އިސްރާއީލުގެ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްއާ އާ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް އައިޒަކް ހަރްޒޮގް ވިދާޅުވެއްޖެ އެވެ.
ރައީސް ހަރްޒޮގް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަން ފެއްޓެވީ، މިދިޔަ ހަފުތާގައި ބޭއްވި އާންމު އިންތިހާބުގައި އައިޒެންކޮޓްގެ އިއްތިހާދަށް ނުވަތަ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިއްތިހާދަށް ވެސް، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކްނެސެޓްގެ އަޣުލަބިއްޔަތު ލިބިފައި ނުވުމާ ގުޅިގެންނެވެ.
އާ ސަރުކާރެއް އެކުލަވައިލުމަށް އައިޒެންކޮޓްއަށް މިހާރު 28 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެ އެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އިތުރު 14 ދުވަސް އެ މުއްދަތަށް އިތުރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ އައިޒެންކޮޓް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އެކުލަވައިލަންވީ ވަގުތު ކަމަށާއި، އެކަން ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އިސްރާއީލުގެ ތާރީޚުގައި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް އިންތިހާބެއްގައި ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައެއް ނުވެ އެވެ. އެހެންކަމުން އެ ގައުމުގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރުތަކަކީ ވެސް ކޯލިޝަން ސަރުކާރުތަކެވެ.
ޖުމްލަ 120 ގޮނޑި ހިމެނޭ ކްނެސެޓްގެ އިންތިހާބުގައި ނަތަންޔާހޫގެ ކަނާތު ފިޔައިގެ ލިކޫޑް ޕާޓީ އާއި ހަރުކަށި ފިކުރުގެ ޔަހޫދީ ޕާޓީތައް ހިމެނޭ އިއްތިހާދަށް ލިބުނީ 53 ގޮނޑި އެވެ. އަދި އައިޒެންކޮޓްގެ މެދުމިނުގެ ފިކުރުގެ ޔަޝާރް ޕާޓީ އާއި އިދިކޮޅު އެހެން ތިން ޔަހޫދީ ޕާޓީއެއް ހިމެނޭ އިއްތިހާދަށް ލިބުނީ 48 ގޮނޑި އެވެ.
އަރަބި ދަރިކޮޅުގެ މީހުން ވޯޓުލާން ނުކުތް ނިސްބަތް އިތުރުވުމާ ގުޅިގެން، އަރަބި ޕާޓީތަކުގެ ދެ އިއްތިހާދު ކަމަށްވާ ޔުނައިޓެޑް އަރަބް ލިސްޓާއި ޖޮއިންޓް ލިސްޓުން ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައި 19 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މި ނަތީޖާއާއެކު ސަރުކާރު އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ނަމަވެސް، އެންމެ ޕާޓީއެއް ފިޔަވައި ޔަހޫދީ ހުރިހާ ޕާޓީތަކަކުން ވަނީ، ސަރުކާރު އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށް އިންތިހާބުގެ ކުރިން ވައުދުވެފަ އެވެ.
ރައީސް ހަރްޒޮގް ވިދާޅުވީ، ހަފުތާގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، ސަރުކާރު އެކުލަވައިލުމުގެ ފުރަތަމަ ފުރުސަތު އައިޒެންކޮޓްއަށް ދެއްވަން ނިންމެވީ ކަމަށެވެ.
ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ނިންމެވުން މިހާރު އައިޒެންކޮޓްއަށާއި ނަތަންޔާހޫއަށް އަންގަވާފައިވާ ކަމަށެވެ.
އަލަށް އިންތިހާބުވި ކްނެސެޓް މެންބަރުންގެ ވަފުދުތަކާއެކު ބޭއްވި މަޝްވަރާތަކަށް ފަހު، ބޮޑުވަޒީރުކަމަށް އައިޒެންކޮޓް އައްޔަންކުރުމަށް 67 މެންބަރަކު ތާއީދުކުރެއްވި އިރު، ނަތަންޔާހޫއަށް ތާއީދުކުރެއްވީ 46 މެންބަރުން ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޯލިޝަނެއް އުފެއްދުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ކަމަށް ރައީސަށް ގަބޫލުކުރެއްވޭ ބޭފުޅަކު އިޚްތިޔާރު ކުރުމުގެ ފުޅާ ބާރު ރައީސަށް ލިބިގެންވެ އެވެ. އަދި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީގެ ލީޑަރު އިޚްތިޔާރު ކުރުން ރައީސަށް ލާޒިމެއް ނޫނެވެ.
އިންތިހާބުގެ ނަތީޖާ ހުރި ގޮތުން ސަރުކާރެއް އެކުލަވައިލުމަށް ތިން ގޮތެއް އޮތްކަން ފާހަގަކުރެވެ އެވެ. އެއީ ނަތަންޔާހޫ އާއި އައިޒެންކޮޓް ހިމެނޭ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުން، ނުވަތަ ނަތަންޔާހޫ އާއި އައިޒެންކޮޓްގެ އިއްތިހާދުން ވަކިވާ މެންބަރުން ހިމެނޭ ކަނާތު ފިޔައިގެ ކޯލިޝަނެއް އުފެއްދުން، ނުވަތަ އަރަބި ޕާޓީތަކުގެ ތާއީދާއެކު އައިޒެންކޮޓް އިސްވެ ހުންނަވާ ސަރުކާރެއް އެކުލަވައިލުމެވެ.
އައިޒެންކޮޓް އާއި އޭނާގެ އިއްތިހާދުގެ އެންމެ މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން މީގެ ކުރިން ވަނީ އަރަބި ޕާޓީތަކާއެކު ސަރުކާރަކަށް ނުވަންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މިހާރުގެ ހާލަތުގައި އެފަދަ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.
މީގެ އިތުރުން، އައިޒެންކޮޓްއަށް ހަރުކަށި ޔަހޫދީ ޕާޓީތަކާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރެވިދާނެ އެވެ. އެކަމަކު އެއީ ވެސް އުނދަގޫ ކަމަކަށް ވާނެ އެވެ.
އިސްރާއީލުގައި މީގެ ކުރިން ވެސް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދާފައިވެ އެވެ. އެގޮތުން 2020 ވަނަ އަހަރު، ނަތީޖާ އެއްވަރުވި ތިން އިންތިހާބަށް ފަހު، ނަތަންޔާހޫ އާއި އޭނާގެ ވާދަވެރި ބެނީ ގާންޓްޒް ވަނީ ދައުރު ބަހާލައިގެން ވެރިކަން ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ސަރުކާރެއް އެކުލަވައިލާފަ އެވެ.
އިސްރާއީލުގެ ސިޔާސީ މަސްރަހު އެންމެ ބޮޑަށް ބައިބައިވެފައި އޮތް 2019 އިން 2022 އާ ދެމެދު، ނަތަންޔާހޫ އާއި އޭނާގެ ވާދަވެރިންނަށް އެއްބަސްވުމަކަށް ނާދެވިގެން ފަސް އިންތިހާބެއް ބާއްވަން ޖެހުނެވެ.







