އިޒްރޭލަށް އެމެރިކާއިން ކޮންމެ އަހަރަކު ދެމުން އަންނަ ހަތަރު ބިލިއަން ޑޮލަރުގެ އެހީ، މި އަހަރު ނިމުމުން ހުއްޓާލުމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް، މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ އިޒްރޭލަށް ހަތިޔާރު ވިއްކުން ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް އޮންނާނެ ޕާޓީއެއް ކަނޑައަޅން ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް ދެއްކެވި ވާހަކައިގައި، ޓްރަމްޕް މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. އަދި އޭނާ އިޝާރާތް ކުރެއްވީ ސީދާ ކޮން ފައިސާއަކަށް ކަމެއް ވެސް ސާފެއް ނުވެ އެވެ. އިޒްރޭލަށް އަސްކަރީ އެހީގެ ގޮތުގައި އަހަރަކު 3.8 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާއިން ސޮއިކޮށްފައިވާ ފަހުމުނާމާގެ މުއްދަތު 2028 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮތްއިރު، މި އަހަރު ނިމުމުން އެ ފައިސާ ދިނުން ހުއްޓާލާނީ ކިހިނެއް ކަމެއް ވެސް ޓްރަމްޕް ސާފުކޮށްދެއްވާފައެއް ނުވެ އެވެ.
އެ މުއްދަތުގެ ފަހުން ވޮޝިންޓަނުން އިޒްރޭލަށް ދޭ އެހީތަކަށް ބަދަލުތަކެއް ގެނައުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފޮކްސް ނިއުސްގެ "ފޮކްސް އެންޑް ފްރެންޑްސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިޒްރޭލަށް ދެން އެ ފައިސާގެ އެހީ ބޭނުންނުވާ ކަމަށެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުންނާއި ވައަތުފިޔަވީ ސިޔާސީ ފަރާތްތަކުން، ރިޕަބްލިކަން ޕާޓީއަށް ފާޑުކިޔުމަށްޓަކައި އިޒްރޭލަށް ދޭ މާލީ އެހީގެ މައުޟޫއު ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އިޒްރޭލަށް ފައިސާ ދިނުމާ ގުޅޭ ގޮތުން ބުނަން އޮތީ، އަހަރަކު ހަތަރު ބިލިއަން ޑޮލަރު ދިނުމަށް ބީބީ ނަތަންޔާހޫއާ އެކު ކުރިން އޮތް އެއްބަސްވުން ހުއްޓާލުމަށް މީގެ މަސްތަކެއް ކުރިން އަހަރެމެން އެއްބަސްވެފައިވާ ކަމަށް. މި އަހަރު ނިމުމުން އިޒްރޭލަށް ފައިސާ ދިނުން ހުއްޓާލުމަށް މިހާރު ވަނީ އެއްބަސްވެފައި. ނަމަވެސް އެ ގައުމަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އަހަރެމެން އެހީތެރިވާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ މަސްތަކެއް ކުރިން ވެފައިވާ ކަމަށް ބުނާ އެއްބަސްވުމެއް އިއުލާން ކުރުމަށް، އަންގާރަ ދުވަސް ޓްރަމްޕް އިޚްތިޔާރު ކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
އޮކްޓޯބަރު 27 ގައި ބޭއްވި އިންތިޚާބަށް ފަހު އިޒްރޭލުގެ ސިޔާސީ ކުރިމަގު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީއާ ގާތް ގުޅުމެއް ބާއްވާ ނަތަންޔާހޫއަށް އެ އިންތިޚާބުގައި އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭނާ ވަނީ ހަނިކޮށްފަ އެވެ. އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އާ ސަރުކާރެއް އެކުލަވާލުމަށް ދިގުލައިގެންދާނެ މަޝްވަރާތަކެއް ކުރަންޖެހޭނެ ކަމަށް ބެލެވެ އެވެ.
2023 ވަނަ އަހަރު ގާޒާ ހަނގުރާމަ ފެށުނު ފަހުން، އިޒްރޭލަށް އެމެރިކާގެ އާންމުން ކުރާ ތާއީދު ވަނީ ދަށްވެފަ އެވެ. ޚާއްސަކޮށް ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ މީހުންގެ މެދުގައި މިކަން ބޮޑެވެ. ޖޫން މަހު ކުރި ސާވޭއަކުން ދައްކާ ގޮތުގައި، ވޯޓުލާ މީހުންގެ 48 އިންސައްތަ އަދި ޑިމޮކްރެޓުންގެ 66 އިންސައްތަ ގަބޫލުކުރާ ގޮތުގައި އެމެރިކާއިން އިޒްރޭލަށް ދޭ ތާއީދު މާ ބޮޑެވެ. މިއީ 2017 ވަނަ އަހަރު މި ސުވާލު ފުރަތަމަ ކުރިިއިރު ހުރި 16 އިންސައްތަ އާއި 20 އިންސައްތައާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކާއި މިނިވަން މުހައްލިލުން ލަފާކުރާ ގޮތުގައި، އަންގާރަ ދުވަހުގެ އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކޮންޓްރޯލް ޑިމޮކްރެޓުން ހޯދުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ސެނެޓުގެ ކޮންޓްރޯލް ލިބޭނެ ޕާޓީއެއް އަދި އޮތީ ކަށަވަރު ނުވެ އެވެ.







