ރާއްޖެއަށް ބިދޭސީން ގެނެސް ވަޒަންވެރިކުރުވުމަށް ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނި ކަމެއް ނޫން އެފަދަ ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން ކަމަށް ގާނޫނީ ވަކީލު އަދި ދިވެހިންގެ ބިން ދިވެހިންނަށް ގައުމީ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ ހަރަކާތުން ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ޕީއެންސީން 2023 ވަނަ އަހަރު ރައްޔިތުންނަށް ދެއްކި މެނިފެސްޓޯގައި ބޭރު މީހުންނަށް ރާއްޖެއިން ބިން ދޭ ވާހަކަ ބަޔާންކޮށްފައި ނެތް ކަމަށެވެ. އެގޮތުން އެކަން ކުރަން ބޭނުންވާނަމަ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރު މީހުން، ވަކިން ހާއްސަކޮށް އިސްލާމް ދީން ނޫން ދީންތަކުގެ މީހުން ގެނެސް ދިވެހިރާއްޖޭގައި އާބާދުކުރުމަކީ 2023 ގެ ޕީއެންސީގެ މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫން. އެހެންވީމަ ދިވެހިރާއްޖެއަށް ބޭރު ބިދޭސީން ގެނެސް، ގައިރު ދީންތަކުގެ މީހުން ދިވެހިރާއްޖެ ގެނެސް އާބާދުކުރާކަށް ވަޒަަންވެރި ކުރާކަށް ދީފައި އޮތް ވޯޓެއް ނޯންނާނެ. އެހެންވީމަ ވޯޓަށް ޖެހޭނީ އަލުން އަހަން. އެވޯޓަށް ނާހައި ފަރުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ހިޔާލު ނުހޯދައި ކަންކަން ނުކުރެވޭނެ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ އިހްތިޔާރެއްވެސް ނޫން ކަމަށެވެ.
"ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކުރާ މަސްއޫލިއްޔަތެއް އެއީ. ރައީސުލްޖުމްހޫރިއްޔާއަށް އޮތް އޮޕްޝަނެއް ނޫން އެއީ. އިހްތިޔާރީ ކަމެއް ނޫން އެއީ. އަޅުގަނޑު މިކިޔަނީ އެއީ މަސްއޫލިއްޔަތެކޭ އެއީ،" ޔާމީން ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކުގައި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ވާޖިބެކޭ. ވޯޓު ނަންގަވާށޭ."
ރަސްމާލެ ވިއްކައިލުމާ ދެކޮޅަށް މާދަމާ ރޭ 20:30 ގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.








