ރާއްޖޭގައި ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއުއެއް ހިންގަން ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން ނިންމާފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރުއަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި އިޒްރޭލް މީހުންނާ އޭނާ ގުޅުން ބާއްވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ބޭނުމުގައިކަމަށް ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެ ބައްދަލުވުމުގެ އޯޑިއޯއެއް ލީކުވެފައިވާއިރު، އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ އަލައްބާރުއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކާ ގުޅޭގޮތުން އޭނާއާ އުޝާމް ސުވާލުކުރެއްވި ކަމަށެވެ.
އެ ސުވާލުގެ ޖަވާބު ދެއްވިކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ އަލައްބާރުއަކީ ކަންކަން ސިއްރު ނުކުރައްވާ، ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު ކައިރީގައި އޭނަ ބުނި އެއްޗަކީ، އަޅުގަނޑު އެހިން ކީއްވެހެއްޔޭ [އެގޮތަށް ވާހަކަދައްކާފައި އެ ހުރީ] ބުނީމާ އޭނާ ބުނީ، ތިމަންނާއަކީ ވަރަށް ގިނައިން ފަލަސްތީނަށް ވެސް އެހީތެރިކަން ވެދީފައިވާ މީހެކޭ، ތިމަންނަ އެ މީހުންނާ [އިޒްރޭލް މީހުންނާ] ގުޅުން ބާއްވާ ސަބަބަކީ، ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތަކީ، ފަލަސްތީނަށް އެހީތެރިކަމެއްވާން ބޭނުންވެއްޖެއްޔާ އެމީހުން މެދުވެރިކޮށޭ އެކަން ކުރެވޭނީ،" އުޝާމް ވިދާޅުވި އެވެ.
"އެހެންވީމަ [ފަލަސްތީނަށް] އެއްޗެއް ވެއްދިޔަސް އެ މީހުން [އިޒްރޭލް] މެދުވެރިކޮށޭ ވެއްދެނީ، ކާއެއްޗެއް ފޯރުކޮށްދޭންވިޔަސް އެހެންނޭ ހަދަނީ، އެ ތަނުގައި ގެއެއް އިމާރާތްކުރަންވިޔަސް އެއީއޭ އެކަން ކުރަންޖެހޭ ގޮތަކީ، އެ މީހުންނާ ގުޅުން ނުބާއްވައިފިއްޔާ ތިމަންނާއަކަށް ނެތޭ ފަލަސްތީނަކަށް ވެސް އެހީތެރިކަމެއް ވެދެވޭކަށް."
ރަސްމާލެ ހޯދަން އުޅޭ ބިލިއަނަރާއި ޒަޔަނިސްޓުންނާ ގުޅުން އޮތް ކަމަށް ބުނަނީ ކީއްވެ؟
ރަސްމާލެ މަޝްރޫއު ހަވާލުކުރި ޔޫއޭއީގެ ބިލިއަނަރު މުހައްމަދު އަލް އައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮންނަ މީހެއް ކަމަށް ތުހުމަތު ކުރަނީ، 2005 ވަނަ އަހަރު އިޒްރޭލުގެ އިސްވެރިންނާ ސިއްރަށް ބައްދަލުކޮށް ގާޒާގެ ބައެއް ބިންތައް ގަންނަން ހުށަހެޅުމާ ގުޅިގެންނެވެ. މީގެ އިތުރުން އިޒްރޭލާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އޭނާ ކުރާ މަސައްކަތްތަކުގެ ސަބަބުން، ރަސްމާލެ މަޝްރޫއާ މެދު ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.
އަލައްބާރުއަކީ އެމެރިކާ އާއި އިޒްރޭލަށް ތާއިދުކުރާ މީހެއް ނޫންކަމަށް އުޝާމް ގާތުގައި އޭނާ ބުނިކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
ވަރަށް އަވަހަށް އަލައްބާރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށާއި އޭނާއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން އޭނާއާ ސުވާލުކުރުމުގެ ފުރުސަތު ދީނީ އިލްމުވެރިންނަށް ވެސް އެ ދަތުރުގެ ތެރެއިން ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް އުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މި ފެށޭ ހަފުތާގައި ކަންނޭނގެ، ނޫނީ ކޮންމެވެސް ހިސާބަކުން އޭނާ އެބަ އާދޭ ކަންނޭނގެ ރާއްޖެއަށް، ދެން އަޅުގަނޑަށް ޔަގީން މިނިސްޓަރު މުއްތަލިބު ބައްދަލުވުން ހަމަޖައްސައިދެއްވާނެ ހަމަ ތިބޭފުޅުންނާއެކު، އެއްވެސް ސުވާލެއް އޮތިއްޔާ ކުރައްވާ ހަމަ، އެ ބޭފުޅާ ވަރަށް އޯޕަން ހަމަ، އަނެއްހެން ރަނގަޅު ބޭފުޅެއް،" އުޝާމް ވިދާޅުވި އެވެ.
"އާދެ އާދެ! ހަމަ ވަރަށް ރަނގަޅު ބޭފުޅެއް [އަލައްބާރުއަކީ]، އެއްކަލަ އެއްޗެހި އެހެން ސިއްރުކޮށް، އެކަހަލަ ބޭފުޅެއް ނޫން، ވަންޏާ ވާނެޔޭ، ނުވަންޏާ ނުވާނެޔޭ ވަރަށް ސްޓްރެއިޓްކޮށް ވާހަކަދައްކަވާ ބޭފުޅެއް."
އަލައްބާރުއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އިޒްރޭލު މީހުންނާ އޭނާ ގުޅުން ބާއްވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށްކަމަށް އުޝާމް ވިދާޅުވެފައިވާއިރު، އަލައްބާރުއަކީ ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް އޮތް މީހެއް ނޫންކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ދީނީ އިލްމުވެރިންނާއެކު މުއްތަލިބު ބޭއްވި ބައްދަލުވުމުގެ އޯޑިއޯއެއް ވެސް ލީކުވެފައިވާއިރު، އެ އޯޑިއޯގައި މުއްތަލިބު ވިދާޅުވީ ޒަޔަނިސްޓުންނާ އަލައްބާރުއާ ގުޅުން އޮތީ ތަންކޮޅެއް ކުރިން ކަމަށެވެ.
"އޭނައާ އަޅުގަނޑު ސީދާ ތި ވާހަކަ ދެއްކިން، ޒަޔަނިސްޓުންގެ ވާހަކަ، އޭނަ އެ މީސްމީހުންނާ އެބަހުރި ތަންކޮޅެއް ކުރީގަ [ގުޅުން]، މިހާރަކު ނޫން،" ބައްދަލުވުމުގައި ވާހަކަ ދެއްކެވި އިލްމުވެރިއެއްގެ ވާހަކަ ފުރިހަމައަށް ނުނިމެނީސް މުއްތަލިބު ވިދާޅުވި އެވެ.
އުޝާމް އާއި މުއްތަލިބު އެހެން ވިދާޅުވި ނަމަވެސް، ފަލަސްތީނުގެ ހާލަތާ ބެހޭގޮތުން އަލައްބާރު ދައްކާފައިވާ ވާހަކަތަކާއި އިޒްރޭލް މީހުންނާ އޭނާ ބާއްވާފައިވާ ގުޅުމަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.








