އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން ޑޮލަރާ ހަމައަށް ފައިސާގެ އިނާމު ދޭނެ ކަމަށް އެމެރިކާ އިން އިއުލާނުކޮށްފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ "ރިވޯޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމުން ބުނީ، މިފަދަ މައުލޫމާތު ހިއްސާކުރާ ފަރާތްތައް އެހެން ގައުމަކަށް ބަދަލުކޮށްދިނުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކަކަށް ފަހު، އީރާނުގެ ނިއުކްލިއާ މަރުކަޒުތައް "މުޅިން ސުންނާފަތިކޮށްލާފައިވާ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ވަނީ ވިދާޅުވެފަ އެވެ.
އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށާއި، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ބޯޑަރުތައް ހުރަސްކޮށް ހަތިޔާރާއި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެތި އުފުލުން ހުއްޓުވުމަށް ވޮޝިންޓަނުން ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށްޓަކައި ހާއްސަ "ޓާސްކް ފޯސް" އެއް އެކުލަވާލަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ފްލޮރިޑާގެ ޓާމްޕާގައި ގާއިމުކުރާ "ޓާސްކް ފޯސް އަޔަން ގޭޓް" އިން މަސައްކަތް ކުރާނީ އެމެރިކާ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެންނެވެ.
މި ޓާސްކް ފޯހުން ހަތިޔާރު އުފުލުން ހުއްޓުވުމުގެ އިތުރުން، މަދަނީ އަދި އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވޭ ތަކެތި އުފުލުމާއި، ގަވާއިދާ ހިލާފަށް ފައިސާ ހޯދާ މަގުތައް ބަންދުކުރުމަށް ވެސް ފޯކަސް ކުރާނެ އެވެ.
ސެންޓްކޮމް އިން އަންދާޒާކުރާ ގޮތުގައި، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކުރުމުގެ ސަބަބުން، އެ ގައުމަށް 25 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓް ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަރުކަޒުތަކާއި، ވަސީލަތްތަކާއި، އެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ މައުލޫމާތު ހިއްސާކުރާ ފަރާތްތަކަށް އެތައް މިލިއަން ޑޮލަރެއްގެ އިނާމު ދޭނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އީރާނުން އަމަލުނުކުރުމުގެ ސަބަބުން، ނިއުކްލިއާ ސެންޓްރިފިއުޖް ފަދަ މުހިންމު ބައިތައް އުފައްދާ މިންވަރާއި އޭގެ ތަފުސީލުތައް އެ އެޖެންސީއަށް މިހާރު ނޭނގޭ ކަމަށެވެ.
ސެންޓްރިފިއުޖަކީ ޔުރޭނިއަމް ފައްކާކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ. ފައްކާކުރާ ޔުރޭނިއަމް މަދަނީ ބޭނުންތަކަށް ރިއެކްޓަރުގެ ފިއުލްގެ ގޮތުގައި ބޭނުންކުރެވޭއިރު، 90 އިންސައްތައަށް ވުރެ މަތިން ފައްކާކޮށްފި ނަމަ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ އެވެ.
އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފަހު، އީރާނަށް ދޭ ހަމަލާތައް އަލުން ވަރުގަދަކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް، އިންތިހާބުގެ ކުރިން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ އެފަދަ ކަމެއް ކުރަން އޭނާ "އަވަސް އަރުވާނުލާ" ކަމަށެވެ.







