ރާއްޖެއިން ޑީޕޯޓުކުރި ބިދޭސީއަކު، އަލުން ރާއްޖެއަށް އެތެރެކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އިމިގްރޭޝަންގެ އޮފިސަރަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ، އެ އިދާރާއިން ބަލަމުންދާ މައްސަލައެއްގައި އިމިގްރޭޝަންގެ އޮފިސަރަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފަކު ނޮވެމްބަރު 28، 2026 ވަނަ ދުވަހު ހައްޔަރުކޮށްފައިވެ އެވެ،" ފުލުހުން ބުންޏެވެ.
ނަމަވެސް، އިމިގްރޭޝަންގެ އޮފިސަރު ހައްޔަރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މުއައްސަސާއިން ބުނީ އިމިގްރޭޝަން އޮފިސަރާ ބެހޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އިމިގްރޭޝަންގެ އެ އޮފިސަރު ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު ބިދޭސީއަކު ޑީޕޯޓުކޮށްފައި ވަނިކޮށް، އޭނާ އަލުން ރާއްޖެއަށް އެތެރެ ކުރި މައްސަލަައެއްގަ އެވެ.
އެހެންނަމަވެސް، އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރާއި އެ މައްސަލައިގެ އިތުރު ތަފުސީލެއް ނޭނގެ އެވެ.








