ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުން ސަރުކާރު ހިންގާ ޕީއެންސީ ބަލިވުމާ ގުޅިގެން ސިޔާސީ މަގާމުތަކުން ވަކިކުރި ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ތިން ބޭފުޅުންނަށް ހިތްވަރުދީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެކުގައި ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މާލެ ސިޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ސިޔާސީ ދައުވަތެއް މިއަދު ދެއްވައިފި އެވެ.
އިއްޔެ ބޭއްވި މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ހޯދީ 312 ވޯޓުންނެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 277 ވޯޓެވެ. މިއީ 35 ވޯޓުގެ ތަފާތަކުން ސަރުކާރު ހިންގާ މައި ޕާޓީގެ މައްޗަށް އިދިކޮޅު އެމްޑީޕީން ހޯދި މުހިންމު ކާމިޔާބީއެކެވެ.
މި ނަތީޖާއާ ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކުން ރައީސްގެ ބޮޑުދައިތަގެ ތިން ދަރިން ކަމަށްވާ މުހައްމަދު ވަހީދާއި އިގްބާލް އާދަމް އަދި ހުސައިން ހަނީފް ވަނީ ވަކިކޮށްފަ އެވެ. އެ ބޭފުޅުން ތިއްބެވީ ނައިބު ރައީސްގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ އިތުރުން އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. މީގެ އިތުރުން ވެސް ވަށަފަރަށް ނިސްބަތްވާ ސިޔާސީ އެހެން ބައެއް މުވައްޒަފުންނާއި ކުންފުނިތަކުގެ ވެރިން ވަނީ ވަކިކޮށްފަ އެވެ.
މަގާމުން ވަކިކުރި އާއިލީ ބޭބެއިންނަށް ހިތްވަރުދީ ގާލިބު ފޮނުވި މެސެޖުގައި ވިދާޅުވީ އެއްވެސް ހާލެއްގައި ހިތްވަރު ދެރަނުކުރުމަށާއި، ވެއްޓުމުން އޮންނާނީ ތެދުވެ ކުރިއަށް ދިއުން ކަމަށެވެ. އަދި އޭނާއަކީ އޭގެ ދިރިހުރި މިސާލެއްކަން ބޭބެމެން ގަބޫލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ދުވަހު ސަރުކާރުގެ ދިފާއުގައި އޭނާ "ކޮށާ ކާޅަށް ކާންދިނީ" ކީއްވެގެންކަން ރަނގަޅަށް އެނގޭ ކަމަށާއި އެއްވެސް ހިތްބަރުކަމެއް ނެތް ކަމަށް ގާލިބު ވިދާޅުވި އެވެ.
ގޭތެރޭގައި ހުންނެވި ބޭފުޅާ އެ ބޭބެއިންނާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އެއްލައިލާނެ ވަގުތެއް ނޭނގޭނެ ކަމަށް ކުރިން ވެސް ވިދާޅުވި ކަމަށް ގާލިބު ފާހަގަކުރެއްވި އެވެ. އެ ދުވަހު ދެއްކި ވާހަކަ މިއަދު މިއޮތީ ރަނުންރަނަށް ދިމާވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިއަދު އެ ވާހަކަތައް އެ ބޭބެމެން ގަބޫލުކުރައްވާނެ ކަމަށް ގާލިބު ވިދާޅުވި އެވެ.
"އިންޝާﷲ، އެމްޑީޕީން ފަހިވި ފުރުސަތުތަކުގައި ކޮއްކޮ މިއަދު މި ހުރީ ސިޔާސީގޮތުން ރަނގަޅު ހިސާބެއްގައި، ކޮއްކޮ ކައިގެން ހުރިއްޔާ ބޭބެމެން ތިބޭނީ ކައިގެން. ކޮއްކޮ މި ހުރީ ބޭބެމެނަށް އަޅާލަން ތައްޔާރަށް. 2028 އަށް އެކުގަ ނުކުންނަން ބޭބެމެން ތައްޔާރުތޯ؟" އެ މެސެޖުގައި ބޭބެމެންނަށް ދައުވަތު ދެއްވަމުން ގާލިބު ވިދާޅުވީ މިހެންނެވެ.
ރައީސް މުއިއްޒުގެ އާއިލާގެ އެތެރޭގައި އޮތް ހިޔާލުތަފާތުވުންތަކާއި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ސަރުކާރުން ބައިވެރިވާ އިންތިހާބެއްގައި ބަލިވާ ކޮންމެ ފަހަރަކު ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ކަނޑަ އެވެ. މި ފަހުން ބޭއްވި ރެފަރެންޑަމް ވޯޓާއި ލޯކަލް ކައުންސިލު އިންތިހާބުގެ ބައްޔަށް ފަހު ވެސް މިނިސްޓަރުން ހިމެނޭހެން ސިޔާސީ މަގާމުތަކުން މީހުން ވަކިކުރި އެވެ.







