"ޕެޓްރިއާކީ" ނުވަތަ ފިރިހެނުން އިސްވެ ތިބެ މުޖުތަމައު ހިންގުމަކީ ދުނިޔެ އުފެއްދެވި ގޮތާ އެއްގޮތް ކަމެއް ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތަށް ނަސޭހަތްދޭ ގާތް މީހެއް ކަމުގައިވާ، ކޮންޒަވޭޓިވް ނަސާރާ ފާދިރީ ޑަގް ވިލްސަން ގަބޫލުކުރެ އެވެ.
އައިޑާހޯގެ މޮސްކޯގައި ހުރެ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ވިލްސަން ބުނީ، ފިރިހެނުން އިސްވެ ތިބެ ހިންގާ މުޖުތަމައަކީ ވަރަށް ބޮޑު "ބަރަކާތެއް" ކަމަށެވެ. ނަމަވެސް، އޭނާއާ ހިޔާލު ތަފާތުވާ ނަސާރާ ދީނުގެ މީހުން ބުނާ ގޮތުގައި މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ، ހަރުކަށި ފިކުރުގެ މައްޗަށް ބިނާވެފައިވާ ވިސްނުމެކެވެ.
އަމިއްލައަށް "ކްރިސްޓިއަން ނޭޝަނަލިސްޓެއް" ގެ ގޮތުގައި ސިފަކުރާ ވިލްސަން ގަބޫލުކުރާ ގޮތުގައި އެމެރިކާ ހިންގަންވާނީ ނަސާރާ ދީނުގެ އުސޫލުތަކުގެ މައްޗަށް ބިނާވެގެންނެވެ. އޭނާ ބޭނުންވަނީ އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެބޯޝަން ނުވަތަ ބަނޑުގައި އޮންނަ ދަރިފުޅު ވައްޓާލުން މަނާކޮށް، އެހެން ދީންތަކުގެ މީހުންނަށް ސަރުކާރުގެ މަގާމުތައް ނުލިބޭ ގޮތް ހެދުމަށެވެ.
މީގެ ކުރިން އޭނާ ދިން ދީނީ ދަރުހެއްގައި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމަކީ ގެއްލިފައިވާ މާތް ސިފައެއްގެ ގޮތުގައި ސިފަކޮށް، އެ މީހުން ގަބޫލުކުރާ ބައިބަލްގައިވާ ގޮތުން ފައްޅިތަކުގެ އިސް މަގާމުތަކާއި ދައުލަތުގެ ބައެއް މުހިންމު ދައުރުތަކުން އަންހެނުން އެކަހެރިކުރަން ޖެހޭ ކަމަށް ވަނީ ބުނެފައިވެ އެވެ. އަދި ދެ ޖިންސުގެ މެދުގައި އޮންނަންޖެހޭ ފަރަގާ މެދު އޭނާ ގެންގުޅޭ ވިސްނުމުގެ ތެރެއިން، އަންހެނުންނަށް ވޯޓުލުމުގެ ހައްގު ދިނުމަށް އެމެރިކާގެ ގާނޫނުއަސާސީއަށް ގެނައި 19 ވަނަ އިސްލާހު އުވާލަން އޭނާ ބޭނުންވެ އެވެ. މިއީ ޑިމޮކްރަސީއާ ހިލާފު ކަމެއް ކަމަށް އޭނާއަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
ނަސާރާ ދީނުގެ ބޮޑު އަގުލަބިއްޔަތަކުން އަންހެނުންގެ ވޯޓުލުމުގެ ހައްގަށް ތާއީދުކުރާއިރު، ވިލްސަންގެ މި ވާހަކަތަކަކީ އަންހެނުންނަށް ނަފުރަތުކުރާ، ހަރުކަށި ވިސްނުމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެ އެވެ.
އީރާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ހަނގުރާމައިގެ މޫނުމަތީގެ ގޮތުގައި ޕީޓް ހެގްސެތު ފެނިގެންދާއިރު، އޭނާ ގެންގުޅުއްވަނީ ހަރުކަށި އުސޫލުތަކެކެވެ.
އެމެރިކާގެ ނަސާރާއިންގެ މެދުގައި ވިލްސަންގެ ވިސްނުމަކީ އަދިވެސް މަދު ބަޔަކު ގަބޫލުކުރާ ކަމެއް ނަމަވެސް، އޭނާގެ ބައެއް ހިޔާލުތަކަށް އޮންނަ ތާއީދު ދަނީ އިތުރުވަމުންނެވެ.
އޭނާ އިސްވެ އުފެއްދި "ކޮމިއުނިއަން އޮފް ރިފޯމްޑް އިވެންޖެލިކަލް ޗާޗަސް" (ސީއާރްއީސީ) ގެ ގާތްގަނޑަކަށް 150 ފައްޅި އެމެރިކާގައި އެބަ ހުއްޓެވެ. އެމެރިކާގައި ހުރި 350،000 އެއްހާ އެހެން ކްރިސްޓިއަން ފައްޅިތަކާ އަޅާބަލާއިރު މިއީ ވަރަށް ކުޑަ މިންވަރެއް ނަމަވެސް، އެ ޖަމާއަތުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ކަމަށް ވިލްސަން ބުންޏެވެ.
ވިލްސަންގެ ނުފޫޒު ގަދަވެފައިވަނީ ޕީޓް ހެގްސެތުއާ އޮންނަ ގުޅުމުގެ ސަބަބުންނެވެ. ޕެންޓަގަންގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވި ގޮތުގައި، ޑިފެންސް ސެކްރެޓަރީއަކީ ސީއާރްއީސީއާ ގުޅުން އޮންނަ ފައްޅިއެއްގެ "ފަހުރުވެރި މެންބަރެއް" ކަމަށާއި، ވިލްސަންގެ ލިޔުންތަކާއި އުނގަންނައިދިނުންތަކަށް ސެކްރެޓަރީ ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
ވިލްސަން ބުނި ގޮތުގައި އެ ދެ ބޭފުޅުންގެ މެދުގައި އޮންނަނީ "ގާތް ގުޅުމެއް" ކަމަށާއި، ނަމަވެސް އެއީ ސިޔާސީ ގުޅުމަކަށް ވުރެ ބޮޑަށް ދީނީ ގުޅުމެއްކަން އޭނާ ފާހަގަކުރި އެވެ. ނޮވެމްބަރު މަހުގެ މެދުތެރޭގައި ބޭއްވި ރަސްމިއްޔާތެއް ހިމެނޭހެން، ޕެންޓަގަންގައި ބޭއްވި ދީނީ ދުއާގެ މަޖިލިސްތައް ވިލްސަން ވަނީ އިސްވެ ކުރިއަށް ގެންގޮސްފަ އެވެ.
ވިލްސަން ތާއީދުކުރަނީ "ގޭބިސީގެ ވޯޓުލުމުގެ" ނިޒާމަކަށެވެ. އެއީ ގޭގެ އިސްވެރިޔާ، އާންމުކޮށް ފިރިހެން މީހާ، މުޅި އާއިލާގެ ފަރާތުން ވޯޓުލުމެވެ. މިއީ އޭނާގެ ފައްޅީގެ އިންތިހާބުތަކުގައި ވެސް ބޭނުންކުރާ ނިޒާމެވެ. ނަމަވެސް، ލިބަރަލް މީހުންގެ ވޯޓާ ދެކޮޅަށް ވޯޓު ދިނުމަށްޓަކައި، އޭނާގެ އާއިލާގެ އަންހެނުން އާންމު އިންތިހާބުތަކުގައި ވޯޓުލާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި އަންހެނުން ގޭބިސީގެ އިސްވެރިޔާގެ ދައުރު އަދާކުރަންޖެހޭނީ ވަރަށް "އާދަޔާ ހިލާފު" ހާލަތްތަކެއްގަ އެވެ. އެއީ ވަރިވުން، ހުވަފަތްވުން ނުވަތަ ފިރިމީހާއަކީ ހަރަކާތް ނުކުރެވޭ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ވުން ފަދަ ހާލަތްތަކުގަ އެވެ. ވިލްސަންގެ ފައްޅީގެ ނިޒާމުގެ ތެރޭގައި އަންހެނުން ހިއްސާކުރަނީ ވޯޓުގެ އެންމެ 7 އިންސައްތަ އެވެ.
ބީބީސީން ކުރި ސުވާލުތަކާ ގުޅިގެން އޭނާ ވަނީ، މިއީ ފިރިހެނުންނަށް "އިންތިހާއަށް ބޮޑު ނުފޫޒެއް" ލިބިދޭ ނިޒާމެއް ކަމަށް އެއްބަސްވެފަ އެވެ.
އެމެރިކާގެ ގާނޫނުއަސާސީއަށް ގެނެސްފައިވާ 19 ވަނަ އިސްލާހު (އަންހެނުންނަށް ވޯޓުލުމުގެ ހައްގުދޭ އިސްލާހު) އުވާލުމަކީ ވުން ވަރަށް ނާދިރު ކަމެކެވެ. އެފަދަ ބަދަލެއް ގެނައުމަށްޓަކައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތު ބޭނުންވާނެ އެވެ. ނުވަތަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ހުށަހެޅުމެއް އޮންނަން ޖެހޭނެ އެވެ. އަދި އެއަށްފަހު، އެމެރިކާގެ ސްޓޭޓްތަކުގެ ހަތަރުބައިކުޅަ ތިންބައިގެ ތާއީދު އެކަމަށް ލިބެން ޖެހެ އެވެ.







