ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން އެއްބައި ދޫކޮށްލައިފިނަމަ ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް ބަދަލެއް ވެސް ނުދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ ބިން ދިވެހިންނަށް ގައުމީ ހަރަކާތުން ބޭއްވި ރެލީގައި ޔާމީން ވިދާޅުވީ ދެން އުފެދޭ ވެރިކަމެއް އެއީ އެމަނިކުފާނުގެ ވެރިކަމެއް ވިޔަސް ނުވަތަ އެމްޑީޕީގެ ވެރިކަމެއް ވިޔަސް އީގަލް ހިލްސްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް ބަދަލު ނުދޭނެ ކަމަށާއި އެ އެއްބަސްވުމަކީ ރާއްޖޭގެ ގާނޫނުތަކަށް ފެތޭ އެއްބަސްވުމެއް ނޫން ކަމަށެވެ.
"ﷲ ގެ ރަހުމަތާއެކު އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުގެ ވެރިކަމެއް ވިޔަސް. އެމްޑީޕީގެ ވެރިކަމެއްވިޔަސް. މިހާރު މިއޮތް ސަރުކާރު ނޫން އެހެން ބަޔަކު ދެން އަންނަ އިންތިހާބު ކާމިޔާބުކޮށްފިއްޔާ ޝައްކެއްވެސް ނެތް،" ޔާމީން ވިދާޅުވި އެވެ.
"އަލައްބާރު އަޑު އަހާ. ޒަޔަނިސްޓުން އަޑު އަހާ. މި ބިން އެމީހުންނަށް ދީފައި އޮތަސް އަނބުރާ ގެންނާނެ. ބަދަލެއްވެސް ނުދޭނެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފައްތައިގެން ދޭ ބިމެއް ނޫން."
ދެން އުފެދޭ ވެރިކަމެއްގައި ރަސްމާލެ ޑީލު ނިމުމަކަށް ގެނެސް އެކަމުގައި ބައިވެރިވި އެންމެންގެ މައްޗަށް ތަހުގީގުކޮށް، އެ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށްފަހު އަދަބުވެސް ދޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދެން އަންނަ ބަޔަކު އައިސް މިކަން ބަދަލުކުރާއިރު މި އެންމެންނަކީ ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރާނެ މީހުން. މި މީހުންނަކީ ޖިނާއީ ތަހުގީގު ހިންގޭނެ މީހުން. މި މީހުންނަކީ ޖިނާއީ އަދަބު ލިބޭނެ މީހުން،" ޔާމީން ވިދާޅުވި އެވެ.
ރަސްމާލެ ޑީލާ ގުޅިގެން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެކަން ނުކުރުމަކީ ރައީސް މުއިއްޒަށް އޮތް އިހްތިޔާރެއް ނޫން ކަމަށެވެ.
ރަސްމާލެ ވިއްކައިލުމާ ދެކޮޅަށް މާދަމާ ރޭ 20:30 ގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.








