14.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ދެވަނަ ކަމަކީ، ވަޒީފާއާއި އިގުތިސޯދީ ދިރުން އުފެދޭނެ ވަސީލަތްތައް އެއްފަރާތްކޮށް، ހަމައެކަނި ނިދަން ވަންނަ ކޮންކްރީޓް ޖަންގައްޔަކަށް އެ ސިޓީ ހަދާލުމެވެ. ތިންވަނަ ކަމަކީ، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަންނީ މާސްޓާޕްލޭން އެއްލާލައި، ސިޔާސީ މަންފާއަށްޓަކައި ބިންތައް ބަހައި ހުސްކުރުމެވެ.
ހުޅުމާލޭގެ މަޝްރޫއަށް 30 އަހަރު ފުރިގެން ދިޔައިރު ވެސް ނިމުމަކާ ހަމައަށް ނުގޮސް، ދަރަނީގެ ފުން ވަޅުގަނޑެއްގައި އެތަން ތާށިވެފައި އޮތީ ސީދާ މި ސަބަބުތަކާ ހުރެ އެވެ. ނަމަވެސް "ރަސްމާލެ ހިއްސާ" އިން މި ތިން ގޯސް އެކީއެކަށް ބަދަލުކޮށްލަ އެވެ. މި މަޝްރޫއުގައި ދައުލަތް ބޮލަށް އެޅޭނެ އެއްވެސް ދަރަންޏެއް ނޯންނާނެ އެވެ. ހަމައެކަނި ނިދާ ތަނެއްގެ ބަދަލުގައި އެންމެ ފުރަތަމަ އިސްކަންދޭނީ އިގުތިސޯދީ ވަސީލަތްތައް ބިނާކުރުމަށެވެ. އަދި ހަރުދަނާ ގާނޫނީ އައްޑަނައަކުން ސިޔާސީ ނުފޫޒުތައް ހުއްޓުވަ އެވެ.
ހާމަކުރައްވާ! ސޮއިކުރުމުގެ ކުރިން މިއީ ކުރާ އާދޭހެއް!
ރަސްމާލެއަކީ މާލެ ސަރަހައްދުން އިގުތިސޯދީ އަދި ގައުމީ ބޭނުންތަކަށް ދިވެހިންނަށް އޮތް އެންމެ ފަހު، އެންމެ އަގުބޮޑު ބިމެވެ. އެ ބިން ބޭރު ބަޔަކަށް ދޫކޮށްލައިފި ނަމަ، މުސްތަގުބަލުގައި އަންނަ އެއްވެސް ޖީލަކަށް، އެއްވެސް ސަރުކާރަކަށް އެ ބިން އަނބުރާ ހޯދުމަކީ ވާނޭ ކަމެއް ނޫނެވެ. ގެއްލިގެން އެ ދަނީ އަޅުގަނޑުމެންގެ ދާއިމީ ހައްގެކެވެ.
އެހެންކަމުން، މިއީ ހަމައެކަނި ސިޔާސީ ގޮތުން ޖަދަލުކުރުމެއް ނޫނެވެ. މިއީ ރައީސް މުއިއްޒަށާއި، މިނިސްޓަރު މުއްތަލިބަށާއި، މި މަޝްރޫއު ދިފާއުކުރައްވާ އެންމެންގެ ކިބައިން ކުރާ އިހުލާސްތެރި އާދޭހެކެވެ. މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ލޯ ހުޅުވަންވީ ވަގުތެވެ. ނިކުމެދާނެ ނަތީޖާއަކަށް ބެއްލެވުމެއް ނެތި ސޮއިކުރަން އަވަސްވެވަޑައިނުގެން، އެ އެއްބަސްވުން ރައްޔިތުންނަށް ހާމަކޮށްދެއްވާށެވެ.
މިއީ ދިވެހި ދައުލަތުގެ މުސްތަގުބަލާ ގުޅިފައިވާ، ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. ރާއްޖޭގެ އިގުތިސޯދީ މާހިރުންނަށާއި، ޕްލޭނަރުންނަށާއި، އާންމު ރައްޔިތުންނަށް މި މަޝްރޫއުގެ މާލީ އަދި ގައުމީ ފައިދާ ވަޒަންކުރަން ފުރުސަތު ދެއްވައި، މަޝްވަރާގެ ދޮރު ހުޅުވާލައްވާށެވެ. ސަރުކާރުން އެ ވިދާޅުވާހާ އެ އެއްބަސްވުން ރަނގަޅު ކަމުގައިވާ ނަމަ، ރައްޔިތުންނަށް ދައްކައި، އަޅާކިޔުމަކަށް ދާން ޖެހިލުންވާންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
ވަގުތު އަދިވެސް ފާއިތެއް ނުވެ އެވެ. އަޅުގަނޑުމެންގެ އަތުގައި އަދިވެސް އިހްތިޔާރު އެބައޮތެވެ. އެ އެއްބަސްވުން ގައުމަށް ފައިދާހުރި އެއްޗަކަށް ނުވާ ނަމަ، ބޭރުގެ ޑިވެލޮޕަރަކަށް ބަރޯސާވެ ބިން ދޫކޮށްލުމުގެ ބަދަލުގައި، އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވަންވީ އެވެ.
އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ، ޓޫރިޒަމުން ބޭރުން އެތައް ހާސް ވަޒީފާއެއް އުފައްދައިދޭނެ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ބިނާކުރުމުގެ ފުރުސަތު އަދިވެސް ބީވެގެން ނުދެ އެވެ. މިއީ ދައުލަތަށް ދާއިމީ އާމްދަނީއެއް ކަށަވަރުކުރެވޭނެ ހަރުދަނާ މާލީ މޮޑެލް އިހްތިޔާރުކުރަންވީ ވަގުތެވެ.








