ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ދައުލަތުގެ ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ލާޒިމުކޮށްފި އެވެ.
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހަޅުއްވާފައިވާ އެ ބިލުގައި ބުނެފައިވަނީ މުޅި ޝަރުއީ ދާއިރާއަށް ދޫކުރެވޭ ފައިސާ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރު ދެ ޕަސަންޓަށްވުރެ މަދުވެގެން ނުވާނެ ކަމަށެވެ.
ކޯޓުތަކުގެ އަދި ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުގައި ހިމަނައި، ދައުލަތުގެ މާލިއްޔާއިން އެ ފައިސާ ދޫކުރަންވާނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން ބިލުގައިވާ ބުނެފައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ދޫކުރާނީ، އަދި އެ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. އެގޮތުން ކޮންމެ ކޯޓަކަށް ދޫކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ އުއްތަމަ ފަނޑިޔާރުގެ މަޝްވަރާއާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް ބިލުގައިވެ އެވެ.
ދައުލަތުގެ ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ކަނޑައަޅަން ނިންމީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއާއެކު މިދިޔަ އަހަރު ފާސްކުރި ބަޖެޓުން މި އަހަރު ޝަރުއީ ދާއިރާއަށް އެ ފައިސާ މި އަހަރު ދޫކޮށްފައިވެ އެވެ.
ޝަރުއީ ދާއިރާއަށް މިހާރު ފައިސާދޫކުރަމުން އަންނަނީ ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ ޝަރުއީ ދާއިރާގެ ގުޅުންހުރި މާލީ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުންނެވެ.
އެ އުސޫލު އެކުލަވާލީ އަދުލު އިންސާފުގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ ރޭވުމާއި، ދޫކުރުމާއި، ބެލެހެއްޓުމުގެ އިތުރުން ރިޕޯޓްކުރުމަށްޓަކައި އެ ދާއިރާއަށް ޚާއްސަ އޮނިގަނޑެއް އެކަށައެޅުމުގެ މަގްސަދުގައި ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.








