މި މަހުގެ ކުރީކޮޅު އިސްރާއީލުގެ ފުލުހުން ޔުނިވާސިޓީގެ ޑޯމިޓަރީން ހައްޔަރުކޮށް، އެއްވެސް ދައުވާއެއް ނުކޮށް ބަންދުގައި ބަހައްޓާފައިވާ ފަލަސްތީނުގެ ދަރިވަރަކު މިނިވަންކުރުމަށް އިސްރާއީލުގެ ދަރިވަރުންނާއި، އެކްޓިވިސްޓުން އަދި އެކަޑެމީ ދާއިރާގެ ބޭފުޅުން ގޮވާލަން ފަށައިފި އެވެ.
ގުދުސްގައި ހުންނަ ހީބްރޫ ޔުނިވާސިޓީގައި ސޯޝިއޮލޮޖީ އަދި ކްރިމިނޮލޮޖީ ކިޔަވަމުންދާ އުމުރުން 26 އަހަރުގެ މަހުދީ ތޫންސީ، އަންގާރަ ދުވަހު ގުދުސްގެ ކޯޓަކަށް ހާޒިރުކޮށްފައިވަނީ ސިއްރު އަޑުއެހުމެއްގަ އެވެ.
އިސްރާއީލުގެ ފުލުހުން ބުނާ ގޮތުގައި މަހުދީ ހައްޔަރުކޮށްފައިވަނީ "ޓެރަރިޒަމްގެ އަމަލަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގަ" އެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ މަހުދީ "އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން" ނުވަތަ އިދާރީ ބަންދެއްގެ ދަށަށް ބަދަލުކުރުމަށެވެ. މިއީ އެއްވެސް ދައުވާއެއް ނުކޮށް އަދި ބަންދުކުރެވޭ މީހާއަށް ނުފެންނަ ސިއްރު ހެކިތަކެއްގެ މައްޗަށް ބިނާކޮށް، މުއްދަތެއް ނެތް ގޮތަށް މީހުން ބަންދުގައި ބޭތިއްބުމަށް އިސްރާއީލުން ބޭނުންކުރާ އުސޫލެކެވެ.
މަހުދީއަށް ކިޔަވައިދެއްވާ ޕްރޮފެސަރެއް ކަމަށްވާ ޑރ. ޔައެލް ބާޑާ ވިދާޅުވީ، މިއީ ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ހައްޔަރެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އިސްރާއީލުން ހިފައިގެން އުޅޭ ފަލަސްތީނުގެ އިރުމަތީ ގުދުސްއަށް ނިސްބަތްވާ އަދި ޔަހޫދީންނާއި ފަލަސްތީނު މީހުން ގުޅިގެން ހިންގާ މަޝްހޫރު ކެމްޕޭން ގްރޫޕްތަކުގައި މަސައްކަތްކުރާ މަހުދީ ހައްޔަރުކޮށްފައި މިވަނީ، އިސްރާއީލުގެ އިންތިހާބުގައި އަރަބި ޕާޓީތަކުން ކްނެސެޓްގެ 19 ގޮނޑި ކާމިޔާބުކޮށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކޯލިޝަނަށް އަގުލަބިއްޔަތު ގެއްލުނުތާ މަހެއްހާ ދުވަސް ފަހުންނެވެ.
އެ އިންތިހާބަށް ފަހު، ފަލަސްތީނު މީހުންގެ ހައްގުތަކާ ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރަށް ވަރުގަދަވެފައިވާ ކަމަށް ޑރ. ބާޑާ ފާހަގަކުރެއްވި އެވެ.
އަންގާރަ ދުވަހު ގުދުސްގެ ޑިސްޓްރިކްޓް ކޯޓުގެ ބޭރުގައި މުޒާހަރާގެ ބައިވެރިން ވަނީ މަހުދީގެ ފޮޓޯ ޖަހާފައިވާ ބޯޑުތައް ހިފައިގެން، އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
އަރަބި ޕާޓީތައް ހިމެނޭ "ޖޮއިންޓް ލިސްޓް" އިއްތިހާދުގެ ފަރާތުން ކްނެސެޓްގައި އިންނަވާ މެންބަރު ޑރ. އޮފާ ކާސިފް ވިދާޅުވީ، މި މައްސަލައިގައި ގާނޫނީ އެއްވެސް އުސޫލެއް ނެތް ކަމަށާއި، އިދާރީ ބަންދަކީ މީހުން ރަހީނުކޮށްގެން ގެންގުޅުމަށް ބޭނުންކުރާ ރީތި ނަމެއް ކަމަށެވެ. އަދި މިފަދަ ޖަރީމާތަކާ ދެކޮޅަށް އެންމެން ސާބިތުކަމާއެކު ތިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ހަމޯކެޑް" އިން އާންމުކުރި އިސްރާއީލް ޕްރިޒަން ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހު އެކަނިވެސް 3،100 އަށްވުރެ ގިނަ މީހުން އިދާރީ ބަންދުގައި ތިއްބެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުންނެވެ.
އިސްރާއީލުން ބުނާ ގޮތުގައި މި ސިޔާސަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓެރަރިޒަމް ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
މަހުދީގެ މައްސަލައިގައި އިސްރާއީލުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގު ކުރިއަށްދާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ކޯޓަށް މަހުދީ ހާޒިރުކުރީ ޖަލުގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އޭނާ ފެނުނުއިރު ބޯ ބާލައި، ތުނބުޅިވެސް ވަނީ ބާލާފަ އެވެ. މަހުދީގެ ރައްޓެހިން ބުނާ ގޮތުގައި، އޭނާ ބޭނުންކުރާ ބޭސްތަކާއި އައިނުވެސް ޖަލުން ފޯރުކޮށްދީފައެއް ނުވެ އެވެ. އެ ތަކެތި އޭނާއަށް ފޯރުކޮށްދިނުމަށް ފަނޑިޔާރު އަމުރުކުރައްވާފައި ވަނިކޮށް ވެސް އެކަން ކޮށްފައެއް ނުވެ އެވެ.
އިސްރާއީލް ޕްރިޒަން ސާވިސްއިން ބުނީ އެ އިދާރާއިން އަމަލުކުރަމުންދަނީ ކޯޓުގެ ނިންމުންތަކާ އެއްގޮތަށް ކަމަށެވެ. އަދި ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް ފަހު، މަހުދީގެ އައިނު އޭނާއާ ހަވާލުކުރުމަށް ވަކީލަށް އަންގާފައިވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އަންގާރަ ދުވަހުގެ އަޑުއެހުމަށް ވަނުމަށް ޑރ. ބާޑާ އެދުމުން ކޯޓުން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ. ބާޑާ ވިދާޅުވި ގޮތުގައި، މަހުދީއާ ދެކޮޅަށް ހުރީ ކޮން ހެކިތަކެއްކަން އޭނާއަށް ވެސް އެނގިފައެއް ނުވެ އެވެ.
މަހުދީ އިދާރީ ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދިފައިވާ އެދުމާމެދު ގޮތެއް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. މިކަމާ މެދު ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
މަހުދީއަކީ އިސްރާއީލުގެ ރައްޔިތަކަށް ނުވާތީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ނެތް ނަމަވެސް، އޭނާއަކީ އަރަބި ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެއް ކަމަށް ބާޑާ ވިދާޅުވި އެވެ.
މަހުދީއާއެކު ކިޔަވާ ދަރިވަރެއް ކަމަށްވާ ނޯގާ ކަޕްލާން ބުނީ، މަހުދީއަކީ އޭނާއަށް އެނގޭ އެންމެ ރަނގަޅު އެކަކު ކަމަށާއި، އޭނާއަކީ ކިޔެވުމަށް ވަރަށް ޝައުގުވެރިކަން ބަހައްޓާ، ސާފު ހިތެއްގެ ވެރިއެއް ކަމަށެވެ.
މަހުދީ ހައްޔަރުކުރުމާ ގުޅިގެން ހީބްރޫ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރަން އުޅޭކަން އެނގުނީ ހައްޔަރުކުރުމުގެ މަދު މިނެޓުކޮޅެއް ކުރިން ކަމަށެވެ. އަދި އެއީ ކޯޓު މަރުހަލާގައި ހިނގަމުންދާ ކަމަކަށްވާތީ، އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ޔުނިވާސިޓީއަށް ލިބިފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މަހުދީއަކީ އިރުމަތީ ގުދުސްގެ އަވަށެއް ކަމަށްވާ ސިލްވާންގެ ރައްޔިތެކެވެ. ސިލްވާންއަކީ ފަހަކަށް އައިސް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ފަލަސްތީނު މީހުންގެ ގެދޮރަކީ ގަވާއިދާ ހިލާފަށް ބިނާކޮށްފައިވާ ތަންތަން ކަމަށް ބުނެ، އެ މީހުން ގެދޮރުން ނެރެމުންދާ އަވަށެކެވެ. ފަލަސްތީނު މީހުން ބޭރުކުރުމަށް ފަހު، އެ ތަންތަނަށް މިހާރު ވަނީ އިޒްރޭލުގެ ވަޒަންވެރިން ވައްދާފަ އެވެ.







