މި މަންޒަރު ހިތްޕުޅަށް ގެންނަވާށެވެ. ލޯފުޅުގައި ހުންނަ ނުތަނަވަސްކަމާއި ހާސްކަން ފޮރުވަން މަސައްކަތް ކުރައްވަމުން، ދެ ތުންފަތްޕުޅު ވަކިނުކޮށް ދެމިޔަކަނަށް ވާންވަރަށް ހިނިތުންވާން މަސައްކަތް ކުރައްވަމުން، ރައީސް މުއިއްޒު އެ ސޮއިކުރެއްވީ ރަސްމާލެ ދޫކޮށްލުމުގެ އެއްބަސްވުމުގަ އެވެ. އެ ރަސްމިއްޔާތު ނިމި، ފޮޓޯތައް އާންމުކޮށް، މިއީ ދިވެހި ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް ބުނެ ސަރުކާރުން އުފާފާޅުކުރަމުން ދަނީ އެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދިޔަ ނަމަވެސް، އެ އެއްބަސްވުމަކީ މިހާރު ގާނޫނީ ހަގީގަތެކެވެ.
ދެން ވާނީ ކިހިނެއް ހެއްޔެވެ؟
މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަހުސްކުރަންޖެހޭ ސުވާލެއް ކަމަށް ދެކެމެވެ. ރަސްމާލެއާ ގުޅޭ ގިނަ ބަހުސްތައް އަމާޒުވެފައިވަނީ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކުރަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ނަމަވެސް، އެއްބަސްވުމުގައި ސޮއިކޮށް، ޑިވެލޮޕަރު އިންވެސްޓް ކުރަން ފަށައި، އަދި މި މަޝްރޫއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ އިލްތިޒާމުތަކުގެ ބަޔަކަށް ވުމަށްފަހު ދެން ވާނެ ގޮތަކާ މެދު ދެވޭ ސަމާލުކަން މާ ކުޑަ އެވެ.
އާދައިގެ ސިޔާސީ ނިންމުމެއް ނަމަ، އެއީ ކުރިއަށް އޮތް އިންތިހާބަށް ފަހު ދެން އުފެދޭ ސަރުކާރަށް ބަދަލުކޮށްލެވިދާނެ ކަންކަމެވެ. ނަމަވެސް، ބިލިއަން ޑޮލަރުގެ އަގުހުރި، އަދި ބޭރުގެ އިންވެސްޓަރުންނާއި ނުފޫޒު ގަދަ މީހުންގެ، ދިގު މުއްދަތުގެ މިލްކުވެރިކަމުގެ ހައްގުތައް ހިމެނޭ ކޮންޓްރެކްޓެއްގެ މައްސަލައަކީ އާދައިގެ ސިޔާސީ ނިންމުމެއް ނޫނެވެ.
ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ވިޔަފާރީގެ އުސޫލުތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. ސަރުކާރުގެ ތަރުޖަމާއަށް ބަލާއިރު، މި މަޝްރޫއުގައި ރަސްމާލެއިން ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ހިމެނޭއިރު، މުދާ ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް ދެމިގެންދެ އެވެ. ސަރުކާރުން ބުނަމުންދަނީ ބިމުގެ މިލްކުވެރިކަން އޮންނާނީ ދިވެހިންގެ އަތުގައި ކަމަށާއި، ޑިވެލޮޕަރަށް ލިބޭނީ އެ ތަންތަން ތަރައްގީކޮށް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހައްގު ކަމަށެވެ. އެހެންނަމަވެސް، އެއްބަސްވުމުގައި އެ ވާހަކަ އޮތީ ކިހިނެއް ކަމެއް އެނގޭ އިންސާނަކު ނެތެވެ.
ވިސްނަވާށެވެ. ފަހުގެ އެއްބަސްވުމުގައި ސޮއިކޮށް، ރޭވިފައިވާ ގޮތަށް މަޝްރޫއު ކުރިއަށްދަނީ އެވެ. އީގަލް ހިލްސްއިން އަމަލީ މަސައްކަތް ފަށައިފި އެވެ. ބައިނަލްއަގުވާމީ އިންވެސްޓަރުން އެޕާޓްމަންޓްތަކާއި، ވިލާތަކާއި ވިޔަފާރި ބިނާތަކުގެ ދިގު މުއްދަތުގެ ލީސްހޯލްޑް ހައްގުތައް ގަނެފި އެވެ. ހޮޓާތަކާއި، ވިޔަފާރިތަކާއި މާލީ އިދާރާތަކުން އެއްބަސްވުންތައް ހަދައިފި އެވެ. ބޭންކުތަކުން ފައިނޭންސް ދީފި އެވެ. ކޮންޓްރެކްޓަރުން މަސައްކަތާ ހަވާލުވެއްޖެ އެވެ. އާއިލާތަކާއި ވިޔަފާރިތަކުން އެމީހުންގެ މުސްތަގުބަލު އެ މަޝްރޫއުގެ މައްޗަށް ބިނާކުރަން ފަށައިފި އެވެ.
މި ހިސާބަށް ދިއުމުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރަސްމާލެއަކީ ހަމައެކަނި ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އޮންނަ މަޝްރޫއަކަށް ނުވާނެ އެވެ. އެއީ އެކި ގައުމުތަކުގެ އެތައް ހާސް ފަރުދުންނާއި ކުންފުނިތަކެއް ހިމެނޭ، ގާނޫނީ ގޮތުން އުނދަގޫ، އަދި ބޮޑު އެއްބަސްވުންތަކުގެ ވިއުގައަކަށް ބަދަލުވެގެންދާނެ އެވެ.
ދެން ހިޔާލުކޮށްލައްވާށެވެ. 2028 ވަނަ އަހަރު، ރައްޔިތުން ނުކުމެ، މި ސަރުކާރު ބަދަލުކޮށް، އާ ސަރުކާރެއް އިންތިހާބުކުރީ އެވެ. އާ ރައީސް ގަބޫލުކުރައްވަނީ ކުރީގެ ސަރުކާރުން ވެފައިވަނީ ގައުމީ މަސްލަހަތު ނެތް އެއްބަސްވުމެއް ކަމަށެވެ. ފަހަރުގައި ބިމުގެ އަގު ކަނޑައެޅީ މާ ކުޑަކޮށް ކަމަށް ނުވަތަ ވިޔަފާރީގެ ކޮންޓްރޯލް ދައުލަތުން މާ ބޮޑަށް ދޫކޮށްލީ ކަމަށް ނުވަތަ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އެއްބަސްވުން ނިންމާލީ ކަމަށް ސަރުކާރަށް ފެނިދާނެ އެވެ. އަދި ރަސްމާލެ އެއްބަސްވުން ބާތިލުކުރާނެ ކަމަށް އާ ރައީސް އިއުލާން ކުރައްވައިފި އެވެ.
ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ސަރުކާރަށް ފަސޭހަކަމާއެކު އެ ބިންތައް އަނބުރާ އަތުލެވިދާނެ ހެއްޔެވެ؟
މީގެ ޖަވާބު ބިނާވެފައިވަނީ އެއްބަސްވުމުގެ މާއްދާތަކާއި، އަމަލުކުރެވޭ ގާނޫނުތަކާއި، އޭރު އުފެދިފައިވާ ހައްގުތަކުގެ މައްޗަށެވެ. ނަމަވެސް އެއް ކަމެއް ސާފުވާން ޖެހެ އެވެ. ސަރުކާރު ބަދަލުވުމަކީ ދައުލަތުން ވެފައިވާ ގާނޫނީ އިލްތިޒާމުތައް އޭގެ ޒާތުން ނިމުމަކަށް އަންނަ ކަމެއް ނޫނެވެ.
ރައީސްކަމުގެ މަގާމުގައި ހުންނަވަނީ ކޮންމެ ބޭފުޅެއް ކަމަށް ވިޔަސް، ދިވެހި ދައުލަތް ދެމިއޮންނާނެ އެވެ. އެއް ސަރުކާރަކުން ގާނޫނީ އިމުގެ ތެރެއިން ވެފައިވާ އެއްބަސްވުންތަކަށް އޭގެ ފަހުން އަންނަ ސަރުކާރުތަކުން އަމަލުކުރަން ޖެހިދާނެ އެވެ. ސިޔާސީ ވާދަވެރިން ހެދި އެއްބަސްވުމަކަށް ވީތީ އެކަނި، އެއީ ގާނޫނީ ގޮތުން ބުރަދަނެއް ނެތް އެއްޗެއް ކަމަށް މުސްތަގުބަލުގެ ސަރުކާރަކަށް ނުނިންމޭނެ އެވެ.
ދައުލަތުން އެއްބަސްވުމާ ހިލާފަށް އެއްބަސްވުން ބާތިލުކޮށްފިނަމަ، އީގަލް ހިލްސްއިން ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ފަހުގެ ކޮންޓްރެކްޓާއި އިންވެސްޓްމަންޓާ ގުޅޭ މުއާހަދާތަކަށް ބަލައި، މިފަދަ މައްސަލަތައް ރާއްޖޭގެ ކޯޓުތަކަށް ނުވަތަ ބައިނަލްއަގުވާމީ އާބިޓްރޭޝަން ޓްރައިބިއުނަލްތަކަށް ހުށަހެޅިދާނެ އެވެ.
ބޭރުގެ ބޮޑު އިންވެސްޓްމަންޓެއްގެ އެއްބަސްވުން ބާތިލުކުރުމުން ލިބޭ ގެއްލުން އަޅުގަނޑުމެން މިހާރު ވެސް ތަޖުރިބާކޮށްފީމެވެ. ޖީއެމްއާރު އެއާޕޯޓް އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ އާބިޓްރޭޝަނުން ނިންމި ގޮތަށް ރާއްޖެއިން ގާތްގަނޑަކަށް 271 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހުނެވެ. އެއީ ހަމައެކަނި އެއާޕޯޓެއްގެ މައްސަލަ އެވެ. ރަސްމާލެ މަޝްރޫއުގައި މިއަށްވުރެ މާ ބޮޑު މުދަލާއި ގާނޫނީ އިލްތިޒާމުތަކުގެ ވިއުގައެއް ހިމެނިދާނެ އެވެ.
އިތުރު އުނދަގުލެއް ވެސް އެބައޮތެވެ. ވަކިވަކި ފަރުދުންނަށް މުދާ ކުއްޔަށް ދޫކުރުމަށްފަހު، ޑިވެލޮޕަރުގެ އެއްބަސްވުން ބާތިލުކުރިޔަސް، އެ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ހުރިހާ ހައްގުތަކެއް އަމިއްލައަކަށް ބާތިލެއް ނުވާނެ އެވެ. މުދާ ގަތް މީހުންނާއި، ލޯނު ދިން ފަރާތްތަކާއި، ކުއްޔަށް ހިފި މީހުންގެ ގާނޫނީ ހާލަތު ބިނާވާނީ އެ ހައްގުތައް ރައްކާތެރިކޮށްފައިވާ ގޮތެއްގެ މައްޗަށެވެ. އެ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ކޯޓުތަކަށް މައްސަލަ ހުށަހަޅާނެ އެވެ. އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ އެވެ. ސަރުކާރަކާއި ކުންފުންޏަކާ ދެމެދު ފެށޭ މައްސަލައެއް، އިސާހިތަކު އެތައް ބަޔަކު ހިމެނޭ ބޮޑު ގާނޫނީ ހަނގުރާމައަކަށް ބަދަލުވެދާނެ އެވެ.
މިއީ މި މައްސަލައިގެ އެއް ހާލަތެވެ. އަނެއް ހާލަތު ވެސް އެބައޮތެވެ. ދެން އަންނަ ސަރުކާރަކުން އެއްބަސްވުން ބާތިލު ނުކޮށްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ވެސް ހަމަ އެވަރަށް ވިސްނަންޖެހޭ ކަމެކެވެ. މުސްތަގުބަލުގެ ސަރުކާރަކުން އެ މަޝްރޫއާ މެދު ނުރުހުނު ކަމުގައި ވިޔަސް، އެއްބަސްވުން ބާތިލުކުރުމުން ގައުމަށް ލިބިދާނެ މާލީ ގެއްލުން ބޮޑުވުމުން އެކަން ނުކޮށް ދޫކޮށްލަން ޖެހިދާނެ އެވެ. އޭގެ ބަދަލުގައި އުސޫލުތައް ބަދަލުކުރަން ނުވަތަ އިތުރު ގަވާއިދުތަކެއް ހަދަން މަސައްކަތް ކޮށްފާނެ އެވެ.
ރައީސް މުއިއްޒު 99 އަހަރު ވަންދެން ފަހަރެއްގައި ދުނިޔޭގައި ހުއްޓަސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުންނަވާނޭހެން ހިއެއް ނުވެ އެވެ. އަދި މިހާރުގެ މަޖިލިސް މެންބަރުން ވެސް އެ މުއްދަތުގައި މަގާމަކު ނުތިއްބަވާނެ އެވެ. ނަމަވެސް އެ ބޭފުޅުންގެ ނިންމުންތަކުގެ ނަތީޖާ، އެ ބޭފުޅުންގެ ސިޔާސީ ހަޔާތަށްވުރެ މާ ދުރަށް ދެމިގެންދާނެ އެވެ. މިކަންކަމާމެދު އެބޭފުޅުން ވިސްނެވިބާ އެވެ.
މިސާލަކަށް، އީގަލް ހިލްސްއަށް މަޝްރޫއު ނުނިންމިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ޑިވެލޮޕަރު އެމީހުންގެ ހިއްސާ އެހެން ކުންފުންޏަކަށް ވިއްކާލައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ބަދަލެއް ހުއްޓުވުމުގެ ބާރު ދައުލަތަށް އޮންނާނެ ހެއްޔެވެ؟ އެ ކުންފުނިން މަޝްރޫއު ދޫކޮށްލައިފިނަމަ އަސާސީ އިންފްރާސްޓްރަކްޗާ ބެލެހެއްޓުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ މަސައްކަތް ހުއްޓިއްޖެނަމަ މުދާ ގަތް މީހުންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަދި އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލުކުރެވޭނީ ކޮން ހާލަތްތަކެއްގައި ހެއްޔެވެ؟
މިއީ ހަމައެކަނި ހިޔާލީ ސުވާލުތަކެއް ނޫނެވެ. މިއީ ރަނގަޅަށް ފަރުމާކުރެވިފައިވާ ތަރައްގީގެ އެއްބަސްވުންތަކުގައި ކޮންމެހެން ޖަވާބުދޭންޖެހޭ ކަންކަމެވެ.
ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރާއިރު، އެއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފާނެ އެވެ. ނަމަވެސް އެއްބަސްވުމުގެ މަސައްކަތް އެ ރަސްމިއްޔާތާ ހަމައިން ނިމެނީއެއް ނޫނެވެ. އޭގެ ގާނޫނީ ނަތީޖާތައް ހަގީގަތުގައި ފެށޭނީ އެ ހިސާބުންނެވެ. ރަސްމާލޭގެ އެއްބަސްވުމުގައި އަޅާ ސޮޔާއެކު އެ ފެށިގެން ދަނީ، ދިވެހީންގެ އަންނާން އޮތްހައި ޖީލަކުން އުފުލަންޖެހޭނޭ ގާނޫނީ އިލްތިޒާމެކެވެ. ހުސްނުވާ ނުވަދިހަ ނުވަ އަހަރުގެ ތެރެއިން ދެ ދަހަރެއް ވެއަތުވާއިރު، އެއްބަސްވުން އެކުލަވާލި މަގުސަދު ވެސް ހަނދާން ހުންނާނޭ ބަޔަކު ނުތިބޭނެ އެވެ. މިފަދަ ވިޔަފާރި އެއްބަސްވުންތަކުގެ ދަށުން ގައުމުތަކަށް ލިބިފައި ހުރި ލޮޓި އެހުރީ ފެންނާށެވެ. އެއިން އިބުރަތެއް ލިބޭނީ ހޯދާން އުޅޭ ބަޔަކަށެވެ.








