ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާއެއްގައި، އޭގައި މަސައްކަތް ކުރަން ހުރި ބިދޭސީ ފިރިހެނަކު ވަރަށް ބޮޑަށް ފިހި އޭނާގެ ހާލު ސީރިއަސް ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:00 ހާއިރު ކަމަށް އެ ރަށު ކައުންސިލުން މީޑިއާތަކަށް މައުލޫމާތު ދީފައިވެ އެވެ. އަދި، އަލިފާން ރޯވީ ލޯންޗުގެ އެތެރޭގައި ދެ ބިދޭސީން މަރާމާތުގެ މަސައްކަތެއް ކުރަނިކޮށް ބެޓެރި ޝޯޓުވެގެން ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އެ އަތޮޅު ހޮސްޕިޓަލް ހުންނަ ވޭމަންޑޫއަށް ގެންގޮސްފަ އެވެ.
މި އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފަ އެވެ. އަލިފާން ނިއްވުމުގައި އާންމު ރައްޔިތުންނާއި ތިމަރަފުށީ އެއާޕޯޓުގެ ފަޔާ ވެހިކަލް ވަނީ ހަރަކާތްތެރިވެފަ އެވެ. ނަމަވެސް، މި ހާދިސާގައި އެ ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ.







