މަސްދުވަސް ނުވަނީސް ސަރުކާރުގެ ނިންމުން ބަދަލުކޮށް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވައިލައި، ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކުރަން ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.
ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވަމުންދަނިކޮށް ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން 17 ޕަސަންޓުގެ ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 1، ގަ އެވެ. ނަމަވެސް އެ ޓެކްސް ނެގުން ހުއްޓާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ސަރުކާރުން ވަނީ، ޓެކްސް ނަގަން ފެށިތާ ތިން ވަނައަށް ވީ ދުވަހު އިއުލާނުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވައިލުމުގެ މަގުސަދުގައި ކޮމިޓީއަށް ހުށަހަޅާފައިވާ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިތުރު އިސްލާހުތައް ހުށަހަޅުއްވާފަ އެވެ.
ނިޒާރު ހުށަހަޅުއްވާފައިވަނީ ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކޮށް، އެ އިސްލާހަށް ޖެނުއަރީ 1، 2027، އިން ފެށިގެން އަމަލުކުރުމަށެވެ. އެ އިސްލާހުތައް ގެންނަކަން ނިމިދިޔަ ހަފްތާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ހާމަކުރައްވާފަ އެވެ.
ނިޒާރު ވިދާޅުވީ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހުތައް ގެންނަން ނިންމީ ކުދި ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިކުރުމަށް ހުރި ގޮންޖެހުންތައް މަދުކުރުމަށް ކަމަށެވެ.
އޭނާ ކޮމިޓީގައި ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ދަށް އާމްދަނީއެއް ލިބޭ ކުންފުނިތަކަށް ޖީއެސްޓީގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އެ ޝަރުތުތަކަކީ އެއްވެސް މަހެއް ނިމޭއިރު ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަކުން ފޯރުވައިދިން މުދަލާއި ހިދުމަތުގެ ޖުމުލަ އަގު 750.000ރ. މަދުވުން އަދި ކުރިއަށް އޮތް ބާރަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ފޯރުވައިދޭނެ މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު 750.000ރ. މަދުވާނެ ކަމަށް އަންދާޒާވުމެވެ.
ނަމަވެސް އެއްވެސް ކުންފުންޏަކުން ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ހިންގައިފިނަމަ ނުވަތަ އެފަދަ މުއާމަލާތެއްގައި ބައިވެރިވެއްޖެނަމަ، އެ ކުންފުންޏަކުން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް އެ މުއާމަލާތެއް ހިންގާފައިނުވާ ކަމުގެ ނުވަތަ އެ މުއާމަލާތުގައި ބައިވެރިވެފައިނުވާ ކަމުގައި ބެލުމުގެ އިހްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ލިބިގެންވާ ކަމަށްވެސް ނިޒާރު ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.
ނިޒާރު ހުށަހެޅުއްވި އިސްލާހުތަކާއެކު ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކޮށް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވައިލުމަށް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.








