އިސްރާއީލުގެ އާންމު އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގައި ހަގީގަތެއް އެކުލެވުނު ނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިންތިޚާބާ ބެހޭ ކޮމިޝަނުގެ އިސްވެރިޔާ ބުނެފި އެވެ.
އިސްރާއީލުގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާ، ޝިން ބެޓްގެ ވެރިޔާ އާއި އެ ގައުމުގެ އެޓާނީ ޖެނެރަލްއާ އެކު އާދީއްތަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި، ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ ރައީސް ނޯމް ސޯލްބާގް ބުނީ، އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތުތައް ސާބިތުވި ކަމުގައި ވިޔަސް، އިންތިޚާބީ މަރުހަލާގެ ސައްހަކަމާއި މުޅި އިންތިޚާބުގެ ނަތީޖާއަށް އޭގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީން ވަނީ އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދާފަ އެވެ. އެ ޕާޓީން އެއްވެސް ހެއްކެއް ނެތި ތުހުމަތުކުރާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ބޭއްވި އިންތިޚާބުގައި ބޮޑު ކުރިއެރުމެއް ހޯދި އަރަބި ޕާޓީތަކުން ވަނީ ވޯޓު "ވަގަށް ނަގާފަ އެވެ." އަދި އެކަން ކުރުމަށް ގަތަރުގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ވެސް ނަތަންޔާހޫގެ ޕާޓީން ބުނެ އެވެ.

ގަތަރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި މިއީ ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަށް ހިންގާ ކެމްޕޭނެއްގެ ގޮތުގައި އެ ގައުމުން ސިފަކުރެ އެވެ.
މީގެ އިތުރުން، އަންގާރަ ދުވަހު ވޯޓުލުން ފެށުމުގެ ކުރިން ހައްޔަރުކުރި ސިޔާސީ ތިން ހަރަކާތްތެރިންގެ ތެރެއިން ދެ މީހަކު އިސްރާއީލުގެ ފުލުހުން އާދީއްތަ ދުވަހު ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކުރީ ވޯޓުލާ މީހުންނަށް ރިޝްވަތު ދިނުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ފައިސާ އަޅާފައި ހުރި ސިޓީއުރަތަކަކާ އެކުގަ އެވެ.
މި މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކަކާ އެކުގަ އެވެ. އަދި އަނެއް މީހާ ގޭބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މި މީހުންނަކީ އިންތިޚާބުގައި އަށް ގޮނޑި ކާމިޔާބުކުރި އަރަބި ޕާޓީއެއް ކަމަށްވާ ރާޢަމް ޕާޓީއާ ގުޅުން އޮންނަ ބައެކެވެ.
ރާޢަމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް ވަނީ މި ހައްޔަރުކުރުންތަކަކީ ޑިމޮކްރަސީއާ ޚިލާފު އަދި "އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ކުރި މަސައްކަތެއް" ކަމަށް ފާހަގަކޮށްފަ އެވެ.
އިދިކޮޅު މައި ލީޑަރު އައިޒެންކޮޓް އާދީއްތަ ދުވަހު ވަނީ، އިންތިޚާބުގެ ނަތީޖާގެ ސައްހަކަން ގެއްލުވާލުމަށްޓަކައި ނަތަންޔާހޫ ރޭވުންތެރި ކެމްޕޭނެއް ހިންގަވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އަރަބި ޕާޓީތަކާ ގުޅިގެން ކޯލިޝަނެއް ހެދުމަށް އައިޒެންކޮޓް މީގެ ކުރިން ދެކޮޅު ހެދި ނަމަވެސް، އަންގާރަ ދުވަހުގެ އިންތިޚާބުގެ ނަތީޖާ ހުރި ގޮތުން އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތު ނުލިބުމުން، ސަރުކާރެއް އެކުލަވާލުމަށް އޭނާއަށް އެ ޕާޓީތަކުގެ އެހީތެރިކަން ބޭނުންވެ އެވެ.
އިސްރާއީލުގެ 120 ގޮނޑި ހިމެނޭ ޕާލަމެންޓުގެ ތެރެއިން ނަތަންޔާހޫގެ އިއްތިހާދަށް ލިބުނީ 53 ގޮނޑި އެވެ. އަދި އައިޒެންކޮޓް އިސްވެ ހުންނަ އިދިކޮޅު އިއްތިހާދަށް ލިބުނީ 48 ގޮނޑި އެވެ. މީގެ މާނައަކީ އެއްވެސް ފަރާތަކަށް އެކަނި ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި ކާމިޔާބު ނުކުރެވުމެވެ.
އިސްރާއީލުގެ އަރަބި ތިން ޕާޓީއަކުން، ރާޢަމް ޕާޓީ ހިމެނޭހެން، ވަނީ ރެކޯޑް އަދަދަކަށް، 19 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އަރަބި ޕާޓީތަކާ ގުޅިގެން އައިޒެންކޮޓް ކޯލިޝަނެއް ހަދައިފި ނަމަ، ޕާލަމެންޓުގެ 67 ގޮނޑީގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ އެވެ. ނަމަވެސް، އިސްރާއީލުގެ ގިނަ ބަޔަކަށް އަރަބި ޕާޓީތަކާ ގުޅިގެން ސަރުކާރެއް ހިންގުމަކީ ސިޔާސީ ގޮތުން ބަލައިގަންނަން އުނދަގޫ ކަމެކެވެ.






