އަމިއްލަ ބިމުގައި ގެދޮރު އެޅުމަށާއި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމަށް ސަރުކާރުން ތައާރަފުކުރި "ހެލްޕް-ޓު-ބިލްޑް" ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެ ސްކީމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި، އެކަމާ ބެހޭ އިތުރު މައުލޫމާތު 4004900 އިން ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
"މި ސްކީމަށް ޝަރުތު ހަމަވާ މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން ގެދޮރު ބިނާކުރެވިފައި ނުވާ ފަރާތްތަކަށް އެހީތެރިކަން ދޫކުރާނީ ފައިނޭންސިން ފެސިލިޓީ ހަމަޖެހޭ ތަރުތީބުން،" ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުންޏެވެ.
ހެލްޕް ޓު ބިލްޑް ސްކީމަކީ ސަރުކާރުން ތައާރަފުކުރި ފަސް ޕަސެންޓުގެ ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ ޑައުންޕޭމަންޓް ހަމަޖައްސަން ދަތިވާ މީހުންނަށް ދޭ ހިލޭ އެހީއެކެވެ. މި އެހީ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 750 މިލިއަން ރުފިޔާ ހިމަނާފަ އެވެ.
ހައުސިންގެ އުސޫލުގައިވާ ގޮތުން، ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ގޯއްޗަކަށް ދޫކުރާނީ 200،000 ރުފިޔާގެ ހިލޭ އެހީއެކެވެ. ނަމަވެސް ވިލިނގިއްޔާއި ހުޅުމާލެ ނުހިމެނޭހެން މާލޭގައި ނަމަ، ޝަރުތުހަމަވާ ކޮންމެ މީހަކަށް 200،000 ރުފިޔާގެ މަގުން، ގިނަވެގެން ފަސް މީހުންނަށް ޖުމްލަ އެއް މިލިއަން ރުފިޔާއާ ހަމައަށް ހިލޭ އެހީ ލިބޭނެ އެވެ.
މި އެހީ ދޫކުރަނީ އަލަށް ގެ އިމާރާތް ކުރުމަށާއި، މަސައްކަތް ފަށައި ނުނިމި ހުރި ތަންތަން ނިންމުމުގެ އިތުރުން، ބާވެފައިވާ އިމާރާތްތައް ތަޅާލައި އަލުން ބިނާކުރުމަށެވެ.މި ފައިސާ ދޫކުރެވޭނީ މި ސްކީމުގައި ބައިވެރިވާ ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ދޫކުރާ ފައިނޭންސިން ފެސިލިޓީއަކަށް އެދޭ މީހާ ޝަރުތު ހަމަވެގެންނެވެ.
މި ސްކީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ އިތުރުން މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އިން ވަނީ ބައިވެރިވެފަ އެވެ.
އުސޫލުގައިވާ މުހިންމު ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، އެހީއަށް އެދޭ ގޯތި ހުރި ރަށަކީ އެ މީހަކު ދިރިއުޅޭ ރަށް ކަމުގައި ވުމުގެ އިތުރުން ރާއްޖޭގެ އެއްވެސް ތަނެއްގައި ދިރިއުޅެވޭ ފަދަ އެކަށީގެންވާ ގެދޮރެއް ނެތުން ހިމެނެ އެވެ. އަދި ވޭތުވެދިޔަ 20 އަހަރު ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ހެޔޮއަގުގެ ހައުސިން ލޯނެއް ލިބިފައި ނުވުމާއި، ޝަރުތުހަމަވާ އެހެން ފަރާތަކާ ގުޅިގެން ޖޮއިންޓްކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވެސް އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން، މި އެހީ ލިބިގެން އިމާރާތްކުރާ ގޯތި 25 އަހަރު ތެރޭގައި އެހެން ފަރާތަކަށް ވިއްކާލައިފިނަމަ، ސަރުކާރުން ދިން ހިލޭ އެހީގެ ފައިސާ ދައުލަތަށް އަނބުރާ ދައްކަން ޖެހޭނެ އެވެ. އަދި އެހީގެ ފައިސާ ސީދާ އެދޭ މީހާއަށް ދިނުމުގެ ބަދަލުގައި، ފައިސާ ޖަމާކުރާނީ މާލީ އިދާރާގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށެވެ. އެ ފައިސާ ދޫކުރާނީ މަސައްކަތްކުރާ ކޮންޓްރެކްޓަރަށެވެ.








