މި އަހަރުގެ ފިނި މޫސުމުގެ ފުރަތަމަ ތޫފާނާ އެކު ވެހުނު ބޯވާރޭގައި، 12 ގަޑިއިރު ނުވަނީސް ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ 70،000 އެއްހާ ފޭލިގެއަށް ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފި އެވެ.
ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި ލިބުނު މާލީ ގެއްލުން ތިން މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ އިރު، ރެނދުލާފައިވާ އިމާރާތްތައް ވެއްޓުމުގެ ބިރު ބޮޑުވެ، ނުރައްކާތެރި ހާލަތެއް އުފެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ބޯޑަރުތައް ބަންދުކޮށް، ހިޔާވަހިކަން ހޯދުމަށް ބޭނުންވާ ސާމާނާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުން އިސްރާއީލުން ހުއްޓުވާފައިވާތީ، މި ކާރިސާގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުން ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ހާލުގައި ޖެހިފައިވާ މީހުން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައާއި އދ. ގެ އިދާރާތަކުން ވަގުތުން ގާޒާއަށް ވަދެގަތުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ގާޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި، ހޮނިހިރު ދުވަހުގެ ފަތިހު ވާރޭ ވެހެން ފެށިތާ އެންމެ 10 ގަޑިއިރުގެ ތެރޭގައި އެހީއަށް އެދި 1،500 އެއްހާ ކޯލް ވަނީ ލިބިފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި 30 އާއި 40 ސެންޓިމީޓަރާ ދެމެދުގެ އުސްމިނަކަށް ފެންބޮޑުވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
މި ތޫފާނުގެ ސަބަބުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ގެއްލުން ލިބިފައިވާ ބައެއް އިމާރާތްތައް ވެސް ވަނީ ބިމާ ހަމަވެފަ އެވެ.
ސިވިލް ޑިފެންސް އެޖެންސީން ބުނީ، މެދުތެރޭ ނުސީރާތު ސަރަހައްދުގައި ބޯކޮށް ވާރޭވެހި ގަދަވަޔާ އެކު ވެއްޓުނު އިމާރާތަކުން މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
ގާޒާ ސިޓީއާއި، ޚާން ޔޫނިސް އަދި ދައިރުލް ބަލަހްގެ ރެފިއުޖީ ކޭމްޕުތަކުން ފެންނަ މަންޒަރުތަކުން އެނގޭ ގޮތުގައި، ކަކުލާ ހަމައަށް ފެންބޮޑުވެފައިވާ މަގުތަކުގައި އާއިލާތައް ދަނީ ހާލުގައި ޖެހެމުންނެވެ. ގޮދަޑިތައް ފޯވެފައިވާ އިރު، ކުޑަކުދިން ތިބީ ތަގައްޔަރުވެފައިވާ ފެނާއި ކިސަޑުގެ ތެރޭގައި ހުސްފަޔާ އެވެ.
މި ތޫފާނުގެ އަސަރު ގާޒާގެ ސިއްހީ ނިޒާމަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވީ، ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުގައި ފެންބޮޑުވެ، ހަތަރު ގަޑިއިރަށް ޚިދުމަތް މެދުކަނޑާލަން ޖެހުނު ކަމަށެވެ. އަދި ފޭލިގެތަކުގެ ތެރޭގައި ނަޖިސް ފެނާއި ވާރޭފެން މަސްހުނިވުމުގެ ސަބަބުން، ގޮހޮރާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަމުގެ ބަލިތައް ފެތުރުމުގެ ބިރު އޮތް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
މި ފޭލިގެތަކުގެ ތެރެއިން ގިނަ ތަންތަނަކީ ހަނގުރާމަ ފެށުނު ފުރަތަމަ އަހަރު ޖަހާފައިވާ ތަންތަނެވެ. މިހާރު ހަތަރު ވަނަ އަހަރަށް ދާއިރު، އެ ތަންތަން ހުރީ ވީދިގެން ތަންތަންގަނޑު ނެއްޓިފަ އެވެ. ހަނގުރާމަ ހުއްޓާލުމުގެ އިންސާނީ އެއްބަސްވުމުގެ ދަށުން އެ ފޭލިގެތަކުގެ ބަދަލުގައި ކެރަވަން އުޅަނދު ފޯރުކޮށްދޭން ޖެހުނު ނަމަވެސް، އިސްރާއީލުން އެ ތަކެތި އެތެރެކުރާކަށް ހުއްދައެއް ނުދެ އެވެ.







