ހާދިސާ ހިނގި ކަމަށް ބުނާ ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔުމުގެ ސަބަބުން، ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ސައިކަލުގައި ދުއްވައި ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވީ އެ ރަށު ފެހިވިނަ، މުއުމިން ހަސަން އަދި ސަރްދީގެ، އަލީ އިބްރާހީމްގެ މައްޗަށެވެ. މުއުމިންގެ މައްޗަށް އުފުލީ މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމާއި ބިރުދެއްކުމުގެ ދައުވާ އެވެ. އަލީ އިބްރާހީމްގެ މައްޗަށް ކުރީ އާންމު ތަނެއްގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާ ފޯމާއި ހެކީގެ ތަފްސީލު ޖަދުވަލުގައި ހާދިސާ ހިނގި ތަނަކީ "މޯނިންގ ހައުސް" ކިޔާ ގޭގެ ކައިރި ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. ނަމަވެސް އެފަދަ ގެއެއް ނިލަންދޫގައި ނުހުންނަ ކަމަށް ބުނެ ދިފާއުން ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް މުޅިން އިންކާރުކުރި އެވެ.
ދައުލަތުން ފަހުން ބުނީ އެއީ ލިޔުމުގެ ކުށެއް ކަމަށާއި ރަނގަޅު ގޮތަކީ "މޯނިންގ ސަން" ކަމަށެވެ. އެހެންކަމުން ދައުވާ ފޯމުގައިވާ ގޭގެ ނަން އިސްލާހުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ކޯޓުގައި އެދުނެވެ.
ގޭގެ ނަން އިސްލާހުކުރަން ދައުލަތުން އެދުނީ އިބްތިދާއީ އަޑުއެހުންތައް ނިމި، ހެކިބަސް ނަގަން ފެށި ފަހުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގަވާއިދު ބުނާ ގޮތުން ކޯޓުގެ ހުއްދައާ އެކު ވެސް ދައުވާ ބިނާވެފައިވާ ކަންކަން ބަދަލުކުރެވޭނީ އިބްތިދާއީ މަރުހަލާގަ އެވެ.
އެހެންވެ ޝަރީއަތުގެ މަރުހަލާ ފެށުމަށް ފަހު ދައުވާ ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ދައުލަތަށް ނުދެވޭނެ ކަމަށް ފަނޑިޔާރު ނިންމެވި އެވެ. އަދި ދައުލަތުން ދައުވާ އިސްލާހުކުރަން ރަސްމީ ހުށަހެޅުމެއް ވެސް ހުށަހަޅާފައި ނެތް ކަމަށް ހުކުމުގައި ފާހަގަކުރެއްވި އެވެ.
ދައުލަތުން މި މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ފަސް މީހެއްގެ ހެކިބަސް ކޯޓުގައި ނެގި އެވެ. އޭގެ ތެރޭގައި ހާދިސާ ދުށް ހަތަރު އާންމުންނާއި މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރު ހިމެނެ އެވެ. އާންމު ހުރިހާ ހެކިން ވެސް ބުނީ އެ ދެ މީހުން ސައިކަލުގައި ދުއްވައި ކަތިވަޅި ހޫރަމުން ދިޔައީ "މޯނިންގ ސަން" ކައިރީގައި ކަމަށެވެ.
ނަމަވެސް ފުލުހުންގެ ތަހުގީގު ބަޔާނުގައި ހާދިސާ ހިނގި ތަނަކީ "މޯނިންގ ހައުސް" ކަމަށް ލިޔެފައި އޮތުމުން ހެކިންގެ ބަހާ މުޅިން ފުށުއަރަ އެވެ. އެހެންވެ ގޭގެ ނަން ބަދަލުކުރި ނަމަވެސް އެއީ ފުލުހުންގެ ތަހުގީގު ރިޕޯޓާ ފުށުއަރާނެ ކަމެއް ކަމަށް ގާޒީ ހުކުމުގައި ފާހަގަކުރި އެވެ.
ހުކުމުގައިވާ ގޮތުގައި ދައުލަތުން މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަންވާނީ ޖިނާއީ ތަހުގީގަކަށް ބިނާކޮށެވެ. ނަމަވެސް ތަހުގީގު ރިޕޯޓުގައި ބުނާ ތަނުގައި އެ ހާދިސާ ހިނގި ކަމަށް އެއްވެސް ހެއްކެއް ލިބިފައެއް ނެތެވެ.
އެހެންވެ ގާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މި ކުށްތައް ޝަރީއަތަށް ސާބިތެއް ނުވާ ކަމަށް ކަނޑައަޅައި، ދެ މީހުން ވެސް ކުށުން ބަރީއަވެފައިވާ ކަމަށް ކަނޑައަޅައި ކޯޓުން ވަނީ މައްސަލަ ނިންމައިފަ އެވެ.








