ދައުލަތުގެ ބަޖެޓުގެ ޖުމުލަ އަދަދު މި އަހަރަށް ވުރެ ކުޑަވި ނަމަވެސް، ހަރަދުތަކާއި ޑެފިސިޓް ބޮޑުވާނެ ކަމަށް ލަފާކޮށް އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓަކީ މި އަހަރުގެ 64.2 ބިލިއަން ރުފިޔާއަށް ވުރެ 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ނަމަވެސް، އަންނަ އަހަރު ސަރުކާރުގެ ހަރަދުތައް 52.6 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ މި އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އިތުރުވާ ހަރަދުގެ ބޮޑު ބައެއް ދަނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. އަންނަ އަހަރުގެ ބަޖެޓާއެކީ މި ހަރަދު 6.8 ބިލިއަން ރުފިޔާއިން 9.9 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މި ބާވަތުގެ ހަރަދު އިތުރުވިޔަސް، މުސާރަ އާއި ސަބްސިޑީ ފަދަ ސަރުކާރު ހިންގުމުގެ ހަރަދު 42.7 ބިލިއަން ރުފިޔާގައި ހިފަހައްޓަން ވަނީ ބަޖެޓުކޮށްފަ އެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާކުރަނީ 43.2 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ހަރަދު އިތުރުވުމާ ގުޅިގެން، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު ނުވަތަ ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރާ ހަރަދު 9.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ މި އަހަރު ނިމޭއިރު ޑެފިސިޓު ހުންނާނެ ކަމަށް ލަަފާކުރާ 7.6 ބިލިއަން ރުފިޔާއަށް ވުރެ 25 ޕަސެންޓު އިތުރު އަދަދެކެވެ. އަދި، ޖީޑީޕީގެ ނިސްބަތުން ބަލާއިރު ޑެފިސިޓް 6.2 ޕަސެންޓުން 7.3 ޕަސެންޓަށް އަރާނެ އެވެ.

މި ޑެފިސިޓު ފޫބެއްދުމަށާއި ދަރަނި އަނބުރާ ދައްކަން އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި ހޯދަން ރާވާފައި ވަނީ 18.9 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރު ހޯދަން ޖެހުނު 24.7 ބިލިއަން ރުފިޔާއަށް ވުރެ ވަރަށް ދަށް އަދަދެކެވެ.
ފައިނޭންސިން އަދަދާއި ޖުމްލަ ބަޖެޓު ވެސް ދަށްވީ އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް މަދުވުމުންނެވެ. ފިނޭންސުން އަންދާޒާކުރަނީ މި އަހަރު ނިމޭއިރު ދަރަނި ދައްކަން 11.7 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. މިހެންކަމުން އަންނަ އަހަރު މި ބައިން ހަރަދުކުރަން ޖެހޭ އަދަދު 7.2 ބިލިއަން މަދެވެ.
ބަޖެޓުން ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން މިހާރު އަންދާޒާ ކުރަނީ މި އަހަރު ވެސް ކަނޑައެޅި އަމާޒަށް ޓޫރިސްޓުން ނާންނާނެ ކަމަަށެވެ. ޓޫރިސްޓުން ނަޔަސް ފިނޭންސުން ވަނީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް އާމްދަނީ ލިބޭނެ ކަމަށް ބުނެފަ އެވެ. އަދި، ޓޫރިސްޓުން އަންނަ އަދަދު ވެސް އަންނަ އަހަރު ރަނގަޅު ވާނެ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
މި ގޮތުން 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރާއިރު، އަންނަ އަހަރަށް ރާވާފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ހަރަކާތްތަކާއެކީ މި އަދަދު 2.5 މިލިއަން ޓޫރިސްޓުންނަށް މަތިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ބަޖެޓު ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ކަމަށެވެ. މީގެ ސަބަބުން ޓޫރިސްޓުން އައުން މަދުވެ، މުޅި އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމަށް އޭނާ ވިދާޅުވި އެެވެ.
ހަނގުރާމައިގެ އަސަރުގެ ސަބަބުން މި އަހަރު އިގުތިސާދު ކުރިއަރާނީ 0.6 ޕަސެންޓާއި 1.8 ޕަސެންޓާ ދެމެދު ކަމަށް ޒަރީރު ވިދާޅުވި އެވެ. ނަމަވެސް އަންނަ އަހަރު އިގުތިސޯދީ ދުވެލި އަލުން ބާރުވެ، 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގައި ކުރިއަރާނެ ސަރުކާރުން ލަފާކުރެ އެވެ.











