މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުނީއްސުރެ އެންމެ ބޮޑަށް ވަކާލާތުކުރަމުން އައި އެއް އަސާސް ކަމަށާއި، ނަމަވެސް މިއަދު ފެންނަނީ އެއާ ހިލާފު މަންޒަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި އައްޑޫ ސިޓީގެ ގޮނޑިއަށް ވާދަކުރައްވާ ނާކާމިޔާބުވި އަސްލަމް ފޭސްބުކްގައި ވިދާޅުވީ މިއަދު ކުރަހަމުންދާ މަންޒަރުތައް ދައްކާ ގޮތުގައި އެމްޑީޕީން ވަކާލާތު ކުރަމުންދިޔަ މިނިވަން އިންސާފުވެރި އިންތިހާބުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ކަންކަން މުޅިން އެހެން ގޮތަކަށް ބަދަލުވެފައިވާ ކަމަށެވެ.
"މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމުގެ ހައްގަކީ އެމްޑީޕީި އިން އެޕާޓީ އުފެދުމުގައި ވެސް އެންމެ ހަރު އަޑުން ގޮވި އެއް ގޮވެލި. އެހެނަސް މިއަދުގެ ކުރެހުންތައް މަންޒަރު ކޮށްދެނީ މުޅިން އެހެން ތަސްވީރެއް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް މިހެން ވިދާޅުވިއިރު އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންސާފުވެރިކަމާ ގުޅޭގޮތުން ބައެއް މީހުން އަންނަނީ ސުވާލު އުފައްދައި، ނަތީޖާ އޮޅުވާލި ކަމަށް އެކި ތުހުމަތުތައް ކުރަމުންނެވެ.
މިގޮތުން ހުޅުމާލޭ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށި އޮޅުވާލާފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އިއްޔެ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުޅުމާލޭ ދެކުނު ދާއިރާއިން މާލެ ސިޓީގެ ގައުމީ މަޖިލީހަށް ހޮވާ 16 ކެންޑިޓޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހިގޮތަށް ނެރެފައިވާ ޝީޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.
"ހުޅުމާލެ ދެކުނު ދާއިރާއިން މުޅިމާލެއިން ހޮވާ 16 ގޮޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓްލާން ދިޔަމީހުން ފާހަގަ ޖެހިގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަކަށް ނުބެލެވޭ. ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓް އިތުރަށް ޖަހާފައި ހުރިކަމަށް ބެލެވޭ،" ޝަމްހީދު ވިދާޅުވި އެވެ.
މިހާތަނަށް ޓެލީ ކުރެވިފައިވާ މުޅި އިންތިހާބުގެ ނަތީޖާތައް ވެސް ބުރަވަނީ "ބޮޑު ބަދަލު" ޓީމަށެވެ. އަދި ގައުމީ މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފައިވާކަން ފައްޔާޒް ވަނީ މިހާރު އިއުލާނު ވެސް ކުރައްވައިފަ އެވެ.








