ރަސްމާލޭން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ބާއްވާ އެއްވުމަކީ ފުލުހުން ކުރިން އެންގުމާ ނުލައި ބާއްވަން އުޅޭ އެއްވުމެއް ކަމަށް ބުނެ، ގާނޫނީ އިމުގެ ތެރެއިން އެ ހަރަކާތް ކުރިއަށް ގެންދަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން އިންތިޒާމުކުރާ މި އެއްވުން އޮންނާނީ އާޓިފިޝަލް ބީޗުގައި މިރޭ 20:30 ގައި އެވެ. މިއީ ކުރިން ހުއްދަ ނެގުމެއް ނެތި އެއްވެ އުޅެވޭ ސަރަހައްދެކެވެ.
މި އެއްވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ފުލުހުންނާ މުއާމަލާތް ނުކުރާ ކަމަށެވެ.
"އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް މިހާތަނަށް މައުލޫމާތު ހިއްސާ ކޮށްފައެއް ނުވޭ،" ފުލުހުން ބުންޏެވެ.
މިހެންކަމުން ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއް ނުވުމަށް ފުލުހުން ވަނީ އަންގާފަ އެވެ. އަދި އެ އެއްވުމުގައި ބައިވެރިވާ މީހުންގެ ރައްކާތެރިކަމާއި އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން އިންތިޒާމު ކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.
ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް މިރޭ ބާއްވާ ހަރަކާތުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިތުރުން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވެސް ބައިވެރިވާނެ އެވެ.
މި އެއްވުމުގައި ސިޔާސީ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހިމެނިވަޑައިގަންނަވަ އެވެ.
ރަސްމާލެ މަޝްރޫއުގެ ޑީލާ ދެކޮޅަށް ގައުމީ ހަރަކާތުން ދަނީ ސިލްސިލާ ގޮތެއްގައި މާލޭގައި އެއްވުންތައް ބާއްވަމުންނެވެ. އެ ހަރަކާތްތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނެގުމަށެވެ.
މިރޭ ބާއްވާ އެއްވުމަކީ މި ސިލްސިލާގެ ތެރެއިން ބާއްވާ އެންމެ ބޮޑު އެއްވުމަށް ވާނެ ކަަމަށް އިންޒާމުކުރާ މީހުން ވަނީ ބުނެފަ އެވެ.







