ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިޒްރޭލާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު އޭނާގެ ދިފާއުގައި ވާހަކަ ދައްކަވައިފި އެވެ.
މުއްތަލިބް މިގޮތަށް ވާހަކަ ދެއްކެވީ ސެޕްޓެމްބަރު މަހު ފަހުކޮޅު ދީނީ އިލްމުވެރިންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ އޯޑިއޯ މިއަދު ލީކްވެފައި ވާއިރު އެއީ ސައްހަ އޯޑިއޯއެއްކަން ކަށަވަރުކުރެވިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ދީނީ އިލްމުވެރިޔަކު ކަންބޮޑުވުން ފާޅުކުރެއްވީ އަލައްބާރަކީ އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތްގުޅުމެއް އޮންނަ ބޭފުޅަކަށް ވެފައި އަދި ޔަހޫދީ އާއިލާތަކާއެކު މުސްލިމުންނަށް ވެސް އުޅެވެންޖެހޭނެ ކަމަށް ފާޅުގައި އޭނާ ވާހަކަ ދައްކަވާފައިވާފައިވާތީ އެވެ.
"އޭނައާ އަޅުގަނޑު ސީދާ ތި ވާހަކަ ދެއްކިން، ޒަޔަނިސްޓުންގެ ވާހަކަ، އޭނަ އެ މީސްމީހުންނާ އެބަހުރި ތަންކޮޅެއް ކުރީގަ [ގުޅުން]، މިހާރަކު ނޫން،" ބައްދަލުވުމުގައި ވާހަކަ ދެއްކެވި އިލްމުވެރިއެއްގެ ވާހަކަ ފުރިހަމައަށް ނުނިމެނީސް މުއްތަލިބު ވިދާޅުވި އެވެ.
ރަސްމާލެ ހޯދަން އުޅޭ ބިލިއަނަރާއި ޒަޔަނިސްޓުންނާ ގުޅުން އޮތް ކަމަށް ބުނަނީ ކީއްވެ؟
ރަސްމާލެ މަޝްރޫއު ހަވާލުކުރި ޔޫއޭއީގެ ބިލިއަނަރު މުހައްމަދު އަލް އައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮންނަ މީހެއް ކަމަށް ތުހުމަތު ކުރަނީ، 2005 ވަނަ އަހަރު އިޒްރޭލުގެ އިސްވެރިންނާ ސިއްރަށް ބައްދަލުކޮށް ގާޒާގެ ބައެއް ބިންތައް ގަންނަން ހުށަހެޅުމާ ގުޅިގެންނެވެ. މީގެ އިތުރުން އިޒްރޭލާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އޭނާ ކުރާ މަސައްކަތްތަކުގެ ސަބަބުން، ރަސްމާލެ މަޝްރޫއާ މެދު ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ރާއްޖެއަކީ އިޒްރޭލު ޕާސްޕޯޓު މަނާ ތަނެއްކަމާއި، ޒަޔަނިސްޓުންނަށް ރާއްޖޭގައި ޕްރޮޕަޓީ ގަނެވޭނެ މަގުފަހިވުމަކީ ދިވެހިންގެ ބޮޑު ކަންބޮޑުވުމެއް ކަން ސީދާ އޭނާއަށް ދަންނަވާފައިވާނެ ކަމަށްވެސް މުއްތަލިބު ވިދާޅުވި އެވެ.
މިހާތަނަށް އަލައްބާރާއެކު ކުރެވުނު މުއާމަލާތްތަކުން ފެނުނީ އޭނާގެ މަގުސަދަކީ އޭނާ އިންވެސްޓުކުރާ ގައުމުތަކުގެ އަސްލު ހާލަތު ބަދަލުކުރުމަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އަަލައްބާރުގެ ދިފާއުގައި މުއްތޮލިބް ވިދާޅުވީ އޭނާގެ އީމާރު ކުންފުނީގެ ހަރަދުގައި ފަލަސްތީނުގެ ގާޒާގައި 20،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ރަސްމާލެ މަޝްރޫއާއެކު ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތްކަމަށް ދީނީ އިލްމުވެރިންނާއި ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު އެފަދަ ގޮތަކަށް ހަންފެތުރުމުގެ ނިޔަތެއް އަލައްބާރުގެ އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި ނަމަވެސް އެކަމުގައި ދީނީ އިލްމުވެރިން ވެސް ސީދާ އަލައްބާރާ ވާހަކަ ދެއްކެވުމަށް އެދިވަޑައިގަތެވެ.
ރަސްމާލެ ހިލޭ ދޫކޮށްލަން މަސައްކަތްކުރަމުން ދާއިރު މުސްތަގުބަލުގައި ލިބޭ އާމްދަނީން ކެނޑޭ ގޮތަށް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އެޅުމަށް އަލައްބާރު އެއްބަސްވެވަޑައިގަތީ، އޭނާއަކީ ވެސް އެއް ކޮޓަރިއެއްގެ ތެރޭގައި އަށް ބެއިންނާއެކު އުޅެބޮޑުވި ބޭފުޅަކަށް ވުމުން، ބޯހިޔާވަހިކަމުގެ ދަތިކަން އިހުސާސްކުރެއްވޭތީ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
މި މަޝްރޫއަކީ އޭނާގެ ނުފޫޒު ފެތުރުމަށް ނުވަތަ މާލީ ފައިދާއަކަށް ކުރާ ކަމެއް ނޫން ކަމަށާއި، މިކަމާ ގުޅިގެން ސަރުކާރަށް ނުވަތަ މިނިސްޓަރުންނަށް ހަދިޔާއެއްގެ ގޮތުގައިވެސް އެއްވެސް އެއްޗެއް ދީފައި ނުވާނެ ކަމުގެ ޔަގީންކަން މުއްތޮލިބް ދެއްވި އެވެ.







