ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ދޫކުރާ ވިޒާގެ އެކި ގިންތިތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު، ރައްޔިތުންގެ މަޖިލީހުގެ ބައިވެރިވުމެއް ނެތި ސަރުކާރަށް ލިބިދޭ ގޮތަށް ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މި ބިލު ފާސްވެ ގާނޫނަކަށް ވުމުން، ވަޒީރު ކަނޑައަޅުއްވާ ގިންތިތަކަކީ ގާނޫނުގެ ބައެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.
މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ސަރުކާރުގެ ފަރާތުން ސްޕޮންސަރ ކުރައްވައި ހުށަހެޅުއްވި މި ބިލުގެ 48 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ގޮތުން، އެ މާއްދާގައި ބަޔާންކުރާ ވިޒާގެ ކޮންމެ ބާވަތެއްގެ ދަށުން ވެސް ތަފާތު ގިންތިތައް ކަނޑައެޅުމުގެ އިހުތިޔާރު ކަމާބެހޭ ވަޒީރަށް ލިބިގެން ވެ އެވެ. އަދި އެ މާއްދާގެ ބ. ގައި ބުނެފައިވަނީ ވަޒީރު ކަނޑައަޅުއްވާ މިފަދަ ގިންތިތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުން، އެއީ ގާނޫނުގެ ބައެއްގެ ގޮތުގައި ބަލަންވާނެ ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ އިމިގްރޭޝަންގެ ގާނޫނަށް ބަލާއިރު، ރާއްޖޭގައި ދޫކުރާ ވިޒާގެ ހުރިހާ ގިންތިތަކެއް ވަރަށް ސާފުކޮށް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. އެހެންކަމުން، ވިޒާގެ އެއްވެސް ގިންތިއަކަށް ބަދަލެއް ގެންނަން ބޭނުންވި ނަމަވެސް، މީގެ ކުރިން ޖެހެނީ މަޖިލީހަށް ހުށަހަޅައިގެން ގާނޫނަށް އިސްލާހު ގެންނާށެވެ. ނަމަވެސް އަލަށް ހުށަހެޅި ބިލުގައި ކަނޑައަޅާފައިވަނީ ހަމައެކަނި ވިޒާގެ މައިގަނޑު ބާވަތްތަކެވެ. އެ ބާވަތްތަކުގެ ދަށުން އަންނަ ތަފްސީލީ ގިންތިތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ދޫކޮށްލުމުން، މަޖިލީހުގެ ދައުރެއް ނެތި، ހަމައެކަނި ސިޔާސަތުތަކަށް އަންނަ ބަދަލާ އެއްގޮތަށް ވިޒާގެ އުސޫލުތައް ބަދަލުކުރުމުގެ ފުރުސަތު ސަރުކާރަށް ފަހިވެގެންދާނެ އެވެ.
މި އިސްލާހުތަކަކީ ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫއެއް ކަމަށްވާ ރަސްމާލޭގައި ބިދޭސީން ވަޒަންވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ. ހާއްސަކޮށް ބޭރުގެ އިންވެސްޓަރުންނާއި މަސައްކަތްތެރިންނަށް ރާއްޖޭގައި ދިގު މުއްދަތަކަށް ތިބެވޭނެ އާ ގިންތިތަކެއް އުފެއްދުމަށް މި ބަދަލުގެ ސަބަބުން ސަރުކާރަށް ފަސޭހަވެގެންދާނެ އެވެ.








