ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ އެންމެ މުހިންމު ވިޔަފާރި ސިޔާސަތުގެ ދަށުން، ގައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ ޑިއުޓީގެ އާ ލިސްޓެއް އެމެރިކާ ސަރުކާރުން އިއުލާންކޮށްފި އެވެ.
އެމެރިކާއަށް މުދާ އެތެރެކުރާއިރު ނަގާ މި އާ ޓެކްސްތަކުގެ އަސަރު އެ ގައުމުގެ އެންމެ ބޮޑެތި ވިޔަފާރި ބައިވެރިންނަށް ކުރާނެ އެވެ. އޭގެ ތެރޭގައި ޗައިނާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިތުރުން ޖަޕާން، ދެކުނު ކޮރެއާ އަދި ޓައިވާން ހިމެނޭހެން ޖުމްލަ 14 ސަރަހައްދެއް ހިމެނެ އެވެ.
އެމެރިކާގެ ވައިޓް ހައުސްއިން އެހެން ގައުމުތަކުގެ ވިޔަފާރީގެ އުސޫލުތައް ދިރާސާކުރަން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެއީ ޓްރަމްޕް މީގެ ކުރިން އިއުލާންކުރެއްވި "ލިބަރޭޝަން ޑޭ" ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.
މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެރިފެއް ނަގަން ނިންމާފައިވަނީ ޗައިނާއިންނެވެ. އެއީ 40 އިންސައްތައާ ހަމައަށް އިތުރުވާ ރޭޓެކެވެ. ވިއެޓްނާމުން އެތެރެކުރާ މުދަލުން 35 އިންސައްތަ ނަގާއިރު، އެހެން ގައުމުތަކުން ނަގާނީ 20 އިންސައްތަ ނުވަތަ 25 އިންސައްތައިގެ ޓެރިފެކެވެ.
އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް (ޔޫއެސްޓީއާރު) އިން މި ޓެރިފްތައް އިއުލާންކުރީ، ކޮންމެ ގައުމެއްގެ ވިޔަފާރީގެ އުސޫލުތަކުގެ ސަބަބުން އެމެރިކާގެ ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ތަފްސީލީ ރިޕޯޓުތަކަކާ އެކުގަ އެވެ.
މި އާ ޑިއުޓީތަކަށް އަމަލުކުރަން ފަށާނީ އަންނަ އަހަރު ކަމަށް ބެލެވޭއިރު، އޭގެ ކުރިން އާންމުންގެ ހިޔާލު ހޯދުމާއި، މިކަމާ ގުޅޭ ރަސްމީ އަޑުއެހުންތަކެއް ކުރިއަށް ގެންދަން ޖެހޭނެ އެވެ.
ޓެރިފަކީ އެހެން ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެކްސްއެކެވެ. އާންމު ގޮތެއްގައި މި ފައިސާ ހިސާބުކުރަނީ މުދަލުގެ އަގުގެ ވަކި އިންސައްތައަކުން ކަމަށްވާއިރު، މި ފައިސާ ސަރުކާރަށް ދައްކަން ޖެހެނީ މުދާ އެތެރެކުރާ ކުންފުނިތަކުންނެވެ.
ޓްރަމްޕް އެއްބަސްވެވަޑައިގެންފައިވާ ބައެއް ލިމިޓްތަކުގެ ސަބަބުން، ބައެއް ރޭޓުތައް އިއުލާންކުރި މިންވަރަށް ވުރެ ކުޑަވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ވަކިވަކި ގައުމުތަކުން ނަގާ ޓެކްސްގެ މިންވަރު ވެސް ތަފާތުވާނެ އެވެ.
މި ޓެރިފްތަކުގެ އަސަރު ކުރާނީ ޗައިނާ، ޔޫރަޕިއަން ޔޫނިއަން، ސިންގަޕޫރު، ސްވިޒަލޭންޑް، އިންޑޮނޭޝިއާ، މެލޭޝިއާ، ކެމްބޯޑިއާ، ތައިލެންޑް، ކޮރެއާ، ވިއެޓްނާމް، ޓައިވާން، ބަންގްލަދޭޝް، ޖަޕާން އަދި އިންޑިއާއިން އެތެރެކުރާ މުދަލަށެވެ.
ޔޫއެސްޓީއާރުގެ ޖެމީސަން ގްރީއާ ވިދާޅުވީ، އަލަށް ކަނޑައެޅި ޓެރިފްތަކުގެ ސަބަބުން އެމެރިކާގެ މަސައްކަތްތެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބި، ދުނިޔޭގެ އިގްތިސާދު ދެމެހެއްޓެނިވި އާ މިސްރާބަކަށް ދަތުރުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާގެ ވިޔަފާރި ބައިވެރިންގެ ތެރެއިން ގިނަ ގައުމުތަކަކުން ފާއިތުވި ދިހަވަރަކަށް އަހަރު އަމަލުކުރަމުން އައީ އެމެރިކާގެ އުފެއްދުންތެރިކަމާއި، އުޖޫރަ އަދި މަސައްކަތްތެރިންގެ ހައްގުތަކަށް ހުރަސްއެޅޭ ފަދަ ސިޔާސަތުތަކަކަށެވެ.
މީގެ އިތުރުން، އެ ގައުމުތަކުން ވިޔަފާރީގެ ބެލެންސް އަމިއްލަ ފައިދާއަށް އަނބުރާލުމަށްޓަކައި ބާޒާރުގެ އުސޫލުތަކާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން އެމެރިކާގެ އުފެއްދުންތެރިކަމުގެ ބިންގާ ބަލިކަށިވަމުންދާ ކަމަށް ވެސް ގްރީއާ ވިދާޅުވި އެވެ.
ނަމަވެސް، އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، މިފަދަ ޓެރިފްތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލި، އިންފްލޭޝަން އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް މަޑުޖެހުމެއް އަތުވެދާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.







